Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ހުކުރުކުރި ބަޔަކާއި ހުކުރު ނިމުމުގެ އިންތިޒާރުގައި ތިބި ބަޔެއްގެ ވާހަކަ

މި ފޮޓޯއަކީ 1931 ވަނަ އަހަރު ނަގައިފައިވާ ފޮޓޯއެކެވެ. ހުކުރު ނަމާދު ކުރަމުން ދަނިކޮށް ކޮންމެ ވެސް މީހަކު ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯގައި ފެންނަ ގިނަ ބަޔަކު ތިބީ ހުކުރު ނަމާދުކުރާށެވެ. ދެތިން މީހަކު، ހުކުރު ނިމެންދެން، ވިޔަފާރިކުރުމަށްޓަކައި އިންތިޒާރުގައި ތިބިތަން ވެސް ފެނެއެވެ.

ފޮޓޯއިން ފެންނަ އެކަކުވެސް މިއަދު ދުނިޔެއަކު ނެތެވެ. އެންމެން ވެސް ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އެންމެން ވެސް މިއަދު ވަނީ ބިމުގެ އަޑީގައެވެ. ހުކުރު ކުރަން ތިބި މީހުންނާއި ހުކުރު ނިމުމުގެ އިންތިޒާރުގައި ވިޔަފާރިކުރުމަށްޓަކައި ތިބި މީހުން ވެސް މެއެވެ. ހުކުރު ކުރަން ތިބި މީހުން ބަނޑަށް މަރުވެދިޔަހެނެއް ހިޔެއް ނުވެއެވެ. ހަމަ އެހެންމެ، ވިޔަފާރިކުރުމަށްޓަކައި، ހުކުރު ނުކޮށް ތިބި މީހުން، މަރުވެދަމުން، އެމީހުންނާ އެކު އެއްވެސް އެއްޗެއް ނުގެންދެވެއެވެ. މި އެންމެންގެ ދުނިޔެ ވަނީ ނިމުމަކަށް އައިސްފައެވެ. އެމީހުންނަށް މިހާރު އޮތީ ހަމައެކަނި އެމީހުންގެ އާޚިރަތެވެ. އެމީހުންނަށް ފައިދާ ކުރާނީ އެމީހުން ކޮށްފައި ދިޔަ ހެޔޮކަމެއްގެ ފައިދާއެވެ.

އެ މީހުން ދިޔަ ފަދައިން، މިއަދު ދުނިޔޭގައި ތިބި އެންމެން ވެސް ދާން ޖެހޭނެއެވެ. އެމީހުންގެ ދުނިޔެއަށް ނިމުން އައި ފަދައިން މިއަދުގެ ދިރިތިބީންގެ ދުނިޔެއަށް ވެސް ނިމުން އަންނާނެއެވެ. އެހެންވެ، އެންމެންގެ ދުއާއަކަށް ވާން ޖެހެނީ اللهم أحسن خاتمتنا، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ނިމުން ރިވެތި ނިމުމަކުން ނިންމަވާފާނދޭވެ!