ރަމަޟާން މަހަކީ ހިތުމިސާލަށް ކާތަކެތި ތައްޔާރުކުރެވޭ މަހެކެވެ. އަންދާޒާ ކޮށްލާފައި ރަހަތައް އެއްވަރު ކޮށްލެވޭއިރު ރަހަތައް އެންމެ ފުރިހަމައަށް ނައުމަކީ އާއްމު ކަމެކެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް މިކަންވެސް ވަނީ ވައިބަރ ގުރޫޕުތަކުންނާއި ޖޯލިފަތިންނާއި ސްނެޕްޗެޓްތަކުގައި ފަތުރާލެވޭ ހަބަރުތަކަކަށެވެ.
"މިއަދުވެސް ހަދައިފައި ހުރި އެއްޗެހި ވަރަށް ނުބައޭ ތިމަންނަ ނުވެސް ކަމޭ ކައްކާކަށް ނޭނގޭ" ބުނެ ޖޯކު ޖަހާލަނީ މި ކުރެވެނީ ވަރަށް މޮޅު ކަމެކޭ ހިތާއެވެ. ގޭގައި ހަދާފައި ހުރި ކާތަކެތި ފޮޓޯ ނަގައި، ފާޑުފާޑުގެ ކޮމެންޓް ލިޔެ، ރަހްމަތްތެރިންނާ ހިއްސާކުރެވޭއިރު މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ރޭކާނުލައެވެ.
ހަގީގަތަކީ އެކަކަށް މީރުވާ ގޮތަށް އަނެކަކަށް ކާތަކެތި މީރުނުވުމަކީ މައްސަލައެއް ނޫންކަމެވެ. ލޮނު، ފޮނި ގަދަ، މަޑު، ކުޅި، މި މިން ހަމަ އެކި މީހުންގެ ހުންނާނީ އެކި މިންވަރަށެވެ. ތިމާއަށް ރަހަމީރު ނުވާނަމަ ނުކެއީމާ ނިމުނީއެވެ. ނުވަތަ މިތަކެތި މިއަށްވުރެ ރަހަ ރަނގަޅުކޮށްލެވިދާނޭ މިހެން ހަދާލާށޭވެސް ބުނެވިދާނެއެވެ.
ކިތަންމެ މީރުކޮށް ކާތަކެތި ތައްޔާރުކުރާ މީހަކަސް އެކި ދުވަހު ކާތަކެތީގެ ރަހަ އެއްވަރުކުރެވޭނީ އެކި މިންވަރަށެވެ. އަދި ކާތަކެތި މީރުވުމަކީ އެ ދުވަހެއްގެ މޫޑާ ވެސް ގުޅިފައި އޮންނަ ކަމެކޭ ބުނެވިދާނެއެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންނަށް މީހެއްގެ މަސްކޮޅެއް ކާނުލާ ކެތްނުވާކަމެވެ. ގޭގެ މޭޒު ދޮށުން ރަހަބަލާލެވޭ ކާތަކެތީގެ ރަހަވެސް ފެލަފެލައިގެން ދިޔަ ނެރެގެން އަނެކާ ކައިރީ ކިޔާލެވެނީ އަނެއް މީހާގެ އަގު ދަށްކޮށްލުމުގެ ނިޔަތުގައެވެ.
ކައްކަން ނޭނގުމަކީ މައްސަލައެއް ނޫންކަމާއި ކައްކާ ކޮންމެ އެއްޗެއްގައި ފައިވްސްޓާރ ރެސްޓޯރެންޓްގެ ރަހަ ނެތުމަކީ އަނެކާއަށް ބަދުބަސް ބުނެ އެކުވެރިންނާއި އާއިލާ މީހުން ކުރިމަތީ އޭނާ އަގު ދަށްކޮށްލަން ޖެހޭ ކަމެއް ނޫންކަން ހުދު ތިމާއަށްވެސް ގަބޫލުކުރެވޭނެއެވެ. ތިމާގެ ރަހަތަކާ ތަފާތު ގޮތަކަށް ގޭގައި ކާތަކެތި ތައްޔާރުކުރާނަމަ ކާތަކެތި ތައްޔާރުކުރާ މީހާ ކައިރީ ރީތި ގޮތުގައި އެވާހަކަ ބުނެލުމުން ނިމުނީއެވެ. ޝަކުވާތަކެއް ނުކޮށް އެ ދުވަހު މިންވަރުކުރެއްވި މިންވަރަކަށް ކެއުމުން ނިމުނީއެވެ.



advertisment