Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ވިޔަފާރިވެރިއެއްގެ ހީލަތް

އެއް ދުވަހަކު ވިޔަފާރިވެރިޔަކު ބޭންކަކަށް ދިޔައެވެ. އަދި ބޭންކުގެ ލޯނުދޭ އޮފިސަރާ ބައްދަލުކުރުމަށް އެދުނެވެ. ލޯނުދޭ އޮފިސަރާ ބައްދަލުވުމުން، ވިޔަފާރިވެރިޔާ ބުންޏެވެ. "އަހަރެން މިދަނީ ދުބާއީއަށް ވިޔަފާރި ދަތުރެއްގައެވެ. އެހެންވެ، ފަސްހާސް ޑޮލަރުގެ ލޯނެއް ބޭނުންވެއެވެ."

ދެން ލޯނު އޮފިސަރު ބުންޏެވެ. "ތިޔައީ މައްސަލައެއް ނޫނެވެ. ނަމަވެސް، ކޮންމެވެސް ކަހަލަ ރައްކާތެރިކަމުގެ ގެރެންޓީއެއް ބޭނުންވެއެވެ."

ދެން ވިޔަފާރިވެރިޔާ ބުންޏެވެ. "ބޭންކު ބޭރުގައި މަގުމަތީގައި އެ އޮތީ އަޅުގަނޑުގެ އަގު ބޮޑު ކާރެކެވެ. މި އޮތީ ކާރުގެ ތަޅުދަނޑިއެވެ."

ލޯނު އޮފިސަރު ކާރު ބެލުމަށް ފަހު، އެއީ އަގު ބޮޑު ރޯލްސްރޯއިސް ކާރަކަށް ވުމުން، ކާރުގެ އަގު އެއްލައްކަ ޑޮަލަރަށް ވުރެ ބޮޑުވާނެ ކަމަށް ނިންމައި ވިޔަފާރިވެރިޔާއަށް ފަސްހާސް ޑޮލަރުގެ ލޯނެއް ދިނެވެ. އަދި، ބޭންކުގެ ކަމާ ބެހޭ މުވައްޒިފު ލައްވައި ކާރު ގެންގޮސް ބޭންކުގެ ބިމު އަޑީ ޕާކިން ސަރަހައްދުގައި ކާރު ބޭއްވިއެވެ.

ވިޔަފާރިވެރިޔާގެ ވިޔަފާރި ނިންމާފައި ދެ ހަފްތާ ފަހުން އޭނާ އެނބުރި ރަށަށް އައިސް ބޭންކަށް ދިޔައެވެ. އަދި، އޭނާގެ ލޯނު އަދާކުރުމަށް ފަހު، އޭނާގެ ކާރު ހޯދިއެވެ. އޭނާ ނެގި ލޯނުގެ އިތުރުން އިންޓަރެސްޓުގެ ގޮތުގައި 150 ޑޮލަރު ދައްކަން ޖެހުނެވެ.

އޭނާ ދައްކަން ޖެހޭ ފައިސާ ދައްކައި ނިންމުމުން، ލޯނު އޮފިސަރު އޭނާ ކުރެން އެއްސެވެ. "އަހަރުމެން ކަލޭގެ ހަގީގަތް ބަލައި ހޯދައިފީމެވެ. ކަލެއަކީ ބޮޑު މަހުޖަނެކެވެ. މިލިޔަނަރެކެވެ. ފަސްހާހުގެ ލޯނެއް ނަގާކަށް ކަލެއަކަށް ނުޖެހެއެވެ. އެހެންކަމަށްވާ އިރު، އެ އަދަދުގެ ލޯނެއް ކަލޭ ނެގީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި ވިޔަފާރިވެރިޔާ ބުންޏެވެ. "އެންމެ 150 ޑޮލަރަށް، ދެ ހަފުތާވަންދެން އަހަރެންގެ ކާރު ޕާކުކޮށް ރައްކާތެރިކަން މަތީ ބަލަހައްޓައިދޭނީ ކާކު ހެއްޔެވެ؟"

(ތަރުޖަމާއެއް)