ހެނދުނު ފިހާރައަށް ވަނީ ރޯއްދަވީއްލުމަށް ބޭނުންވާ ބައެއް ތަކެތި ގަނެލުމަށެވެ. ބޭނުންވާ ތަކެތި ވަށިގަނޑަށް އަޅައި ޓޮމާޓޯ، ޗިލީސޯސް ބަހައްޓާފައިވާ ހަރުގަނޑުދޮށަށް ކައިރިވެލީ ޗިލީ ސޯސް ފުޅިއެއް ބޭނުންވާތީވެ އެ ނެގުމަށެވެ. އަގަކަށް އޮތީ 15 ރުފިޔާއެވެ. ހަނދާން ނެތިގެން އަގު ޗެކްކޮށް ވަށިގަނޑަށް ނުލެވުނީތާއެވެ. ގެއަށް އައިސް ބެލިއިރު ސޯސްފުޅި އޮތީ ނުނެގިއެވެ. އަނެއްކާވެސް ދާނީ ހަވީރުއޭ ހިތާ ހަވީރުވުމުން ކަންމަތީ އެ ފިހާރަޔަށް ވަދެލައިފީމެވެ.
އަސްތާ ވާކަށްނެތެވެ. ސޯސްފުޅީގެ އަގު 18 ރުފިޔާއަށް ބަދަލުވެއްޖެއެވެ. ޗުކުޗު ތަޅުވަމުން ސެޓު ކައިރިއަށް ގޮސް، ހަރުގަނޑުގައި ސޯސްފުޅި ހުރެގެން އަގު ބަދަލުވަނީހޭ އަހާލައިފީމެވެ. ބަންގުލަދޭޝް ސޭޓު ނުފަރިތަކޮށް "ދައްތާ މިހާރު ނުލިބެނީއޭ، ތަކެތި ލިބެނީ ވަރަށް އަގުބޮޑުކޮށޭ" ބުނެފިއެވެ.
އެހެންހެއްޔެވެ؟ އެހެންވިއްޔާ މި ސޯސް ފުޅި ފިހާރަޔަށް ގެނައީ ކޮން މަހަކުހޭ ނުގޮތަކަށް އަހާލުމުން "ދައްތާ ތީ ޖެނުއަރީ މަހު ސްޓޮކަށް ވެއްދި ފުޅިއޭ އަދި އެކްސްޕަޔަރ ނުވާނޭ" ބުނެފިއެވެ. އެހެންވިއްޔާ ތިޔަ ހުސްވީހޭ ބުނުމުން "ނޫނޭ ދައްތާ އަދި ބައިވަރު އެބަހުއްޓޭ ހަތަރު މަހުވެސް ވިއްކާ ވަރަށް އެބަހުއްޓޭ" ބުނެފިއެވެ.
މީނާ ކޮނެނުލާ ވާކަށްނެތްތާއޭ ހިތާ އަހާލީމެވެ. އެހެންވިއްޔާ ހަރުގަނޑުގައި ހުރެ މި އަގުބޮޑުވާ ސަބަބުވެސް ކަސްޓަމަރުންނަށް އެނގެންވާނޭ ބުނެފީމެވެ. ޖަވާބަކަށްވީ "ދައްތާއޭ، ބޮޑުމީހާ، ދިވެހި މީހާ ފިހާރަޔަށް ވަދެފައި އެއްޗެހީގެ އަގުބަދަލުކުރަން ބުނަނީ" އެވެ. "ސްޓޮކްނުލިބޭތީއޭ ބޮސްބުނަނީއެވެ. އެހެންވެ އަގުބަދަލުވަނީއެވެ."
މި ދައްކަނީ އެންމެ ފުޅިއަކުން ހައެއްކަ ގަޑިއިރު ތެރޭ ތިން ރުފިޔާ ޖައްސާލާ ގޮތުގެ ވާހަކައެވެ.
ދެންހުރި ތަކެތީގެ އަގުވިސްނާނެ ކަމެއްވެސްނެތެވެ. ބައެއް ވިޔަފާރިވެރިންނަށް ހީވާ ކަހަލައެވެ. ބޮޑު އަގުގައި ވިއްކައިގެން ލިބޭ ފައިދާ އިން މުއްސަނދިކަމުގައި ދެމިހުރެވިދާނެއެވެ. ތިމަންނާ ހިތަށް އެރި ގޮތަކަށް އަގު ހަދާލައިގެން ތަކެތި ވިއްކީމާ ފިސާރި ފައިދާވާނެއެވެ. ހަގީގަތުގައި ތަކެތީގެ އަގު ބޮޑުވަނީއެއް ނޫނެވެ. ގަސްދުގައި އަގު ބޮޑުކުރަނީއެވެ.
މިފަދައިން ވިޔަފާރީގައި މަކަަރު ހަދައި، ހިތަށް އެރި ގޮތަކަށް ތަކެތި ވިއްކާ ވިޔަފާރިވެންނަށް ވެސް ހެޔޮވިސްނުން ދެއްވާށިއެވެ.



advertisment

