ސަބަބު ކަމަކަށް ނުލައިވައި އޮތް ކަމެއް ލައްވާފައެއް ނުވެޔޭ
ދަބަރު ފޮޅުމުން ދަގަނޑުފީވާ އުޞޫލުގެ ދަރުސު ގުނަގުނަޔޭ
ވަށައިގެން އެނބުރިލާ އިރުގައި ވެށީގައި ހުރި ތަކެއްޗާ ކަން
ފަށައިގެން ވަކިވަކީން ގުނިނަމަ މިސާލުތަކުން ޢަދަދު ނުވެޔޭ
ގަހާގެހި ވެޔޮވެލާވެއްޔާ އަޅާހައި މާމަލާ މޭވާ
ވަހާ ކުލަޔާ ތަފާތުން ރަހަ އޮޅުން ނެތި ވަކިކުރަން އެނގެޔޭ
އުޅޭހައި މާބުރާ ބަޅިނދާ ކޮކާލާ ކޯރު ފެން ނުބޮޔޭ
ގުޅޭންވި ދެޖިންސު އޮޅިފައިވާ ވަލުގެ ޖަނަވާރު ނުމެ އުޅެޔޭ
ޅަދަރިޔަށް އެންމެ އޯގާތެރި ވެޔޭ ދޫންޏާއި ޖަނަވާރާ
މަދަދުވެރިކަން ނުހަނު އިސްކޮށް ނުދީއެއް ދޫކޮށެއް ނުލަޔޭ
ވެހޭއިރު ފިޠްރަތުގެ ފެންފޮދު ނުހަނު މީރަސް ބަދަލުވެދެޔޭ
ވެހޭނަމަ މޫދަކަށް ވަގުތުން ފެނުގެ ރަހަ ހިތި ލޮނަށް ވެދެޔޭ
ސަލާމަތް ބުއްދި ދެއްވީމާ މިހިރަ ކަންކަން އެނގެންޖެހެޔޭ
ހަލާކާ ގެއްލުމާ ކުރިމަތި ނުވާ މަގުމަގު ކޮށެން ޖެހެޔޭ
ދެވޭ މިޞްރާބު ގޯހިއްޔާ ރިޔާ ފުރޮޅައި ޖެހޭ އަނބުރަން
ކޭވޭއެއްޗެއް ނުބައިވިއްޔާ ނުކާންވީކަން އެނގޭން ޖެހެޔޭ
