Support Us

ތައިވާނުގެ ރައީސާ ސާއި އިންގ ވެން އާއި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕެލޫސީ (ވ)

ޕެލޫސީ ތައިވާނަށް ޒިޔާރަތް ކުރެއްވި ވަގުތު ވަރަށް ނާމުނާސަބު

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕެލޫސީ ތައިވަނަށް ދަތުރުފުޅު ނުކުރެއްވުމަށް ޗައިނާއިން އިންޒާރުދެމުން ދަނިކޮށް މި އިންޒާރަށް ގޮންޖައްސަވާ އޭނާ ރޭ ވަނީ ތައިވާނަށް ވަޑައިގަންނަވައިފައެވެ. ޗައިނާއިން ރޭ ނެރުނު ބަޔާނުގައި އެއީ ރަތްރޮނގު ހުރަސްކުރުން ކަމަށް ވަނީ ސިފަކޮށްފައެވެ. ޗައިނާ ދެކޭގޮތުގައި މިއީ އެ ޤައުމުގެ ސިޔާދަތުގެ ޙުރްމަތްކެނޑުމެކެވެ. އަދި މިއީ އެ ޤައުމުގެ ސިޔާސީ މަސްއަލައެއްގެ ތެރެއަށް އެމެރިކާއިން ވަނުމެވެ.

އެމެރިކާގެ ހައުސްގެ ރައީސްގެ މަޤާމަކީ އެ ޤައުމުގެ ވަންސަވަރަށް (ހައިރާކީއަށް) ބަލާއިރު ތިންވަނައަށް އެންމެ އިސް މަޤާމެވެ.

އެމެރިކާއިން އެއް ޗައިނާގެ ސިޔާސަތަށް ޢަމަލުކުރާ ކަމަށް ބުނެއެވެ. އަދި ޕެލޫސީ ވެސް މި ކަން ކަށަވަރުކޮށްދެއްވިއެވެ. އެހެނަސް އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާއިން ތައިވާން ދޫކޮށެއް ނުލާނެއެވެ. އެމެރިކާ ބުނާގޮތުގައި ޗައިނާއިން މި ދަތުރުފުޅާ ދެކޮޅަށް ދައްކާ ވަހަކަތަކާއި ދެމުންދާ އިންޒާރުތަކަކީ ވޮޝިންގްޓަން ނިމުތުކޮށްފައިވާ ކަންތައްތަކެކެވެ. ޗައިނާ ބުނާގޮތުގައި ތައިވާނުގެ ވަށައިގެން އޮތް ވަޔާއި ކަނޑުގެ ސަރަޙައްދު ތެރޭގައި ޢަސްކަރީ ތަމްރީނުތަކެއް ޗައިނާއިން މާދަމާ ފަށާނެއެވެ.

މި ކަންތަކާ ގުޅިގެން ޗައިނާގައި ހުންނަވާ އެމެރިކާގެ ސަފީރު ޗައިނާގެ ޚާރިޖީ ވުޒާރާއަށް ގެންގޮސް ޕެލޫސީގެ ދަތުރުފުޅާ ބެހޭގޮތުން ހަރުކަށި ނޯޓެއް ވަނީ ރޭ ޙަވާލުކޮށްފައެވެ.

މިއަދު ހެނދުނު ޕެލޫސީ ތައިވާނުގެ ރައީސާ ސާއި އިންގ ވެނާ ބައްދަލު ކުރައްވިއެވެ. އެއަށްފަހު ޕެލޫސީ ތައިވާނުގެ ބަރްލަމާނުގައި ބަރްލަމާނުގެ ނައިބު ރައީސް ސައި ޗީ ޗަންގާ ބައްދަލު ކުރެއްވިއެވެ.

އެމެރިކާގެ ހައުސްގެ ރައީސާއާ މުޚާޠަބު ކުރައްވާ ތައިވާނުގެ ރައީސާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޤައުމަކީ އެމެރިކާގެ ވަރަށް ގާތް ބައިވެރިއެކެވެ. އަޅުގަނޑުމެން ހުރިހާ ފެންވަރުތަކެއްގައި އެމެރިކާއާއެކު ގުޅުންތައް ހަރުދަނާ ކުރުމުގައި ކުރިއަށް ދާނަމެވެ. ކިތަންމެ ވަރަށް ބިރުދެއްކިއަސް އަޅުގަނޑުމެންގެ ދައުލަތުގެ ސިޔާދަތާއި ބިމުގެ ވަޙްދަތު ދިފާޢުކުރުމަށް ޓަކައި ފިޔަވަޅުތައް އަޅާނަމެވެ."

ޖަވާބުގައި ޕެލޫސީ ވިދާޅުވިއެވެ. "ތައިވާނަށް އެހީވުމަށް އެމެރިކާއިން ވެފައިވާ ވަޢުދުތަކަށް އެމެރިކާއިން ވަފާތެރިވާނެއެވެ. އެމެރިކާއިން ތައިވާނާއެކު އެއްބާރުލާ އެއްބާރުލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑު މިޤައުމަށް މި އައީ މި ކަން އިތުރަށް ކަށަވަރުކޮށްދޭށެވެ. ގުޅުންތައް ދަމަހައްޓާ ވަރުގަދަ ކުރާށެވެ. އަޅުގަނޑު މި އައީ އެމެރިކާއިން ތައިވާން ދޫކޮށްނުލާނެ ކަން ޔަޤީންކޮށް ދޭށެވެ."

ޕެލޫސީ ތައިވާނުގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ތައިވާނަށް މި އައީ މި ސަރަޙައްދުގައި އަމްނު ވަރުގަދަ ކުރާށެވެ. ވޮޝިންގްޓަނާއި ތައިވާނާ ދެމެދުގައިވާ އެއްބާރުލުމުގެ އަސާސަކީ އަމްނާއި އިޤްތިޞާދެވެ.

ޗައިނާގެ ރައްދު: އެމެރިކާ ހީކުރި ގޮތަށް

އެމެރިކާގެ އަމުނާބެހޭ މަސްއޫލުވެރިއެއް ކަމުގައިވާ ޖޯން ކަރބީ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "ޗައިނާގެ ރައްދު އައީ އަހުރެމެން ހީކުރި ގޮތަށެވެ. އެކަމާމެދު ހިތާމަ ކުރަމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޕެލޫސީގެ ދަތުރުފުޅަކީ އެމެރިކާގެ ސިޔާސަތާ ގުޅޭ ދަތުރުފުޅެކެވެ."

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ސޮލިވާން ހާމަކުރެއްވި ގޮތުގައި ޗައިނާއިން ދެމުންގެންދާ އިންޒާރުތަކާއި އެ ސަރަޙައްދަށް އައިސްފައިވާ ނުތަނަވަސްކަމާ ބެހޭގޮތުން އޭނާ ޖަޕާނުގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާގެ އަމީންޢާންމާއެކު މިއަދު މަޝްވަރާކުރެއްވިއެވެ. ސޮލިވާން ވިދާޅުވި ގޮތުގައި އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ސުޅްޙަމަސަލްސްކަމުގެ ތަނބަކީ އެމެރިކާއެވެ.

އެމެރިކާ ސަފީރާ އިޙްތިޖާޖުގެ ނޯޓު ޙަވާލުކުރުން

ޗައިނާ ބުނާގޮތުގައި ބޭޖިންގްގައި ހުންނަވާ އެމެރިކާ ސަފީރު ނިކޮލަސް ބަރންޒް ޗައިނާގެ ޚާރިޖިއްޔާއަށް ރޭ ގެންގޮސް ޕެލޫސީގެ ދަތުރުފުޅު ކުށްވެރިކޮށް އިޙްތިޖާހުގެ ނޯޓެއް ޙަވާލު ކުރެވުނެވެ. ޗައިނާ ދެކޭގޮތުގައި ތައިވާނަކީ މައި ޤައުމުން ވަކިވެގަންފައިވާ ބިންކޮޅެކެވެ. ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ޝީ ވިންގް އެމެރިކާގެ ސަފީރަށް ވިދާޅުވިއެވެ. "ޕެލޫސީގެ ދަތުރުފުޅަކީ ވަރަށް ނުބައި ދަތުރެކެވެ. އޭގެ ނަތީޖާ ވަރަށް ނުބައިވާނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި މިއީ "ވަރަށް ބޭއަޚްލާޤީ ފިޔަވަޅެކެވެ." ޗައިނާ ބުނިގޮތުގައި މިއީ އެއް ޗައިނާގެ އަސާސު ފޫއަޅުވައިލުމެކެވެ. އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ޗައިނާއިން އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ. ޝީ ވިދާޅުވި ގޮތުގައި "އެމެރިކާގެ ރައީސް ބައިޑްން ވަނީ މިކަމުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ކަމުގެ ސަބަބުން ޗައިނާ- އެމެރިކާ ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ޓައިވާނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި

ތައިވާނުގެ ޒިރާޢާތާ ބެހޭ މަޖިލީހުން ރޭ ހާމަކުރި ގޮތުގައި ތައިވާނުގައި އުފައްދާ ބައެއް މުދާތައް ޗައިނާއަށް އެތެރެކުރުން ޗައިނާއިން ހުއްޓައިލައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައިފަތާއި ކަނޑުމަހާއި މާމުއިކަމަށް ޚަބަރު ލިބެއެވެ. މިއަދު ހެނދުނު ތައިވާނުގެ ވިޔަފާރިއާ ބެހޭވުޒާރާއިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ޗައިނާއިން  ތައިވާނަށް ވެލި ވިއްކުން ހުއްޓައިލައިފިއެވެ.

ރަޝިޔާގެ ތާއީދު ޗައިނާއަށް

ޕެލޫސީ ތައިވާނަށް ކުރެއްވި ދަތުރުފުޅު ރަޝިޔާއިން ވަގުތުން ކުށްވެރި ކުރިއެވެ. ޗައިނާއާއެކު ރަޝިޔާ އެކަތިގަނޑަކަށް ވެގެން އޮތްކަމަށް  މޮސްކޯއިން ބުންޏެވެ. ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ އެ ސަރަޙައްދު އިތުރަށް ނުބައިވެގެން ހިނގައްޖެއެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި ޗައިނާގެ ސިޔާދަތު ޙިމާޔަތް ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޙައްޤު ޗައިނާއަށް ލިބިގެންވެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާ ބުނި ގޮތުގައި އެހެން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ބެހުމަކީ އެމެރިކާގެ "ނުބައި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ." ޕެލޫސީގެ ދަތުރުފުޅުގެ ސަބަބުން އެ ސަރަޙައްދު ހަލަބޮލިވެ ސުލްޙަމަސަލަސްކަން ގެއްލިއްޖެ ކަމަށް ރަޝިޔާއިން ބުންޏެވެ.

މުނާސަބު ވަގުތެއްނޫން

ނިވްޔޯކް ޓައިމްސްގައި އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށް ވާ ތޯމަސް ފްރެޑްމަން ލިޔުއްވި މަޒުމޫނެއް ގޮތުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނެންސީ ޕެލޫސީގެ މި ދަތުރުފުޅުގެ ސަބަބުން ގެއްލުން ލިބޭނީ ތައިވާނަށެވެ. މި ދަތުރުފުޅުގެ ސަބަބުން ތައިވާން އިތުރަކަށް އަމާނެއް ނުވާނެއެވެ. އަދި އިތުރު ފާގަތިކަމެއް ވެސް ތައިވާނަކަށް ނުލިބޭނެއެވެ. މި ކަމުގެ ސަބަބުން އެމެރިކާއާއި ޗައިނާ "ބޭނުމެއް ނެތް" ކޯޅުމެއްގެ ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔުކްލިއަރ ދެ ބާރެއްގެ ދެމެދުގައި އަރާރުން އުފެދުމަކީ ދުނިޔެ ވަރަށް ކަންބޮޑުވާނެ ކަމެކެވެ.

އޭނާ ވިދާޅުވިއެވެ. "ރަޝިޔާއާ ދެކޮޅަށް ޔުކްރޭނުން ކުރަމުންދާ ހަނގުރާމައިގައި ޔޫރަޕު މަޝްޣޫލުވެފައިވާ ވަގުތެއްގައި ތައިވާނުގެ މަސްއަލައިގައި އެމެރިކާއާއެކު ތައިވާނާ ދެކޮޅަށް އެ ޤައުމުތައް އާނ ބަސް ބުނާކަމަކަށް ނުފެނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މާދަލާއަށް ބަލާއިރު ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއާށް ކާމިޔާބު ލިބުމަކީ ޔޫރަޕްގެ އިއްތިޙާދަށް ލޮޅުން އަރާނެ ކަމެކެވެ. މިހެންވެ އެ ޤައުމުތަކުން އިސްކަންދޭނީ ރަޝިޔާއާ ކުރިމަތި ލުމަށެވެ. އެ ޤައުމުތަކާ ދުރުގައި އޮތް ތައިވާން އެހާ މުހިއްމެއް ނުވާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ޗައިނާ ވަކި ފަރާތަކަށް ނުޖެހި ބޭއްވުމަށް އެމެރިކާ ބޭނުން ވެއެވެ. އެމެރިކާއިން ޗައިނާއަށް އެކަމަށް އިލްތިމާސް ކުރެއެވެ.އެހެންކަމުން އެމެރިކާގެ މި މަސްއޫލުވެރިޔާ ތައިވާނަށް ދަތުރުފުޅު ކުރެއްވުމަށް މި ކަނޑައެޅުއްވި ވަގުތަކީ އެކަމަށް މުނާސަބު ވަގުތެއްނޫނެވެ.އެއީ ޔުކްރޭން ހަނގުރާމަ އަދި ނުނިމޭތީއެވެ. އެމެރިކާ ޔުކްރޭންގެ ރައީސް ޒިލެންސްކީއަށް އެހާ ބޮޑަށް ބަރޯސާ ނުވެވޭތީއެވެ. އޭނާއާމެދު އތުބާރު އޮތް މިންވަރު ކުޑަކަމުންނެވެ. އޭނާގެ ސަރުކާރުގެ ބަލިކަށިކަމުންނެވެ. ހުޅަނގުން ދައްކާ ވާހަކަތަކާ ހަނގުރާމައިގެ މައިދާނުން ފެންނަ ފެނުންތަކާ އެއްފަސްނުވާތީއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޖޯގްރަފީގެ އަލިފުބާ  ބުނާގޮތުގައި އެއް ވަގުތެއްގައި ބޮޑު ދެ ބާރަކާ ދެކޮޅަށް ހަނގުރާމައެއް ކޮށްގެން ނުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ތައިވާނުން މި ވަގުތު އެ ދަތުރުފުޅު ނުކުރެއްވުމަށް ޕެލޫސީއަށް ދަންނަވަން ވާނެއެވެ.

ފްރެޑްމަން ވިދާޅުވި ގޮތުގައި ހަނގުރާމަ ފަށަން ޖެހޭނީ "ތިމާއަށް ރަނގަޅު ވަގުތު ބަލައިގެންނެވެ."

މީގެ އިތުރަށް ފްރެޑްމަން ވިދާޅުވާ ގޮތުގައި ޕެލޫސީގެ ތައިވާން ދަތުރުފުޅުގެ ސަބަބުން ޗައިނާގެ ރައީސް ޝީއަށް ވަރަށް މޮޅު ހުކުންގަނޑުތަކެއް ލިބިވަޑައިގެންފިއެވެ. ޗައިނާއިން ކޮވިޑް މުޅިން ނައްތައި ނުލެވުމާއި ގެދޮރު ބިނާކުރުމުގެ މަސްއަލަތައްފަދަ ނާޒުކު މައްސަލަތަކެއް ވަނީ ރައީސް ޝީއާ ކުރިމަތިވެ ވަޑައިގެންފައެވެ. ޕެލޫސީގެ ދަތުރުފުޅުގެ ސަބަބުން މި މަސްއަލަތައް މިހާރު ވަނީ ވަޅުލެވިފައެވެ. ޗައިނާގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ޤައުމީ ޖޯޝް އުފެދިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *