މީހަކު ކުލިނިކަކަށް ދިޔައެވެ. އޭނާ އަތުގައި ފައިސާ އަޅާ ފުރާލެވިފައިވާ ބޮޑު ދެ ކޮތަޅު އޮތެވެ. އެ ދެކޮތަޅު ޑޮކްޓަރާ ހަވާލުކޮށްފައި އޭނާ ޑޮކްޓަރު ގާތު ބުންޏެވެ. މި އޮތީ ފައިސާއެވެ. އަހަރެންގެ ބަލީގެ ފަރުވާ ބުނެދީ އަހަރެންގެ ބަލިން އަހަންނަށް ޝިފާއެއް ލިބޭނޭ ގޮތް މެދުވެރިކޮށްދޭށެވެ! ދެން ޑޮކްޓަރު ވަރަށް ދެރަވެފައި ބުންޏެވެ. ތިކަން ވާކަށް ނެތެވެ.
އެ މީހަކީ ކެންސަރު ބަލީގެ އެންމެ ފަހުގެ މަރުހަލާގެ ވޭންތައް ބަރުދާސްތުކުރަމުންދާ މީހެކެވެ. އޭނާގެ ބައްޔަށް ފަރުވާއެއް ނެތް ވާހަކަ ޑޮކްޓަރު ބުނުމުން. ފައިސާގެ އެ ދެކޮތަޅު ހިފައިންގެ ކުލިނިކުން ނިކުމެ އެ ފައިސާތައް ބޭރަށް އުކާލިއެވެ. އަދި އެ މަންޒަރު ބަލަހައްޓަން ތިބި މީހުންނަށް ބުންޏެވެ. "މިއަދު އަހަންނަށް މި ފައިސާގެ އެއްވެސް ބޭނުމެއް ނެތެވެ. އަހަރެންގެ ބޮޑު ބައްޔަށް ޝިފާއެއް ގަތުމުގެ ބާރެއް ނެތެވެ!"
ފަލްސަފާވެރިއަކު ބުނެފައި އޮވެއެވެ. "އިންސާނަކީ ވަރަށް ވެސް އަޖައިބުކުރުވަނިވި ކާއިނެކެވެ. އޭނާގެ އުމުރުގެ ކުރީކޮޅުގެ ބޮޑު ބައެއް އޭނާ ހޭދަކުރަނީ ފައިސާއެއްކޮށް ޖަމާކުރެވޭތޯއެވެ. އޭނާގެ ސިއްހަތަށް ވެސް، އަދި، ބައެއް ފަހަރު، އޭނާގެ އަމިއްލަ އާއިލާއަށް ވެސް އަޅާލުމެއް، ބެލުމެއް ނެތިއެވެ. ނަމަވެސް، ފަހުން، އެނބުރި ބަލާލާއިރު، އޭނަގެ އާއިލާ އޮންނަނީ ރޫޅިފައެވެ. އޭނާގެ ސިއްހަތު އޮންނަނީ ގެއްލިފައެވެ. ދެން، އޭނާގެ ހުރިހާ ފައިސާއެއް އޭނާއަށް ހޭދަކުރަނީ އޭނާގެ ސިއްހަތު އަނބުރާ ލިބޭތޯއެވެ.
އާދެ، ތަސްވީރުން ލިބޭ ފިލާވަޅަކީ ކޮބައިތޯއެވެ؟ ހަޔާތުގައި މުދަލާއި ފައިސާ ހޯދަން އުޅުމުގައި ހަޔާތުގެ މުހިއްމު އެހެން ކަންކަން މަތިން ވެސް ހަނދާން ނައްތާނުލުމަށެވެ! އަޅާލައި އަހައްމިއްޔަތުކަން ދޭން ޖެހޭ އެހެން ކަންކަމާ ވެސް އަޅާލައި، އަހައްމިއްޔަތުކަން ދިނުމަށެވެ.
ނޯޓު: މީގައި ބުނެފައިވާ ވާހަކައަކީ ހަގީގަތުގައި އެ ބުނި ގޮތަށް ހިނގާފައިވާ ހާދިސާއަކަށް ނުވެދާނެއެވެ. ނަމަވެސް، މިވާހަކައިން ފޯރުކޮށްދޭ މެސެޖަކީ ފައިސާ ހޯދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެ، އަޅާލަންޖެހޭ އެހެން ކަންކަމަށް އަޅާ ނުލެވުމުން ދިމާވެދާނެ ގެއްލުމުގެ ވާހަކައެވެ. ކީރިތި ގުރުއާނުގެ ތަކާޘުރު ސޫރަތުގައި (102 ވަނަ ސޫރަތުގައި) ވެސް މިފަދަ މެސެޖެއް އެކުލެވިގެން ވެއެވެ. ތަކާޘުރުގެ ދިރިއުޅުމައިގެން މަޝްޣޫލުވެއްޖެ ނަމަ، އެބަހީ ހަމައެކަނި ފައިސާއާއި މުދާ އެއްކުރުމުގެ މަސައްކަތައިގެން މަޝްޣޫލުވެއްޖެ ނަމަ، އާޚިރަތް ވެސް ގެއްލިގެން ހިނގައިދާނެ ވާހަކައެވެ.
