Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފާޚާނާ ތައްޓެއް ބެހެއްޓުމުގެ ވާހަކަ

މީހަކު ފާޚާނާ ތައްޓެއް ބަހައްޓަންވެގެން އެކަން ކުރާ ބަޔަކާ ގުޅިއެވެ.

މަސައްކަތްކުރާ މީހުން އައިސް އޭނާއާ ސުއާލުކޮށް އިތުރު މައުލޫމާތު ހޯދިއެވެ.

"މަނިކުފާނު ބޭނުންވެލައްވަނީ ކޮން ކަހަލަ ތައްޓެއް ބަހައްޓަންތޯއެވެ؟ އަރަބި ފާޚާނާ ތައްޓެއްތޯއެވެ؟ ނުވަތަ ފަރަންޖީ ފާޚާނާ ތައްޓެއްތޯއެވެ؟"

"ތަފާތަކީ ކޮބައި ހެއްޔެވެ؟"

"ފަރަންޖީ ތައްޓެއް ނަގައި ބަދަލުކުރަން ވެއްޖިއްޔާ ދެ އިސްކުރެއް ދޫކޮށްލާފައި އެކަން ކޮށްލެވިދާނެއެވެ! ނަަމަވެސް އަރަބި ތައްޓެއް ނަގައި ބަދަލުކުރަން ބޭނުން ވެއްޖިއްޔާ ތަޅުމާއި، ޓައިލިސްތަކާއި މުޅި ގަައުމު… މާފުކުރައްވާ… މުޅި ފާޚާނާ ހަލާކުކޮށްލަން ޖެހޭނޭއެވެ. ވެރިޔާ، ބަދަލުކުރަން ވެއްޖެ ނަމަ މުޅި ގައުމު ހަލާކުކޮށްލަން… މައާފުކުރައްވާ، ފާޚާނާ ތަށި ބަދަލުކުރަން ވެއްޖެ ނަމަ، މުޅި ފާޚާނާ ހަލާކުކޮށްލަން ޖެހޭނެއެވެ!"

"ކުރުކޮށް ދަންނަވާނަމަ، ތަނެއްގައި އަރަބި ތައްޓެއް ބަހައްޓަން ގަސްދުކޮށްފި ނަމަ، އެ ބަދަލުކޮށްލަން މުޅި ތަން ހަލާކުކޮށްލަން ޖެހެއެވެ. އެހެންވެ، އެފަދަ ތައްޓެއް ބަހައްޓަން ޖެހޭނީ އެއްގޮތަކަށް ވެސް ބަދަލުނުކުރާ ގޮތަށެވެ!"

ދެން އޮތީ ވަރަށް ވެސް މުހިއްމު ސުއާލެކެވެ! "ކަލޭމެންގެ ހުރީ، ނުވަތަ ހޮވަން ބޭނުންވަނީ ކޮންކަހަލަ ވެރިއެއް… މައާފުކުރައްވާށެވެ! ކޮންކަހަލަ ތައްޓެއް ހެއްޔެވެ؟ އަރަބި ތައްޓެއް ހެއްޔެވެ؟ ނޫނީ ފަރަންޖީ ތައްޓެއް ހެއްޔެވެ؟"