ތަރުޖަމާ: އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު
ތިރީގައި ގެނެސްދީފައި މިވަނީ އަޅުގަނޑުގެ ބައްޕަ އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދުގެ ޝާއިއު ނުކުރެވި ހުރި ބައެއް ލިޔުންތަކުން ލިޔުމެކެވެ. މި ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ބައެއް އިސްލާމީ ވާހަކަތަކާއި އަދި ނަބީބޭކަލުންގެ ވާހަކަތަކެވެ.
އެންމެ ފުރަތަމަ މިހުށަހަޅާލަނީ "ފައިވާން މަރާމާތުކޮށް ހަދާމީހާގެ ހައްޖު"ގެ ވާހަކައެވެ. މިވާހަކައިގެ ރިސާލަތަކީ އެކަކު އަނެކަކަށް ލޯބިކުރުމާއި އިހުތިރާމުކުރުމާއި އަދި ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިކަންވެސް ފޯރުކޮށް ދިނުމެވެ. މިވާހަކައިގެ މުގައްދިމާއެއްގެ ގޮތުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްމީހުންނަށް ކަމޭހިއްތަވައި އެހީތެރިކަން ފޯރު ކޮށްދެއްވުމަށް އިސްކަން ދެއްވާ މިންވަރު ހާމަ ކޮށްދޭ ވާހަކަ ކޮޅެއްވެސް ހުށަހަޅާލާނަމެވެ.
ނިކަމެތިންނަށް އެހީތެރިވެ ވަޑައިގަންދެއްވުން
މާތްވެގެންވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ލޯބިފުޅުކުރައްވާ އެއްކަމަކީ، ބޭނުން ޖެހިފައިވާ ނިކަމެތި ފަގީރުންނަށް އެހީތެރިވެ ވަޑައިގެން ދެއްވުމެވެ.
އެއްދުވަހަކު ނަމާދަށް ބަންގި ގޮވުމުން، މީސްތަކުން އާދަވެގެން ކަންތައް ކުރަމުން ގެންދާފަދައިން، ނަމާދު ކުރުމަށްޓަކައި އެއްވެ ޖަމާވެއްޖެއެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިމާމުކަމުގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރުމަށެވެ. ނަމާދަށް ގަމަތްދޭން ތައްޔާރުވިތަނާހެން، ކުއްލިއަކަށް، މީހަކު ވަރަށް ހަލުއިކަމާއެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް، ވަރަށް މަޑުމަޑުން، ވައިއަޑަކުން، ދެންނެވިއެވެ. “އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ މަސައްކަތެއް ނުނިމިގެން ވަރަށް ދަތިވެގެންނެވެ. އެހިނދު އެކަލޭގެފާނު، މިސްކިތުން ފައިބައިވަޑައިގެން، އޭނާގެ ގެއަށް ވަޑައިގަތެވެ. ނަމާދަށް އެއްވެ ޖަމާއަތުގައި ތިބިމީހުން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވަންދެން އިންތިޒާރު ކޮށްލައިގެން ތިބުމަށް ވިދާޅުވެލެއްވުމަށް ފަހުގައެވެ. ނިކުމެވަޑައިގެން އިރުކޮޅެއްވުމަށްފަހު އެނބުރި ވަޑައިގަތެވެ. އަދި، ޖަމާއަތުގެ ނަމާދު ކުރިއަށް ގެންދަވައި ފުރިހަމަ ކުރެއްވިއެވެ.
