ޝަމާތަތުގެ މާނަ، އެންމެ ސާދާ ގޮތެއްގައި ބުނާނަމަ، ބުނެވޭނީ، އެއީ ފޮނިވެގަތުމެކެވެ. ނަމަވެސް، އެ ލަފްޒުގެ ހަގީގީ މާނަ، 'ފޮނިވެގަތުމޭ' ބުނުމަކުން މުޅިއަކުން ބަޔާން ކޮށެއް ނުދެވެއެވެ. އެހެންކަމަށް ވާއިރު، އެ ލަފްޒުގެ މާނަ ވިސްނައިގަނެ، ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
ޝައްކެއް ނެތް ގޮތުގައި 'ޝަމާތަތުގެ' މާނައިގައި ފޮނިވުމުގެ އުންސުރު، ބައި، ހިމެނެއެވެ. ނަމަވެސް، މިއީ އޭގެ މައިގަނޑު މާނަ ކަމުގައި ނުބުނެވޭނެއެވެ. އެ ލަފްޒުގެ މައިގަނޑު މާނަ ގުޅެނީ، އެހެން ބަޔަކަށް ލިބޭ ދެރައަކާއި ނުވަތަ ހިތާމައަކާއި ވިދިގެން ތިމާގެ ހިތަށްވެރިވާ ޚާއްސަ އުފަލަކާއެވެ. ތިމާގެ ދުޝްމަނަކަށް، ނުވަތަ ތިމާގެ ޚަޞްމަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބުމުން އެކަމާ ގުޅިގެން ތިމާ ވާ އުފަލާއި ހިތްހަމަ ޖެހުމާއެވެ. އިނގިރޭސި ބަހުން، ޝަމާތަތުގެ މާނަ ދޭހަކޮށް ދިނުމަށް ބޭނުންކުރަނީ ޖަރުމަނު ބަހުގެ އަސްލުން އައިސްފައި އޮންނަ "ޝާޑެންފޮރޯއިޑެ Schadenfreude މި ލަފްޒެވެ.

މި ލަފްޒާ ބެހޭ ގޮތުން މިއަދު އެއްޗެއް ބުނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ހުތުރުކަން ބޮޑު، ފާހިޝް، ބަދުއަޚުލާގީ އަމަލެއް ހިންގިކަން ދައްކުވައިދޭ ވީޑިޔޯ ފީތާއެއްގެ ވާހަކަ ނޫސްތަކާއި މީޑިޔާގައި އާންމުވުމުން، އެކަމާ މެދު ޝަމާތަތުގެ ޝުއޫރު ފާޅުކުރެވޭހެން ހީވުމުންނެވެ. އެއްބައެއްގެ ނަޒަރުގައި މިކަން ފެންމަތިވެގެން އުޅެނީ ޖަމާއަތެއް ދެފަޅިވެ، އެއްފަޅި އަނެއްފިޅިގެ އަގު ވައްޓާލަން އުޅުމާއެވެ. ދެން، އެހެން މީހުން ވެސް، ޝަމާތަތުގެ ޝުއޫރު ފާޅުކުރުމުގައި ބައިވެރިވެ، ތިމާމެންނާ އިދިކޮޅު މީހާ އޮޑިދަށުލައި ޗިސްކޮށްލަން މަސައްކަތްކުރަމުން ދެއެވެ.
މިތަނުގައި ސީދާ ގޮތެއްގައި ނޫނީ ނުސީދާ ގޮތެއްގައި ވެސް، މިނަންގަތް ހަޑިހުތުރު އަމަލަކީ އެންމެ ރަނގަޅު ކަމެކޭ ބުނެ އެކަމަށް ފަސްއަޅައި އެކަން އޮއްބާލާކަށް ފަހަރެއްގައި ވެސް ނޫޅެމެވެ. އެއީ މިވާހަކަ ލިޔުމުގެ މަގުސަދެއް ނޫނެވެ. މިވާހަކަ ލިޔުމުގެ މަގުސަދަކީ ތިމާމެންގެ އަމިއްލަ ގައުމުގެ ހާލަތު ވެއްޓިފައި އޮތް އަޚުލާގީ ދަށު ދަރަޖަ ވަޒަންކޮށްލުމެވެ. ޝައްކެއް ނެތް ގޮތުގައި، ހުރިހާ މުޖުތަމައެއްގައި ވެސްމެ، ހަޑިހުތުރު އަމަލުތަކަށް އަރައިގަންނަ މީހުން އުޅެއެވެ. ނަމަވެސް، އެކަންކަން އިޝްތިހާރުކޮށް، އެކަން ކުރާ މީހާއާއި އޭނާގެ ގާތް ތިމާގެ މީހުން ވެސް އެކަމުގައި ހިމަނައި އެ އެންމެން ކުށްވެރިވާ ގޮތަށް ވާހަކަދައްކާ ތަން ވަރަށް ނުފެނެއެވެ. މި ނަންގަތް ހާދިސާއާ ގުޅިގެން ފާހަގަވީ އެއްކަމަކީ މިއެވެ. ބައެއް މީހުންގެ ނަޒަރުގައި އެކަން ކުރި މީހާއާއި އޭނާއާ ގުޅޭ އެންމެން ވެސް ކުށްވެރިވިއެވެ.
ކިތަންމެ ރަނގަޅު އާއިލާއެއްގެ ތެރެއިން ވެސް، ނުރަނގަޅު އަމަލެއް ކޮށްފާނޭ މީހަކު އުފެދިދާނެއެވެ. ނުވަތަ އެފަދަ އާއިލާއެއްގެ މީހަކު އެފަދަ ނުރަނގަޅު އަމަލެއް ކޮށްފާނެއެވެ. މީގެ އެންމެ ރިތި އެއް މިސާލު ކީރިތި ގުރުއާނުން ފެނެއެވެ. ސަލާމްލެއްވި ނޫހުގެފާނުގެ ދަރިކަލުންގެ މިސާލެވެ. އެ ދަރިކަލުން މަގުފުރެދި ދިޔުމަކީ އެ ދަރިކަލުންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުމުގެ ނަތީޖާ ހެއްޔެވެ؟ އެކަމުގައި ނޫހުގެފާނު ކުއްވެރިވޭ ހެއްޔެވެ؟ ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ ގޮތުން، ފަހަރެއްގައި ވެސް އެކަލޭގެފާނުންގެ ދަރިކަލުންގެ އަމަލުތަކާ މެދު އެކަލޭގެފާނު ކުށްވެރިވެ ވަޑައި ނުގަނެއެވެ.
ދެވަނަ ނުކުތާއަކަށް ފާހަގަކޮށްލަން ބޭނުންވަނީ މިކަމަކީ ރޭވިގެން ހިންގުނު އަމަލަކާ ވައްތަރު ކަމެވެ. މިހެން ބުނުމުގެ ބޭނުކަމީ އެކަން ކުރި މީހުން އެކަމުގެ ކުށުން ބަރީއަކުރުމެއް ނޫނެވެ. އެއްވެސް، މީހަކު އެމީހަކު ކުރާ ނުރަނގަޅު އަމަލެއް ވީޑިޔޯކޮށް އިޝްތިހާރުކުރާކަށް ބޭނުންވާނޭހެނެއް ހިޔެއް ނުވެެއެވެ. އެހެންވެ، މި އަމަލު ވީޑިޔޯކޮށްފައިވާނީ އެކަން ކުރާ މީހާއަށް ނޭނގިކަމަށް ލަފާކުރެވެއެވެ. މިއިން އެނގޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. މިއީ މި މީހުން މިކަން ކުރި ފުރަތަމަ ފަހަރަށް ވުމީ ދުރުކަމެއް ކަމެވެ. އަދި، ކޮންމެ ވެސް ބަޔަކަށް މިއީ މި މީހުން ކުރާ ކަމެއް ކަމަށް އެނގި، އެކަން ވީޑިޔޯ ކުރެވޭނޭ ގޮތެއް ހޯދީއެވެ.
ދެން، މިކަމުން ދޭހަވަނީ، މިފަދަ އަމަލުތައް އާންމުވެ ފެތުރިފައިވާ ދަރަޖައެވެ. އާދެ، ތިމާމެންނީ ސައްތައިންސައްތަ މުސްލިމު ޖަމާއަތޭ ބުނެ ދައުވާ ކުރާއިރު، އެ ދައުވާ ހޮއެކަން، މިފަދަ އަމަލުތައް އާންމުވެފައި އޮތް އޮތުން އަންގައިދެއެވެ. އެފަދަ ކަންކަން ކުރުމާއި އެކަންކަން ވީޑިޔޯކުރުމާއި އެ ވީޑިޔޯ ފަތުރައި އާންމުކުރުމާއި މި ހުރިހާ ކަމަކީ ވެސް މި ނަންގަތް ދައުވާއާ ފުށުއަރާ ކަމެއްހެން ހީވެއެވެ.
ޝައްކެއް ނެތް ގޮތުގައި، މިކަން އޮންނާނީ ހަމައެކަނި ރާއްޖޭގެ ތޮށީގެ ތެރޭގައި ހަރުލާފައެއް ނޫނެވެ. މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ވެސް މިކަން ފެތުރިގެންދާނެއެވެ. ދެން، ބޭރުގެ ދުރުމީއަކުން މިފަދަ އަމަލުތަކަށް ބަލާލާއިރު، އެ ދުރުމީއަށް ފެންނާނީ ވަކި މީހެއް ހެއްޔެވެ؟ ނޫނެކެވެ. އެ ދުރުމީހާއަށް ފެންނާނީ މުޅި މުޖުތަމައެވެ. މުޅި މުޖުތަމައަކީ މިފަދަ ފާހިޝް އަމަލުތައް ކުރާ ތަނެއްގެ ގޮތުގައެވެ. އެހެންވެ، ނުރަނގަޅު އަމަލުތައް ކުރާކަން އެނގުމުން، އެކަން އިޝްތިހާރު ނުކޮށް އެކަން ހުއްޓުވުމުގެ މަސައްކަތް ކުރުން މުހިއްމެވެ.
ދެން، އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ކަމާ ބެހޭ ފަރާތަށް ރިޕޯޓުކުރުމެވެ. އެ އަމަލު ކުށްވެރިކޮށް އެފަދަ އަމަލުތަކުން ދުރުހެލިވުމަށް، ރިވެތި ގޮތުގައި، ހިކުމަތްތެރިކަން ބޭނުންކޮށްގެން، އެންމެނަށް ނަސޭހަތްތެރިވުމެވެ. ކުށް ކުރުމުން، އެކަން ކުރާ މީހާއަށް އަދަބު ދިނުމުގެ ބާރާއި އިޚްތިޔާރު ވަކިވަކި ފަރުދުންނަށް ލިބިގެންވޭ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި، ތަނުގެ އަދުލު އިންސާފުގެ ނިޒާމު ބަލިކަށިވެ، އެ ނިޒާމުގެ މައްޗަށް އާންމުގެ އިތުބާރު ނެތިދިޔުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެހެން ވިޔަސް، ގާނޫނުތައް ހިންގާލުމުގެ ބާރާއި އިޚްތިޔާރު ފަރުދުން އަމިއްލައަށް އެމީހުންގެ އަތްމައްޗަށް ލައިފި ނަމަ، އޭރުން އެ ފެންނަނީ މަދަނީ ހައިޖާނާއި އަދި، އެ ހައިޖާނު އުފައްދައިފާނޭ އަހުލީ ތަޅާފޮޅުމެއްގެ ކޮޅުމައްޗެވެ. އެހެންވެ، އަދުލު އިންސާފު ހަރުދަނާކޮށް، އާންމުންގެ އިތުބާރު ނުގެއްލޭ ފަދަ ގޮތެއްގައި ބާއްވަން ޖެހެއެވެ.
މި މަގާމުގައި ހަނދާން ކޮށްލަންޖެހޭ ހަދީސެއް އޮވެއެވެ. އެ ހަދީސްގެ ހެޔޮ މާނަ ދެނެގަތުމަށްޓަކައެވެ. މުންކަރާތެއް ފެނުމުން، 'އެކަން އަތުން ހުއްޓުވޭ މީހާ ހުއްޓުމުގެ' ވާހަކަ އޮންނަ ހަދީސެވެ. މި ހަދީސްގެ މާނައަކީ ފަހަރެއްގައި ވެސް، އަތުގެ މުލައްދަނޑީގެ ބާރު ހުރި މީހާ އެކަން އޭނާ އަތުން ކުރާށޭ ބުނާ ވާހަކައެއް ނޫނެވެ. އެމީހަކަށް އެފަދަ ކަމެއް ކުރުމުގެ އިދާރީ ބާރަކާއި އިޚްތިޔާރެއް އޮންނަ މީހާ އެކަން އެ ގޮތަށް ކުރަންވާނޭ ކަމެވެ. އެހެންވީމާ، ނުރަނގަޅު އަމަލެއް، މުންކަރާތެއް، ކުރާކަން އެނގިއްޖެ ނަމަ، އެކަން ވީޑިޔޯކޮށް އިޝްތިހާރުކޮށް، ޝަމާތަތުގެ ޝުއޫރު ފާޅުކޮށް، ތިމާއީ މަލާއިކަތެއްކަން ދައްކައި ނުހަދައި، ކަމާ ބެހޭ ފަރާތަށް އެންގުން ރަނގަޅުކަމަށް ފެނެއެވެ. ނޫން ނަމަ، އާޚިރުގައި، ފަޟީހަތް ވަނީ ވަކި މީހެއް ނޫނެވެ. މުޅި ޖަމާއަތެވެ.

One Response
ބޭފުޅާ ދަންނަވަންތޯ މީސްތަކުން ދުވާނީ ޒަމާނުގެ ފަހަތުން. މިޒަމާނުގެ އެންމެ ވަރުގަދަ ޑިމޮކްރަސީއެއް އޮތީ އިންޑިއާގަ. އިހަކަށް ދުވަހުވެސް ބޮލީވުޑް ބަޠަލާ ޝާހްރުކްޚާންގެ ދަރި ޕާޓީކޮށް ޑުރަގާއެކު ހައްޔަރުކުރީމާ މުޅި އިންޑިއާގެ ނޫސްތަކުގަ ޝާހުގެ ދަރިއޭ ކިޔައި ވާހަކަ ފެތުރީ. އެހެންވީމަ ރާއްޖޭގަވެސް މަޝްހޫރު އާއިލާއެއްގެ ކުއްޖަކު ގޯސްކަމެއް ކުރީމާ ހަމަ އިންޑިއާގެ ނޫސްތަކަށް ޝާހުގެ ދަރީގެ ވާހަކަ އެރިގޮތަށް މަކުނުކުޅި ކުޅުނު ވާހަކަވެސް އަރާނެ. އެންމެ ބޮޑު އެއްސަބަބަކީ އަހަރެމެން ގިނަ ދިވެހިންނަކީ ބުއްދި އިސްކުރާ ބައެއް ނޫން. މިއީ އިންޑިއާގެ ނުފޫޒު އޮތް ގައުމެއް ވީމާ މިތާގަ ކަންތައްތައް މިދަނީ އިންޑިއާ ދައްކާ މަގުން. އިރުކަލާނގެއަށް އަޅުކަންކުރާ އިވެންޓު ހުއްޓުވަން އިސްލާމްދީނުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީން އެންގީމާވެސް އެކަމަށް ގޮންޖަހައި އިންޑިއާ ރުއްސަން އިރުކަލާނގެއަށް އަޅުކަންކުރަންވެސް މީހުން އެއްކުރީ. އެހެންވީމާ ހެޑިންގަ ތިޔައޮތް ޝަމާތަތު (މަށަށް އައުބަހެއް) ނޫން ކޮންކަމެއް ދެން އޮންނާނީ ދޯ.