ފަލަކުގައި ހުންނަ ތަރުތީބުން މަނާޒިލުތައް އެނގެން ހުރެޔޭ
ބަލައިފިއްޔާ އެއަށް ނަކަތޭ ކިޔާކަންވެސް އެނގެން އޮވެޔޭ
މުޅިން ފުރިފައި މިވާހަކަތައް ވެޔޭ ޤުރުއާނުގައި ރަނގަޅަށް
މުޅިން ހޯދައި ބަލައިފިއްޔާ އެ ލެއްވި ފަރާތް އެނގެންޖެހެޔޭ
މިއަަދު ނާސާ ދަތުރު ކުރިޔަސް ފަޒާ ހޯދާ ބަލައި ހެދުމަށް
މިއަދު އެކުރާ ދަތުރު ފެއްޓީ ނަބިއްޔާކަން އެނގެންޖެހެޔޭ
އަށެއް އެޕުރީލުގައި އައްސިދަ ޙަމުލު ބުރުޖުން ގުނެންފެށެޔޭ
ފަށެއްހެން ފައްޗަކަށް ހުރިހައި ނަކަތް ރޭގަނޑު ބެލެންހުރެޔޭ
އެހެން ބާވީސްވި އެޕްރީލުން ބުރުނު ނަކަތަށް ފެށޭނެކަމާ
އެހެން މޭމަހު، ހައެއްގައި، ކެތި ފެށޭކަންވެސް އެނގެންއޮވެޔޭ
އެމަހު ވިހި ވަނަ ދުވަހުގައި ރޯނު ލައިގަނެގެން ހިނގާފަދައިން
އެމަސް ދޫކޮށް ފެށޭ ޖޫނުން ތިނަކު މިއަހެލި ނަކަތްފެށެޔޭ
މަހުން ޖޫނުގެ ސަތާރައިގައި ނަކަތް އަދަ، ގަދަ ފެށޭނެކަމާ
މަހުން އެއްވަނަ ދުވަހު ޖުލައިން ފުނޯސް މާ ބާރުގަދަ ފެށެޔޭ
ޖުލައިމަހު ފަނަރަ ދުވަހުން ފުސް ނަކަތް ލައުގަނެ ނިކަން ބަނަވޭ
ޖުލައިމަހު، އޮންތިރީސް، އަހުލިހަ ނަކަތްފެށިފައި މުޅަށް އަޅަޔޭ
އޮގަސްޓް އެގާރަ ދުވަހުން މާ ނަކަތް ފެށެޔޭ އަސަދު ރާހީން
އޮގަސްޓުގެ ފަހުކޮޅުން ސައުވީހުގައި ފުރަ ކާންޏަ ފެށެޔޭ
ގުނާން ނަކަތަށް އުތުރަ ފެށެނީ ހަތެއް ސެޕްޓެމް ބަރަށް ވާހެން
ގުނާން އެމަހުން އެކާވީހުން ފަށައިގެން އަތަ ގުނަންފެށެޔޭ
ދުވަހު ހަތަރެއްވި އޮކްޓޫބަރު ނަކަތް ހިތަ ލައިގަނޭ ތުލައިން
ދުވަހު އޮކްޓޫބަރުން މެދުވީ އަށާރައި ހެއި ގަދަވި ފެށެޔޭ
ވިހާ ނަކަތަށް ނޮވެމްބަރުގައި ފެށޭ އެއްވަނަ ދުވަސް އައުމުން
ވިހާ ނަކަތަށް ފަހުން ނޮރަޔަށް ނޮވެމްބަރު ސާދައިން ފެށެޔޭ
ހަތާވީހުން ނޮވެމްބަރުމަހު ފެށޭ ދޮށަޔަށް ހުޅަނގު ނިންމާ
ގަތާ ހާރުގެ ޑިސެމްބަރުގައި ނަކަތް މުލަ އިރުވަޔަށް ފަށަޔޭ
އިރުން ގަދަ ހަޅަޖަހާ ފުރަހަޅަ ފެށޭ ތޭވީސް ޑިސެމްބަރުގައި
ބިރުން ނުފުރާ އުތުރުހަޅަޔަށް ހައެއްގައި ޖަނަވަރީން ފެށެޔޭ
ދަލޫ ބުރުޖުގެ ހުވަން ނަކަތަށް ނަވާރައި ޖަނަވަރީން ފެށިފައި
ދަލޫގައިވީ ދިނަށަ ފެށެނީ އެކެއް "ފެބް" ގައި ކަމަށް އޮވެޔޭ
ނަކަތް "ފެބް" ސާދަވަނަ ދުވަހުން ފެށޭހެން ހިޔަވިޔާ އިރުވައި
ނަކަތް ފުރަބަދުރުވައިގެ ގުނަން ހަތާވީސް "ފެބް" ބަލައި އުