ކައުނާ ފަޒާގައިވާ ތަކެތި ހޯދާ ބަލަން އެންގެވިމެޔޭ
ފައުޅުވެ ވިދާ ތަރިޔާ ނުފެނި ހުރިތަރިތަކާ ފެންނާނެޔޭ
އެއްޗެއް ކަމެއް ލައްވާފައެއް ބާޠިލް ގޮތެއްގައި ނެތްކަމުން
ލެއްވެވި ފަރާތް ވާކަމުގެ ހެކި ޢިލްމުގެ އަލިން ހޯދޭނެޔޭ
ޢަޤްލީ ދަލީލު ތަކާމެދަށް ޣާފިލްވެ އޮވެ ނިދުމަށް ވުރެން
ޢަޤްދުން ޢަޤީދާގައި މުތެެއް އަމުނައި ލުމަށް މޮޅުވާނެޔޭ
ޔޫނުސު ސަތޭކައެކެއްބަލައި ވިސްނައިފިކުރު ހިންގައިފިނަމަ
ހޫނުގެ މިނުގެ ޙައްދެއްނުވާ އިރުތައް ވަށައި އުދުހޭނެޔޭ
ފަލަކެއްގެ އަޞްލާ ފަލަކުގައި ހިނގަމުން އެދާހައި ގުރަހަޔާ
ޤަލަމުން ބަޔާން ކުރެވޭވަރަށް ލެއްވެވި ޙިސާބު ޖެހޭނެޔޭ
އަފުނޯސްކަށީގެ ތުނޑެއް ބިމަށް ޖެހިތަން ބަލައި ހޯދޭމަގުން
އަފުރެން ކުރާ ދަތުރުގެ މަގަށް ހުރިތަން ބަލައި ހޯދޭނެޔޭ
ތަސްބީޙައެއް އިޙްސާސްތަކުން ކިޔެނީ އެނގޭ ހިނދުގައިކަމުން
ހަސްތީތެރޭ ވާހައި ތަކެތި، ކަންކަން އެނގުން ލާޒިމުވެޔޭ
ދުނިޔޭގެ ބައްރުގެ ސިއްރުތައް މަޢުދަންތަކާ ރުއްގަސްތަކުން
އުނިކަން ނުވާކަން ދޭހަކޮށް، ﷲ މާތް ކަށަވަރުވެޔޭ
