ދަރިވަރުންގެ ރިޕޯޓްފޯމު ލިބޭ ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އުއްމީދުކުރަނީ ހުރިހާ ބެލެނިވެރިންވެސް ދަރިވަރުންގެ ރިޕޯޓް ފޯމު ލިބުމުން އެކުދިން މާޔޫސް ނުކުރާނެ ކަމަށެވެ. އެ ކުދިންނަށް ކުރެވުނު އެންމެ ރަނގަޅަށް މިފަހަރު މިވަނީ ކާމިޔާބީ ހާސިލްކޮށްފައެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރުތަކާއި ގާބިލްކަން ލިބިފައިވާ ތަފާތު ކުއްޖެކެވެ. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށާއި ހުނަރުތަކަށެވެ. އެކި ކުދިން ކުރާހިތްވާނީ އެކި ކަންކަމެވެ.
ލޯބިވާ ދަރިފުޅަށް މިއަދު ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮ ބަސްތަކެވެ. އެ ކުދިން އަމިއްލަ ނަފްސަށް އިތުބާރުކޮށް މިއަންނަ ދިރާސީ އާ އަހަރުގައި އިތުރު ހިތްވަރަކާއެކު ކެރިގެން މަސައްކަތްކުރާނީ މަންމައާއި ބައްޕަގެ ހިނިތުންވެފައި ތިބި އުފާވެރި މޫނުތައް ފެނުމުންނެވެ.
ހަނދާން ކުރަންވީ އަމިއްލަ ދަރިފުޅު ކުރިމަތީ ބަހައްޓައިގެން އެއްވެސް އެހެން ކުއްޖެއްގެ މޮޅު ވާހަކަވެސް އަދި އެއީ ދަށް ކުއްޖެކޭ ވެސް ނުކިޔުއްވުމެވެ. (އެހެން ކުދިންގެ ވާހަކަ ދަރިފުޅު ކައިރީ ނުދެއްކެވުން) އަދި އެއްވެސް އެހެން ކުއްޖަކަށް ލިބުނު ނަތީޖާ އަނެއް ބެލެނިވެރިޔާ ގާތުގައި ނޭއްސެވުމެވެ. ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ ވެސް އެ ދަރިވަރެއްގެ ވަރަށް "ސިއްރު" މައުލޫމާތެކެވެ. އެ މައުލޫމާތު އާއްމު ނުކުރައްވާ ރައްކާތެރި ކަމާއެކު ގެންގުޅުއްވުން ވަރަށް މުހިންމެވެ.
ރިޕޯޓްފޯމު ލިބޭ ދުވަހަކީ ހުރިހާ ކުދިންނަށް ލިބުނު ކާމިޔާބު ފާހަގަކުރާ ދުވަހަކަށް ހެދުމުން އެ ކުދިން ވަރަށް އުފާވާނެއެވެ. އެ ކުދިންގެ އުފަލުގައި ބައިވެރިވާށެވެ!
- މައުލޫމާތު: ނިއުމާ މިސްގެ ލިއުއްވުމަކުން ނަގައިފައި