Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ގާޒީއެއްގެ ހީލަތް

ގާޒީއަކު، އޭނާގެ އަނބިމީހާއަށް ނޭނގި ދެވަނަ ކައިވެންޏެއް ކުރެއްވިއެވެ. އަދި، ދެވަނަ އަނބިމީހާ ގާތަށް، ވަރަށް ސިއްރުން ގޮސް އުޅުއްވިއެވެ. ކުޑަ ދުވަސްކޮޅެއް ފަހުން، ދޮށީ އަނތްބަށް ކޮންމެވެސް ކަމެއް ހިނގާކަން ރޭކާލައި، ފިރިކަލުން އިތުރު އަނތްބެއް ގެންގުޅުއްވާ ކަމުގެ ޝައްކު އޭނާގެ ހިތުތެރޭ އުފެދުނެވެ.

ދެން، ފިރިކަލުންގެ އަރިހަށް ގޮސް، އޭނާގެ ހިތުގައި އޮތް ޝައްކުގެ ވާހަކަތައް ދެއްކިއެވެ. އެހެން އަނތްބެއް ގެންގުޅުއްވާ ކަމުގެ ތުހުމަތުކޮށް އެ ވާހަކަތައް ކިޔައިދިނެވެ. އެ ޝަކުވާތަކުގެ ޖަވާބުގައި ގާޒީ ވިދާޅުވިއެވެ. "ތިޔައީ އަމިއްލަ ހިތުގެ ތެރޭގައި އުފެދިފައިވާ ވަސްވާސްތަކެކެވެ. ތިކަމުގެ އެއްވެސް ހެއްކެއް އަޅެ ދައްކަބަލާށެވެ."

ދުވަސްތައް ވޭތުވަމުން ދިޔައެވެ. ދޮށީ އަނބީގެ ހިތުގެ ޝައްކުތައް ފިލައިގެންދާ ގޮތެއް ނުވެއެވެ. އަދި ދޭތެރެ ދޭތެރެއިން މި ޝަކުވާތައް ފިރިކަލުންގެ އަރިހުގައި ކުރެއެވެ. ގާޒީވެސް މިކަމާ ފިކުރުކުރެއްވިއެވެ. އަދި، ކޮންމެވެސް ގޮތަކުން މައްސަލައަށް ހައްލެއް ގެންނެވުމަށް ނިންމެވިއެވެ.

އެ ގޮތުން، ހަގު އަނބި ކައިރިއަށް ވަޑައިގެން ގާޒީ ވިދާޅުވިއެވެ. "ދޮށީ އަނބީގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. އެހެންވެ، ޔަހޫއްޖެއް ހަދާލަން ނިންމައިފީމެވެ. މާދަމާ އަސުރުގެ ފަހުން އަހަރެންގެ ގެއަށް އައިސް އަހަންނާ ބައްދަލުކުރަން އަހަރެންގެ ދޮށީ އަނބިކުރެން އެދޭށެވެ. ދެން، އަހަންނާ ބައްދަލުވުމުން، މިހެން ބުނާށެވެ: ތިމަންނާއަށް ހީވަނީ ތިމަންނަގެ ފިރިމީހާ އެހެން މީހަކާ އިނދެފި ހެންނެވެ. ނަމަވެސް، އެކަން ސާބިތުކޮށްދޭން އަހަރެން ދައްކާނޭ ހެއްކެއް ނެތެވެ."

ދެން، ގާޒީ ވިދާޅުވި ފަދައިން، އަނެއް ދުވަހު ހަނގު އަނބި ގާޒީގެ ގެއަށް ގޮސް، ގާޒީއާ ބައްދަލުކުރަން، ދޮށީ އަނބި ކުރެން އެދުނެވެ. ދެން، ގާޒީ ނިކުމެވަޑައިގަތުމުން، ކުރީ ދުވަހު ދެއްވި އިރުޝާދުގެ މަތިން ހަގު އަނބި ގާޒީއަށް ދެންނެވިއެވެ. "މާތް ގާޒީ މަނިކުފާނެވެ! މިދުވަސްކޮޅު އަޅުގަނޑުގެ ހިތަށް ހަމަ އަރަނީ އަޅުގަނޑުގެ ފިރިމީހާ އެހެން މީހަކާ އިނދެފިކަމެވެ. ނަމަވެސް، މިކަން ސާބިތުކޮށްދޭނޭ އެއްވެސް ހެއްކެއް އަޅުގަނޑު އަތަކު ނެތެވެ."

ދެން ގާޒީ ވިދާޅުވިއެވެ. "ތިޔައީ މުޅިން ކުށް ހީއެކެވެ. ޝައިތާނީ ވަސްވާހެކެވެ. އަހަރެންގެ މި ހުރި އަންހެނުން ވެސް ހަމަ ތިކަހަލަ ހީއެއް ކުރެއެވެ. ނަމަވެސް އަހަރެން މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މި ގެއިން ބޭރުގައި އަހަރެން އިތުރު އެއްވެސް އަނތްބަކު އިންނަމަ، އެ މީހަކު އަހަރެން ވަރިކޮށްފީމެވެ. އަދި، އަހަރެންގެ މައްޗަށް އެމީހާ ހަރާންވެގެން ވެއެވެ."

މި ހިސާބަށް ގާޒީގެ ވާހަކަފުޅު ދިޔުމުން، ދޮށީ އަނބި ދެރަވެ ރޮވިއްޖެއެވެ. ފިރިކަލުންގެ މައްޗަށް ދޮގު ހީއެއް ކުރެވިއްޖެ ކަމުގެ އިހުސާސު ހިތަށް ކުރެވުމުންނެވެ. ދެން، ދޮށީ އަނބި ގާޒީ އަރިހަށް ގޮސް ގާޒީގެ އަތްޕުޅުގައި ބޮސްދިނުމަށް ފަހު، ދެން ދުވަހަކު ވެސް އެކަހަލަ ޝައްކެއް ނުކުރާނޭ ވާހަކަ ގާޒީއަށް ދެންނެވިއެވެ!

(ތަރުޖަމާއެއް)