މިއީ އަރަބި ޅެންބަހުން ލިޔެފައި އޮތް ކުރު، ޚިޔާލީ ވާހަކައެއްގެ ތަރުޖަމާއެކެވެ. قلب الأم الحنون ”މަންމަގެ ހެޔޮ ހިތް“، މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ.
ބުނެވޭ ގޮތުގައި އެއް ޒަމާނެއްގައި އުޅުނު މުއްސަންޖަކު، އަންހެނަކާ ހިތާވެ، އޭނާއާ ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އެ އަންހެން މީހާ، އެމީހާއާ ކައިވެނިކުރުމަށް އިންކާރުކުރިއެވެ. މި ކަމާ ފިރިހެން މީހާ ނުރުހި ބަދަލުހިފަން ބޭނުންވިއެވެ. އަދި އެ އަންހެން މީހާގެ ކުޑަ ދަރިފުޅު ގާތު މަންމަގެ ހިތް ނަގައިގެން ގެންނަން ބުންޏެވެ. އެކަން ކޮށްފި ނަމަ، އެތައް ފައިސާއަކާއި ޖަވާހިރު، ދޭން ވެސް، މުއްސަނދި ކަލޭގެ ވައުދުވިއެވެ.
މި ވާހަކައިގައި މައިގަނޑު މައުޟޫއަކީ މައިންގެ ހިތުގައި ދަރިންނާ ދޭތެރޭ އޮންނަ ހާއްސަ ލޯތްބެވެ. އަދި އެ ލޯތްބާ ގުޅިފައި އޮންނަ އިހުސާސުތަކެވެ. ހިތުގެ ހެޔޮކަމެވެ. އެއްވެސް ހާލަތެއްގައި ދަރިފުޅަށް ގެއްލުމެއް ލިބުން ނޭދޭ ނޭދުމެވެ. ދަރިންގެ ފަރާތުން ފެންނަ ކުށްތަކަށް، އެއީ ކިތަންމެ ބޮޑު ކުށެއްކަމުގައި ވިޔަސް، މައާފުކުރުމަށް އަވަސްވެގަންނަ އަވަސްވެގަތުމެވެ.
މި ޅެމުގައި މިކަން، ވަރަށް އަސަރުކުރުވާ ގޮތަށް ބަޔާންކޮށްދީފައި ވެއެވެ. ފައިސާއާއި މުދަލުގެ ދަހިވެތިކަމުގެ ސަބަބުން، ކުޑަދަރިފުޅުގެ ހެވާއި ނުބައި ވަކިކުރުމުގެ ބާރު، އޭނާގެ ކިބައިން ނެތިގެން ދިޔައެވެ. އެކަން، އޭނާގެ ސަލާމަތް ބުއްދި ވެސް ފިލުވާލިއެވެ. އަދި، މަންމަގެ ހިތް، ނުބައި މުއްސަނދި ކަލޭގެ އަށް ގެނެސްދޭން ނިންމިއެވެ.
ދެން، މަންމަގެ މެއަށް ހަންޖަރެއް ހަރައި، މޭ ފަޅާލުމަށް ފަހު، އެ ހިތް ނަގައިގެން ދުއްވައިގަތެވެ. މުއްސަނދި ސައުދާގަރުކަލޭގެއާ ހަވާލުކުރުމަށްޓަކައެވެ. ނަމަވެސް، އަވަސް އަރައިގެންފާވާލެއް ބޮޑުކަމުން، ކުޑަކުއްޖާ ބިންމައްޗަށް ވެއްޓުނީއެވެ. އަދި، އެ ވަގުތު މަންމަގެ ހިތް އޭނާ އަތުން ދޫވިއެވެ. އެ ހިނދު، މަންމަގެ ހެޔޮ، އެ ހިތް، އެ ހިތުގެ ހާލަށް ކުޑަކޮށްވެސް ބެލުމެއް ނެތި، ދަރިފުޅުގެ ހާލަކީ ކޮބައިތޯ ބަލަން އަވަސް ވެގަނެ، ދަރިފުޅާ މުޚާތަބުކޮށް ބުންޏެވެ:
”ދަރިފުޅާއެވެ! ދަރިފުޅަށް އަނިޔާއެއް ވިހެއްޔެވެ!“ މި ހިސާބުން، ދަރިފުޅަށް، އޭނާއަށް ކުރެވުނު ކަންތަކުގެ ނުބައިކަން ރޭކާލިއެވެ. އަދި، އެކަމުގެ އަދަބެއްގެ ގޮތުން، އަމިއްލައަށް މަރުވާން ނިންމައި، މަންމަގެ މޭ ފަޅާލި ޚަންޖަރު އޭނާގެ އަމިއްލަ މެއަށް ހަރާލަން ގަސްދުކުރިއެވެ. ނަމަވެސް، އެ ވަގުތު، މަންމަގެ ހިތް، އެކަން ހުއްޓުވިއެވެ. ދަރިފުޅާ މުޚާތަބުކޮށް މަންމަގެ ނިޔަނެތި ހިތް އަނެއްކާވެސް ބުންޏެވެ.
”ދަރިފުޅާއެވެ! ތިހެން ކަންތައް ނުކުރާށެވެ! މަންމަގެ ހިތަށް ދެވަނަ ފަހަރަށް ޚަންޖަރު ހަރާނުލާށެވެ!“
މިވާހަކައިގެ ތަރުޖަމާ ހުށަހަޅާލެވިފައި އެވަނީ އަސްލާ އެކީގައެވެ. މިވާހަކަ ނަޝީދެއްގެ، ލަވައެއެއްގެ ގޮތުގައި ކިޔައިއުޅެއެވެ. ތިރީގައި ދިވެހި ތަރުޖަމާއާއިއެކު މި ނަޝީދު ވެސް އެވަނީ އެވެ.
****
މަންމަގެ ހެޔޮ ހިތް
أغرى امرؤ يوماً غلاماً جاهلاً بنقوده كيما ينال به الوطر
އެއްދުވަހަކު މީހަކު ތަންދޮރު ނުދަންނަ ކުޑަކުއްޖަކު މޮޔަހެއްދިއެވެ.
އެމީހާގެ މުއްސަނދިކަން ބޭނުންކޮށް އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައެވެ.
قال"ائتني بفؤاد أمك يا فتى ولك الدراهم والجواهر والدرر"
އެމީހާ (އެކުއްޖާ ގާތު) ބުންޏެވެ. "ކޮއްކޯއެވެ! ކޮއްކޮގެ މަންމަގެ ހިތް އަހަންނަށް ގެނެސްދޭށެވެ.
އޭރުން، ފައިސާއާއި ރަނާއި މުތުން، ކޮއްކޮއަށް (އަހަރެން އިނާމު ދޭނަމެވެ.)"
فمضى وأغرز خنجرا في صدرها والقلب أخرجه وعاد على الأثر
ދެން އެ ކުއްޖާ ދުވެދިޔައެވެ. އަދި މަންމަގެ މެއަށް ހަންޖަރެއް ހަރައިލިއެވެ.
ދެން، (މަންމަގެ) ހިތް ނެގިއެވެ. އަދި އަވަސް އަވަހަށް އެނބުރި ދިޔުމަށް ދުއްވައިގަތެވެ.
لكنه من فرط سرعته هوى فتدحرج القلب المعفر إذ عثر
ނަމަވެސް އޭނާ އަވަސް އަރައިގެންފައިވާލެއް ބޮޑުކަމުން ވެއްޓުނީއެވެ.
އަދި މަންމަގެ ހިތް އަތުން ދޫވެ ވެއްޓި، ބިންމަތީ ފުރޮޅިގެން ގޮސް، ވެއްޔާ ތަތްތެޅުނީއެވެ.
ناداه قلب الأم وهو معفر "ولدي، حبيبي، هل أصابك من ضرر؟ "
އެ ހިނދު މަންމަގެ ވެއްޔާ މޮޑެވިފައި އޮތް ހިތް ގޮވާލި އަޑު އިވުނެވެ.
"މަގޭ ލޯބިލޯބި ދަރިފުޅާއެވެ. ދަރިފުޅަށް އެއްވެސް އަނިޔާއެއް، ކަމެއްވި ހެއްޔެވެ؟"
فكأن هذا الصوت رغم حنوه غضب السماء به على الولد انهمر
މިއަޑު، ލޯބިން ފުރިފައިވި ނަމަވެސް، އޭނާއަށް ހީވީ، މާތް ﷲގެ ކޯފާ އޭނާގެ މައްޗަށް ފޭބިހެންނެވެ.
فدرى فظيع خيانة لم يأتها أحد سواه منذ تاريخ البشر
ދެން އޭނާއަށް (ކުރެވިދިޔަ) ޚިޔާނަތުގެ ބޮޑުކަން، އޭނާއަށް އިހުސާސުކުރެވުނެވެ.
އަދި މިފަދަ ބޮޑު ޚިޔާނަތްތެރި އަމަލެއް އިންސާނީ ތާރީޚުގައި ވެސް އެހެން އެއްވެސް މީހަކު ކޮށްފައެއް ނުވެއެވެ.
فارتد نحو القلب يغسله بما فاضت به عيناه من سيل العبر
އަދި، (ވަރަށް ދެރަވެ ހުރެ،) މަންމަގެ ހިތް ކައިރިއަށް ގޮސް (އެ ހިތް ނަގައި) ދޮވެލިއެވެ.
އޭނާގެ ދެ ލޮލުން ފޭބި އިބުރަތުން ފުރިގެންވާ ކަރުނައިގެ ސައިލަކުންނެވެ.
ويقول"ياقلب انتقم مني ولا تغفر فإن جريمتي لا تغتفر"
އަދި (ހިތާ މުޚާތަބުކޮށް) އޭނާ ބުންޏެވެ. "އޭ ހިތާއެވެ! އަހަރެންގެ ކިބައިން ބަދަލު ހިފާށެވެ!
އަދި އަހަންނަށް މައާފު ނުކުރައްޗެވެ! އެހެނީ އަހަރެންގެ ކުށަކީ މައާފު ދެވޭވަރުގެ ކުށެއްނޫނެވެ."
واستل خنجره ليطعن قلبه طعناً فيبقى عبرة لمن اعتبر
(މިހެން ބުނެ) އޭނާގެ ހަންޖަރު ދަމައިގަނެ، އޭނާގެ ހިތަށް އެއްކޮށް ހަންޖަރު ހަރައިލާން އޭނާ އަމާޒު ހިފިއެވެ.
އަދި މިކަމުން، ބޭނުންވި ކޮންމެ މީހަކަށް، އިބުރަތެއް ވެސް ލިބިދިނުމަށްޓަކައެވެ.
ناداه صوت الأم "كف يداً! ولا تطعن فؤادي مرتين على الأثر
އެ ވަގުތު އަނެއްކާވެސް މަންމަ ގޮވާލި އަޑުއިވުނެވެ. (ދަރިފުޅުގެ އަތާ މުޚާތަބުކޮށެވެ).
އޭ އަތާއެވެ! ހުއްޓާލާށެވެ! (ތިޔަހެން ކަންތައް ނުކުރާށެވެ!) އަހަރެންގެ ހިތަށް، ވިދިވިދިގެން ދެވަނަ ފަހަރަށް (ހަންޖަރު) ހަރާލަން ނުހަދާށެވެ!

2 Responses
ޅެމުގެ ފަހަތުން 2 ވަނަ ލައިނުގައި އޮތީ واستل خنجره އެވެ. އޭނާ ހަންޖަރު ހަރަނީ ހަލުވިކޮށް އަވަސްއަވަހަށް ކަމަށް ވާއިރު واستلލިޔެވިފައިވަނީ ހީވަނީ ޓައިޕިންގ ކުށެއްހެން ތިޔައީ. އަސްލު އޮންނާނީ فاستل خنجره ނޫންތޯއެވެ؟
ވަރަށް ރީތި ޅެެމެއް މާނަކޮށްފައިވާލެއްވެސް ފުރިހަމަ. މިބުނި ތަންކޮޅު ޗެކުކޮށްލަދެއްވަ
ވަރަށް ބޮޑަށް ޝުކުރިއްޔާ!
ކުރިން ވެސް ޗެކްކޮށްލެވުނު. އަދި ފަހުން ވެސް ޗެކްކޮށްލައިފިން. ދެ ގޮތަށް ވެސް ލިޔެވިފައިވޭ. ގިނަ ނަކުލުކުރުންތަކުގައި ލިޔެވިފައި އޮތީ ޥާޥު ބޭނުންކޮށްގެން واستل ލިޔެފައި. ދެން، މާނައަށް ބަލާއިރު واستل އޮތުމުން މާބޮޑު މައްސަލައެއް ނެތެ. މި މަގާމުގައި ޥާޥު އާއި ފާފު ގެ މާނަ ގުޅެނީ އެއްކަމަށް ފަހު އަނެއް ކަމަށް ވުމާ. މީގެ އިތުރު ފާފުގެ މާނައަށްަ ތަރުތީބުކުރުމާއި ތި ފާހަގަކުރެއްވި 'އަވަސްވެ ގަތުން' އިތުރުކޮށްލެވޭ. ނަމަވެސް، މިތަނުގައި، އެ އަވަސްވެގަތުން އޮތުން ކޮންމެހެން ލާޒިމެއް ނޫން. އޭނާއަށް ކުރެވުނު ބޮޑު ކުށާ ދޭތެރޭ ވިސްނާލުމުގެ ވަގުތުކޮޅެއް އިތުރުކޮށްލައި ޥާޥު ބޭނުން ކުރެވިދާނެ ހެން ހީވަނީ. އެހެންވެ، ގިނަ ކޮޕީތަކުގައި ފާފުގެ ބަދަލުގައި ޥާޥު ލިޔެފައި އޮތީ ކަމަށް ފެނޭ.
ތިރީގައި އޮތް ވިޑިޔޯ ފީތާގައި މި ނަޝިދު ކިޔާފައި އޮތް ގޮތް އަޑު އައްސަވާލައްވާ. ކިޔާފައި އޮތި واستل މިހެން. އެއީ ލަފާ ކުރެވޭ ގޮތުގައި މި ނަންގަތް ސަބަބަށްޓަކައި.
ކޮންމެ އަކަސް ފާހަގަކޮށްލަދެއްވި ނުކުތާއަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ!