Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މަރުވެފައިވާ ދެ އަންހެނެއް ދެމެދު ދެކެވުނު ވާހަކައެއް

ފުރަތަމަ އަންހެނާ: ރަހުމަތްތެރިޔާއެވެ! ކަލޭ މަރުވީ ކިހިނެއް ހެއްޔެވެ؟

ދެވަނަ އަންހެނާ: އަހަރެން މަރުވީ ގަނޑުވެގެންނެވެ.

ފުރަތަމަ އަންހެނާ: އެހެންވީމާ ކަލޭ މަރުވާނީ ވަރަށް ވޭނުގައި އުޅުމަށް ފަހުތާއެވެ؟

ދެވަނަ އަންހެނާ: ނޫނެކެވެ. އެންމެ ފުރަތަމަ ފިނިވިކަން އިހުސާސުވިއެވެ. ދެން ފިނި ގަދަވެ، އިރުކޮޅަކުން ވީނުވީއެއް ނޭނގުނެވެ.

ދެން އެންމެ ރަނގަޅެވެ. ކަލޭ މަރުވީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ އަންހެނާ: އަހަރެންގެ ހިތް ހުއްޓުނީއެވެ.

ދެވަނަ އަންހެނާ: ހިތް ހުއްޓުނީ ކިހިނެއްވެގެން ހެއްޔެވެ؟ އެކަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ފުރަތަމަ އަންހެނާ: އަހަރެން އަހަރެންގެ ފިރިމީހާ، އެހެން އަންހެނަކާ ހިތާވެގެން އުޅޭކަމާ މެދު ޝައްކުކުރެވުނީއެވެ. ދެން، އެއް ދުވަހަކު، އަހަރެން އަހަރެންގެ މަންމަ ގެއަށް ގޮސްލާފައި އެބަ އަންނަމޭ ފިރިމީހާ ގާތު ބުނެފައި ގެއިން ނިކުމެގެން ދިޔައީއެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ގެއަށް އެނބުރި އައިމެވެ. ފިރިމީހާ އޭނާގެ ވަގު ލޯބިވެރިޔާއާ ދެމީހުން ހިފައި އަތުލައިގަތުމަށެވެ. ނަމަވެސް، އައި އިރު، ފިރިމީހާ ވަރަށް ހަމަޖެހިލައިގެން ޓީ.ވީ. ބަލަން އިނެވެ.

އަހަންނަށް ޔަގީންވީ ފިރިމީހާގެ ވަގު ލޯބިވެރިޔާ ގޭ ކޮންމެ ވެސް ތަނެއްގައި ފިލާ އިންނާނޭ ކަމެވެ. ދެން، ގޭގެ ހުރިހާ ކޮޓަރިއަކާއި އެހެން ތަންތަން ވެސް ހޯދައި ބެލީމެވެ. ނަމަވެސް އެ މީހަކު ނުފެނުނެވެ. ދެން އަހަރެން ވަރަށް ދެރަވިއެވެ. ފިރިމީހާއާ ދޭތެރޭ ޝައްކުތަކެއްކޮށް އޭނާގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވުނީމައެވެ. ދެން އެކަމާ މާ ބޮޑަށް ފިކުރުކުރެވި ހިތް ހުއްޓިގެން މަރުވީއެވެ.

ދެވަނަ އަންހެނާ: އަޅެ ކިހާ ދެރަ ހެއްޔެވެ؟ ކަލެއަށް އައިސްއަލަމާރި ބަލާލެވުނު ނަމަ، އަހަރުމެން ދެމީހުން އަދިވެސް ދުނިޔޭގައި ދިރި ތީބީސް ނޫން ހެއްޔެވެ؟

(ތަރުޖަމާއެއް)