އާއްމުކޮށް މުއައްސަސާތަކުގައި އޮފީސް ވަގުތުގެ އިތުރުން ބޭއްވޭ މުބާރާތްތަކާއި މަސްދަތުރުތަކާއި ޕިކްނިކު ތަކުގައި ބައިވެރިނުވެ ނޫނެކޭ ބުނަންޖެހޭ ކިތަންމެ ހާލަތެއް ކުރިމަތިވެދެއެވެ. ރަހްމަތްތެރިންނާއެކު އުޅޭ އިރުވެސް މެއެވެ. ދިރިއުޅުމުގެ އެ ވަގުތެއްގެ ޙާލަތާއި ވަގުތު ނިޔާކުރާ ގޮތުން އިވެންޓްތަކާއި ދަތުރުތަކަށް ނޫނެކޭ ބުނެފިނަމަ ދެންވަނީ ބާކީއެވެ. "އެއީ ކަޓު މީހެކޭ، ދެވޭއިރެއް ނާދޭ، ބުނާނެ ކަމެއްނެތޭ، ބައިވެރިއެއް ނުވާނޭ" ބުނެ އެއްފަރާތް ކޮށްލައެވެ. ޓެގް އަޅުވަނީ "ވަރަށް ވައި، ފަނި މީހެއް"ގެ ގޮތުގައެވެ.
ނަމަވެސް ވިސްނާނުލެވެނީ ހާލަތެވެ. ކުޑަ ދެ ކުދިންގެ ބައްޕައަކާއި މަންމައަކަށް ހުރެދާނެ ގޮންޖެހުންތަކެވެ. މުސްކުޅި މަޔަކާއި ބަލި ދަރިފުޅެއް ގެންގުޅޭ ރަހްމަތްތެރިޔާގެ ދުވަސް ގުނާނެ ގޮތެވެ. ދަރިފުޅުގެ ސްކޫލު މަސައްކަތެއް ނުނިމި އުޅެދާނެކަމާއި އެދަރިފުޅުގެ އިމްތިހާނުގެ ދުވަހަކަށް ވެދާނެ ކަމެވެ. ގޭތެރޭގެ މަސްލަހަތު ރަނގަޅު ނޫން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ އިވެންޓަކަށް ފިޓު ނުވެދާނެކަމެވެ. އިވެންޓް ރޭވިއިރު ގަދަވެ ހުއްޓަސް ކުއްލިއަކަށް ދަރިންނާއި އަނބިން ފިރިންނަށްވެސް ބަލިހާލަތެއް ކުރިމަތިވެދާނެކަމެވެ. ޒުވާން އުމުރުގެ ޅަކުދިން އުޅޭހެން ޒަވާޖީ ހަޔާތެއްގައި އުޅޭ މީހަކަށް މުޅި ދުވަސް ހުސްނުކުރެވޭނެކަމެވެ.
ވަޒީފާގެ މާޙައުލަކީ ހަވާލުވެވުނު ޒިންމާއަކަށް ވާއިރު އާއިލާއަކީ ތިމާގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ބަލިވެފައި އޮތް ދަރިފުޅު ރޮއެރޮއެ އޮއްވާ ގޮސް މަސްދަތުރުގައި މުޅި ރޭ ހޭދައެއް ނުކުރެވޭނެއެވެ. އިއްޔެ ވިހޭ އަނބިމީހާ ދޫކޮށް ޕިކްނިކެއް ނުދެވޭނެއެވެ. ގޭތެރޭގައި ކަންކަން ހައްލުނުކުރެވި ހުއްޓާ ފުޓްބޯޅަ މެޗުގައި ކުޅެވޭނީ ކިހިނެއްހެއްޔެވެ؟ ތުއްތު ދަރިން ނުނިދާ ތިއްބައި ތަރާވީހަށް ބީޗު ހޮޓަލަށް ދެވޭނީ ކިހިނެއްހެއްޔެވެ؟
ވިސްނަންވީ ހާލަތާއި ވަގުތެވެ. ތިމާއަށް އަނެކާގެ ދިރިއުޅުން އަލިފުން ޔާއަށް އެނގިފައި ނުވުމަކީ ވަކި ގޮތަކަށް ލޭބަލްކޮށް އެ މީހަކު ބާކީ ކުރަންޖެހޭ ސަބަބެއްނޫނެވެ.



advertisment
One Response
ހާދަރުޅިއައިއްސަ!؟ އެކަމަކު ތިޔައީ ތެދެއް.