Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތިން ފެންނަ ތަސްވީރަށް ރަނގަޅަށް ބަލައިލާށެވެ! ދެން، އަދިވެސް އެއްފަހަރު އެ ތަސްވީރަށް ރަނގަޅަށް ބަލައިލާށެވެ! އަދި އެ ތަސްވީރު ހިތުގައި ރަނގަޅަށް ހަރުކޮށްލާށެވެ! އެ ތަސްވިރުން ފެންނަ މަންޒަރުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

މި ތަސްވީރުން އެ ފެންނަނީ އުތުރު އެފްރިކާގެ ޔުގެންޑާގައި އިނގިރޭސީންގެ އިސްތިއުމާރު އޮތް ދުވަސްވަރު، 1905ގައި އިނގިރޭސި އިސްތިއުމާރީ އޮފިސަރެއް ކަމުގައިވާ ހެރީ ޖޯޖް ގޯލްޓު، މަޖުބޫރު ކުރުވައިގެން، ތަނުގެ އަހުލުވެރިންގެ ބައެއް ލައްވައި، އެލުވިފައިވާ ޖޯއްޔެގައި ކަބަރޯލޭ އޭ ކިޔާ ރަށަކުން އިބަންޑާއޭ ކިޔުނު ރަށަކަށް އޭނާ ގެންދެވޭ ތަނެވެ. މި ދަތުރުގައި، އަރާމުކޮށްލުމަށްޓަކައި ކުޑަކޮށް ވެސް މަޑުޖައްސާލަން ފުރުސަތެއް ނުދީ، އޭނާ އުފުލައިގެން، ތަނުގެ އަހުލުވެރިންގެ އެ މީހުންނަށް، ތިން ކިލޯމީޓަރަށް ހިނގަން، އޭނާ ޖެއްސިއެވެ. އެންމެފަހުން، އޭނާގެ މި ބޭރަހުމީ، ހިތްހަރުކަމުގެ އަމަލުގެ ވާހަކައާއި އަދި އެނޫން ވެސް ވާހަކަތައް ރަށުތެރޭގައި ފެތުރުމުން، ރަށުގެ މީހަކު އޭނާއާ ދިމާއަށް ލޮންސިއެއް އެއްލައި އޭނާގެ ގަޔަށް އެލޮންސި ހެރި، އޭނާ މަރުވީއެވެ. އޭނާގެ މަރުގެ ބަދަލުހިފުމުގެ ގޮތުން، އިނގިރޭސި އިސްތިއުމާރީ އިދާރާއިން، ތަނުގެ މީހުންނަށް އެކި އަދަބުތައް ދިނެވެ. ކޮންމެއަކަސް، ތަސްވީރު އެ ބުނެދެނީ ބޭރުގެ ބާރެއްގެ ދަށަށް ތަނެއް ދިޔުމުން، ތަނުގެ އަހުލުވެރިންނަށް ޖެހޭ ހާލެވެ! މި ކަމުގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ މި ސުއާލު ކޮށްލާށެވެ. މި ތަސްވީރުގެ މި ނަންގަތް ހަގީގަތުގެ ފުރަގަހުގައި އޮތް ވާހަކައަކީ ކޮބާ ހެއްޔެވެ؟ ދެންމެ ނަންގަތް ފަދައިން، ތަންތަނުގެ މިނިވަންކަން ގެއްލުމުން، ތަނުގެ އަހުލުވެރިންނަށް ދިމާވާ ހާލަތެވެ. އަޅުވެތިވުމެވެ. ނިކަމަތިވުމެވެ. ބިކަވުމެވެ. ތަނުގެ ހުރިހާ ޚައިރާތެއް މުސްތައުމިރުންގެ، އާދެ، އަޅުވެރިކުރާ ބާރުގެ އަތްދަށަށް ދިޔުން ވެސްމެއެވެ.

އިހުގައި ތަންތަން އިސްތިއުމާރުކުރީ، އަސާސީ ގޮތެއްގައި، ސީދާ ބާރުގެ ބޭނުން ކޮށްގެންނެވެ. މިސާލަކަށް އެމެރިކާއަށް ބަލާލާށެވެ. އިނގިރޭސިން އަދުގެ ޔޫ.އެސް.އޭ އިސްތިއުމާރުކުރި ގޮތެވެ. ބާރުގެ ބޭނުން ކޮށްގެން ތަނުގެ އަހުލުވެރިންނާ ހަނގުރާމަކޮށް، އެމީހުން މަރައި މަދުކޮށްގެންނެވެ.

މިނަންގަތް ގޮތުގެ އިތުރުން، އާދެ، ސީދާ ބާރު ބޭނުންކޮށްގެން އިސްތިއުމާރު ކުރުމުގެ އިތުރުން، ބައެއް ފަހަރު، ތަނުގައި އޮތް ބައިބައިވުމާއި ސިޔާސީ ކޯޅުންތަކުގެ ސަބަބުން ވެސް، އިހުގައި ގައުމުތައް އިސްތިއުމާރުގެ ބާރުގެ ދަށަށް ގޮސްފައިވެއެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ އިނގިރޭސީންގެ އަތްދަށަށް އިންޑިޔާ ދިޔަ ގޮތެވެ. އިންޑިޔާއަކީ އޭރު ވެސް، އަދި މިހާރު ވެސް، ނަސްލީ، ދީނީ، ބަހަވީ ބައިތަކުން ބައިބައިވެފައި އޮތް ތަނެކެވެ. މިކަންވީ، އިންޑިޔާ އިސްތިއުމާރުކޮށް، އިންޑިޔާގެ މައްޗަށް ވެރިވުމަށް އިނގިރޭސިންނަށް އެހީވެދިން ކަމަކަށެވެ. ކުދިކުދި ދައުލަތްތަކެއް އިންޑިޔާގައި އޭރު އޮތުމުން، އެފަދަ އެއް ދައުލަތް އަނެއް ދައަލަތާކައި ތަޅުވައި، އެއްބަޔަކު އަނެއް ބަޔެއް ލައްވައި ބަލިކުރުވައި، ގަދަވާ ބައެއްގެ މައްޗަށް އެންމެ ފަހުން އިނގިރޭސިން ވެރިވަނީއެވެ. އާދެ، ދެ ބުޅަލުގެ އަރާރުމުގައި، ގާޒީ މަކުނު ބުޅަލުގެ ބޯކިބާ ކާލި ގޮތަށެވެ!

ދެން، އިތުރު އެހެން މިސާލެކެވެ. ފަލަސްތީނުގެ މިސާލެވެ. ފަލަސްތީނު އިނގިރޭސީންގެ އަތްދަށަށް ގެންދިޔައީ އެއްކޮޅުން މަކަރާއި ހީލަތް ބޭނުން ކޮށްގެންނެވެ. އަނެއްކޮޅުން ވެރިކަމަށް ދަހިވެތިވެފައި ތިބި ބައެއް، އެ ދަހިވެތިކަމުގެ ސަބަބުން، އިނގިރޭސިންގެ ހަގީގީ މަގުސަދާ މެދު ވިސްނާލަން ބޭނުންނުވީއެވެ. ވިހި ވަނަ ގަރުނުގެ ކުރީކޮޅުއްސުރެން ފެށިގެން، އިނގިރޭސިން އައީ ޔޫރަޕުގެ ޔަހޫދީންނަށް ދައުލަތެއް އުފައްދައިދިނުމުގެ މަސައްކަތްކުރަމުންނެވެ. އެ ދައުލަތް ގާއިމުކުރުން ހަމަޖެހުނީ ފަލަސްތީނުގައެވެ. މިކަމަށް އޭރު އޮތް ހުރަހަކީ އުސްމާނީ ދަައުލަތެވެ. އަރަބިންގެ ތެރޭގައި، ހިޖާޒުކަރައިގެ ޝަރީފު ހުސައިނު ލީޑަރަކަށް ބަހައްޓައިގެން، އުސްމާނީ ޚިލާފަތާ ދެކޮޅަށް ތެދުވެ، ބަޣާވަތްކޮށްފި ނަމަ، އިނގިރޭސީން، އޭނާއަށް ވައުދުވީ އަރަބި ދައުލަތެއް، ރަސްކަމެއް ގާއިމުކޮށްދިނުމަށެވެ. ނަމަވެސް، އުސްމާނީ ދައުލަތް ބަލިކުރުމަށް ފަހު، އިނގިރޭސީން، ފަލަސްތީނާ މެދު، ކުރިން ވެސް ކަންތައް ކުރަން ނިންމާފައި އޮތް ގޮތަށް ކަންތައް ކުރީއެވެ. އެންމެ ފުރަތަމަ، އެމީހުންގެ ބާރުގެ ދަށަށް ފަލަސްތީނު ގެނެސް، ޔަހޫދީންނަށް ފަލަސްތީނަށް ހިޖުރަކުރެވޭ ގޮތް ހެދީއެވެ. އެއަށް ފަހު، 1948ގައި ފަލަސްތީނުގައި އިޒްރޭލު ގާއިމު ވެގެންދިޔައީއެވެ.

މިކަންކަމުން، މިއަދު، އަހަރުމެންނަށް ލިބެން އޮތް ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އިސްތިއުމާރީ ބާރުތައް މިއަދު ވެސް، އެމީހުންގެ ވަކިތަައް ތަންތަނުގައި ހިއްޕާލުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. މިއަދު އެކަން ކުރަނީ މަތީގައި ނަންގަނެވުނު ތިން ވަސީލަތުގެ ތެރެއިން، މައިގަނޑު ގޮތެއްގައި، ފަހުން ނަންގަނެވުނު ދެ ވަސީލަތުގެ އެހީގައެވެ. ތަނުގައި ބައިބައިވުން މެދުވެރިވެފައި އޮތް ނަމަ، އެކަން ދަމަހައްޓައި، ވެރިކަމަށް ދަހިވެތިވެފައި ތިބި ބައެއްގެ އެހީގައެވެ. ދެން، މިކަމަށް މަގުފަހިވެގެންދާ އެންމެ ބޮޑު ސަބަބަކީ ތަނުގެ ރައްޔިތުންގެ ތެރޭގައި އުއްމަތީ ހޭލުންތެރިކަމެއް ނެތުމެވެ. އޭގެ ބަދަލުގައި ގަބަލީ ސިފަ އަށަގެންފައި ވުމެވެ.

އުއްމަތީ ހޭލުންތެރިކަމާއި ގަބަލީ ވިސްނުމަކީ ކޮބާހެއްޔެވެ؟ އުއްމަތީ ހޭލުންތެރިކަމަކީ ތިމާމެންގެ ޖަމާއަތަކީ އެއް ބަޔެއް ކަމުގައި ދުށުމެވެ. ތިމާމެންގެ ޖަމާއަތުގެ ތެރޭގައި ދެބަސްވުންތައް އޮތް ކަމުގައި ވިޔަސް، ބޭރުގެ ބާރެއްގެ ކުޑަވެސް ނުރައްކަލެއް ތިމާމެންގެ ޖަމާއަތަށް އަތުވެދާނޭހެން ހީވުމުން، އެންމެން އެއްބައިވެ، އެކަމާ ކުރިމަތިލުމެވެ. މީގެ އެންމެ ރަނގަޅު މިސާލެއް މިއަދު ފެންނަނީ ހުޅަނގުގެ ގައުމުތަކުންނާއި އިޒްރޭލުންނެވެ. އެމީހުންގެ ތެރޭގައި ވެސް، އެކިއެކި ބޮޑެތި ބޮޑެތި ދެބަސްވުންތައް އޮވެއެވެ. ނަމަވެސް، ބޭރުގެ ބާރެއްގެ ނުރައްކަލެއް އަތުވެދާނެ ކަމަށް ހީވެއްޖެތަ، އެހުރިހާ ދެބަސްވުންތަކެއް އެއްފަރާތް ކޮށްފައި، އެންމެން އެކަތިގަނޑަކަށްވެ، އެ ނުރައްކަލާ ކުރިމަތިލައި، އެ ނުރައްކާ ނެތިކޮށްލައެވެ. އުއްމަތީ ހޭލުންތެރިކަމޭ ބުނެ މި އިޝާރަތްކުރަނީ މިފަދަ ހޭލުންތެރިކަމަކަށެވެ.

ދެން، ގަބަލީ ވިސްނުމަކީ ކޮބައި ހެއްޔެވެ؟ އިހުގެ އެފްރިކާއާއި އިހުގެ އިންޑިޔާއަށް ބަލައިލާ ނަމަ، ކުދިކުދި ގަބީލާތަކަށް މުޅި ގައުމު ބެހިފައި އޮތުމެވެ. ބައެއް ފަހަރު މި ގަބަލީ ބައިބައިވުން ބިނާވެފައި އޮންނަނީ ނަސްލީ ކަމެއްގެ މައްޗަށެވެ. ކޮންމެ ބައެއް ވެސް ވަކި ދަރިފަސްކޮޅަކުން އައިސް އޮންނަ އޮތުމަކަށެވެ. މީގެ އިތުރުން، އަނެއް ބައި ފަހަރުފަހަރު، މިކަން ބިނާވެފައި އޮންނަނީ ދީނީ، މަޒުހަބީ، ތާއިފީ، ފަންތީ ތަފާތު ތަކެއްގެ މައްޗަށެވެ. ތަނުގެ ސިޔާސީ ނިޒާމަށް، އަދި އެ ނިޒާމު ހިންގާ ވެރިން، މިފަދަ ތަފާތުތައް އެކަމުގެ ސަބަބުން މީސްތަކުން ބައިބައިވެގެން ނުދާނޭ ސިފައެއްގައި ގެންގުޅެއް ނޭނގިއްޖެ ނަމަ، އެ ތަފާތުތައް ވާނީ ތަން ބައިބައިކޮށްލާ ކަމަކަށެވެ. އެ ތަފާތުތައް، މިފަދައި ބައިބައި ކުރުވަނިވި ސަބަބަކަށް ނުވެ، ގެންގުޅެވޭނީ، ތަނުގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮވެގެންނެވެ. ތަނުގެ ކޮންމެ ފަރުދަކަށް ވެސް، އެ ތަނެއްގައި ގާއިމުވެފައި އޮންނަ ސިޔާސީ ނިޒާމުގެ ތެރެއިން، އޭނާގެ އަސަސީ ބޭނުންތައް ފުއްދާލެވޭނޭ ގޮތް ހަމަޖެހިފައި އޮތުމުންނެވެ. ގެދޮރު ލިބުމާއި މައީޝީ ކަންތައްތައް، ސަލާން ނުޖަހައި، ހަމަޖެހިފައި އޮވެގެންނެވެ.

އަދުލުވެރިކަމާއި ހަމަހަމަކަމުގެ މި ބުނި ކަހަލަ ނިޒާމެއް ނެތުމުން، ތަނުގައި އުފެދޭނީ ގަބަލީ ވިސްނުމެކެވެ. ތަނުގެ މައި ސަރުކާރަކީ ތިމާ ތަމްސީލުކޮށްދޭ މުއައްސަސާއަކަށް ނުވުމެވެ. އަދި، ތިމާއަށް ހެޔޮ ގޮތެއް މެދުވެރިވާން އޮތީ ތިމާގެ ކުޑަ ޖަމާއަތުގެ މީހުންނާ އެކުވުމުން ކަމުގައި ބެލެވެއެވެ. މި ގަބަލީ ވިސްނުން ވެގެންދަނީ ތަނަށް ހުރި ވަރަށް ވެސް ބޮޑު ނުރައްކަލަކަށެވެ. ތަނުގައި ދާޚިލީ ހަމަނުޖެހުން އުފެދި ތަނުގެ ސިޔާސީ ގަރާރުކަން ގެއްލުމުގެ އިތުރުން، ބޭރު ބާރުތަކަށް ތަނަށް ވަނުމުގެ ފުރުސަތު ލިބެެއެވެ. ކޮންމެ ވެސް ގަބަލީ ޒައީމަކާ ގުޅި، އޭނައަށް ފައިސާއާއި ކޮންމެ ވެސް ބާރެއް ދިނުމުނުން، ބޭރު މީހުންނަށް ތަނަށް ވަދެގަނެވޭ ގޮތް މެދުވެރިވެއެވެ.

މަތީގައި އިޝާރަތްކޮށްލެވުނު ތިން މިސާލުން ވެސް، މިކަމުގެ ހަގީގަތް ފެނިގެން ދާނެއެވެ. ބޭރު މީހުންނަށް ތަނަށް ވަދެގަތުމުގެ ފުރުސަތު ލިބުނީ ތަނުގައި އުއްމަތީ ވިސްނުމެއް ނެތި ގަބަލީ ވިސްނުމެއް އުފެދިފައި އޮތުމުންނެވެ. ކަން މިހެން އޮތުމުން ގަބަލީ ވެރިޔަކާ ގުޅިގެން ނޫނީ ނުގުޅި، ހަމައެކަނި އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ތަނަށް ވެރިވެގަތުމަށް މަގުފަހިވީއެވެ.

މަތީގައި ނަންގަނެވިފައިވާ ގޮތަކަށް މިހާރު ތަންތަން އިސްތިއުމާރު ނުކުރެވެއެވެ. ނަމަވެސް މީގެ މާނައަކީ އިސްތިއުމާރީ އެދުންތައް ބޮޑެތި ބާރުގެ ކިބައިގައި ނެތުމެއް ނޫނެވެ. އެކަން އޮވެއެވެ. އަދި، އެކަން މިހާރު ކުރަނީ، ތަނުގެ ގަބަލީ ފިކުރުގެ އިސް މީހަކާ ގުޅިގެން، އޭނައާ އޭނާގެ ޖަމާއަތުގެ އެހީގައެވެ. މި މަންޒަރު ރާއްޖެއިން ވެސް މިހާރު ފެންނަން ފަށައިފިއެވެ. އެންމެ އިހުއްސުރެންވެސް ރާއްޖޭގެ ވެރިކަމުގެ އިސް ސަފުގައި ފަސާދަ އޮވެއެވެ. ނަމަވެސް، ވަރަށް ވެސް މަދުން ނޫނީ ގައުމަށް ޚިޔާނަތްތެރިވުމުގެ އަމަލެއް ނުފެނެއެވެ. ނަމަވެސް، ފަސާދައިގެ އިތުރުން މިހާރު އެ މަންޒަރު ވެސް ފެންނަން ފަށައިފިއެވެ. ބޭރުގެ ބާރުތަކާ އެކު ހެދޭ ސިއްރު އެއްބަސްވުންތަކުގެ ދަށުންނެވެ. މި އެއްބަސްވުންތައް ނިޔާކުރަނީ އެ ބާރުތަކުގެ އަސްކަރިއްޔާ، އެކިއެކި ނަންނަމުގައި ރާއްޖޭގައި ބޭތިއްބުމެވެ. މީގެ އިތުރުން، އެ ބާރުތަކުގެ ދަށަށް، ކޮންމެ ވެސް ސިފައެއްގައި، ރާއްޖޭގެ އެކިއެކި ތަންތަން ދިޔުމެވެ. ކަނޑުތަކާއި ފަޅުތަކެވެ. އަދި ބައެއް ބިންތަކެވެ. މިގޮތަށް، ބޭރުގެ ބާރެއްގެ ދަށަށް ތަންތަން ދިޔުމުން، އެ ތަންތަނުގައި ހިންގޭ ކަންކަމީ، އެ ސިއްރު އެއްބަސްވުންތަކާ ބެހޭ ގޮތުން ފޭދިގެން ނިކުންނަ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ރާއްޖޭގެ ބާރެއް ނުހިނގާ ކަންކަމެވެ. އެހެންވެ، މިއީ ރިސޯޓު ހިންގުމަށް ރަށްރަށް ދިގު މުއްދަތަކަށް ދެވޭ ދެވުމާ މުޅިން ތަފާތު ކަމެކެވެ.

ކޮންމެއަކަސް، ބޭރު ބާރެއް އެހެން ބައެއްގެ މައްޗަށް ވެރިވެގަންނަނީ އެއް ދުވަހުން އެންމެ ކަމެއް ކޮށްގެނެއް ނޫނެވެ. ދިގުލާ ރާވައިގެން، މަޑުމަޑުންނެވެ. އިންޑިޔާގައި އިނގިރޭސީންގެ އިސްތިއުމާރީ ބާރު ގާއިމުކުރަން ދުއިސައްތައެއްހާ އަހަރު ނެގިއެވެ. ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ބިނާކުރީ އެކަމުގެ ފިކުރުކޮށް ރޭވުން ރާވައި، އެކަމަށް ސަތޭކައެއްހާ އަހަރުވީ ފަހުންނެވެ.

ކުރިން ވެސް ބުނި ފަދައިން މިކަން ފަހިވެގެންދަނީ އުއްމަތީ ހޭލުންތެރިކަމެއް ތަނުގެ އަފުރާދުންގެ ކިބައިގައި ނެތި، ގަބަލީ ވިސްނުމެއް ގެންގުޅެން ފެށުމުންނެވެ. މި ގޮތަށް ކަންތައް ވާން ފެށުމުން، ތަނުގައި ހުންނަ ކުދިކުދި ތަފާތުތައް ބޮޑުކުރެވި، އެއީ މީހުންގެ ހުވިއްޔަތު، ކޮން ބައެއްކަން، ކަނޑައަޅާލާ ކަމެއް ކަމުގައި ވެގެން ދެއެވެ. މިސާލަކަށް އެމީހަކު ނިސްބަތްވާ އަތޮޅަކާއި ރަށް، އެމީހަކު ވާހަކަދައްކާ ބަހުރުވަ ފަދަ ކަންކަމެވެ. ވަކި އަތޮޅަކާއި ރަށަކަށް ނިސްބަތްވެ، ވަކި ބަހުރުވައެއް ބޭނުން ކުރުމަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް، މިކަންކަމީ ތިމާމެންގެ ޖަމާއީ ހުވިއްޔަތު ކަނޑައަޅާލާ ކަމަކަށް ވެއްޖެ ނަމަ، މިކަން ވެގެން ދާނީ ތަން ބައިބައި ކޮށްލާ ބޮޑެތި ތަފާތުތަކަކަށެވެ. އަދި، މިކަމުގެ ސަބަބުން، ގަބަލީ ފިކުރުގެ ވެރިންގެ އެހީގައި ބޭރު ބާރުތަކަށް ތަނަށް ވެރިވެގަނެވޭނޭ ކަމަކަށެވެ!

ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް ރޭވެމުން ދިޔައިރު، އެތަނުގެ އާންމުންގެ ގިނަ ބަޔަކަކަށް މިކަމެއް ނޭނގެއެވެ. މިކަން ރޭވެމުންދާ ކަމުގެ ކުޑަ ހޭލުންތެރިކަމެއް ވެސް ނެތެވެ. އާންމުންނަށް މިކަން އެނގިގެން ދިޔައީ 1917ގައި ބެލްފޯރުގެ ގަރާރު ނިކުތުމުންނެވެ. ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރާނޭ ކަމުގެ ގަރާރެއް އިނގިރޭސިން އެކުލަވާލައި އެކަން އިއުލާނު ކުރެވުމާ ވިދިގެންނެވެ. ދެން، ކަންތައްވީ ކިހިނެއް ހެއްޔެވެ؟ އެއިރު ކަމެއް ކުރުން އޮތީ މާލަސްވެފައެވެ. އާޚިރު ނަތީޖާ މިއަދު އެ ފެންނަނީއެވެ. ފަލަސްތީނުގެ އަހުލުވެރިން އެތިބީ ބިކަވެ، ހާލުގައި ޖެހިފައެވެ. މީގެ ހެކި، ހަމައެކަނި އަގުސާ މިސްކިތަށް ޔަހޫދީން އަރައިގަނެ، އަމިއްލަ ނަފްސު ދިފާއުކުރާނޭ އެއްވެސް ގޮތެއް ނެތް ބަޔަކަށް، މުސްކުޅިންނާއި އަންހެނުނާއި ކުޑަކުދިންނަށް ވެސް، ހަމަލާދޭ، ދައުރުވަމުންދާ، އަދި ދިވެހިންގެ އެތައް ބަޔަކު ވެސް ހިއްސާ ކުރަމުންދާ ވީޑިޔޯތަކުން ފެންނާނެއެވެ.

މިހާރު ރާއްޖޭގައި ވެސް ހިނގަމުން އެދާ ކަންކަމާ މެދު، އެއީ ތަރައްގީގެ މަޝްރޫއުތަކޭ، އެއީ މިހާރު އެކަން އޮންނަން ޖެހޭނޭ ގޮތޭ، އެއީ ކުރީ ސަރުކާރުތަކުން ފެށި ކަންކަމޭ ކިޔައި އެކިއެކި ބަހާނަތައް ނުދައްކައި، މިކަމާ މެދު، ގަބަލީ ފިކުރުގެ ވިސްނުން ދޫކޮށްލައި އުއްމަތީ ވިސްނުމެއްގެ އަލީގައި ނުވިސްނައިފި ނަމަ… ކަންވާނީ ކިހިނެއް ކަމާ މެދު ވިސްނާލާށެވެ! އާދެ، މަތީގައި އެވާ މަންޒަރު ހިތަށް ގެންނާށެވެ. އެ މަންޒަރު އެ ފެންނަ ޖޯލީގައި އޮތް ހެރީ ޖޯޖު ވާނީ ބޭރުގެ ބާރަށެވެ. އެ ބާރު ހެދިގޮތެއް ހަދަން މަޖުބޫރުވެފައި ތިބި މީހުން ވާނީ ދިވެހިންނަށެވެ! އެހެންވެ، މިފަދަ ގޮތެއް މެދުވެރިދާނެ ސިފައަކަށް ކަންތައް ކުރާ ކަސްބީ ގަބަލީ ސިޔާސީވެރިންނަށް ނޫނެކޭ ބުނަން ޖެހެއެވެ! ފޮރުވައިގެން އެމީހުން ގެންގުޅޭ ސިއްރު، އެއްގޮތަކަށް ވެސް ހާމަކުރަން އިންކާރުކުރާ، އެޖެންޑާއަކީ ކޮބައިކަން ކޮންމެ މީހަކު ވެސް އަމިއްލައަށް ދެނެގަނެ، އެ އެޖެންޑާ ހިންގާލުމަށް އުޅޭ، ޕޯޗުގީޒުންނަށް ރާއްޖެ ދިން، ހަސަން ނުވަ ވަނަ، ނުވަތަ ޑޮން މެނުއަލް ފަދަ، ޣަދަރުވެރި ޚިޔާނަތްތެރި ކަސްބީ ސިޔާސީ ވެރިންނަށް، ރާއްޖޭގެ ސިޔާސީ މަސްރަހުން އެއްވެސް ޖާގައެއް ނުދިނުމަށް މަސައްކަތްކުރަން ޖެހެެއެވެ!