Support Us

ކޮލަމް ކަލާވެހި: ގޮތެއް ނިންމަވާނީ ހަމަ ތިޔަބޭފުޅުންނެވެ.

ދުނިޔޭގައި އެކި މީހުންނަށް މުއްސަނދިކަން ލިބޭނީ އެކި ބާވަތުން، އެކި މިންވަރަށްކަން ޤަބޫލުކުރާ މީހުންނާއި ޤަބޫލު ނުކުރާނޭ މީހުންވެސް އުޅެފާނެ، އަޅެ އެހެންނޫންތޯއެވެ؟ ކަން އަދި އެހެން އޮތަސް، މުއްސަނދިކަމަކީ ކޮންކޮން ބާވަތްތަކަކުން މިނާ އެއްޗެއް ކަމާ ދޭތެރޭ އެކި ވަކި މީހުންގެ މެދުގައި ޚިޔާލު އަދި ތަފާތުވިޔަސް، ތިރީގައި މިދަންނަވާ ޙާލަތްތަކުގައި ގޮތެއް ނިންމަވާނީވެސް ހަމަ ތިޔަބޭފުޅުންނޭ ދަންނަވައިފައި، އަޅުގަނޑު ކުރިޔަށް ދާނަމެވެ.

ކާބޯޯތަކެއްޗާއި އުނުފޭރާމާއި ގެވެހި ކަންވާރަށް ދާންދެން ވިއްކާ ފިހާރަތަކާއި ރިސޯޓުތަކާއި ހޮޓާތަކުގެ ވެރީންނަކީ ހަމަ ގައިމުވެސް މުއްސަނދިކަމާއި ތަނަވަސްކަމުގެ އަހުލުވެރީންނެވެ. އެފަދަ މީހުންގެ ގިންތީގައި ހިމެނޭ އެންމެ މީހަކަށް ދުވާލުފައިދާގެ ގޮތުގައި ލިބޭ މިންވަރަކީ މެދުފަންތީގެ އާދައިގެ މީހެއްގެ މަހުމުސާރަޔަށްވުރެ ބޮޑު އެއްޗަކަށްވެސް ވެދާނެއެވެ. ކަން އެހެން އޮތް އިރު، އެއިން މަހުޖަނެއްގެ ގާތަށް ގޮސް، އަމިއްލަ ކޮންމެވެސް ކަމެއް ފުރިހަމަ ކޮށްލަން ލަދެއްނެތި އަތްދިމާކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކިތަކަށް މީހުންނަށް ކުރާން ކެރޭނޭ ކަމަކަށް ވެދާނެތޯއެވެ؟ މަނިކުފާނުން ނިކަން ބައްލަވާށޭ، އަޅުގަނޑުގެ ގޭގައި ބޮޑުޢީދަށް ކުލަލައި، އާބާތުރަ ފިލުވައިލައި ހަދާލާން ފަންސާހަކަށް ހާސް ރުފިޔާ ދެއްވަންވީނޫންތޯއޭ ނަންގަނެލާން ކެރޭނީ ކިތަކަށް މީހުންނަށް ތޯއެވެ؟

ފަށަމުންވެސް ދެންނެވި ފަދައިން، އިސްވެ މިދެންނެވި ބާވަތުގެ މުއްސަނދިކަން މަހުޖަނުންނަށް ލިބިގެންވަނީ މާލީ ގޮތުން ކަމަށްވާއިރު، އެ މާލީ މުއްސަނދިކަމުން ހަމަ ހިލޭ ކޮންމެވެސް މިންވަރެއް ދޭތޯ މިދެންނެވި ގޮތަށް އެހައި ފައުޅުކަންބޮޑު ގޮތެއްގައި އެހުމަކީ އެއްވެސް ހަމަޔަކުން ރީތި ކަމެއްކަން ނުވަތަ ނޫންކަން ނިންމަވާނީ ހަމަ ތިޔަބޭފުޅުންނެވެ.

ބުރުސޫރައިގެ ރީތިކަމާއި ހެދިހުރި ހަށިގަނޑުގެ ބައްޓަމާއި މީހާގައި އެކުލެވިގެންވާ ޖާޒުބީ އަސަރުން ފުރިގެންވާ އާދަޔާ ޚިލާފު ޝާއްބަކަމަކީވެސް ބައެއް މީހުންނަށް ލިބިގެންވާ މުއްސަނދިކަމެއް ކަމަށް ދެކޭ ބަޔަކުވެސް އުޅޭނޭކަން އަޅުގަނޑަށް ހަމަ ކަށަވަރެވެ. އެއިން މީހަކު މަގެއްގެ މަތީން ހިނގައިފައި ދާއިރު، އޭނާގެ ފަރި ޙަރަކާތްތަކާއި ލާމަސީލު އަދާތަކުގެ އަވައިގައި ނުޖެހޭ މީހުންނަށްވުރެ ޖެހޭ މީހުން ފަހަރުގައި ގިނަވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކަން އެހެން އޮއްވައި، އެފަދަ މީހެއްގެ ކުރިމައްޗަށް އަރައި، އޭ ތިޔަހަރަ ރީތިކަމެއްތާއޭ، ތިޔަ ރީތިކަމުން ކުޑަނަމަވެސް މިންވަރެއްގެ އަރާމާއި ލައްޒަތު އަހަރެންނަށް މުޅީން ހަދިޔާ ކޮށްލަންވީނޫންހޭ އެހުމަކީ ލަދުޙަޔާތުގެ ތަރާދުން ކިހައިވަރަކުން ކިރައިލެވޭނޭ ކަމެއްތޯއެވެ؟ އޭ، އަޅެ މިފަރާތް ބަލާބަލާށޭ ގޮވައި، ލަވަކިޔައި، ފަހަތުން ދުވެ ހެދުމަކީ ރީތިކަމަށް ހަދާނީ ކިތަކަށް މީހުންތޯއެވެ؟

ދެންމެ މިދެންނެވި މުއްސަނދިކަމަކީ ބުރުސޫރަޔާއި ރޫފައިގެ މުއްސަނދިކަން ކަމަށް ވާއިރު، އެ މުއްސަނދިކަމުން ހިލޭސާބަހަށް ކޮންމެވެސް މިންވަރެއް ދިއްކޮށްލައިދޭތޯ ހަމަ ދިމާޔަށް ފައުޅުގައި މިދެންނެވި ގޮތަށް އެހުމަކީ އަޅުގަނޑުމެންގެތެރެއިން ހެޔޮވިސްނޭ އެއްވެސް މީހަކު ހެޔޮހިތުން ބަލައިގަންނާނޭ ކަމެއްތޯއެވެ؟ އަޅުގަނޑު އަދި މިހެން ދެންނެވިޔަސް، މިކަމުގައިވެސް މިފަހަރު ގޮތެއް ނިންމަވައިދެއްވަން ވާނީ ހަމަ ތިޔަބޭފުޅުންނެވެ.

އިންސާނަކު ގަދައަޅައި މަސައްކަތްކޮށްގެން، ޒުވާން ޢުމުރުގައި ކުޅެ، ސަކަރާތްގަނެ، މަޖާކުރާން އޮންނަކަމަށް ބައެއް މީހުން ހީކުރާ ދުވަސްތައް ހެއުގޮތުގައި ބޭނުންކޮށް، އުޅެން ޖެހުނު ޙާލެއްގައި އުޅެގެން، ވާން ޖެހުނު ޤުރުބާނީއެއްވެސް ވެގެން، ތަޢުލީމު ޙާޞިލްކޮށްގެން ދުނިޔެއޭ މިކިޔާ މައިދާނަށް ނިކުމެގެން އުޅޭ ކޮންމެ މީހަކީވެސް އޭނާގެ ޒާތުގައި ހަމަ މުއްސަންޖެކެވެ. މިޒަމާނުގައި ގިނަމީހުންގެ އަނގައިން ޙިލްމު ކަމަށް ކިޔާ، އެކަމަކު އެޔަށްވެސް ނުވާ އެއްޗަކުން މާކަ ބޮޑު އެއްޗެއް އަތުގައި ނެތަސް، މަޢުލޫމާއި ޢިލްމު އޭނާގައި އެބަހުރިމެއެވެ. އެކަން އެހެން އޮއްވައި، އަނބިދަރީންނާއި އަމިއްލަ ނަފުސުގެ ބަނޑުފުރާނަމުއްތިކުރާން ޙަލާލު ގޮތުގައި މަސައްކަތްކުރާން އުޅެފައި ރޭގަނޑު ދަންވަރު ގެޔަށް ވަދެވަދެ ހުއްޓައި، އޭނާގެ ކުރިމައްޗަށް ހުށަހޮޅިގެންފައި މަޢުލޫމާތަށް އެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާޔަށް ފޮނުވައިލަން ބޭނުން މެސެޖަކަށް ލާނޭ ރީތި، މޮޅު، ފަށުއި ޢިބާރާތެއް ހަމަ މިހައިރު ހިލޭ ދީބަލާށޭ ބުނުމަކީ ލަދު ކަމަކަށް ނުވޭތޯއެވެ؟

މިދެންނެވި ބާވަތުން މީހަކަށް ލިބިފައިވާ މުއްސަނދި ކަމުން ތިމާޔަށް އަގަކާނުލައި ޚިދުމަތްކުރާން މަޖުބޫރުކުރާ ރާގަކަށް ހުށައަޅާ މީހާޔަކީ ތަހުޒީބު މުޖުތަމަޢެއްގެ ކިހައި އަގުހުރި މެންބަރެއްކަމަށް މީހުން ބަލައިގަންނާނެތޯއެވެ؟ މިފަހަރުވެސް އަޅުގަނޑު އެއްޗެއް ނުދަންނަވާނަމެވެ. ޢާޚިރުގައި ނިންމެވުމެއް ނިންމަވާނީ ހަމަ ތިޔަބޭފުޅުންނެވެ.

މުއްސަނދިކަމަކީ އެކި މީހުންނަށް އެކި ސިފައިގައި، އެކި މިނުން ދެއްވައިފާ ނިޢުމަތަކަށް ވާއިރު، މުއްސަނދިކަމުގެ ތަފާތު އެކި ސިފައިންމެ އެ މުއްސަނދިކަމެއްގެ އަހުލުވެރިޔަކު ހަމަ ހެޔޮހިތުން، ހިތް ޚަލާޞްކުރުމަށްފަހު ހަދިޔާކުރާ، ޞަދަޤާތްކުރާ، ނުވަތަ އެނޫންވެސް ރިވެތި މަގަކުން ދޭ އެއްޗެއްގެ ބޭރުން، އެމީހެއްގެ އަތުން މަޖުބޫރުން ނުވަތަ ގަދަބާރުން އެއްޗެއް އަތުލާން އުޅުމަކީ ކިހައިވަރެއްގެ ލަދުވެތި ކަމެއްކަން ނުވަތަ ނޫންކަން ނިންމައިދެއްވާނީވެސް ހަމަ ތިޔަބޭފުޅުންނެވެ.