Support Us

ދުނިޔެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއީ

ޓްރާންސްނޭޝަނަލް ތްރެޓްތަކަކީ އެ ނުރައްކަލެއް އުފެދި، ކުރިމަތިވުމުގައި އެއްވެސް ޤައުމަކަށް ނިސްބަތްނުވާ އަދި އެއްވެސް ޤައުމެއްގެ އިމެއް، ސަރަހައްދެއް ނެތި ފެތުރިފައިވާ ސަލާމަތީ ނުރައްކާތަކެވެ. ޓްރާންސްނޭޝަނަލް ތުރެޓްތަކުގެ ތެރޭގައި ޓެރަރިޒަމް، މަސްތުވާ ތަކެތީގެ ވަގުފާރި، ކަނޑުފޭރުން، ސައިބަރ ކްރައިމް، ޤާނޫނާ ޚިލާފަށް ހިޖުރަކުރުން، ހަތިޔާރުގެ ވަގުފާރި، ހައްދުފަހަނައެޅުމާއި ހަރުކަށިކަން، އަދި ރޭވިގެން ހިންގާ އެހެނިހެން ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އޮންނަ ނުރައްކާ ހިމެނެއެވެ. ސަރުކާރަކަށް ނިސްބަތްނުވާ ޖަމާޢަތްތަކުން ނުވަތަ ނޮން ސްޓޭޓް އެކްޓަރުން ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢަމަލުތަކަށް އޮންނަ ނުރައްކަލަކީ ވެސް ޓްރާންސްނޭޝަނަލް ތުރެޓްތަކެވެ.

ވިހި ވަނަ ގަރުނުގެ ފަހުކޮޅު ޓްރާންސްނޭޝަނަލް ތުރެޓްތަކާ މެދު ކަންބޮޑުވުން އިތުރުވީ ދުނިޔޭގެ ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއަށް ލިބުނު ކުރިއެރުންތަކާ އެކުގައެވެ. ފުޅާވެ، ކުރިއަރާފައިވާ ވައިގެ ދަތުރުފަތުރުގެ ސަބަބުން ޖިނާޢީ އަދި ޓެރަރިސްޓް ނެޓްވޯކްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަންނަން ފަސޭހަވިއެވެ. މޯބައިލް ފޯނާއި އީމެއިލް އާއި އިންޓަނެޓުން ދުނިޔޭގެ އެކި ހިސާބުތަކަށް އެ މީހުންގެ ފިކުރު ފަތުރަން ފެށިއެވެ. ޖޯގްރަފީ ގޮތުން ޓެރަރިސްޓް ޖަމާޢަތްތަކަށް ހުރި ހުރަސްތައް ގިރާކޮށް، ދުނިޔޭގެ އެތަންމިތަނުގައި ތިބި އެ ފިކުރުގެ މީހުންނާ މުއާމަލާތްކޮށް އެމީހުންގެ ހަރަކާތްތައް ވިލަރެސްކުރަން ފެށިއެވެ. މިއަދުގެ ޓެރަރިޒަމަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކަލެކެވެ. ކުރީގައި ޤައުމުތަކުގެ އެތެރޭގައި ކުރިއަށް ދިޔަ ދާޚިލީ ހަމަނުޖެހުންތަކުގައި ހިންގި ޓެރަރިސްޓް ހަރަކާތްތައް ޓެކްނޮލޮޖީއާއެކު ބައިނަލްއަޤްވާމީ ނުރައްކަލަކަށް ފުރޮޅިގެން ހިނގައްޖެއެވެ. ޓެކްނޮލޮޖީގެ ފަސޭހަކަމާއި ރައްކާތެރިކަމުގެ ނިވަލުގައި ތިބެގެން ފައިސާގެ މުއާމަލާތްތައްކޮށް، ހިންގައި ބޮޑެތި އަގުތަކަށް ބޮޑެތި ޖަރީމާ ހިންގައިދޭނެ ފަރާތްތައް އާދަޔާ ޚިލާފަށް އިތުރު ވެގެން ހިނގައްޖެއެވެ.

