Support Us

ކޮލަމް މާޒީ: ކަސްރަތުކުރުމަކީ ޙަރާމްކަމެއްކަމަށް ބުނީ ކާކުހެއްޔެވެ؟

ހަށިގަނޑަށް ފައިދާހުރި ކަސްރަތު ކުރުމަކީ ހުއްދަކަމެއްކަމަށާއި އެއީ އިސްލާމްދީން ބާރުއަޅާ ކަމެއްކަމަށް ހެކި ދައްކަވަމުން، މި ދަލީލުތަކުގެ އަލީގައި ޔޯގާއަކީ ހުއްދަކަމެއްކަމަށް ބައެއް ލިޔުންތެރީން ވަކާލާތުކުރައްވައިފައި ހުއްޓައި އެބަ ފެނެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަދި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ކަސްރަތުކުރުމަކީ ޙަރާމްކަމެއްކަމަށް އެއްވެސް ބޭފުޅަކު ދުވަހަކު ވެސް ވިދާޅުވެފައެއް ނެތެވެ.

އަޅުގަނޑު މި އުޅެނީ ޔޯގާއަކީ ހުއްދަކަމެކޭ ނުވަތަ ޙަރާމްކަމެކޭ ދަންނަވާކަށް ނޫނެވެ. އަޅުގަނޑަކަށް އެ ޙުކުމެއް ވެސް ނުކުރެވޭނެއެވެ. ނަމަވެސް ޔޯގާއާއި ކަސްރަތަކީ އެކައްޗެއް ނޫންކަން ސާބިތުކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ.

ތެދެކެވެ. ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ކަސްރަތަކީ ޙަރާމްކަމެއް ނޫނެވެ. ބައެއް ޢިލްމުވެރީން ޙަރާމްކުރައްވަނީ ޣައިރު ދީނުގެ އަޅުކަމެއްގެ ގޮތުން ކުރާ ޔޯގާ ޙަރަކާތެވެ. އޭގައި ހިމެނޭ ކަސްރަތުގެ ބައި ޙަރާމެއް ނުކުރައްވައެވެ. ޙަރާމްކަމަށް ކަނޑައަޅުއްވަނީ އޭގައި ޝިރުކު ހިމެނޭތީއެވެ. އޭގެ ނިޔަތާއި ކިޔާ ކިޔުންތަކާއި އެ ކަމުގެ ޢަޤީދާއާއި އޭގައި ބޭނުންކުރާ (އެ މީހުންގެ) ދީދީ ގޮވެލިފައްޗާއި، އެކަމުގައި ކުރިމަތިލާންޖެހޭ "ޤިބުލަ"އާއި އެކަން ބާއްވާ ވަގުތާއި މި ކަންކަމަށް ބަލާއިރު އޭގައި އިސްލާމީ ޢަޤީދާއާ ޚިލާފު (ޝިރުކުގެ) ކަންތައްތަކެއް ހިމެނޭތީއެވެ.

ބައެއް ބޭފުޅުން ވިދާޅުވަނީ އޭގައި ހިމެނޭ ދީނާ ޚިލާފު ބައިތައް އުނިކުރުމަށް ފަހު، ކަސްރަތުގެ ބައި އެކަނި ނަގައިގެން އެ ކަން ކުރުމަކީ ހުއްދަކަމެއްކަމަށެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ އެއިން ވަކި ބަޔެއް އުނިކުރުމަށް ފަހު އޭގައި ހިމެނޭ ހަމައެކަނި ކަސްތަރުގެ ބަޔަކީ "ޔޯގާ"އަށް ވާނެތޯއެވެ! ހަމައެކަނި ކަސްރަތުގެ ބަޔަށް ޔޯގާއޭ ކިޔާން މި ބާރުއަޅަނީ ކީއްވެގެންހެއްޔެވެ؟ ޖަވާބު ދެއްވާނީ ތިޔަ ބޭފުޅުންނެވެ.

މުސްލިމުން ކުރާ ނަމާދުގައި ވެސް ކަސްތަރުގެ ބައެއް (ހަށިގަނޑުގެ ޙަރަކާތްތައް) ހިމެނެއެވެ. ނިޔަތް ހިމެނެއެވެ. ރަކުޢަތްތަކުގެ ޢަދަދުތައް ހިމެނެއެވެ. ޤިޔާމާއި ރުއޫޢާއި ސުޖޫދާއި ދެ ސަޖިދަމެދު އިނުމާއި ތަޙިއްޔާތާއި ކޮންމެ ދެ ރުކުނެއްގެ ދެމެދުގައި މަޑުވެލުމާއި ކޮންމެހެން ކިޔެވުން ވާޖިބު ބައިތަކަކާއި ކިޔުން ސުންނަތްވެގެންވާ ދުޢާތަކަކާއި ޒިކުރުތައް ހިމެނެއެވެ. ޚުޝޫޢަތްތެރިކަން ހިމެނެއެވެ. އެ ކަމަށް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއް ވެއެވެ. ނަމާދުކުރުން މަނާ ވަގުތުތަކެއް ވެސް ވެއެވެ. މި ހުރިހާ ކަމެއް އިހުމާލުކޮށްލުމަށް ފަހު، ނަމާދުގައި ހިމެނޭ ޙަރަކާތްތައް (ކަސްރަތުގެ ބައި) ނަގައިގެން މީހަކު އެ ޙަރަކާތްތައް ހަމަ އެ ގޮތަށް ކޮށްލައިފި ނަމަ، އޭނާ އެ ކުރީ ނަމާދޭ ބުނެވިދާނެ ހެއްޔެވެ؟ ހަމަ ގައިމު ވެސް ނަމާދަކީ ކޮން އެއްޗެއްކަން ދަންނަ އެއްވެސް މީހަކު، އެ ފަދަ ކަސްރަތުތައް އެއީ ނަމާދުކަމަކަށް ނުބުނާނެއެވެ. އެހެންވީއިރު، ބާޠިލު ޢަޤީދާއެއްގެ ބަޔަކު، އެ ބައިމީހުން ދެކޭ ގޮތުގައި ކަލާނގެވަންތަ ސިފަތައް ލިބިގަތުމަށް ޓަކައި ކުރާ އަޅުކަމެއްކަމުގައިވާ ޔޯގާގައި ހިމެނޭ މުހިންމު ބައިތައް ދޫކޮށްލައި، ހަމައެކަނި އޭގައި ހިމެނޭ ކަސްރަތުގެ ބައި އެކަނި އެއީ "ޔޯގާ"ކަމަށް ބުނެވިދާނެހެއްޔެވެ؟ ދޫ އޮތިއްޔާ އާނއެކޭ ބުނެވިދާނެއެވެ. ނަމަވެސް ނަމާދުގައި ހިމެނޭ ކަސްރަތުގެ ބައި އެކަނި އެއީ ނަމާދުކަމަށް ނުވާފަދައިން ޔޯގާގައި ވެސް ހިމެނޭ ކަސްރަތުގެ ބައި އެކަނި އެއީ ޔޯގާކަމަށް ބުނާނީ ކިހިނެއްހެއްޔެވެ؟

ދެން އެންމެ ރަނގަޅެވެ. ޔޯގާގައި ހިމެނޭ ޙަރަކާތްތަކުގެ ބަޔަކީ ޖިސްމާނީ ގޮތުން ފައިދާހުރި ކަސްރަތަކަށް ވެދާނެއެވެ. އެހެންވީ އިރު އެ ޙަރަކާތަށް ހަމަ ގަދަފައި ވިއްދައިފައި "ޔޯގާ"ގެ ނަން ދޭން މި މަސައްކަތްކުރަނީ ކީއްވެގެންހެއްޔެވެ؟ ތެދުފުޅެކެވެ! ކަސްރަތުކުރުމަކީ އިސްލާމް ދީން ވެސް ބާރުއަޅާކަމެކެވެ. ނަމަވެސް އެއަށް "ޔޯގާ"ގެ ނަން ދޭން ބާރުއަޅާންވީ ކީއްވެގެންހެއްޔެވެ؟

ދެން އަނެއް ނުކުތާއަކީ ޙަރާމްކަމެއްނަމަ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ކަނޑައަފައި އޮންނާނެކަމަށާއި މި ގޮތަށް ކަނޑައަޅާއިފައި ނެތް ކޮންމެ ކަމެއް ހުއްދަވާނެކަމަށް ބުނާ ދަލީލެވެ. ތެދެކެވެ! "ޔޯގާ" މި ލަފުޒު ވެސް އިސްލާމީ ނައްޞެއްގައެއް ނެތެވެ. އެހެންވީ އިރު އެއީ ޙަރާމްކަމަކަށް ނުވާނެހެއްޔެވެ؟ ވައްކަންކުރުމަށް ވެސް މިއަދު ކިޔަނީ "ކަޓެއް" ނުވަތަ "ޑީލެއް" ފަދަ ނަމެކެވެ. ވީމާ ޒަމާނީ ވައްކަން ހުއްދަވީހެއްޔެވެ؟ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ﷲ ލަޢުނަތް ލައްވައިފައިވާ އެންމެ ނުބައި ޢަމަލެއްކަމަށް ކައު ރަސޫލާ (ﷺ) އަންގަވައިފައިވާ އިރު، މިއަދު ރިޝްވަތަށް ކިޔަނީ، "ސަޔެއް" ނުވަތަ "ހަދިޔާއެއް" ނުވަތަ "ކޮމިޝަނެއް" ފަދަ ނަމެކެވެ. ތެދެކެވެ. މި ނަންތައް އެއީ ޙަރާމް ކަމެއްގެ ގޮތުގައި އެއްވެސް ޝަރުޢީ ނައްޞެއްގައި ބަޔާންކުރައްވައިފައެއް ނެތެވެ. ދެން އެވީ ރިޝްވަތަކީ ޙަރާމް އެއްޗެއް ނޫންކަމަށް ވަކާލާތުކުރާންހެއްޔެވެ؟ (سبحان الله އެވެ. ކޮން ކަހަލަ މަންޠިޤެއްހެއްޔެވެ؟) ސޫދަށް ނުވަތަ ރިބާއަށް މިއަދު ކިޔަނީ "އިންޓަރެސްޓް"ކަމަށް ވާނަމަ، ރިބާއަކީ ހުއްދަ ކަމަކަށް ވީހެއްޔެވެ؟ ރާބުއިމަކީ "ޑްރިންކްކުރުން" ކަމަށް މި ޒަމާނުގައި ކިޔާނަމަ، ރާބުއިން ޙަރާމް ނުވަނީ ހެއްޔެވެ؟ ޒިނޭކުރުމަކީ ނުވަތަ ލިވާޠުކުރުމަކީ "ލަވް މޭކިންގ"ކަމަށް ނަން ދީގެން، މި ކަން ޙަރާމްކަމަކަށް ޤުރުއާނާއި ސުންނަތުގައި ނެތޭ ބުނާންވީހެއްޔެވެ؟ (نعوذ بالله)

އިސްލާމީ އެއްވެސް ނައްޞަކުން ޙަރާމްކުރައްވައިފައިވާ ކޮންމެ ކަމަކީ ޙަރާމްކަމެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެއެވެ. އެ ޢަމަލަށް އަޅުތަކުން ވަކި ނަމެއް ދިނުމަކީ އެކަން ހުއްދަވުމުގެ ދަލީލެއްކަމަށް ހީކުރުމަކީ ޖާހިލުކަން ފިޔަވައި ދެން ކޮންކަމެއްހެއްޔެވެ؟

ޝިރުކަކީ އެންމެ ނުބައި ފާފަކަން އަޅުގަނޑުމެން ދަންނަމުއެވެ. އެ ކަމެއްގައި ޝިރުކު ހިމެނިދާނެ ކޮންމެ ކަމަކުން ރައްކާތެރިވުން މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެއީ ކަސްރަތުކަމަށް ވިޔަސް ނުވަތަ ޔޯގާއޭ ކިޔަސް ނުކިޔަސް އަދި އެ ނޫން ކަމެއްކަމަށް ވިޔަސް ނުވިޔަސްމެއެވެ. ކޮންމެ ނަމެއް ދީގެން އެ ކަމެއް ކުރިކަމަށް ވިޔަސްވެހެވެ.

ޝަރީކުކުރުމަކީ އެންމެ ބޮޑު ފާފަކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިވެއެވެ. "إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء وَمَن يُشْرِكْ بِاللّهِ فَقَدِ افْتَرَى إِثْمًا عَظِيمًا" (ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّهއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.) (سورة النساء:48)

އަދިވެސް ވަޙީކުރައްވައެވެ. "إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء وَمَن يُشْرِكْ بِاللّهِ فَقَدْ ضَلَّ ضَلاَلاً بَعِيدًا" ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّهއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ." (سورة النساء:116)

އަދި ކައު ސާހިބާ(ﷺ)އާ މުޚާޠަބުކުރައްވައި މި ފަދައިން ވެސް ވަޙީކުރައްވައެވެ. "وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنزِلَ إِلَيْكَ وَمِنَ الأَحْزَابِ مَن يُنكِرُ بَعْضَهُ قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللّهَ وَلا أُشْرِكَ بِهِ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ" ("ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު އިންކާރުކުރާ ބަޔަކު އަޙުޒާބުގެ ތެރެއިން (އެބަހީ: މުޝްރިކުންނާއި، ފޮތުގެ އަހުލުވެރިންކުރެ އީމާންނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވާކަން ކަށަވަރީ، اللَّهއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް ޝަރީކު ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިޔުންވަނީ އެކަލާނގެ ޙަޟުރަތަށެވެ.") (سورة الرّعد:36)

އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَ‌كْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِ‌ينَ" ("ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحىކުރައްވައިފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ." (سورة الزّمر:65). ވީމާ ޝިރުކާ ކައިރިވެދާނެ ފަދަ ކޮންމެ ކަމަކާ މުސްލިމުން ދުރުހެލިވާންޖެހެއެވެ.

މާދަމާއަކީ މި އަހަރުގެ ތާސޫޢާ ދުވަހެވެ. މާދަމާ އަޅުގަނޑުމެން ރޯދަ ހިފަނީ ކީއްކުރާންތޯއެ ވެ؟ އެއީ ޖެހިގެން އަންނަ (މުޙައްރަމްމަހު 10 ވަނަ) ދުވަހު އަޅުގަނޑުމެން ރޯދަ ހިފާއިރު ހަމައެކަނި އެ ދުވަހު ރޯދަ ހިފާނަމަ ޔަހޫދީން ރޯދަ ހިފާ ގޮތާ އެއް ގޮތް ވެދާނެތީ އެ މީހުން އެކަން ކުރާ ގޮތާ ތާފާތުކުރުމަށް ޓަކައި ނޫންތޯއެވެ! އެހެނީ ކައު އިތުރު ރަސޫލާ (ﷺ) ޙަދީސްކުރައްވައިފައި ވަނީ މި ފަދައިންނެވެ. مَن تشبَّه بقوم فهو منهم ("ބަޔަކު މީހުންނާއި އެއްގޮތް ވެގެންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.") (رواه أحمد وأبو داود والطبراني).

އެހެންވީއިރު، އަޅުގަނޑުމެން ދީން ހުއްދަކުރާ ކަސްރަތެއް ކުރާ ނަމަ، އިސްލާމް ދީން ފިޔަވައި އެހެން ފަލްސަފާއެއްގެ ބަޔަކު ދީނީ އަޅުކަމެއްގެ ގޮތުގައި ކުރާ ކަމަކަށް ދީފައި އޮންނަ ނަމެއް އެ ކަސްރަތަށް ދިނުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެއީ އެ މީހުންނާ އެއް ގޮތްވުމުގެ ޢަމަލަކަށް ނުވާނެތޯއެވެ؟ ތިޔަ ބޭފުޅުން އަމިއްލަ ފުޅަށް ޖަވާބުދެއްވާށެވެ!

"ޔޯގާ" ހުއްދަ ކުރައްވާ ޢިލްމުވެރިން ވެސް ވިދާޅުވަނީ އެއީ ހަށިގަނޑަށް ލިއްބައިދޭ ކަސްރަތެއް ކަމަށް ވާތީ ކަސްރަތުގެ ބައި ހުއްދަވާނެ ކަމަށެވެ. މަނާކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ އެއީ ޣައިރު މުސްލިމުންގެ ޢަޤީދާއާ ގުޅިފައިވާ ކަމެކައްކަމަށް ވާތީ އެ ފަދަ މީހުންނާ އެއް ގޮތް ނުވުމުގެ ގޮތުން އަހަރުމެން މުސްލިމުން އެކަން ދޫކޮށްލާންޖެހޭ ކަމަށެވެ. އެހެންވީއިރު ޔޯގާގައި ހިމެނޭ ކަސްރަތުގެ ބައި އެކަނި ނަގައިގެން އެއީ ޔޯގާއަށް ވާނެތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީއެވެ. އަދި އެއަށް (އެ ކަސްރަތަށް އެކަނި) ޔޯގާގެ ނަންދެނީ ކީއްކުރާންހެއްޔެވެ؟ އެއީ އެ މީހުންގެ އެ ޢަމަލާ އެއްގޮތަވެގަތުމެއް ނޫންހެއްޔެވެ؟

ޔޯގާ ހުއްދަކުރާ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުތައި ވެސް ޔޯގާ ގުޅިފައިވަނީ ހިންދޫ ދީނާއެވެ. އެހެންކަމުން އޭގައި ހިމެނޭ ކިޔެވެލިތަކުން ސަލާމަތްވެ ރައްކާތެރިވާންޖެހޭނެއެވެ. އެތައް ކަލާންގެއެއް ހިމެނޭ ކަމުގެ ޢަޤީދާއިން ދުރުވެގަންނާންޖެހޭނެއެވެ. ހުއްދަވާނީ ހަމައެކަނި އޭގައި ހިމެނޭ ކަސްރަތުގެ ބައެވެ. އެހެންކަމަށް ވާއިރު، އެ ކަސްރަތަށް ހަމަ "ޔޯގާ" ކިޔައިގެން ނަންދީގެން އެ "ކަސްރަތު" ކުރުވުމުގެ ފަހަތުގައި އޮތީ ކޮން މަގުސަދެއްތޯ އަޅުގަނޑުގެ ހިތުގައި ހަމަ ސުވާލު އުފެދެނީއެވެ. ޙުކުމްކުރައްވާނީ މުފްތީންނެވެ. އަޅުގަނޑެއް ނޫނެވެ. އަޅުގަނޑު މި ހާމަކޮށްލަނީ އަޅުގަނޑަށް ލިބިފައިވާ ބައެއް މަޢުލޫމާތާއި އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކެވެ.

މިޞްރާއި އިންޑޮނޭޝިއާއާއި މެލޭޝިއާ ފަދަ މުސްލިމު ބައެއް ޤައުމުތަކުގެ ފަތުވާ ކައުންސިލްތަކުން މުސްލިމުންނަށް "ޔޯގާ"އާ ދުރުވެ ތިބޭން ފަތުވާ ނެރުނީ އެއީ ހީންދީންގެ ކިބައިން އައި އެ މީހުންގެ އަޅުކަމަށްވާތީ އޭގައި ކިޔާ ކިޔެވެލިތަކުގެ ސަބަބުން މުސްލިމުންގެ ޢަޤީދާއާ ފުށުއަރާތީއެވެ. އަދި ޔޯގާ ޙަރަކާތް އައީ ސީދާ އިންޑިއާއިން ކަމަށް ވެފައި އެ ޙަރަކާތުގެ ސަބަބުން ހިންދީންގެ ބާޠިލު ޢަޤީދާ ފެތުރުމުގެ ބިރު އޮތީތީއެވެ.

ޔޯގާއަކީ ހުއްދަ ޙަރަކާތެއް ކަމަށް ވިދާޅުވާ ބޭފުޅުން ވެސް ބާރުލައްވައި ވިދާޅުވެފައިވަނީ އޭގައި ހިމެނޭ ކަސްރަތުގެ ބައި ހުއްދަވާނެކަމަށާއި، ހިންދީ ދީނުގެ ކިޔެވިލިތަކާއި ހިންދީ ޢަޤީދާގެ ބައި ނުހިމަނައި އެ ޙަރަކާތް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ފާހަގަކޮށްލާން ޖެހޭ ކަމަކީ ކަސްރަތަކީ ޙަރާމް އެއްޗެއްކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވާ ކަމެވެ. އެހެންވީއިރު ދީނީ އަޅުކަމެއްގެ ގޮތުގައި ކިޔެވެލިތަކަކާއެކު އިރު އަރާ ގަޑިއާއި އޮއްސޭ ގަޑީގައި ކުރާ ކަސްރަތެއް ކަމަށް ވާނަމަ، އޭގެ މުހިންމު ބައިތައް އުނިކޮށް އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި މުސްލިމުން ކަސްރަތުކުރާން ކުރާ ކަމެއް ނަމަ ކޮންމެހެން ގަދަބާރުން އެއަށް ޔޯގާއޭ ކިޔާން މި ބާރުއަޅަނީ ކީއްވެގެންހެއްޔެވެ؟

ޔޯގާއަކީ ކޮން އެއްޗެއްކަން ހިންދޫ ބޮޑު ފާދިރީއަކު ތަފުސީލުކޮށް ބަޔާންކޮށްދިން ވީޑިއޯއެއް އަޅުގަނޑު ވެސް ބެލީމެވެ. އަޑުއެހީމެވެ. އޭނާ ބުނި ގޮތުގައި އެއީ ކަލާނގެއާ ގުޅުމަށް ކުރާ މުޤައްދަސް އަޅުކަމެކެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ އެއީ ކަލާނގެއަށްވުމަށް ކުރެވޭ ކަމެއް ކަމަށެވެ.

އެހެންވީއިރު މި ފަދަ އަޅުކަމެއްގެ ނަން ދީގެން އަޅުގަނޑުމެން ހަމައެކަނި ކުރާ ޖިސްމާނީ ކަސްރަތެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީއެވެ. އަދި ޔޯގާ ޙަރަކާތަކީ ހުއްދަ ކަމެއް ނޫންކަމަށް ވަކާލާތުކުރައްވާ އެއްވެސް ބޭފުޅަކު ކަސްރަތަކީ ޙަރާމްކަމެއްކަމަށް ދުވަހަކު ވެސް ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އެ ފަދަ ކަސްރަތަކަށް ޣައިރުދީނުގެ މީހުންގެ ދީނީ އަޅުކަމަކަށް ކިޔާ ނަމެއް ކިޔުމަށް ބާރު އެޅުމުގެ ފަހަތުގައި އޮތީ ކޮން މަގުސަދެއްތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭތީ މި ވާހަކަދަންނަވައިލާ ހިތް ވީއެވެ. ޔޯގާ ހުއްދަތޯ ނޫންތޯ ޙުކުމްކުރައްވާނީ މުފްތީންނެވެ. ނުވަތަ ފިޤުހުވެރީންނެވެ. އަޅުގަނޑެއް ނޫނެވެ. ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑަށް ވެސް އެނގެނީ ޝިރުކުގެ ކޮންމެ ޢަމަލަކީ އެންމެ ބޮޑު ފާފަކަމެވެ.

ޔޯގާ ހުއްދަކުރައްވާން ވަކާލާތުކުރައްވާ ބޭފުޅުންގެ އެންމެ ވަރުގަދަ ދަލީލަކީ ކަސްރަތުކުރުމަކީ އިސްލާމް ދީނުގައި ޙަރާމްކަމެއް ނޫންކަމަށް ވިދާޅުވާވިދާޅުވަމެވެ. އަޅުގަނޑުގެ ސުވާލަކީ ކަސްރަތުކުރުމަކީ ޙަރާމްކަމެއްކަމަށް ބުނީ ކާކުހެއްޔެވެ؟ ޖިސްމާނީ ކަސްރަތަކަށް ކޮންމެހެން ޔޯގާއޭ ކިޔަނީ ކީއްކުރާންހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. ކޮންމެވެސް މީހަކަށް ވައްބަހުން ރައްދު ދީފައި އޮތްހެން ހާދަ ހީވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *