Support Us

ކޮލަމް މާޒީ: "ޤައުމީ މަޖުލިސް" ކަމުގޮސްފައި "ސެނެޓް" ކަމުނުދާންވީ ކީއްވެ؟

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުތާ އެތައް ޒަމާނެއް ވެއްޖެއެވެ. މުޙަންމަދު އަމީންގެ ދައުރުގައި އުފެދުނު މުތަޤައްދިމު ޕާޓީއިން ފެށިގެން އެ ސިލްސިލާ އޮތީ ފެށިފައެވެ. ނަމަވެސް ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށް ފަހު 2004ން ފެށިގެން އަލުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފޯރީ އިތުރުވިއެވެ. މި ފޯރީގައި 2005 ޖޫން 26ގައި އެންމެ ފުރަތަމަ "މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ" (އެމް.ޑީ.ޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އެމް.ޑީ.ޕީ އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ، ހަމަ އެ އަހަރު ޖުލައި 21ގައި "ދިވެހި ރައްޔިތުންގެ ޕާޓީ" (ޑީއާރުޕީ) ވުޖޫދަށް އައެވެ. ދެން އެކި ނަންނަމުގައި ޕާޓީތައް އައީ އުފެދެމުން ބައެއް ޕާޓީތައް އުވެމުންނެވެ. މިހާރު ގާތްގަނޑަކަށް 11 ވަރަކަށް ޕާޓީ ވުޖޫދުގައި އެބަ އޮތެވެ.

ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް އެ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅައި ކަންކަން ނިންމާން އޮންނަ އެންމެ މަތީ ގުނަވަނެއް އޮވެއެވެ. އެކި ޕާޓީގައި އެކި ނަންނަން ކިޔަސް އެއީ ހަގީގަތުގައި "ހިންގާ މަޖްލިސް"ކަމަށް ދެންނެވިދާނެއެވެ. ގިނަ ޕާޓީތަކުގައި މި ގުނަވަނަށް ކިޔަނީ "ކައުންސިލް" ކަމަށްވެއެވެ. ކައުންސިލްގެ މާނައަކީ ދިވެހިބަހުން "މަޖިލީސް"އެވެ. "މަޖިލީސް"އަކީ "ކަމަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ނުވަތަ ބަހުސްކުރުމަށް ނުވަތަ މަޝްވަރާކުރުމަށް އެއްވާ ބަޔެއް"ކަމަށާއި (އެއީ) "ޢައްޔަނުކުރެވިފައިވާ ނުވަތަ އިންތިޚާބުކުރެވިފައިވާ ކޮމިޓީއެއް"ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. މި މާނަ ދޭހަވާ ގޮތަށް ބައެއް ޕާޓީތަކުގެ މި ދެންނެވި ގުނަވަނަށް "ގައުމީ މަޖިލީސް" ނުވަތަ "މަޝްވަރާ މަޖިލީސް" ކިޔާކަމަށް އަޅުގަނޑަށް އެނގިފައިވެއެވެ. ނަމަވެސް ގިނަ ޕާޓީތަކުގެ މި ދެންނެވި ގުނަވަނަށް ގިނައިން ކިޔައިފައި ހުންނަނީ ކުރީން ވެސް ދެންނެވި ފަދައިން "ކައުންސިލް" ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއިން ކޮންމެ ނަމަކީ ވެސް އެ ޕާޓީތަކުގެ އިސް މެންބަރުންނަށް ފެނިގެން ކިޔައިފައި ހުންނަ ނަންތައް ކަމަށް ބެލެވެއެވެ. ވީމާ، އެކަމާ އެއްވެސް މީހަކު ކަންބޮޑުވެގެން މި ނަންތައް ކަމުނުގޮސްގެން އެއްވެސް ބަޔަކު ވާހަކަދައްކައި ހެދި އަޑެއް ވެސް މީގެ ކުރިއަކުން އިވިފައެއް ނެތެވެ. އެ ބަޔަކަށް ފެންނަ ގޮތަކަށް ފެންނަ އަދަދަކަށް މެންބަރުން ހިމަނައިގެން ފެންނަ ނަމެއްގައި މި ދެންނެވި "މަޖިލީސްތައް" އުފައްދައި ހިންގަމުން ގެންދަނީއެވެ. އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ވެސް ނޫނެވެ.

މިހެން މިކަން އޮއްވައި ސިޔާސީ ޕާޓީއެއްގެ މި ދެންނެވި މަޖިލީސް (ނުވަތަ ކައުންސިލް)ގެ ނަން "ސެނެޓް"އަށް ބަދަލުކޮށްފިއެވެ. މި ކަމަކީ ބައެއް މީހުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ. އަދި ސަރުކާރެއްގައި ނޫނީ "ސެނޭޓް" ކިޔާ ގުނަވަނެއް ނުބޭއްވޭނެ ކަމަށާއި މިއީ އޮޅުވައިލުމެއްކަމަށް ބުނެ ކޮންމެވެސް ލިޔުންތެރިއަކު ލިޔުމެއް ޝާއިޢުކޮށްފިއެވެ. ނަމަވެސް، މީގެ ކުރީން މި ދެންނެވި ކައުންސިލަށް ކޮންމެވެސް ޕާޓީއަކުން "ގައުމީ މަޖްލިސް" ކިޔައިގެން ޕާޓީ ހިންގާތާ އެތައް އަހަރެއް ވީއިރު ވެސް އެ ލިޔުންތެރިޔާއަކަށް ނުވަތަ އެހެން މީހަކަށް ވެސް އެއީ މައްސަލައަކަށް ނުތްވެވެ. ހަގީގަތުގައި އެކި ޕާޓީތަކުގެ އެކި ގުނަވަންތަކަށް ކިޔާނެ ނަންތަކާއި އެ ގުނަވަންތަކުގައި މެންބަރުން ތިބޭނެ އަދަދާއި އެ ގުނަވަންތަކުގެ ދައުރު ކަނޑައެޅުމަކީ އެ ޕާޓީއެއްގެ ކަމެއްތާއެވެ! ވީމާ އެ ކަމާ ކަންބޮޑުވާންވީ ސަބަބެއް ވެސް ނެތެވެ. އެހެންވީއިރު ސިޔާސީ ޕާޓީއެއްގެ ކައުންސިލްގެ ނަން "ސެނޭޓް"އަށް ބަދަލުކުރީމާ، އެ ޕާޓީގައި ނުހިމެނޭ އަޅުގަނޑުމެން ފަދަ މީހުންނަށް އެ ކަމަކާ ކީކީހެއްޔެވެ؟ އެ ބަޔަކު ކިޔާނީ އެ ބަޔަކަށް ރީތި އަދި ރަނގަޅު ނަމެއްތާއެވެ! ނަމަވެސް މި ކަމާ ކަންބޮޑުވެގެން ބަޔަކު އުޅޭތީ ސެނެޓާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލާން ބޭނުންވީއެވެ.

އެމެރިކާއާއި އެމެރިކާގެ ސްޓޭޓްތަކާއި އަދި ފަރަންސޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ގާނޫނު ހަދާ އެންމެ މަތީ މަޖިލީހަށް "ސެނެޓް' ކިޔުމަކީ އެހެން ބަޔަކަށް އެ ނަންކިޔުން ބައިނަލްއަޤުވާމީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ނުވަތަ ދީނީ ގޮތުން މަނާކަމެއް ކަމަކަށް އޮތް ދަލީލެއް ނޫނެވެ. އަދި ގަދީމީ ޒަމާނުގައި ފަނޑިޔާރުން ވެސް ހިމަނައިގެން ގާނޫނު ހެދުމުގެ ބާރު ވެސް އޮންނަ ގޮތަށް އޮންނަ، ދައުލަތުގެ އެންމެ މަތީ ބާރުކަމަށް ރޫމު ޖުމްހޫރިއްޔަތުތަކުގައި އޮންނަ މަޖިލީސްތަކަށް މި ނަން ކިޔުމަކީ ވެސް މި ނަން އެހެން ބަޔަކަށް ނުކިޔޭންވީ ސަބަބެއް ކަމަކަށް ވެސް ނުވެއެވެ. އަދި މިއަދު ބައެއް ޔުނިވަރުސިޓީތަކުގެ ހިންގާ، ނުވަތަ މަޝްވަރާދޭ، ނުވަތަ ސުލޫކީ މަޖިލީހަށް ވެސް "ސެނޭޓް" އެބަ ކިޔައެވެ. ގިނަ ޔުނިވަރުސިޓީތަކުގައި އެ މަޖިލީހަށް ކިޔަނީ ކައުންސިލް ކަމަށް ވިޔަސް ވެހެވެ. ވީމާ ވަކި ދައުލަތަކަށް ނިސްބަސް ނުވާ މުއައްސަސާތަކުގައި ވެސް "ސެނެޓް" ކިޔާ ގުނަވަންތައް ހުންނަކަން އެބަ އެނގެއެވެ.

ޕީ.ޕީ.އެމްގެ ޖަލްސާއެއް ހިނގަނީ: ޕީ.ޕީ.އެމްގެ ކައުންސިލަށް މިހާރު ކިޔަނީ "ސެނޭޓް"

ހަގީގަތުގައި "ސެނޭޓް" މި ނަމަކީ ލެޓިން ބަހުގެ ސެނެކްސް (senex) މި ލަފުޒުން އުފެދިގެން އައި ނަމެކެވެ. މާނައަކީ "ދުވަސްވީ މީހުން" ނުވަތަ "ހަރުމީހުން"ކަމަށް ބެލެވެއެވެ. ދުވަސްގަނޑަކަށް ފަހު އެ ލަފުޒު ތަރައްގީވެ "ސެނޭޓަސް" (senatus)އަށް ބަދަލުވީއެވެ. މި ލަފުޒު ލެޓިންބަހުން އައިސް ގަދީމީ ފަރަންސޭސިބަހަށް ވަނީ "ސެނާޓް" (senat)ގެ ގޮތުގައެވެ. ދެން ފަރަންސޭސިބަހުން އިނގިރޭސިބަހަށް މި ލަފުޒު ނަގުލުވީއިރު "ސެނެޓް" (senate)އަށް ބަދަލުވީއެވެ. "ހަރު މީހުންގެ މަޖްލިސް"ގެ ގޮތުގައެވެ. އެހެންވެގެން ސެނޭޓްގެ މާނައެއްގެ ގޮތުގައި ޢަރަބިބަހުން ކިޔަނީ ވެސް مجلس الشيوخ (ހަރުމީހުންގެ މަޖިލީސް)އެވެ. އެހެންނަމަވެސް މިއަދު ސެނޭޓްގެ އެންމެ އާންމު މާނައަކީ "މަޖިލީސް" (مجلس) އެވެ. ވީމާ، ޕާޓީއެއްގެ އެންމެ މަތީ ގުނަވަނަށް "މަޖިލީސް" ކިޔުމެކޭ، "ކައުންސިލް" ކިޔުމެކޭ އަދި "ސެނެޓް" ކިޔުމެކޭ ނުވަތަ "ހިންގާކޮމިޓީ"އޭ ނުވަތަ "ހިންގާ ގުނަވަނޭ" ނުވަތަ "އެންމެ މަތީ މަޖިލީސް"ކިޔުމެކޭ އަޅުގަނޑަކަށް ތަފާތެއް ނެތެވެ.

އަޅުގަނޑު މި ވާހަކަ ލިޔެލާ ހިތްވީ، ކުރީން ވެސް ދެންނެވި ފަދައިން، ސިޔާސީ ޕާޓީއެއްގެ އެންމެ މަތީ ގުނަވަނަށް "ޤައުމީ މަޖިލީސް" ކިޔާތާ އެތައް ޒަމާނެއް ވީއިރު، އެ ކަމާ ކަންބޮޑު ނުވާ މީހަކު، ހަމަ އެ ފަދަ ސިޔާސީ ޕާޓީއެއްގެ "ކައުންސިލް"ގެ ނަން "ސެނޭޓް"އަށް ބަދަލުކުރުމުން އެއީ މާ ކަންބޮޑުވާ ކަމަކަށްވެ، އެއީ އޮޅުވައިލާން ކުރި ކަމެއްކަމަށް ވާހަކަދެއްކީމާ، އެއީ ޖަޒުބާތުގައި ލިޔުނު ލިޔުމެއް ކަމަށް ވިސްނުނީތީއެވެ. ހަގީގަތުގައި އޮޅެންޏާ އޮޅޭންވީ ސިޔާސީ ޕާޓީއެއްގެ ވަގި ގުނަވަނަކަށް "ގައުމީ މަޖިލީސް" ކީމައެވެ. އެހެނީ، ދިވެހިބަހުގެ ރަދީފު ބުނާ ގޮތުން "ޤައުމީ"އަކީ ނަންއިތުރުރެކެވެ. ނަމަކަށް ސިފަ ގެނެސްދޭ ލަފުޒެކެވެ. މާނައަކީ "ޤައުމަށް ނިސްބަތްވާ" ނުވަތަ "ޤައުމުގެ"އެވެ. އެހެންވީމާ، "ޤައުމީ މަޖްލިސް" (ނުވަތަ އިނގިރޭސިބަހުން ދަންނަވާނަމަ، ނޭޝަނަލް ކައުންސިލް، ނުވަތަ ނޭޝަނަލް އެސެމްބްލީ)އޭ ބުނުމުން އެ ނަމުން އަޅުގަނޑުމެންނަށް ދޭހަވަނީ މުޅި ޤައުމުގެ ކަންކަން ހިންގާ އެންމެ މަތީ މަޖުލިސްކަމެވެ. ވީމާ، ނަމެއް ކިޔައިގެން ބަޔަކަށް އޮޅެންޏާ "ސެނޭޓް"އޭ ކިޔުމަށްވުރެ "ޤައުމީ މަޖްލިސް"އޭ ކިޔުމުން އޮޅޭ ބަޔަކަށް އޮޅޭން މާ އެކަށީގެންވެއެވެ. ނަމަވެސް އެ ނަންތައް ކީ ބަޔަކު އެ ނަންނަން އެ ކިޔަނީ އަޅުގަނޑުމެންނަށް ދޭހަވާ މާނައިގައި ކަމަށް ކޮންމެހެން ވާކަށް ވެސް ނުޖެހެއެވެ. އެ ޕާޓީއަކުން އެ ނަން މާނަކުރާ ގޮތް އެނގޭނީ އެ ޕާޓީއަކަށެވެ. އެއީކީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނެވެ.

އަޅުގަނޑު މި ވާހަކަ މި ލިޔުނީ އެއްވެސް ޕާޓީއެއްގެ ގުނަވަނަކަށް، ކައުންސިލް، މަޝްވަރާ މަޖްލިސް، މަޖްލިސް، ޤައުމީ މަޖިލީސް، ހިންގާ ކޮމިޓީ، ޢިލްމުވެރީންގެ މަޖިލީސް، (ނުވަތަ އެހެން ނަމެއް ވެސް) ކިޔާތީ އަޅުގަނޑު ކަންބޮޑުވެގެންނޫނެވެ. އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނެވެ. ނަމަވެސް ޕާޓީއެއްގެ އެންމެ މަތީ ގުނަވަނަށް "ޤައުމީ މަޖިލީސް" ކީމާ އެކަމާ ކަންބޮޑު ނުވެފައި، ނުވަތަ އެއީ އޮޅުވައިލުމެއް ކަމަށް ނުދެކި، ޕާޓީއެއްގެ އެންމެ މަތީ ގުނަވަނަށް "ސެނެޓް" ކިޔުމަކީ އޮޅޭނެ ކަމެއް ކަމަށާއި އެއީ އޮޅުވައިލުމެއް ކަމަށް ދައުވާކޮށް، ބައެއް ލިޔުންތެރީން ޚިޔާލު ފާޅުކުރާތީ، އެއީ އެހެން އޮތް ކަމެއް ނޫނޭ އަދި އެއީ އަޅުގަނޑުމެން ލިޔުންތެރީންނާ ބެހޭ ކަމެއް ނޫނޭ ދަންނަވައިލާން ބޭނުންވީއެވެ. އަދި "މަޖިލީސް"އާއި "ކައުންސިލް"އާއި "ސެނޭޓް"އާއި "ކޮމެޓީ"އަކީ ވެސް ޕާޓީއަކުން ބޭނުން ނަމަ، އެ ޕާޓީއެއްގެ ގުނަވަނަކަށް ކީދާނެ ނަންތަކެއް ކަމަށް ވާތީ އެ ވާހަކަ ދަންނަވައިލާން ބޭނުންވީއެވެ. އަދި ޕާޓީއެއްގެ އެ ފަދަ ގުނަވަނަކަށް (އަޅުގަނޑުގެ އަމިއްލަ ޚިޔާލުގައި ނަމަ)، "ސެނޭޓް" ކިޔުން ކަމުނުގޮސްފައި، "ޤައުމީ މަޖިލީސް" ކިޔުން އެކަށޭނަވާންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތޭ ދަންނަވައިލާން ބޭނުންވީއެވެ. ނަމަވެސް މިއީ އަޅުގަނޑުގެ ނުވަތަ އެހެން ލިޔުންތެރިއެއްގެ ޚިޔާލެއް މި ކަމުގައި ބޭނުންވާ ކަމެއް ނޫނެވެ. މިއީ ޕާޓީތަކުގެ ކަންކަން ނިންމުމުގެ ބާރު އޮންނަ ބަޔަކަށް ނުވަތަ ގުނަވަނަކަށް އޮންނަ ބާރެކެވެ. ވީމާ "ޤައުމީ މަޖުލިސް" ރަނގަޅުވެފައި "ސެނޭޓް" ރަނގަޅު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ސެނެޓްގެ އެންމެ އާންމު މާނައަކީ "ހަރު މީހުންގެ މަޖިލީސް" ނުވަތަ "މަޖިލީސް" ނުވަތަ "ހިންގާ ގުނަވަން" (ގަވަރނިންގ ބޮޑީ) ނުވަތަ "ކައުންސިލް"ކަމަށްވާތީއެވެ. މި ފަދަ ކަންކަން އެ ޕާޓީތަކަށް ނުވަތަ ކަމާ ބެހޭ ފަރާތްތަކަށް ދޫކޮށްލައި އެ ކަންކަމާ އަޅުގަނޑުމެން ނުބެހޭންވީއެވެ. އެ ފަދަ ނަންނަން އެ މީހުން ބޭނުން ގޮތަކަށް މާނަކޮށްގެން ހިންގާ ގޮތަކަށް ހިންގާން ފުރުސަތު ދެމާތޯއެވެ! އަޅުގަނޑުމެންގެ ވިސްނުން އެއް ދިމާއަކަށް ހަނިނުކުރަމާތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7

4 Responses

  1. ވަރަށް ބޮޑު ތެދުފުޅެއް. މިފެންނަނީ މުދިންކާޅުގެ ބަސް ގަދަކުރާން އުޅޭ މަންޒަރު.

  2. އުސްތާޒުޖީގެ ލިޔުއްވުންތަކަށް ބަލާއިރު ޔާމީން ކުރައްވާ ކޮންކެ ކަމެއް ރަނގަޅު ކަމަށް ވަނީ. އެއްމިލިއަން ޑޮލަރު ވިއަސް ގޯނިގޯނީގައި ގެއަށް ފައިސާ ވެއްދިއަސް…. ޜުހުމުގެ ލޮލަށް ފެންނަގޮތް މިއީ….

  3. އިގިރޭސި ބަހުގެ އެއްވެސް ޑިކްސަނަރީ އެއްގައި ގާނޫނު ހެދުމުގެ ބާރު ނެތް ބަޔަކަށް ސެނެޓް ކިޔާކަން ދަލީލުކުރާ ކުރާ ލިޔުމެއް ދައްކަވަ ބައްލާށެވެ. ކައުންސިލްގެ މާނަހާ ސެނެޓްގެ މާނައެއްް ފުޅަލެއް ނޫނެވެ. އަދި ގައުމީ މަޖިލިސްތަކަކީ ސިޔާސީ ޕާޓީތަކުގައި އާއްމު ނަމެކެވެ. ގައުމީ ކަންކަމާ ގޮތްފާޑު ކިޔާ ބަޔަކާ ގާނޫނު ހަދާ ބަޔަކާ އުޑާ ބިމާހާ ތަފާތެވެ. ސިޔާސަތު ކަނޑައެޅުމާ ގާނޫނު ހެދުމުގެ ބާރު އޮތުމާ އެއީ އެއްކަމެއް ނޫނެވެ.

  4. ފެކްޓް ބޭސްޑް ލިޔުމެއް. ބައެއް މީހުންގެ ވިސްނުން ހަމަ ހަނީ. ޑިކްޝަނަރީން ވެސް ބަސް ދައްކާން މި ޖެހެނީ އެހެން މީހުން. އަމިއްލައަށް ބަލައިގެންނެއް ނުވޭ. އަޒީއަކީ މައުލޫމަތު މުއްސަނދި ބޭފުޅަކަށް ވަނީ ފޮތަށް ލޯބިކުރައްވާތީ ކަމަށް ބެލެވެއެވެ. މީހަކާ ނުބެހި ޓޮޕިކް ބޭސްޑް ލިޔުންތައް "އަދިވެސް"ގައި ހުންނާތީ "އަދިވެސް" އަދިވެސް ކިޔާހިއްވަނީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *