Support Us

ކޮލަމް ކޯދު: ރަށުގެ ބޮޑު މޮޔައިގެ ޚުތުބާ

އެއް ފަހަރަކު، ހުކުރު ދުވަހެއްގައި، އިމާމު ލަސްވިއެވެ. އަދި، ޚުތުބާ ދޭންވި ވަގުތު ޖެހުނު އިރު ވެސް، އިމާމަކަށް މިސްކިތަކަށް ނާދެވެއެވެ. އެ ވަގުތު ރަށުގެ ބޮޑު މޮޔަ މިސްކިތަށް ވަނެވެ. އަދި، މިމްބަރު ހުސްކޮށް ހުރިތަން ފެނުމުން މިންބަރަށް އަރަން ދިޔައެވެ. ދެން، މިސްކިތުގައި ތިބި މީހުން އޭނާ ހުއްޓުވަން އުޅުނެވެ. އެ ވަގުތު، މިސްކިތްތަކާ ބެހޭ އިދާރާގެ އިސް ބޭކަލަކު، މިސްކިތުގައި އިންނެވިއެވެ. އަދި، މޮޔަ މީހާ މިންބަރަށް އަރަން ދޫކޮށްލުމަށް އޭނާ އިޝާރާތްކޮށްލެއްވިއެވެ. ޚުތުބާގައި ދައްކާ ވާހަކައަކީ، ހަމައެކަނި މައްސަރުތަކާ ގުޅިފައި އޮންނަ، މަދު ފަހަރަކު މެނުވީ މާ އޮއްޓަރެއް ހުންނަ ވާހަކަތަކަކަށް ނުވާތީ، ބޮޑު މޮޔައަކަށް ވެސް އެފަދަ ވާހަކައެއް ދެއްކިދާނެ ކަމަށް ފެނިގެންނެވެ. ދެން، ކޮންމެއަކަސް، ރަށުގެ ބޮޑު މޮޔަ މިންބަރަށް އަރައި ޚުތުބާ ދޭންފެށިއެވެ.

އޭނާ ބުންޏެވެ: "ދެ މީހުން މެދުވެރިކޮށް، ކަލޭމެން އެންމެން ވެސް އުފެއްދެވި މާތްރަސްކަލާނގެއަށް ހަމްދު ހުއްޓެވެ. އެކަލާނގެ މީސްތަކުން ދެބަޔަކަށް ބެއްސެވިއެވެ. މުއްސަނދިންނާއި ފަގީރުންނަށެވެ. މުއްސަނދިން ޝުކުރު ކުރުމަށްޓައެވެ. ފަގީރުން ކެތްތެރިވުމަށްޓަކައެވެ. ނަމަވެސް ކަލޭމެންގެ ތެރެއިން މުއްސަނދިން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރެއް ނުކުރެއެވެ. އަދި، ކަލޭމެންގެ ތެރެއިން ފަގީރުން ކެތްތެރިއެއްވެސް ނުވެއެވެ. އެހެންވެ، މާތްރަސްކަލާނގެ ލަައުނަތް، އެކަލާނގެ ރަހުމަތްފުޅުން ކަލޭމެން ބޭރުކުރުން، ކަލޭމެންގެ މައްޗަށް ހައްގުވެގެންވެއެވެ. އޭ މިތިބަ މުނާފިގުންނޭވެ! ކަލޭމެން ދެންވެސް އަވަހަށް ތައުބާވެ، ނަމާދު ކުރަން ތެދުވާށެވެ!"