Support Us

ކޮލަމް ކޯދު: ތަސްވީރެއްގެ ވާހަކަ- ޑިމޮކުރަސީގެ ކުޑަރުމާ

މަތީގައި، ކަނާތް ފަރާތުން ފެންނަ ތަސްވީރުގައި އެ އިންނެވީ އިރާގު ނިޔުކްލިޔަރ ކެމިސްޓެއް ކަމަށްވާ ޑރ. ހުމައިދު ޚަލަފް އަލްޢުކައިލީއެވެ. ޔުނިވަރސިޓީގެ ޕްރޮފެސަރެކެވެ. އެ ތަސްވީރުން އެ ފެންނަނީ އިރާގަށް ޑިމޮކުރަސީ އައުމުގެ ކުރީގެ ޕރ. އުކައިލީގެ ފޮޓޯއެވެ.

ދެވަނަ ތަސްވީރުގެ މެދުގައި ވެސް އެ އިންނެވީ، (އަލްމިޞްރީ ނެޓް/ އަލްފަޖްރު އަލްޖަދީދު ފަދަ) ބައެއް އަރަބި ނޫސްތައް ބުނާ ގޮތުގައި، ހަމަ އޭނާއެވެ. އިރާގަށް ޑިމޮކުރަސީ އައިސް، އެތަނުގެ ބޮޑެތިބޮޑެތި އިލްމުވެރިން ޖަލަށް ލައި، އަނިޔާދީ، އެއްބަޔަކު މަރައި، އަނެއްބަޔަކު ދޫކޮށްލިއެވެ. އަލްއުކައިލީ ހިމެނިވަޑައިގަތީ ދޫކޮށްލި އިލްމުވެރިންގެ ތެރޭގައެވެ. ނަމަވެސް، އެއިރަކު އޭނާ އުޅޭނެ ގެއެއް، އާޅާލާނެ ބައެއް ނެތެވެ. ވަޒީފާއެއް ނެތި ބޭކާރީއެއްގެ ގޮތުގައި ރަށުގެ މަގުތަކުގައި ހިންގަވައި ދުވަސްތައް ހޭދަކޮށްލައްވަނީއެވެ. އެހެން އުޅުއްވުމުގައި، އިސްކޫލު ކުދިން، އޭނާ އަރިހަށް، ކެމިސްޓްރީގެ ބައެއް އުނދަގޫ މައްސަލަތައް ސާފުކުރަން ދެއެވެ. އަދި، އެ ކުދިންނަށް އޭނާ އެ ކަންތައް ކޮށްދެއްވައެވެ. ބައެއް ނޫސްތައް ބުނާ ގޮތުގައި ދެވަނަ ތަސްވީރުން އެ ފެންނަނީ އެކަހަލަ މަންޒަރެކެވެ. ކުދިންނަށް ބައެއް ފިލާވަޅުތައް އޭނާ ސާފުކޮށްދެއްވާ މަންޒަރެވެ.

އާދެ، ބައެއް ފަހަރު ކަންތައް ދިމާވާ ގޮތެވެ. އެކަމަށް ރަނގަޅަށް ތައްޔާރުނުވެ އޮތް ތަނަކަށް ޑިމޮކުރަސީ އައުމުން ވާ ގޮތެވެ. ތަނުގައި އެފަދަ ނިޒާމަކަށް ހޭލުންތެރިވެ، އާންމު މީސްތަކުން އެކަމަށް ތައްޔާރުނުވެ އޮތުމުން ކަންތައް ދިމާވާ ގޮތެވެ. ތަނުގެ އާންމު ހާލަތު މިފަދަ ގޮތެއްގައި އޮތުމުން، ވެރިކަމުގެ ސަފަށް ކޮންމެ ފަދަ މީހަކަށް ވެސް އާދެވޭ ގޮތް ވެއެވެ. ޕާޓީއެއްގެ ތެރެއިން ލާފައެވެ. ހަމައެކަނި ލިބިފައި އޮންނަން ޖެހޭ ހުނަރަކީ އަޑުގަދަކޮށް، ވީހާ ވެސް ބާރަށް ހަޅޭލެވުމެވެ. މިފަދަ ޝޯރީން (ބާޒާރީ ބަހުން ބުނާ ނަމަ، 'ފެލޭމީހުން')، ވެރިކަމުގެ ސަފަށް އެރުމުން، ތަނުގައި ތިބޭ އިލްމުވެރި މީސްމީހުން ބާކީ ކޮށްލެވެއެވެ. އެމީހުންގެ މައްޗަށް ގޮތް ކިޔައި، އެމީހުން ކޮންޓުރޯލު ކުރަން އުނދަގޫވާތީއެވެ. ޕރ. އުކައިލީ ވެސް ބޭކާރުވީ މިހެން ވެގެންކަމަށް ބެލެވެއެވެ. އިރާގަށް އައި ޑިމޮކުރަސީއަކީ އިލްމުވެރި ހުނަރުވެރިން ބޭނުންވާ ނިޒާމަކަށް ނުވީމައެވެ.

މިއީ ހަމައެކަނި އިރާގުން ފެންނަ މަންޒަރެއް ނޫނެވެ. ރާއްޖެއިން ވެސް ކޮންމެ ވެސް ވަރަކަށް މި މަންޒަރު ފެނެއެވެ. ރާއްޖެއަށް ވެސް ހަގީގީ ޑިމޮކުރަސީ އައުމުން، ގިނަ އިލްމީ ބޭފުޅުންތަކެއް ބާކީވިއެވެ. އިހުގައި ރާއްޖޭގެ ބައެއް އިލްމީ މުއައްސަސާތައް ހިންގެވި ބޭބޭފުޅުންނާއި އަދި ޖާމިއީ މަތީ ފާސްތައް ނަންގަވައިގެން ތިއްބެވި ތަޖުރިބާކާރު ބޭބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނިވަޑައިގަނެއެވެ. މިފަދަ ވާހަކަތައް މިފަދަ ބައެއް ބޭފުޅުން ލިއުއްވާ ލިއުއްވުންތަކުން ވެސް ފެނެއެވެ.

ކޮންމެއަކަސް، ހަގީގަތަކީ މިއެވެ. ޑިމޮކުރަސީ އައުމުން، އިރާގާއި އަދި ރާއްޖެއަށް ވެސް މަތީގައި އެވާ ތަސްވީރު ދައްކުވައިދޭ ކަންތައް ޖެހުނެވެ. އިލްމީ ބޭބޭކަލުންގެ ބޭނުން ނެތިދިޔުމުގެ މައްސަލައެވެ. މިކަމާ ގުޅޭ ވާހަކައެއް އިހުގެ ދިވެހި ބޭކަލުކު ބުނުއްވާފައި އޮންނަ ކަމަށް ތުންތުން މަތިން ދެކެވެއެވެ. އެވާހަކަ ގުޅެނީ، 1930 ހިސާބުގައި އެންމެ ފުރަތަމަ ގާނޫނު އަސާސީއެއް ތައްޔާރު ކުރެވުނު ދުވަސްވަރު، އެކަމަށް ތައްޔާރުވެފައި އޮތް ރައްޔިތެއް ނެތުމުން ކަންތައް ދިމާވެދާނޭ ގޮތް ބުނެދެއްވަމުންނެވެ. އޭނާ ބުނުއްވިކަމަށް ތުންތުން މަތިން އިވެނީ "މަކުނެއްގެ އަތަށް ކުޑަ ރުމާލެއް ދިނުމުން، އެއިން ފޮހޭނީ މޫނުކަމެއް ނޫނީ ފުރަގަސް ފަރާތް ކަމެއް އޭއްޗަކަށް ނޭނގޭނެއެވެ!"

އާދެ، ބައެއް ފަހަރު ކަންތައް ދިމާވާ ގޮތަކީ ޑިމޮކުރަސީއަށް ތައްޔާރު ނުވެ އޮތް ރައްޔިތެއްގެ އަތަށް ޑިމޮކުރަސީގެ ކުޑަރުމާ ދިނުމުން، އެއިން އެމީހުން ފޮހެނީ އެމީހުންގެ މޫނެއް ނޫނެވެ. އެމީހުންގެ ފުރަގަހެވެ! އެއިން ރައްޔިތުންނަށް ހަގީގީ ފައިދާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އަހުލުވެރިކަން ނެތް މީސްމީހުން، ވެރިކަމުގެ ގޮނޑިތަކުގައި އިށީނދެވޭ ގޮތް މެދުވެރިކުރުވީއެވެ. އަދި، ވައްކަމާއި ފަސާދައަށް ފަސޭހަ މަގުތަކެއް އިތުރަށް ކޮށޭނޭ ގޮތްތައް މެދުވެރިވީއެވެ. ގާތް ތިމާގެ މީހުންނަށް، ބާރުވެރިންގެ ފޯނުގެ ޒަރިއްޔާއިން އެކިއެކި ވަޒީފާތައް ހަމަޖެއްސޭ ގޮތް ވީއެވެ! އަދި، ކިޔެއްހެއްޔެވެ؟ މިކަން ތާ އަބަދަށް ދެމެހެއްޓުމަށްޓަކައި، ބޭރު ބައެއްގެ އަސްކަރީ ބާރުގެ ދަށަށް ތަން ގެންދަން ވެސް ޑިމޮކުރަސީ ބޭނުން ކުރެވުނީއެވެ. އެކަމުގެ ސަބަބުން، ތަނުގެ އަސްކަރީ ނިޒާމުގެ ތެރެއަށް ބޭރުގެ ބާރު ވަނުމުގެ އިތުރުން، ތަނުގެ އިންތިޚާބީ މުއައްސަސާގެ ތެރެއަށާއި، ތަނުގެ މީޑިއާގެ ތެރެއަށާއި، އަދި، ދާދި ފަހުން ހާމަވިގޮތުގައި ތަނުގެ ޝަރުއީ ނިޒާމުގެ ތެރެއަށް ވެސް، ބޭރުގެ އެ ބާރަށް ވަދެވޭ ގޮތްވީއެވެ. މިހެން ވުމުން، ރައިއްޔަތް ބުނަނީ ކީކޭ ހެއްޔެވެ؟ އެމީހުންނަކީ ހެޔޮ އެދޭ އެކުވެރިން ކަމެވެ! އާދެ، އަދި އެއް ފަހަރު، އިހުގެ އެ ދިވެހި ދުރު ވިސްނިލެއްވި ބޭފުޅާގެ ވާހަކަ އަޑުއަހާލާށެވެ! "ހޭލުންތެރިކަން ނެތް ބައެއްގެ ތެރެއަށް އާ ކަންކަން ގެނައުމުން، އެކަމުގެ ސަބަބުން އެމީހުން ހޭލުންތެރިވާ ގޮތެއް ނުވާނެއެވެ. ދެން ކަންތައް ވެގެންދާނީ މަކުނުގެ އަތަށް ކުޑަރުމާލެއް ދިނީމައިވާ ގޮތެވެ. މޫނު ފުހުމުގެ ބަދަލުގައި އެއިން ފުހޭނީ ފުރަގަސްފަރާތެވެ." މިހާރު ފެންނަމުން ދަނީ އެ މަންޒަރެވެ!