"އެމީހުން ނުބުނާނެ އެއްވެސް ވާހަކައެއް. އެއީ ދެން މާ ވަކިން އުޅޭހިތްވާ ބައެއް،" މީ ޢާއްމުކޮށް އާއިލާ ތެރޭގައި އެކަކު އަނެކަކަށް ރައްދުކޮށްލާ ބަހެކެވެ. ނަމަވެސް ހަގީގަތަކީ ޒަވާޖީ ހަޔާތުގައި، ދެމަފިރިންނާއި ކުދިންނާ ގުޅޭ ހުރިހާ ކަމަކީ މުޅި އާއިލާއަށް ކޮންމެހެން ކިޔައިދޭންޖެހޭ ކަންކަމެއް ނޫނެވެ. ނަމަވެސް ދިމާވާ ބޮޑެތި ކަންކަމާއި އުފާވެރިކަން ހިއްސާކޮށްލުމަކީ ގުޅުން ބަދަހިވާ ކަމެކެވެ.
ކުދިންނާ އެކު ނުވަތަ ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށްލުމަށް ކުރާ ކަންކަން ހިއްސާ ނުކޮށްފިނަމަ އާއިލާއާއި ރަހްމަތްތެރިންވެސް ފުސްމޫނު ދައްކާލައެވެ. ނުބުނީތީވެ ކުދިކިޔައެވެ. ނަމަވެސް ހަގީގަތަކީ އާއިލާ އެކު ވަގުތު ހޭދަކުރާ ފަދައިން ދެމަފިރިންނާއި ކުދިން އެކަނި ހިމެނޭހެން ވަގުތު ހޭދަކުރުމަކީ ވެސް މުޙިއްމު ކަމެކެވެ.
ބައެއް ފަހަރު ކާތަކެތި ހިއްސާ ނުކުރުމުން ފާޑު ކިޔުންތައް އަމާޒުކުރެއެވެ. "ހަތްމީރު ހަދައިގެން ކެޔަސް ނުދޭނެއެވެ." އެކަމަކު ބޭނުންވާ ކާ އެއްޗެހި ހަދައިގެން ކެއުމާއި ގަނެގެން ކެއުމާއި އަނެކުންނަށް ދިނުމާއި ނުދިނުމަކީ ކޮންމެ މީހެއްގެވެސް އިޚުތިޔާރުގައިވާ ކަމެކެވެ. ހަމަ އެހެންމެ އަނެކާއަށް ހަދިޔާކޮށްލެވޭ ކޮންމެ އެއްޗަކީ ސޮދަގާތެކެވެ.
ނަމަވެސް ބައެއް މީހުން އަނެކާ ދިނީތީވެ އެއްޗެއް ކުނިވަންދެން އަތްނުލައި ބެހެއްޓުމާއި، ދިނުމުން ޑަސްބިނަށްލުން ފަދަ ކަންކަން ކުރުމަކީ ވެސް އާދައެކެވެ. އެމީހުންނަށް ހިއްސާކުރުމެއްނެތެވެ.
ދިރިއުޅުމުގައި ކުރެވޭ ޕްލޭންތަކާއި އާއިލާގެ ބައެއް ނިންމުންތައް ހިއްސާ ނުކުރެވިއްޖެނަމަ ރަހްމަތްތެރިންނާއި އާއިލާ، އެމީހަކު ދެކެ ނުރުހުންތެރިވެ، "ނުބުނީތީވެ ވާގޮތޭ، ވަކިވެގަންނަން އުޅެންޏާ ވާނީ އެހެންނޫންހޭ" ބުނެއެވެ. ހަގީގަތަކީ ކޮންމެ ދެމަފިރިއަކީ ވެސް އަދި ކޮންމެ މީހަކީވެސް އަމިއްލަ އުސޫލުތަކާއި އަމިއްލަ އިޚުތިޔާރީ ކަންކަން ނިންމުމުގެ ބާރު ލިބިގެންވާ މީހެއް ކަމެވެ.
އާއިލާގެ މީހަކަށް ވިޔަސް، ރަޙްމަތްތެރިކަށް ވިޔަސް، ޒާތީ ދިރިއުޅުމަކާއި އަމިއްލަ އުސޫލުތަކަކާއި ނިންމުންތައް ނިންމުމަކީ އެމީހަކަށް ލިބިގެންވާ ހައްގެއްކަން އެންމެންނަށްވެސް ވިސްނެންޖެހެއެވެ. ގޯސް މަގަކުން ދާނަމަ ނަސޭހަތް ދިނުމާއި ރަނގަޅު ކަމެއް ކުރާނަމަ ހިތްވަރު ދިނުމަކީ އެކަމެއް ހިއްސާނުކޮށް ކުރި ނަމަވެސް ކުރެވޭނެ ކަމެކެވެ. ވީއިރު، ނުބުނީތީވެ، ނުދިނީތީވެ ނުރުހުންނުވާށެވެ. ހުރިހާ ކަމަކީ އެންމެންނަށް އެންގުން މުހިއްމު ކަންކަމެއް ނޫނެވެ. އަދި ސޯޝަލް މީޑިއާގައި އިޝްތިހާރުކުރަން ޖެހޭ ކަންކަމެއް ވެސް ނުމެނޫންމެއެވެ.



advertisment