އުސާމާ ބިން އުމައިރު ވިދާޅުވެފައިވާ ފަދައިން، އިސްވެދިޔަފަދަ ހާދިސާތައް ވަރަށް ގިނައިން ދިމާވެއެވެ. މީސްތަކުން އެއްވެ ނަމާދަށް ސަފު ހަދާލާ ވަގުތު އަދި ގަމަތްވެސް ދޭން ތައްޔާރުވާ ފަހުން ކޮންމެވެސް މީހަކު ކީރިތި ރަސޫލާގެ އަރިހުން ކޮންމެވެސް ކަމަކާމެދު ލަފާފުޅަކަށް ދަންނަވާ ހަދައެވެ. މިފަދަ ވަގުތުތަކުގައި މާތްވެގެންވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުވެސް ވަގުތު ހޯއްދަވައިގެން އެފަދަ މީސްމީހުންގެ ވާހަކަތައް އައްސަވައި އެމީހުން ބޭނުންވާކަމަކާ ގުޅޭގޮތުން ލަފަޔާ މަޝްވަރާ ދެއްވައެވެ. އެހީއަކަށް އެދޭ މީހާއަށް އެހީވެ ވަޑައިގެން ދެއްވެން އޮތްގޮތަކަށް އެހީވެދެއްވާ ހައްދަވަތެވެ.
ބައެއް ފަހަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަތީގައި ބަޔާންވެދިޔަ ފަދައިން، ކަމެއްގައި ބޭރަށް ވަޑައިގަތުމުން، އެއްވެފައި ތިބި ޖަމާއަތުގެ މީހުން، އިށީނދެ، އިންތިޒާރުގައި ތިބެނީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެހީފުޅަކަށް ބޭނުންވެގެން އުޅޭ މީހަކު އެދޭ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަން މީސްތަކުންނަށް އޮންނަނީ އެނގިފައެވެ.
އާދައިގެ މުސްލިމުންގެ ބޭނުންކަންތައް ކޮށްދެއްވުމަކީ ނަމާދަށް ތައްޔާރުވެ ވަޑައިގަންނަވާ ވަގުތުގައިވެސް މުހިއްމުކަން ދެއްވާކަމެއްކަން އިސްވެދިޔަ ވާހަކަތަކުން ރަނގަޅަށް ދޭހަވެއެވެ. އާދެ، ދެން، ފައިވާން މަރާމާތުކޮށްހަދާ މީހާގެ ހައްޖުގެ ވާހަކަ ވިދާޅުވެލައްވާށެވެ.
ފައިވާން މަރާމާތުކޮށްހަދާ މީހާގެ ހައްޖު
އާއްމުގޮތެއްގައި ހުވަފެނަކީ ސީދާ ތެދު އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ހުވަފެނަކީ އަދި ވަކީން ޚާއްސަގޮތެއްގައި ނަބީބޭކަލުންނާއި ހެޔޮލަފާ ތެދުވެރި ތަގުވާވެރި ބައެއް ބޭކަލުންގެ ހުވަފެންތަކަކީ ސީދާ ތެދު އެއްޗެކެވެ.
އެއްފަހަރަކު އަބްދުﷲ ބުނު މުބާރަކު ހައްޖަށް ވަޑައިގަތެވެ. ހައްޖުގެ ހުރިހާ ކަމެއް ނިމުމަށްފަހު ވަރަށް ބޮޑަށް އަވަހާރަފުޅު ލައްޕަވައިގަނެގެން ތަޅުންގަނޑު މަތީގައި އޮށޯވެ ވަޑައިގަތެވެ. އޭނާ އަވަހާރަ ލައްޕަވައިގެން އޮންނަވަނިކޮށް ހުވަފެންފުޅުގައި ފެނިވަޑައިގަންނަވަނީ ދެމަލާއިކަތުން އުޑުން ފައިބައިވަޑައިގަންނަވާތަނެވެ. އެދެމަލާއިކަތުން ވާހަކަ ދައްކަވަމުން ވަޑައިގަތީ ހައްޖާ ބެހޭ ގޮތުންނެވެ. އެތަނުން އެއް ބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވިއެވެ. މިއަހަރު ހައްޖަށް ދިޔައީ ކިތައް މީހުން ހެއްޔެވެ؟ ޖަވާބުގައި އަނެއް ބޭކަލަކު ވިދާޅުވިއެވެ. މިއަހަރު ހައްޖައް ދިޔައީ ހަ ލައްކަ މީހުންނެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. މިއެންމެންގެ ތެރެއިން ހައްޖުގެ ނަސީބު ލިބުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޖަވާބުގައި އަނެއް ބޭކަލަކު ވިދާޅުވިއެވެ. އެއްވެސް މީހަކަށް ހައްޖުގެ ނަސީބެއް ނުލިބެއެވެ. އެއްވެސް މީހެއްގެ ހައްޖެއް ގަބޫލެއް ނުކުރައްވައެވެ.
އަބްދުﷲ ބުނު މުބާރަކު ހިތްޕުޅު ތެރޭގައި ވިދާޅުވިއެވެ. ކިހާ ދެރަގޮތެއް ހެއްޔެވެ! އަދި ވަރަށް ބޮޑަށް ހިތާމަ ކުރައްވައި ވިދާޅުވެލެއްވުނެވެ. ނުހަނު ދުރު ރަށްރަށުން ދަތުރުކުރުމުގެ ބޮޑު އުނދަގުލާއި މުސީބާތްތައް އުފުލުމަށްފަހު، ހައްޖަށް އައިސްގެން އެމީހުންނަށް އެލިބުނީ ކިހާބޮޑު ދެރަކަމެއް ހެއްޔެވެ! އަބްދުﷲ ބުނު މުބާރަކު މިގޮތަށް ޚިޔާލު ކުރައްވަމުން ގެންދެވިއިރުވެސް އެދެމަލާއިކަތުން ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އަދި މިތަނުން އެއްމަލާއިކަތަކު ވިދާޅުވާ އަޑު އެކަލޭގެފާނު އެއްސެވިއެވެ. އަލީ ބުނު އަލްމުވައްފަޤު ނަމަކަށް ކިޔާ ފައިވާން ހަދާ މީހަކު ދިމިޝްގުގައި އުޅެއެވެ. އޭނާ ހައްޖަކަށް ނާދެއެވެ. އެކަމަކު އޭނާގެ ހައްޖު މާތްﷲ ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާގެ ހައްޖުގެ ސަބަބުން މިއަހަރު ހައްޖަށް ދިޔަ އެންމެންގެ ހައްޖުގައި ބަރަކާތްލައްވައި އެމީހުންގެ ހައްޖުވެސް ގަބޫލު ކުރައްވައިފިއެވެ.
އަބްދުﷲ ބުނު މުބާރަކަށް ހޭފުޅު ލެއްވުނު އިރު ދެމަލާއިކަތުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ރަނގަޅަށް ހަދުމަފުޅު ހުއްޓެވެ. އަދި ހަމަ އެހެންމެ ދިމިޝްގުގައި އުޅޭ އަލީ ބުނު އަލްމުވައްފަޤުގެ ނަންވެސް ހަނދުމަފުޅު ހުއްޓެވެ. ވުމާއިއެކު، އަބްދުﷲ ބުނު މުބާރަކު ގަސްދުކުރެއްވީ ދިމިޝްގަށް ވަޑައިގެން އަލީ ބުނު އަލްމުވައްފަޤު ހޯއްދަވައި އޭނާއާ ބައްދަލު ކުރެއްވުމަށެވެ.
މިގޮތަށް ގަސްދު ކުރައްވައި ނިންމަވައިގެން އަބްދުﷲ ބުނު މުބާރަކު ދިމިޝްގަށް ވަޑައިގަތެވެ. އަދި އެރަށު މީހުންނާއި ސުވާލު ކުރައްވައި އަލީ ބުނު އަލްމުވައްފަޤު އޭ ކިޔުނު ފައިވާން މަރާމާތުކޮށްހަދާ މީހާގެ ވާހަކަ އައްސަވައި އޭނާ ހޯއްދެވިއެވެ. އަދި، އޭނާގެ ގެ އެނގިވަޑައިގަތުމުން އެގެއަށް ވަޑައިގެން، އެގޭ ދޮރުގައި ޓަކިޖެއްސެވިއެވެ. އެހިނދު އެގޭ ދޮރު ހުޅުވާލައިފައި މީހަކު ނިކުތެވެ. ދެން، ސަލާމް ބަދަލު ކުރެއްވުމަށްފަހު، އަބްދުﷲ ސުވާލު ކުރެއްވިއެވެ. އޭ އަޚާއެވެ، އިނބަގެ ނަމަކީ ކޮބާ ހެއްޔެވެ؟ ޖަވާބުގައި، އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ނަމަކީ އަލީ ބުނު އަލްމުވައްފަޤެވެ. އަބްދުﷲ އެއްސެވިއެވެ. އިނބަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ކޮބާ ހެއްޔެވެ؟ އަލީ ދެންނެވިއެވެ. އަޅުގަނޑު ކުރާ މަސައްކަތަކީ ފައިވާން މަރާމާތުކޮށް ހެދުމެވެ. ދެން، އަބްދުﷲ އެކަލޭގެފާނުގެ ހުވަފެންފުޅުގެ ވާހަކަ ކިޔައިދެއްވިއެވެ. އަދި، ހައްޖުގެ ވާހަކަވެސް ކިޔައި ދެއްވިއެވެ. އަދި ހަމަ އެއާއެކު ދެމަލާއިކަތުންގެ މެދުގައި ދެކެވުނު ވާހަކަތައް ވެސް ކިޔައި ދެއްވިއެވެ. ދެން، އަބްދުﷲ ވިދާޅުވިއެވެ. މިހާރު ދެން އިނބަގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދޭންވީ ނޫން ހެއްޔެވެ؟
އެންމެ ފުރަތަމަ އަލީ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް ފަހުން އަބްދުﷲގެ ފަރާތްޕުޅުން ހިތްވަރު ލިބިގެން ހިތްހަމަޖެހިގެން ހުރެ އަލީ އޭނާގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
‘ވޭތުވެދިޔަ ތިރީހަކަށް އަހަރު ވަންދެން ހައްޖަށް ދިއުމަށްޓަކައި، އަޅުގަނޑު ފައިސާ އެއްކުރަމުން ގެނައީމެވެ. މިހާތަނަށް އަޅުގަނޑަށް އެއްކުރެވުނީ ތިންހާސް ދިރުހަމެވެ. އަދި އަޅުގަނޑު ރާވައި ގަސްދުކޮށްގެން ހުރީ މިއަހަރު ހައްޖައް ދިއުމަށެވެ. ނަމަވެސް ކުއްލިއަކަށް ދިމާވި ކަމަކީ އަޅުގަނޑުގެ އަންހެނުން ބަލިވެ އިނުމެވެ. އަދި، އެއްދުވަހަކު، އަޅުގަނޑުމެން ގެއާއި ޖެހިގެން ހުރި އަވަށްޓެރިގޭގައި މާ މީރު އެއްގަމު މަހުގެ ރިހައެއް ކައްކާވަސް އަންހެނުންނަށް ދުވައިގެން، އެގެއިން ރިހަފޮދެއް ހޯދައިގެން ގެނެސްދިނުމަށް އަންހެނުން އެދުނެވެ. ދެން، އަޅުގަނޑު، އަވަށްޓެރިޔާގެ ގެއަށް ގޮސް، ރިހަ ފޮދަކަށް އެދުނީމެވެ. އެހިނދު އަވަށްޓެރިޔާ ބުންޏެވެ. މިކައްކާ މަހަކީ އިނބައަށް ހަލާލުވާނޭ މަހެއް ނޫނެވެ. އެއީ މިރިހައަކީ މަގުމަތީ މަރުވެފައިއޮތް ހިމާރަކުން ނެގި މަސްބުރިއަކުން ކައްކާ ރިހައެކެވެ. މިކަން ވީގޮތަކީ މިއެވެ. އަހަރެންގެ ޅަދަރީންކޮޅު އެއްވެސް އެއްޗެއް ނުކައި ހައިހޫނުކަންމަތީ ތިބޭތާ ހަފްތާއެއް ވެއްޖެއެވެ. އެކުދިން ބަނޑަށް މަރުވާތަން ބަލަން ހުންނާކަށް އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. ދެން، ކަންދިމާވި ގޮތަކީ މަގުގެ އަނެއްފަރާތުގައި މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮތް ހިމާރުގަނޑެއް އަހަންނަށް ފެނުނީއެވެ. ދެން އެއެތިން މަސްގަނޑެއް ކަނޑައިގެން އައިސް މި ރިހަ ކެއްކީއެވެ. މިމަހުން ކައްކާ ރިހައެއް އިނބައަށް ދޭކަށް އަހަންނަކަށް ނުކެރޭނެއެވެ. އެއީ، ކުރިންވެސް ބުނިހެން، މިމަހެއް އިނބައަކަށް ހަލާލެއް ނުވާނެއެވެ. އަދި، އެއީ އިނބަގެ އަންހެނުންނަށް ދޭން ރަނގަޅު އެއްޗެއްވެސް ނޫނެވެ.
"އަވަށްޓެރިޔާގެ ވާހަކަ މިހިސާބަށް ދިޔުމުން، އޭނާގެ ހާލާ މެދަށް، އަޅުގަނޑު ވަރަށް ބޮޑަށް ހަމްދަރްދީ ވެވިއްޖެއެވެ. އަދި، ވަރަށް ބޮޑަށް ލަދުވެތިވެސް ވިއެވެ. އެހެނީ އަޅުގަނޑު އަތުގައި ތިންހާސް ދިރުހަމު އެބަހުއްޓެވެ. އެކަމަކު އަޅުގަނޑުގެ އަވަށްޓެރިމީހާ ކާނެ އެއްވެސް އެއްޗެއް ނެތި ބަނޑުހައިޙޫނުކަމުގައި ހަތްދުވަސް ވަންދެން، އަޅުގަނޑަށް ނޭނގި، ހުރެއްޖެއެވެ. މިކަން ހިތަށް އަރުވާލައިފައި، އަޅުގަނޑު ގެއަށް ދިޔައީމެވެ. އަދި އަޅުގަނޑު ހައްޖަށްދިޔުމަށްޓަކައި ރައްކާކޮށްފައި ހުރި ތިންހާސް ދިރުހަމު ހިފައިގެން އައިސް އަޅުގަނޑުގެ އަވަށްޓެރިޔާއަށް ދީފީމެވެ. އަދި އޭނާ ގާތު ބުނީމެވެ. މިހިރީ ފައިސާއެވެ. އިނބަގެ ކުދި ދަރީންނަށް މިފައިސާއިން ރަނގަޅަށް ކާންދޭށެވެ. ފައިސާ ހުސްވަންދެން ފައިސާގެ ބޭނުންކުރާށެވެ. އާދެ، މިއީ އަޅުގަނޑުގެ ހައްޖެވެ."
އަބްދުﷲ ބުނު މުބާރަކު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަން ހުންނަވައި ރަށަށް ވަޑައިގަތެވެ. އަދި، އަމިއްލަފުޅަށް ހިތްޕުޅުގެ ތެރޭގައި ވިދާޅުވެލެއްވިއެވެ. އަހަންނަށް ހުވަފެނުގައި ފެނުނު އެމަލާއިކަތުން ދެއްކެވީ ހަމަ ތެދުވާހަކަފުޅެކެވެ.

One Response
ކޮލަމް ކޯދުގެ އާޓިކަލްތައް ވ ވެސް ފުރިހަމަ….ވ ގިނައިން ކިޔަން…