ފަލަކީ މި ޒާތުގެ ތޮއްޖެހުމަކީ ޒަމާނާއި ވަގުތުގެ ތެރެއިން ވަރަށް ވެސް މަދުން ނޫނީ ދިމާނުވާ ފަލަކީ ޙާލަތެކެވެ. އަހަރުމެންގެ ސޯލާ ސިސްޓަމުގެ ހުރިހައި ގުރަހައެއް އެއް ރޮނގަކަށް ދިމާވެ ތޮއްޖެހި އެތުރިގެންވާ މި ރީތި މަންޒަރު މި ހިނގާ ޖޫންމަހުގެ 17 ވަނަ ވިލޭރެއިން ފެށިގެން 27 ވަނަ ވިލޭރޭގެ ނިޔަލަށް ރޭތަކުގެ ފަތިސް ވަގުތުގައި ފެންނާނެއެވެ.
ޖޫން 19 ވިލޭރޭ ފަތިހު މާލޭގަޑިން 5:00 އިން ފެށިގެން 5:56 ގައި އިރު އުދަ ވުމާ ހަމައަށް އިރު ފިޔަވައި އަހަރުމެންގެ ސޯލާސިސްޓަމުގައިވާ ހުރިހައި ގުރަހައެއް އުދަވެ ފެންނާން ހުންނާނެއެވެ. ޖޫން 19ގައި މަކަރަ ރާހީގައި ޕްލޫޓޯ ހުންނާނެއެވެ. ޒުޙަލާއެކު ހަނދު ކުންބަ ރާހީގައި ހުންނައިރު ނެޕްޗޫން މީންޏަ ރާހީގައި ވެއެވެ. މޭސަ ރާހީގައި މުސްތަރީއާއި މިއްރީޚު ވެއެވެ. އިސަބަ ރާހީގައި ޔޫރޭނަސް އާއި ޒުހުރަތު ވެއެވެ. މިތުނަ ރާހީގައި ޢަޠާރިދާއި އިރު ވެއެވެ.
ޖޫން 19 ވާ އާދީއްތަ ދުވަހު ހެނދުނު 5:56 ގައި އިރު އުދަވުމުން ފެށިގެން އެދުވަހުގެ ހެނދުނު 08:15 ގައި ޕްލޫޓޯ އޮއްސުމާ ހަމައަށް ނުވަތަ 10:42 ގައި ހަނދު އޮއްސުމާ ހަމައަށް އަހަރުމެންގެ ސޯލާސިސްޓަމުގައި ހުރި ހުރައިހައި ގުރަހައެއް ހުންނާނީ އުދަވެފައެވެ.
ހުރިހާ ގުރަހަޔާއި ހަނދު އެއްރޮނގެއްގައި ހުންނަ ސިފައިގައި ފެންނަނީ އީކުއޭޓަރުގެ ދެފަރާތުން 30 ދަރަޖައިގެ ފޭގައިވާ ސަރަޙައްދު ތަކަށެވެ.
ޖޫން 19 ވަނަ ދުވަހު ކުންބަ ރާހީގެ 25 ދަރަޖައިގައި ހުންނަ ޒުޙަލާއެކު މީންޏަ ރާހީގެ 00 ދަރަޖައިގައި ހަނދު ހުރެއެވެ. ޖޫން 20 ވަނަ ދުވަހު ޒުޙަލާއި ނެޕްޗޫނާ ދެމެދުން މީންޏަ ރާހީގައި ހަނދު ހުރެއެވެ. އަދި 21 ވަނަ ދުވަހު ނެޕްޗޫނާއި މުސްތަރީއާއި ދެމެދުގައި މީންޏަ ރާހީގައި ހަނދު ހުރެއެވެ. ޖޫން 22 ވަނަ ދުވަހު މުސްތަރީއާއި މިއްރީޚާއި ދެމެދުގައި މޭސަ ރާހީގައި ހަނދު ހުރެއެވެ. އަދި 23 ވަނަ ދުވަހު މިއްރީޚާއި ޔޫރޭނަސްއާއި ދެމެދުން މޭސަ ރާހީގައި މިއްރީޚާއެކު ހަނދު ހުރެއެވެ. ޖޫން 24 ވަނަ ދުވަހު މިއްރީޚާއި ޔޫރޭނަސް އާއި ދެމެދުން ޔޫރޭނަސްއާއެކު އިސަބަ ރާހީގައި ހަނދު ހުރެއެވެ. އަދި 26 ވަނަ ދުވަހު ޒުހުރަތާއެކު މިތުނަ ރާހީގައި ހަނދު ހުރެއެވެ. ޖޫން 27 ވަނަ ދުވަހު ޒުހުރަތާއި ޢަޠާރިދާ ދެމެދުން ޢަޠާރިދާއެކު މިތުނަ ރާހީގައި ހަނދު ހުރެއެވެ. ޖޫން 27 ވަނަ ދުވަހަކީ ހިނގަމުންދާ ޛުލްޤަޢިދާ މަހުގެ ޢުރުޖޫނިލް ޤަދީމިގެ ދުވަސްކަމަށްވާތީ، 27 ވަނަ ދުވަހާ ޖެހިގެން އަންްނަ 28 ވަނަ ދުވަހަކީ ކަޅުހަނދުގެ ދުވަސްކަމުގައި ވުމުން، 28 ވަނަ ދުވަހު އިރަށް ވުރެން 49 މިނެޓް ކުރިން ހަނދު ފަތިހުގައި އުދަވީނަމަވެސް ހަނދެއް ހަމަލޮލަކަށެއް ނުފެންނާނެއެވެ.

ގުރަހަތައް ތޮއްޖެހުމުގެ މި ޙާލަތަކީ ރާއްޖެއަށް މޫސުމީ ގޮތުން އަންނަ އެންމެ ގަދަފަދަ ދެނަކަތުގެ ތެރެއިން އަދަނަކަތުގެ ދުވަސްވަރުކަމަށްވާތީ ވިއްސާރަވެ މާބޮޑަށް އުޑުމަތީގައި ވިލާ ބޯނަމަ ރާއްޖޭން މި މަންޒަރު ބެލުމުގެ ފުރުޞަތު ނުލިބުމީ ދުރުކަމެއް ނޫނެވެ.
ނަމަވެސް، ބޯވިލާއިން އުޑުމަތި ބަނަ ނުވާނަމަ އުޑުމަތި ނުސާފުކޮށް ހުއްޓަސް ގުރަހަތަކުގެ އަލިކަން ރީތިކޮށް ފާޅުވާނެއެވެ.