އެންމެ ފުރަތަމަ ޓެރަރިސްޓް ޖަމާޢަތްތައް އުފެދިގެން އައީ އެކި ގޮތްގޮތުން އަނިޔާ ލިބެމުންދިޔަ މުޖުތަމަޢުތަކުންނެވެ. ގޮތް ހުސްވެފައިވާ ބަޔަކު އަނިޔާވެރިކަމުން ސަލާމަތްވުމަށް ފެށި ހަރަކާތްތަކުގެ ތެރެއަށް ދީނީ ހަރުކަށި ފިކުރާއި އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް އެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް ފަހުން މި ޖަމާޢަތްތަކަކީ އެ މީހުންގެ ފިކުރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕްރޮމޯޓްކޮށް، ޒުވާނުން ގްރޫމްކޮށް، ރެކްރޫޓްކޮށްގެން އެބައެއްގެ ތެރެއަށް މީހުން އިތުރުކުރަމުން ފުޅާކުރަމުން ގެންދާ ފިކުރުތަކެކެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ މި ޒަމާނުގެ ޓެރަރިޒަމް ހިންގަން ފެށި ޖަމާޢަތަކީ އަލްގައިދާ އެވެ. ނުވަދިހައިގެ އަހަރުތަކުން ފެށިގެން އަލްގައިދާގެ ނެޓްވޯކުން ދިހަވަރަކަށް ޤައުމެއްގައި އެ ޖަމާޢަތުގެ ސެލްތައް އުފައްދައި، ހިންގިއެވެ. އަލްގައިދާގެ ލީޑަރުން އީމެއިލް އާއި އިޖުތިމާޢީ ވިއުގަ (ސޯޝަލް ނެޓްވޯކް)ތަކާއި އިންޓަރނެޓް މެދުވެރިކޮށް އެ ޖަމާޢަތުގެ މީހުންނާ މުއާސަލާތާއި މުއާމަލާތުކޮށް އުޅުނެވެ. އޯޑިއޯ އާއި ވީޑިއޯ ރެކޯޑިންގ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޖަމާޢަތުގެ ޢަމަލީ ހަރަކާތްތެރިންނަށް (އޮޕަރޭޓިވުންނަށް) ހިތްވަރުދީ، އެ ފިކުރު ފަތުރަން މަސައްކަތްކުރިއެވެ. ބޭންކް އެކައުންޓްތަކުން ފައިސާ އޮންލައިންކޮށް ޓްރާންސްފަރ ކުރުމުގައި ވެސް އެ ޖަމާޢަތްތަކުން ކުރި ހޯދިއެވެ. ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ޓެރަރިސްޓް ޖަމާޢަތްތަކުން ބިރަކާ ނުލައި ފައިސާގެ މުއާމަލާތައްކޮށް މާލީ ފުދުންތެރިކަން އިތުރުކުރެއެވެ. ކޮމްޕިއުޓަރާއި ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާވެގެންދިއުމުގެ ކުރިން، މިފަދައިން ވިލަރެސްކުރުންތަކާއި ދުނިޔޭގެ ފެންވަރުގައި ޖަމާޢަތްތައް ހިންގައި އޮޕަރޭޓްކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ސޮވިއެޓް ޔޫނިއަން 1991 ވަނަ އަހަރު ރޫޅުނު ފަހުން އިރުމަތީ ޔޫރަޕާއި ސޮވިއެޓްގެ ދައުލަތްތަކަށް ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގެ ސަބަބުން ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް (އޯގަނައިޒްޑް ކްރައިމް) ފުޅާވިއެވެ. އަދި މާހައުލުގެ ތެރެއިން ޓްރާންސްނޭޝަނަލް ނުރައްކާތައް އިތުރުވުމަށް މަގުފަހިވިއެވެ. އަދި 1991 ގެ ކުރިން ހުޅަނގުގައި އޮތް ރަޝިޔާގެ މާފިއާއަކީ ޔޫރަޕާއި އެމެރިކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވަރަށް ބޮޑު ބުރައަކަށްވިއެވެ. ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ރަޝިޔާގެ ގިނަ ބަޔަކު ދުނިޔޭގެ ފެންވަރުގައި މާލީ މަކަރާއި ހީލަތާއި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) އާއި ޓާގެޓްކޮށް މީހުން މަރުގެ ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވިއެވެ. ސޮވިއެޓް ޔުނިއަން ވެއްޓުމާ ގުޅިގެން އުފެދުނު އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި ކެމިކަލް، ބަޔޮލޮޖިކަލް ނުވަތަ ނިއުކްލިއަރ ހަތިޔާރު ޓެރަރިސްޓުންގެ އަތްމައްޗަށް ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ބޮޑުވެގެންދިޔައެވެ.

ކުރީގެ ސޮވިއެޓް ޖުމްހޫރިއްޔާތަކުގެ ގިނަ ޖުމްހޫރިއްޔާތަކުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ތަކެތި ރަނގަޅަށް ބެލެހެއްޓި، މޮނިޓަރ ނުކުރެވިފައެއް ނުވެއެވެ. އަދި ނިއުކްލިއަރ ތަކެތި ރައްކާކޮށްފައިވާ ތަންތަނުގެ ބައެއް ހިސާބުތައް ވެސް ބެހެއްޓިފައެއް ނުވެއެވެ.

މިފަދަ ނުރައްކާތަކާ ދެކޮޅަށް މިއަދު މަސައްކަތް ކުރަން ޖެހިފައިވަނީ ޤައުމުތައް ގުޅިގެންނެވެ. ޤައުމުތަކުން ދިފާޢީ ދާއިރާއިންނާއި އިންޓެލިޖެންސްގެ ދާއިރާއިން އަދި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން އިތުރުކޮށް، އެހީތެރިކަން ދޭންޖެހެއެވެ.

ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމަކީ ޓެރަރިސްޓުންނާއި އޯގަނައިޒްޑް ކްރައިމް ހިންގާ ޖަމާޢަތްތައް ހޯދައި ފިޔަވަޅު އަޅައި ޤާނޫނުގެ ކުރިމައްޗަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވެދޭނެ ކަންތަކެވެ. ޤައުމާއި ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ހިމާޔަތް ކުރެވޭނެގޮތެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *