މިއަދަކީ، މި އަހަރު އިރު، އުތުރު ދަނޑިއަށް ދާ ދުވަހެވެ. އަދި ޢަޞުރު ވަޤުތުގެ ހިޔަނި އެންމެ ދިގުކޮށް ހުންނަ އެއް ދުވަހެވެ. މިއަދުގެ ޢަޞުރު ވަޤުތުގައި ހިޔަނި ދެމިފައި ހުންނާނީ 155 ދަރަޖަވީ މިޞްރާބަށެވެ.
މިފަދަ ކަންކަން، ފަލަކީ ޢިލްމުގެ އަލީގައި ހޯދާ ބަލައި ދިރާސާ ކުރުމުން، މާތްﷲ ވޮޑިގެންވާ ކަމުގެ ޢަޤްލީ ހެކިތައް، އެ ކަލާނގެ ލެއްވި ކަންކަމާއި ތަކެތީގައި ވާކަން އެއްވެސް ޝައްކެއް ނެތި ޖެހޭނީ ޤަބޫލުކޮށް އީމާންވާށެވެ.
މާތްﷲ ވޮޑިގެންވާ ކަމުގެ ހެކިތަކުގެ ތެރެއިން އަހަރެން ދުށް އެންމެ މަތިވެރި ޢަޤްލީ އެއް ދަލީލަކީ ވެސް، އިރާއި ހަނދު ޙިސާބެއްގެ މަތީގައި ލެއްވިކަމަށް ކީރިތި ޤުރުއާނުގައި އެ ކަލާނގެ އެންގެވި އެންގެވުމުގެ ތެދުކަން، ފަލަކީ ޢިލްމުގެ ޢަލީގައި އިންކާރު ނުކުރެވޭ މިންވަރަށް ހާމަވާން ހުރި ހުރުމެވެ. އެހެނީ، އާލު ޢިމްރާން ސޫރަތުގެ 190 ވަނަ އާޔަތުގައިވާ ނަޒަރިއްޔާތުން ވިސްނައި ފިކުރު ހިންގުމުން، މި ސޫރަތުގައި ދެން ޖެހިގެން އޮތް 191 ވަނަ އާޔަތުގައިވާ ފަދައިން ހިތާއި ނަފްސުން އިޢުތިރާފުވާން ޖެހޭތީއެވެ.
ސޫރަތުލް އަންޢާމުގެ 96 ވަނަ އާޔަތާއި، އައްރަޙްމާނު ސޫރަތުގެ ފަސް ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ޙިސާބުގެ އަލީގައި ކުރިޔާލައި އިރާއި ހަނދު ހުންނާނެ ތަނާއި މިޞްރާބާއި ބިމާ އޮލަނބުވާނޭ ޕޮޒިޝަނާއި އަރައި އޮއްސޭ ވަޤުތާއި އަހަރުގެ އެކިއެކި ދުވަސް ދުވަހާއި މައްސަރުތަކުގެ އެކިއެކި ދުވަސްދުވަހު ހުންނާނޭ ޢަރުޟާއި ޠޫލު، ސިކުންތާއެކު ކުރިޔަށް ދެނެގަނެ ކަށަވަރު ކުރެވޭން، އޮންނަކަމީ، އިސްވެދިޔަ ދެ އާޔަތުގައިވާ ފަދައިން، އިރާއި ހަނދު ޙިސާބެއްގެ މަތީގައި ލައްވާފައިވާކަން، އެ ޙިސާބު ދަންނަ މީހުން އިޢުތިރާފުވާންޖެހޭ ޙަޤީޤަތެކެވެ.
އެހެން ކަމުން، އެ ކަން، ކީރިތި ޤުރުއާނުގައި މާތް الله سبحانه وتعالى ވަޙީކުރައްވައި، ކީރިތި މާތް ނަބިއްޔާ މުހައްމަދު ﷺ ގެ ދޫފުޅުން އިއްވަވައި ބަޔާން ކުރައްވާފައިވާ ފަދައިން ޢިލްމުގެ އަލީގައި ޢަޤްލީގޮތުން އެނގޭން އޮންނާތީ، އެކަންކަން އެފަދައިން ހުރިކަން ޢިލްމަށް، ކަށަވަރުވާ މީހުން، މާތް الله سبحانه وتعالى އާއި، ކީރިތި މާތް ނަބިއްޔާ މުހައްމަދު ﷺ އާމެދު، އިންކާރެއްކޮށް ޝައްކެއް ވެސް ކުރެވޭނޭ ތަނެއް ނުވަތަ ޖާގައެއްް ވިޔަސް ނޯންނާތީ، މާތްﷲ އާއި ރަސޫލާ އާއި ޤުރުއާން ވެސް ޖެހޭނީ ޤަބޫލުކޮށް ހިތުގެ އަޑީން ތެދުކޮށް އީމާންވާށެވެ. އީމާނުގެ އަހުލުވެރީން ނަމަ އެމީހުންގެ އީމާންކަން ވާނީ ވަރުގަދައެވެ. އެހެނީ، ޙިސާބުގެ އަލީގައި އެކަންކަން އިންސާނިއްޔަ ސަލާމަތް ބުއްދިއަށް އިންކާރު ނުކުރެވޭނޭ މިންވަރަށް ޔަޤީންވެ ކަށަވަރުވާތީއެވެ.

އެ ނަޒަރުން ދިރާސީ ބެލުމަކުން ބަލާއިރު، ދުނިޔެ އެ ސޯލާ ސިސްޓަމެއްގައި ހިމެނޭ އިރުގެ ވަށައިގެން 365.25 ދުވަހުގެ ވަޤުތުގެ މިންވަރުގައި ފުރިހަމަކުރާ ފަލަކުގައި ހިނގާ ހިނގުމުގައި ކޮންމެ ޑިސެމްބަރު މަހެއްގެ 22 ވަނަ ދުވަހު ޚައްޠުއިސްތިވާގެ ދެކުނުން 23 ދަރަޖަ 26.3 ދަގީގު ދެކުނަށް، ނުވަތަ ޓްރޮޕިކް އޮފް ކެޕްރިކޯން (ދެކުނު ދަނޑި) އަށް ދާ ދިއުމާއި، ކޮންމެ މާރިޗު މަހެއްގެ 20 ވަނަ ދުވަހު ޚައްޠުއިސްތިވާއަށް އަންނަ އައުމާއި، ކޮންމެ ޖޫން މަހެއްގެ 21 ވަނަ ދުވަހު ޚައްޠުއިސްތިވާގެ އުތުރުން 23 ދަރަޖަ 26.3 ދަގީގު އުތުރަށް ނުވަތަ ޓްރޮޕިކް އޮފް ކެންސަރ (އުތުރު ދަނޑި) އަށް ދާ ދިއުމާއި، ކޮންމެ ސެޕްޓެމްބަރު މަހެއްގެ 22 ވަނަ ދުވަހު ޚައްޠުއިސްތިވާއަށް އަންނަ އައުމަކީ ވެސް، ޙިސާބެއްގެ މަތީގައި އިރު ލެއްވިކަމަށް އެންގެވި އެންގެވުމުގެ ތެދުކަން ކަށަވަރުވާ، އިންކާރު ނުކުރެވޭނޭ ޢަޤްލީ ދަލީލުތަކެކެވެ. އަދި އެއީ، ޔާސީން ސޫރަތުގެ 38 ވަނަ އާޔަތުގެ އެއް ޙަޤީޤަތް، ޝައްކެއް ނެތި ޤަބޫލުކުރާން ޖެހޭ އަލިގަދަ އެއް ދަލީލު ވެސް މެއެވެ.
ހަމަ އެފަދައިން، އިރާއި ހަނދާއި ތަރިތަކުން ދުނިޔޭގެ ދިމަދިމާ ނުވަތަ ވަކިތަނެއް އޮންނަ މިޞްރާބު، އިރު ނުވަތަ ހަނދު ނުވަތަ ތަރިއެއް އެތަނާ އެއް މިޞްރާބު (އެއްއުއި) ވާ ވަގުތު ކުރިޔާލައި ދެނެހަނެގެން ހޯދޭން އޮންނަ އޮތުމަކީ، ސޫރަތުލް ފުރްޤާނުގެ 45 ވަނަ އާޔަތުގައިވާ "ހިޔަނިދެންމެވި" ގޮތުގެ ޢިލްމުގައި އެކުލެވިގެންވާ ޢިލްމީ ޙަޤީޤަތުގެ އަލީގައި، މާތްﷲ އާއި ކީރިތި މާތް ނަބިއްޔާ މުހައްމަދު ﷺ އާއި ޤުރުއާން، ތެދުކޮށް އީމާންވާންޖެހޭ ވަރުގަދަ އަލިގަދަ ޢިލްމީ ޢަޤްލީ ދަލީލެކެވެ.
ހިޔަނި ދެމޭ ގޮތުގެ ޢިލްމުން ހޯދޭ ކަންކަމުގެ ތެރެއިން ވަކިތަނެއް ވީ ދިމާ ދެނެގަނެވޭ ކަމުގެ ތެދުކަން ޔަޤީން ކުރާން ބޭނުން ނަމަ، 21 ޖޫންގައި ވެސް، މާލޭ ގަޑިން 14:44 ގައި، ދެމިފައިވާ ހިޔަނިން %100 އަށް ޤިބްލަވީ ދިމާ ދެނެގަނެވޭނެއެވެ. އަދި ދެމިފައިވާ ހިޔަނިން ސީދާ ޤިބްލަވީ ދިމާ ހޯދުމަކީ، ވަކި ދުވަހަކަށް އޮތް ކަމެއް ވެސް ނޫނެވެ.
މިއަދު މާލޭ ގަޑިން 14:44ގައި، މާލެއާއި ހުޅުލެއާއި ހުޅުމާލެއާއި ވިލިމާލޭގައި އޮލަނބަށް ހުންނަ ތަކެތީން ދެމޭ ހިޔަނީގެ ހުޅަނގު އުތުރަށް ހުންނަކޮޅު ހުންނާނީ ސީދާ ޤިބްލަވީ ދިމާއަށެވެ.
ޤިބްލައަށް ހުރި މިސްކިތެއް ނަމަ، އެވަގުތު މިސްކިތުގެ ހިޔަނި ދެމިފައިވާ ގޮތާއި މިސްކިތާ އަޅުވައި ބަލައިލުމުންނާއި ނުވަތަ އެވަޤުތު އޮލަނބަށް ހުންނަ އެއްޗަކުން ދެމިފައިވާ ހިޔަނީގެ ހުޅަނގު އުތުރަށްވީ ދިމާޔަށް ދާ ކޮޅު ހުންނަ ދިމާ ބަލައިލުމުން، ޤިބްލައަށް ބަރާބަރަށް ހުރި މިސްކިތެއްގެ މިޞްރާބާ އެ މިސްކިތެއްގެ ހިޔަނި ތަފާތެއް ނުވާނެއެވެ.
އަދި ޤިބްލައަށް ހުރި މިސްކިތެއްގެ ކުރިމަތީގައި މިސްކިތުގެ މެދާ ދިމާވާ ގޮތަށް މިސްކިތުގެ ކުރިމަތީގައި ހުރެފައި މިސްކިތުގެ މަތީން އިރު ފެންނަ ގޮތަށް މިސްކިތުގެ މެދާ އިރު އަޅުވައި ބަލައިލުމުން އިރު ހުންނާނީ މިސްކިތުގެ ސީދާ މެދުގައި ޤިބްލަވީ ދިމާގައިކަން ހާމަވާނެއެވެ.
އެހެންކަމުން، މިފަދަ ޙާލަތް ތަކުގައްޔާއި ދުވަސްދުވަހު މިފަދަ ފަލަކީ ކަންކަމަށް ފާރަލައި ބެލުމަކީ، އިލާހީ ހެކިތައް އެނގި ކަށަވަރުވެ އީމާންކަން ވަރުގަދަ ވާނޭ ކަމެކެވެ. އަމުރުގެ ޞީޣާގައި އޮތް ޔޫނުސު ސޫރަތުގެ 101 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި މިފަދަ ކަންކަން ވެސް ހިމެނޭކަމީ ޤަބޫލު ކުރާންޖެހޭ ކަމެކެވެ.
