Support Us

މީދޫގެ މި މަގުގެ ހަނދާންތައް އައުކޮށްލަމުން…

ރޯދަމަސް ދެބައިވެގެން ދާއިރު، މި މަގުގެ ހަނދާންތައް އައުކޮށްލާނަމެވެ.

މި މަގަކީ ސ. މީދޫގައި އޭރު ތިބި ޒުހުދުވެރި އަޅުވެރީން އަޅުކަމަށް ހިނގި މަގެކެވެ. މީދޫ، ނޫރަންފެހި، ޢަބްދުﷲ ފާއިޒު މާމިސްކިތަށް އިޢުތިކާފަށް, ނަމާދަށް ހިންގެވީ މި މަގުންނެވެ. މީދޫ ދެކުނުގޭ އައްޝައިޚު ޖަޢުފަރު ފާއިޒު 90ގެ ކުރީކޮޅު ރަށަށް ވަޑައިގެންނެވި ދުވަސްވަރު މާމިސްކިތަށް ވަޢުޟު ވިދާޅުވާން ހިންގެވީ މި މަގުންނެވެ. ރަށުގެ މާ ދުރު އަވަށަކުން ކޮންމެ ހުކުރު ދުވަހެއްގެ 11 ޖަހާއިރު މާމިސްކިދަށް ހުކުރަށް ވަޑައިގެންނެވީ  ވެސް މި މަގުންނެވެ.

މި މަގު ޚާއްސަވާ އެހެން ކަމެއްވެސް އެބައޮތެވެ. ކޮންމެ ދުވަހަކީ މި މަގުން މުދިންބޭބެ ސައިދުގެއަށާއި، މުދިންގެއަށާއި މާމިސްކިތަށް ހިންގަވާ މަގެވެ. ރޯދަމަހު ނާޖީ ފެހިކުލައިގެ ފިނި އިސްބަޣޫލް ހަން ހިފައިގެން ނާޖީގެއިން މާމިސްކިދަށް ރޯދަވީއްލަން ހިނގީ މި މަގުންނެވެ. މި މަގަކީ ހަސަންކާރުން ބަންޑާގެ އިބްރާހިމް ބޭބެ ހަވީރު ފިނިއަތަށް އަޅާލީމައި، މާ މިސްކިތުގައި ރޯދަވެރީންނަށް ރޯދަވީއްލުމުގެ ކަންކަމަށް ތައްޔާރުވުމަށް މޭޒާއި، ފަނިފުޅި އާއި ކަދުރު ގެނެސް އެ ހެޔޮ ބަރަކާތްތެރި ޢަމަލު ކުރުމަށް ހިނގި މަގެވެ. ހަމަ އެފަދައިން ކޯގަންނު ޒިޔާރަތް މިސްކިތު އިމާމު ދިޔަގެ އައްލާ (އަލީ) ކޮންމެ ދުވަހަކު ފަސް ފަހަރު ނާމަދަށް ހިންގެވީ މި މަގުންނެވެ. އަލީ ނިޔާވީވެސް ނަމާދަށް ދަނިކޮށް އަޅުކަމެއްގެ މަތީގައި ރަނގަޅު ނިމުމަކުން މަތެރެސްމާގެއާ ހިސާބުންނެވެ.

އިސްވެ ބަޔާންކުރެވުނު އަޚުން ވަނީ މި ފަނާކުރަނިވި ދުނިޔެއިން، ބަރުޒަޚަށް، މަލަކޫތީ ޢާލަމަށް ދަތުރުކޮށްފައެވެ. މީދޫގެ އައު ޖީލު މިފަދަ ޒުހުދުވެރިންގެ ޙަޔާތުން ޢިބްރަތް ހާސިލުކޮށް ރަމަޟާާންމަހުގައި އަޅުކަމުގައި މަޝްޣޫލުވުމަށް ނަސޭޙަތްތެރިވަމެވެ. މާތް ﷲ، ބޭބާ، އައްޝައިޚް ޢަބްދުﷲ ފާއިޒު، އައްޝައިޚު ޖަޢުފަރު ފާއިޒް، މުދިންބޭބެ، ބަންޑާގެ އިބްރާާހިމްބޭބެ، ނާޖީ، ދިޔަގެ ޢައްލާާއަށް ސުވަރުގެ މިންވަރުކުރައްވާށި އެވެ. އާާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރަނގަޅު މަަަޢުލޫމާތުކޮޅެއް، އިސްލާޙުކޮށްލަން ވެސް ތަންކޮޅެއް ފާހަގަކޮށްލަން، ބަރުޒަޚުގެޢާލަމް އާއި މަލަކޫތީ ޢާލަމަކީ ތަފާތު ދެ ޢާލަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް