ފަރަންސޭސިވިލާތުގައި ރިޔާސީ އިންތިޚާބު މެކަރޯނަށް ކާމިޔާބު ކުރެއްވުނީ އިންތިޚާބީ ޙަމަލާގައި ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން އަނިޔާ ލިބފައިވާ ޤައުމުތަކުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާނެ ކަމަށާއި އެ ޤައުމުތަކަށް ލިބުނު ގެއްލުންތަކަށް ބަދަލުދެއްވާނެ ކަމަށް ވިދާޅުވެގެން އިންތިޚާބީ ޙަމަލާ ކުރިއަށް ގެންދެވުމުގެ ސަބަބުންނެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުވެ ވަޑައިގަތުމުން އޭނާ ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. މެކަރޯން ފަހުން ވިދާޅުވި ގޮތުގައި އެއީ އެފްރިކާގައި ރޫސީ ނުފޫޒާއި ޗައިނާގެ ނުފޫޒު އިތުރުވެ ފުޅައުވަމުންދާތީ އެ ދެ ޤައުމާ ވާދަކުރެއްވުމުގެ ގޮތުން ވިދާޅުވި ބަސްފުޅުތަކެކެވެ.
އެހެނަސް އޭނާ ވަނީ ފަރަންސޭސީން ޖަޒާއިރުގައި ހިންގައިފައިވާ ޖަރީމާތަކަށް މާފަށް އެދިވަޑައިގަތުމާ ދެކޮޅު ހައްދަވައިފައެވެ. ޖަނަވަރީ 20، 2021ގައި ފަރަންސޭސި ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ރައީސް މެކަރޯން ވަނީ މާފަށް އެދިވަޑައިގަތުމާ ދެކޮޅު ހައްދަވައިފައެވެ.
ޖަރްމަނުގެ ފިޔަވަޅާމެދު ފަރަންސޭސީންނާއި އިނގިރޭސީން ކަންބޮޑުވޭ
ޖަރްމަނުން ނެމީބިޔާއަށް ބަދަލުދިނުމާ ބެހޭގޮތުން ވާހަކަދައްކަމުންދާތީއާއި ޖަރްމަނުގެ އިސްތިޢުމާރުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މާފަށް އެދިފައިވާތީ ފަރަންސޭސީންނާއި އިނގިރޭސީން ވަރަށް ކަންބޮޑުވެއެވެ. އެއިން ކޮންމެ ޤައުމަކީ ދުނިޔޭގެ ޤައުމުތައް އެންމެ ގިނައިން އިސްތިޢުމާރު ކުރި ދެ ޤައުމެވެ. މި ކަމަށް ތާއީދުކުރާ މިހުންނާއި ދެކޮޅުހަދާ މީހުން އެއްބަސްވާ ގޮތުގައި އިސްތިޢުމާރީ ޤައުމުތަކުން ޔޫރަޕް ބިނާކުރީ އެފްރިކާއާއި އޭޝިޔާގެ "ލެއިންނެވެ." އެހެންކަމުން އެކަމަށް ބަދަލު ދެވޭނީ ޔޫރަޕުން އެ މުއްސަނދިކަން އޭގެ ޙައްޤު ފަރާތްތަކަށް އަނބުރާ ދީގެންނެވެ.
އިނގިރޭސި ވިލާތުގެ ދާރިސެއް ކަމުގައިވާ ޖޭސަން ހައިކަލް 2018 ގައި ދެއްވި ތަޤްރީރެއްގައި ވިދާޅުވެފައިވަނީ "އިނގިރޭސި ދަނޑުބިންތަކުގައި މަސައްކަތްކޮށްފައިވާ އެފްރިކާ މީހުން މަސައްކަތްކޮށްފައިވާ ގަޑިތައް ހިސާބު ކުރާށެވެ. އެމީހުންނަށް އެންމެ ކުޑަ އުޖޫރައިން އުޖޫރަ ދޭށެވެ. އިސްތިޢުމާރުގެ ސަބަބުން ބަނޑަށް މަރުވި 60 މިލިއަން މީހުންނަށް ބަދަލުދޭށެވެ. މި ކަންތައްތަކަށް ޙަޤީޤީ ބަދަލެއްދީފިނަމަ، ހިތްވަރުގަދަކަމާއެކު އިންސާފުވެރި ބަދަލެއްދީފިނަމަ، އިނގިރޭސިވިލާތުގައި ބާކީ އެއްވެސް އެއްޗެއް ނުހުންނާނެއެވެ."
ބެލްޖިއަމްގެ އެންމެ މުއްސަނދި 23 ޢާއިލާގެ ތެރެއިން ތިން ޢާއިލާއެއްގެ މުއްސަނދިކަމަކީ ކޮންގޯގެ މުއްސަނދިކަން
އިސްތިޢުމާރުގެ ސަބަބުން ގެއްލުން ލިބުނު ޤައުމެއް ކަމުގައިވާ ޖެމައިކާގެ ބަރްލަމާނީން ވިދާޅުވާ ގޮތުގައި އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިނގިރޭސިވިލާތުން 10.6 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯއްދެވުމަށެވެ. އެއީ އެފްރިކާއިން "އަޅުން" ގަދަކަމުން އެ ރަށަށް ގެނެސް ވަޒަންވެރިކުރުވުމަށް ދެއްކި ފައިސާއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި މީހުންގެ ކާފަދަރީންނަށް މިފަދަ ބަދަލެއް ދޭންޖެހޭނެއެވެ.
އެފްރިކާގެ ބުރުންޑީން ދަނީ ޖަރްމަނާއި ބެލްޖިއަމުން 43 ބިލިއަން ޑޮލަރުގެ ބަދަލަކަށް އެދެމުންނެވެ. އެއީ އަޅުމަސައްކަތާއި އިސްތިޢުމާރީ އަނިޔާގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކަށް ދޭންޖެހޭ ބަދަލެވެ.
ކެންޔާގައި އިނގިރޭސީން ސައިފަތް ހެއްދުމަށް ޓަކައި ކެންޔާ މީހުންގެ ބިންތަކުންނާއި ގެދޮރުން ބޭރުކޮށްލައިފައިވާތީ އެ މީހުންގެ ކާފަ ދަރީން މިހާރު ވަނީ އެކަމަށް ބަދަލު ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މި ކަމަށް ބޭނުންވާ ތާއީދު ހޯދުމުގެ މަސައްކަތް އެމީހުން ވަނީ އދ ގެ ތެރޭގައި ފަށައިފައެވެ.
އދ ގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ބުނާގޮތުގައި އެކަމަށް އެދުމުގެ ޙައްޤު ކެންޔާ މީހުންނަށް ލިބިގެން ވެއެވެ.

ކޮންގޯގެ މަސއޫލުވެރީން ވެސް ގޮވައިލައްވަނީ ބެލްޖިއަމް މީހުން އެ ޤައުމަށް އަރާ ހިންގައިފައިވާ ޤަތުލު ޢާންމުތަކަށާއި އަޅުމަސައްކަތަށް ބަދަލު ދިނުމަށެވެ. މި ބޭއިންސާފު ޢަމަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް ބަދަލު ދެވޭނީ އެތައްއެތައް ބިލިއަން ޑޮލަރުތަކަކުންނެވެ. މިކަމާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާއެއް ބުނާގޮތުގައި ބެލްޖިއަމްގެ އެންމެ މުއްސަނދި 23 ޢާއިލާގެ ތެރެއިން ނުވަ ޢާއިލާއެއްގެ މުއްސަނދިކަމަކީ ބެލްޖިއަމް ކޮންގޯގެ ޚަޒާނާތަކުން ވަގަށްނަގައިފައިވާ މުއްސަނދިކަމެކެވެ. ބެލްޖިއަމްގެ ކޯޓުތަކުން 2020ގައި ވަނީ އެ ޤައުމުގެ ބަރްލަމާނުން މި މަސްއަލަ ބަލައި ބަދަލުދިނުމަށް ޓަކައި ޚާއްޞަ ކޮމެޓީއެއް އެކުލަވައިލުމަށް އަންގައިފައެވެ.
ފަލަސްޠީނީންނަށް ބަދަލުދިނުމާ ބެހޭގޮތުން އެކަކު ވެސް އެއްޗެއް ނުބުނޭ
ނިވްޔޯރކް ޓައިމްސްގެ މި ރިޕޯޓްގައި އިސްތިޢުމާރުގެ ސަބަބުން ގެއްލުން ލިބުނު ޢަރަބި ޤައުމުތަކަށް ބަދަލު ދިނުމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ފަރަންސޭސީ އިސްތިޢުމާރުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ޤައުމަކީ ޖަޒާއިރެވެ. އިޓަލީގެ ސަބަބުން ލީބިޔާއަށް ސްޕޭންންގެ ސަބަބުން މަޣްރިބަށެވެ.
އިސްރާއީލު އުފައްދަން ވެގެން ފަލަސްޠީނުގެ ބިމުން ފައްސައިލި ޢަރަބީންނަށް ބަދަލު ދިނުމާ ބެހޭގޮތުން އެންމެ ބަހެއް ވެސް މި ރިޕޯޓްގައެއް ނެތެވެ. މިޞްރާއި ޢިރާޤުގެ ދާރުލްއާސާރުތަކުން ފަރަންސޭސީންނާއި އިނގިރޭސީން ވަގަށް ނަގައިފައިވާ އާސާރީ އެއްޗެއްސާ ބެހޭގޮތުން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި އެއްޗެހިތައް އަނބުރާ ދީފިނަމަ ޔޫރަޕްގެ ދާރުލްއާސާރުތައް ދާރުލްއާސާރުތަކަކަށް ނުވާނެއެވެ.



advertisment