Support Us

ކޮލަމް ކޯދު: ތިމްސާލެއް ކިޔައިދޭ ވާހަކައެއް

ތިރީގައި އެ ފެންނަ ތިމްސާލު، ބިންވަޅު ކޮނެ ނަގައިގެން ހެދިފައިވާ ބުދު، ގުޅެނީ ތާރީޚީ ހާދިސާއަކާއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، އުސްމާނީ ދައުލަތް ހިމެނުނު، މަރުކަޒީގެ ބާރުތައް (ސެންޓްރަލް ޕަވާރސް) ބަލިވެ، ތުރުކީ އިނގިރޭސިންނާއި ފަރަންސޭސީންގެ އިދާރީ ބާރުގެ ދަށަށް ގެނެވުނެވެ. މި ތިމްސާލު ގުޅެނީ އެދުވަސް ވަރު، އާދެ، 31 އޮކްޓޯބަރު 1919 ގައި ހިނގި ހާދިސާއަކާއެވެ.

އެ ދުވަހު، ތުރުކީގެ މަރާޝްއޭ ކިޔުނު ރަށުގެ އާންމު ހައްމާމަކުން، ބުރުގާ އަޅައި ނިވާކޮށްގެން ތިބި ތުރުކީގެ ތިން އަންހަނަކު ނިކުމެގެން ދަނިކޮށް، ފަރަންސޭސި އިހުތލާލީ ބާރުގެ ސިފައިނގެ ދެ މީހަކު އެ ތިން މީހުން ހުއްޓުވައި، މިހާރު މި ރަށުގައި އޮތީ އުސްމާނީ ދައުލަތުގެ ބާރެއް ނޫނޭ، ފަރަންސޭސިންގެ ބާރު ހިނގާ ސަރަހައްދެއްގައި ބުރުގާ އަޅައި ނިވާކޮށްގެން ތިހެން ނުހިނގޭނޭ ބުނެ، އެ މީހުންގެ ބުރުގާ ނަގަން މަސައްކަތް ކުރިއެވެ. ދެން، އެ އަންހެނުން އަޑުގަދަކޮށް އެހީއަށް އެދި އަޑުއަހަރުކޮށް ގޮވުމުން އެތަނަށް، އެތަނުގެ އަވައްޓެރިއަކު ކަމުގައިވާ ޖަމަކްޖީ ސައިތު އޭ ކިޔުނު މީހަކު ދުވެފައި އައެވެ. އެ ވަގުތު އެ ސިފައިންގެ ދެ މީހުން ސައިތު ގަޔަށް ބަޑިޖަހައި އޭނާ މަރާލިއެވެ. މިތަން ފެނިގެން، ސޫތުޖޫ އިމާމު- އާދެ ކިރުވިއްކާ މީހާ- އެތަނަށް އައިސް އެ ދެ ސިފައިންގެ މީހުން ގަޔަށް ބަޑިޖަހައި އެކަކު މަރާލައި އަނެކަކު ޒަޚަމް ކޮށްލިއެވެ. (މަތީގައި އެ ވަނީ މި ހާދިސާ ދައްކުވައިދޭ ދެ އަތު ކުރެހުމެކެވެ.)

މި ހާދިސާ ވެެގެން ދިޔައީ ޔޫރަަޕުގެ އިހުތިލަލީ ބާރުތަކާ އިދިކޮޅަށް ތުރުކީގައި ހަނގުރާމަ ފެށުމަށް މެދުވެރިކުރުވި އެއް ސަބަބަށެވެ. އަދި، އެންމެ ފަހުން، އެމީހުން ތުރުކީން ބާލައި، އަދުގެ ތުރުކީ ޖުމްހޫރިއްޔަތު އިއުލާނު ކުރެވުނެވެ.

އިހުތިލާލީ ބާރުތައް ތަނަކަށް ވެރިވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ދިމާކުރަނީ ތަނުގެ ހުވިއްޔަތުގެ (ތަނުގެ މީހުންނަކީ ކޮން ބައެއްކަން ކަނޑައަޅައިދޭ ކަންކަން، އައިޑެންޓީޓީ) ތެރޭގައި ހިމެނޭ އެންމެ މުހިއްމު ބައި ކަމުގައި ހިމެނޭ ދީން ނައްތާލެވޭތޯއެވެ. އެކަން ކުރެވިއްޖެ ނަމަ، އެ މީހުންގެ މައްޗަށް ވެރިވުން ފަސޭހަވާނެތީއެވެ. ނަމަވެސް، މަގުމަތީ ކިރު ވިއްކައި ވިޔަފާރިކުރަން އުޅުނު ތުރުކީގެ އެންމެ އާދައިގެ މީހުންގެ ކިބައިގައި ވެސް ވަރުގަދަ ދީނީ ޣީރަތްތެރި ކަމެއް ހުރުމުން، އެކަން ކުރަން އެހާ ފަސޭހައެއް ނުވިއެވެ. އަދި، އެކަން ކުރަން އުޅުންވީ، ފަރަންސޭސިންނާއި އިނގިރޭސިންނާ ދެކޮޅަށް ތުރުކީ މިނިވަންކުރުމުގެ ހަނގުރާމަ ކުރެވި، އެމީހުން ބޭރުކުރެވުމެވެ. އަދި، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އުސްމާނީންނާ ކުރެވުނު ސެވްރެސްގެ އެއްބަސްވުން ބާތިލުކޮށް، ތުރުކީގެ މިނިވަން ލީޑަރުން އެދުނު ގޮތުގެ މަތިން އާ އެއްބަސްވުމެއް- ލޯސޭންގެ އެއްބަސްވުން- ލިޔެވުމެވެ.

ސޫތުޖޫ އިމާމު

މިކަމުން ލިބެނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ އުއްމަތީ ފިކުރެއް ހުރެއްޖެ ނަމަ، އަދި އެކަމުގެ މަސްދަރަކީ ދީން ކަމުގައި ވުމުން، ތަނުގެ މިނިވަންކަމާއި އެހެން މީހުންނަށް ކުޅުމަކީ ފަސޭހަކަމަށް ނުވެއެވެ. އެފަދަ މަންޒަރެއް ފެނިއްޖެ ނަމަ، އެންމެ އާދައިގެ މީހާ ވެސް އެކަމާ އިދިކޮޅަށް ނިކުމެ، އެކަމުގެ ސަބަބުން އެފަދަ އިހުތިލާލީ ފިކުރެއް ގެންގުޅޭ މީހުންނާއި އަދި އެފަދަ މީހުންނަށް އެހީވެދޭން އުޅޭ ޣަދަރުވެރި ޚާއިނުން ބަލިވެދެއެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން ވެސް، ކިރު ވިއްކާ ސޫތުޖީ އިމާމު ފަދަ އާދައިގެ އަފުރާދުން ތަކެއް އުފެދެން ވެއްޖެއެވެ. އަދި، އަޅުގަނޑެމެންގެ ތެރެއިން ފެންނަމުންދާ އިހުތިލާލީ ބާރާއި އެ ބާރަށް އެހީވެދޭން އުޅޭ މަދު ޣަދަރުވެރި ބައިގަނޑު ފަޟީހަތްކޮށް، އެމީހުން އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން ދުރުކުރަންވީ ވަގުތު ޖެހިއްޖެއެވެ. ކުރިއަށް އޮތީ އެކަން ކުރުމަށް ފުރުސަތު ލިބޭނޭ ވަގުތެކެވެ. މިހާރުއްސުރެން ފެށިގެން އެކަމަށް ތައްޔާރުވާން ޖެހެއެވެ.