- ފިރިމީހާގެ ހަތަރު އަނބިން، އެކިއެކި ޝަކުވާތައް ކޯޓަށް ހުށަހެޅިއެވެ.
ދެން ގާޒީ އެ ކަނބަލުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. "ކަލޭމެންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ މީހާ އެންމެ ފުރަތަމައިން އޭނާގެ ޝަކުވާ ހުށަހަޅާށެވެ!"
ގާޒީގެ ސުއާލު އިވުމުން އެކަކުވެސް އަނގައިން ނުބުނެ ހަނުތިއްބެވެ. އަދި، މާ ގިނައިރުތަކެއް ނުވަނީސް އެންމެން ވެސް ސުލްހަވެރިވެ، ރަށް އަމާންވިއެވެ. ގާޒީވެސް، އެ ގަޒިއްޔާ ނިމުނުކަމުގެ ސިއްކަ ގަޒިއްޔާގެ ފައިލުގައި ޖެއްސެވިއެވެ!
- ފިރިހެނަކަށް ހުސް އަންހެނުން އުޅޭ ޖަޒީރާއަކަށް ދެވުނެވެ. ޖަޒީރާގެ އަންހެނުން ނިންމީ އެ ފިރިހެނާ ދަންޖައްސައި މަރާށެވެ.
ދަންޖެއްސުމުގެ ކުރިން، ފިރިހެނާގެ އެންމެ ފަހުގެ އެދުމަކީ ކޮބައިތޯ އޭނާ ކުރެން އެހުނެވެ.
ޖަވާބުގައި އެ ފިރިހެނާ ބުންޏެވެ: "ރަށުގެ ހުރި އެންމެ ހުތުރު އަންހެނާ ލައްވާ އަހަރެން ދަންޖައްސުވާށެވެ!"
ކޮންމެއަކަސް، އަދިއަދަށް ދާންދެން ވެސް، އެ ފިރިހެނާ ހެޔޮ ހާލުގައި ސަލާމަތުން ދުނިޔޭގައި އުޅޭ ކަމަށް ބުނެއެވެ.
- ސޯލިހަކީ ވަރަށް ބޮޑަށް ދަތުރުކުރާހިތްވާ މީހެކެވެ. އޭނާ ގަސްދުކުރީ އަންހެނުން ނުލައި ދުނިޔެ ބަލައިލާން ދަތުރެއް ކޮށްލާށެވެ. އަންހެނުންނަށް މިކަން އެނގުމުން، ފިރިމީހާއަށް އޭނާ ނޯޓެއް ލިޔުނެވެ. "އަހަރެން ނުލައި ފުރައިފި ނަމަ، އެނބުރި އައުމުން އިނބަ މަރާލާނަމެވެ!"
ޖަވާބުގައި ސޯލިހު ލިޔުނެވެ. "ކަލާގެ އިޝްގުގައި ޖެހި މަރުވެފައިވާ މީހަކު އިތުރަށް މަރާލެވޭނެ ހެއްޔެވެ؟"
ސޯލިހުގެ ޖަވާބު ކިޔާލައިފައި އަންހެންނުން އުފަލުން ފޮޅުނެވެ. އަދި، ސޯލިހު އެކަނި ދަތުރުކޮށްލުމަށް ހުއްދަ ދިނެވެ. ދެން، ދުނިޔޭގެ އެކި ތަންތަނަށް ޒިޔާރަތްކޮށް ހިތް ފުރެންދެން ސޯލިހު އުފާކުރިއެވެ!
- ޒުވާނަކު އުމުރުން އަށްޑިހަ އަހަރުވެފައި ހުރި މީހެއް ކުރެން އެއްސެވެ. "ބޭބޭއެވެ! ބޭބެގެ އުމުރުން މިހާރު އަށްޑިހަ އަހަރުވެއްޖެ ނޫން ހެއްޔެވެ؟ ނަމަވެސް، އަދިވެސް، ބޭބެގެ އަންހެނުންނާ މުޚާތަބުކޮށް ތިޔަ ގޮވަނީ "ދޫންޏާއެވެ! ލޯބިވާއެވެ! އަހަރެންގެ ހަޔާތާއެވެ!" މިހާ ލޯބިން އުޅުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟"
ދުވަސްވީ ބޭބެ ޖަވާބުގައި ބުންޏެވެ. "ކޮއްކޯއެވެ! ބޭބެގެ ހަނދާން މިހާރު ވަރަށް ބައްޔެވެ. އަންހެނުންގެ ނަން ވެސް ގިނަ ފަހަރު ހަނދާނުގައި ނުހުރެއެވެ. ނަމަވެސް، އަންހެނުން ދެކެ ގަންނާކުރެއްވި ބިރެއްގެ ސަބަބުން އޭނާ ކުރެން އޭނާގެ ނަން އަހާކަށް ބޭބެއަކަށް ނުކުރެއެވެ!"
(ތަރުޖަމާއެއް)