ދުނިޔޭގައި މަޝްހޫރު "ޒުމްބާ" އާއި "ލެސްމިލްސް"ގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ ހޯދައިފައިވާ މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ އައިޝަތު ރުހޭލާ (ރުހޭ) އާއި އައިޝަތު ޝައިފާ ޝަކީބު (ތައި)ގެ ހިއްސާ އޮންނަ "އާރު.ޑީ ފިޓްނަސް" ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ރަސްމީ ގޮތުން ރޭ ހުޅުއްވައިދެއްވައިފިއެވެ.
"އާރު.ޑީ ފިޓްނަސް" އަކީ ރުހޭ އާއި ތައިގެ އިތުރުން، އެ ދެބެންގެ ބޭބެއިން ކަމަށްވާ ހަސަން އިބްރާހިމާއި މުހައްމަދު ޝިހާމުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެކެވެ.
ޓީވީ މޯލްޑިވްސް ކައިރީގައި، ގ. ރެހެންދި ހިނގުމުގައި ހުންނަ "އާރު.ޑީ ފިޓްނަސް"ގެ ދެ ވަނަ ފްލޯގައި ހުންނަނީ ޖިމްއެކެވެ. ތިން ވަނަ އަދި ހަތަރު ވަނަ ފްލޯ އެއީ ގްރޫޕު ފިޓްނަސް ދެ ސްޓޫޑިއޯއެވެ. ފަސް ވަނަ ފްލޯ ހާއްސަކޮށްފައި ވަނީ ސައުނާއަށާއި ސްޕާއަށެވެ. ގްރޫޕު ފިޓްނަސް ކޮންމެ ސްޓޫޑިއޯއެއްގައި ތަނަވަސްކަމާއެކު އެއްފަހަރާ 35 ކްލައެންޓުންނަށް ގްރޫޕު ފިޓްނަސް ހެދެއެވެ. މިތަނުން ރޭ ހުޅުވާފައި ވަނީ ހަމައެކަނި ގްރޫޕު ފިޓްނަސްގެ ދެ ސްޓޫޑިއޯއެވެ. ޖިމް އާއި ސައުނާއާއި ސްޕާ ހުޅުވާނީ އަންނަ ޖުލައި/އޯގަސްޓް ހިސާބުގައި ކަމަށް "އާރު.ޑީ ފިޓްނަސް" އިން ބުންޏެވެ.
ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ ކާލާ ބޭސް ގުޅައަކުން ނުވަތަ ބޯލާ އެއްޗަކުން ގައިގެ ސަރުބީތައް ވިރުވާލުމަކުން ނުފެދޭ ކަމަށާއި ކަސްރަތަކީ މީހާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ކަސްރަތު ސެންޓަރުތައް ވާންޖެހޭނީ ވަރަށް ސާފުތާހިރު ތަންތަނަށް ކަމަށާއި އެކަކު ބޭނުންކޮށްފައި ދާ އާލާތްތައް ސާފުކޮށްފައި ނޫނީ އަނެކަކު ބޭނުން ނުކުރެވޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުން ވަރަށް މުހިންމު ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
މެޑަމް ފަޒުނާ އަދި ވިދާޅުވީ އެކި ދާއިރާތަކުގައި އެއް ބާވަތެއްގެ މަސައްކަތްކުރާ ޖަމާއަތްތައް އެކުވެ، އެއް ބާރެއްގެ ގޮތުގައި ނުކުމެ ކަންކަމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުމަކީ މުހިންމި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެގޮތުން ހުރިހާ ފިޓްނަސް ސެންޓަރުތައް ތަމްސީލްކުރާ ޖަމާއަތެއް އޮތުން މުހިންމު ކަމަށެވެ. އޭރުން ސަރުކާރުން ހަދާ ގަވައިދުތަކާއި އެހެނިހެން ކަންކަމުގައި ބަސްބުނާ ބަޔަކަށް އެ ޖަމާއަތް ވެގެންދާނެ ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
ރޭގެ ހަފުލާގައި މެޑަމް ފަޒުނާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ އެރުވީ "އާރު.ޑީ ފިޓްނަސް"ގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ޝިހާމެވެ.
ފިޓްނަސް ދާއިރާގެ ވަރަށް ގިނަ މީހުންނާއި ބައެއް ކްލައެންޓުން ވެސް ބައިވެރިވި ރޭގެ ހަފުލާގައި ޒުމްބާ އާއި ލެސްމިލްސްގެ ތަފާތު ހަރަކާތްތައް ދައްކާލުންވެސް އޮތެވެ. ތަރުހީބު ބޮޑުވެގެންދިޔަ އެ އައިޓަމްތައް ހުށަހަޅައިދިނީ "އާރު.ޑީ ފިޓްނަސް"ގެ ތިން އިންސްޓަރަކްޓަރުން ކަމަށްވާ ފާތުމަތު ބައްސާމާ ވަހީދާއި ފާތުމަތު ޝަބާ ވަހީދާއި ސުލްތާނާ ޝާކިރެވެ. އެއަށްފަހު "ހަބޭސް" ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތަކެއް ވެސް ހުށަހެޅިއެވެ.