އެއް ދުވަހަކު މަގުމަތިން ހިނގައިފައި ދިޔަ މީހަކަށް، ބިންމަތީ ވެއްޓިފައި އޮތް ވޮލަޓެއް ފެނުނެވެ. ދެން، އެ ވޮލަޓު ނަގައި ބަލައިލިއިރު އޭގައި 1،000 ޑޮލަރު އޮތެވެ. ދެން، އެ މީހާ އެ ވޮލަޓު ހިފައިގެން އޭގެ ވެރިމީހަކު ފެނޭތޯ އުޅުނެވެ.
އޭގެ އަނެއް ދުވަހު، ނޫހުގައި ވޮލަޓެއް ގެއްލިގެން އިއުލާނުކޮށްފައި އޮތެވެ. އޭގެ ސިފައާއި އަދި އެ ގެއްލުނު ތަން ވެސް އިޝްތިހާރުގައި ބަޔާން ކޮށްފައި އޮތެވެ. މީގެ އިތުރުން، ވޮލަޓު ހޯދައިގެން އޭގައިވާ އެއްޗަކާއެކު ގެނެސްދިން މީހަކަށް 50 ޑޮލަރުގެ އިނާމެއް ދޭނޭ ވާހަކަ ވެސް އޮތެވެ.
މި އިޝްތިހާރު ފެނުމުން އެއްކަލަ ފަގީރު މީހާއަށް ވޮލަޓުގެ ވެރިއަކީ ކާކުކަން އެނގުނެވެ. އަދި، ވެރިޔާއާ ހޯދައިގެން އޭނާގެ ވޮލަޓު، އޭގައި އޮތް 1،000 ޑޮލަރާއެކު އޭނާއަށް ރައްދުކުރިއެވެ. އަދި، އޭނާއަށް ލިބެންވާ 50 ޑޮލަރުގެ އިނާމުގެ އިންތިޒާރުގައި ހުއްޓެވެ.
ވޮލަޓުގެ ވެރިމީހާ، ވޮލަޓުގެ ފައިސާ ގުނުމަށް ފަހު، ފަގީރު މީހާއާ މުޚާތަބުކޮށް ބުންޏެވެ. ކަލޭގެ އިނާމަށްވާ 50 ޑޮލަރު ކަލޭ ނެގީތާއެވެ. އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.
މިހެން ބުނެ، ވޮލަޓުގެ ވެރިމިހާ ދާން ހިނގައިގަތުމުން، ފަގީރު މީހާ ބުންޏެވެ. ތި ވޮލަޓުގައި އޮތީ 1،000 ޑޮލަރެވެ. 1،050 ޑޮލަރެއް ނޫނެވެ. ވޮލަޓުން އެންމެ ލާރިއެއްގައި ވެސް އަހަންނެއް ނުޖެހެމެވެ. ދެން ދެމީހުން ދެބަސްވެ، ޒުވާބަކަށް ހިނގައިދާނެހެން ހީވުމުން، ދެމީހުން ވެސް ނިންމީ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.
ކޯޓުގައި ވޮލަޓުގެ ވެރިމީހާ އޭނާގެ ގޮތް ދިފާއުކޮށް، ވޮލަޓުގައި 1،050 ޑޮލަރު އޮންނާނެ ކަމަށް ބުންޏެވެ. އަދި، އޭނާގެ ވާހަކަކޮޅު ނިންމާލަމުން ގާޒީއަށް ދެންނެވިއެވެ. ގާޒީއެވެ. އަޅުގަނޑު މިބުނަނީ ހަމަ ފިސާރި ތެދެކެވެ. އެ ވޮލަޓުގައި 1،050 ޑޮލަރު އޮންނާނެއެވެ. އަޅުގަނޑުގެ ބަސް، މަނިކުފާނު ގަބޫލުފުޅު ކުރައްވަމުނޫންތޯއެވެ؟
ދެން ގާޒީ ވޮލަޓުގެ ވެރިމީހާއާ މުޚާތަބުކޮށް ވިދާޅުވިއެވެ. ޝައްކެއްނެތެވެ. އިނބަގެ ބަސް އަހުރެން ގަބޫލުކުރަމެވެ. މިހެން ވިދާޅުވެފައި، ވޮލަޓާއި އޭގައި އޮތް 1،000 ޑޮލަރު ފަގީރު މީހާއާ ގާޒީ ހަވާލުކުރެއްވިއެވެ.
މިކަމާ ވޮލަޓުގެ ވެރިމީހާ ދެކޮޅު ހެދުމުން ގާޒީ ވިދާޅުވިއެވެ. ފަގީރު މީހާ، ވޮލަޓުން އެއްޗެއް ނަގަން ބޭނުންވި ނަމަ، ނަގާނީ 50 ޑޮލަރެއް ނޫނެވެ. އެއަށް ވުރެވެސް ގިނައިން އޭނާ ނެގީހެވެ. އެހެންވެ، ޔަގީންކަމާއެކު ބުނަން އެނގެނީ އޭނާ އިނބަގެ ވޮލަޓުން އެއްޗެއް ނުނަގާކަމެވެ. އަދި، އެ ވޮލަޓުގައި އޮތީ 1،000 ޑޮލަރު ކަމެވެ. އިނބަގެ ބަސް އަހުރެން ގަބޫލުކޮށް ބުނަން ޖެހެނީ އިނބަގެ ވޮލަޓުގައި 1،050 ޑޮލަރު އޮންނާނޭ ކަމަށެވެ. އެހެންވެ، އިނބަގެ ބަހަށް ރިއާޔަތްކޮށްފައި އެއްޗެއް ބުނާ ނަމަ ބުނަން ޖެހެނީ ފަގީރު މީހާ އެ ގެންގުޅެނީ އިނބަގެ ވޮލަޓު ނޫން ކަމެވެ. އެވާނީ ކޮންމެ ވެސް އެހެން މީހެއްގެ ވޮލަޓެއް ކަމަށެވެ. އެހެންވެ، އެ މީހަކު ފެންނަންދެން، އެ ވޮލަޓާއި އޭގައި ހުރި ފައިސާ އޮންނާނީ ފަގީރު މީހާގެ އަތުގައެވެ. ދެން، މަސް ދުވަހުގެ ތެރޭގައި އޭގެ ވެރިމީހާ ނުފެނިއްޖެ ނަމަ، ހޮވައިގެން ގެންނަ ތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ވޮލެޓާއި ފައިސާގެ ހައްގު ވެރިޔަކީ ފަގީރު މީހާ ކަމަށް ނިންމައިފީމެވެ. ދެން، ވޮލަޓުގެ ވެރިމީހާއާ މުޚާތަބުކޮށް ގާޒީ ވިދާޅުވިއެވެ. އަދި 1،050 ޑޮލަރު އޮތް ވޮލަޓެއް ފެންނަން ދެން އިނބަ ޖެހޭނީ މަޑުން ހުންނާށެވެ!
