ފަސާދަ ނުކުރޭ ފަސާދަ ނުކުރޭ، ބަހާއި ޢަމަލުން ފަސާދަ ނުކުރޭ
އަސާސްތަކަށް ދީނުގައިވެ ކިޔަމަން، ދުލާއި ގަލަމުން ފަސާދަ ނުކުރޭ
ތަފާތު ނެތް ދަރިކޮޅެއް މިތާނގައި، ތަފާތު ދީނެއް ނުވޭ މިތާނގައި
ލަފާ ރަނގަޅު ހެޔޮ ބައެއް ތިބޭއިރު، އަތާ ފައިން ފަހެ، ފަސާދަ ނުކުރޭ
ފަސޭހަ މަގުތަށް އޮތަސް މެސެޖުދޭން، ތިބާގެ އެދުމެއް ނުބައިވި ފުއްދާން
ފަސޭހަ ވިޔަތީ ނިޔަތް ނުބައިކޮށް، ތިބާގެ ސަބަބުން ފަސާދަ ނުކުރޭ
ރަސޫލުނާ އިސްވިހައި ނަބިއްޔުން، ކުރެއްވެވީ ޞުލްޙަކަން ނިކަން ދަނެ
ރަސޫލުނަށް ބޯލަނބައި ވެކިޔަމަން، ނިޔަތް ރަނގަޅުކޮށް ފަސާދަ ނުކުރޭ
ތިމާގެ ނަފްސަށް ތިމާ އެދޭހައި، ރަނގަޅު ގޮތާ ހެޔޮ ނުއެދި އަޚާޔަށް
ތިމާގެ އީމާން ނުވޭމެ ސީދާ، އެކަން ތިމާ ދަނެ ފަސާދަ ނުކުރޭ
ޙަދީސްފުޅުން ސާފުކޮށް އެނގޭނޭ، ވަޠަންގެ ލޯތްބާ ގުޅުންވި އީމާން
ޙަދީސްފުޅާ އޭގެ ދަރަޖަ ދަނެގެން، ވަޠަން ވިލޮބުވެތި ފަސާދަ ނުކުރޭ
މިދުނިޔެއަށް ދައްކަވާ! ނަމޫނާ، ދިވެހި މި ޤައުމުގެ ސުލޫކު ޚުލްޤާ
މިދުނިޔެއިން ލާމަސީލު ތަނަކަށް، މިގައުމުވުން އެދި ފަސާދަ ނުކުރޭ
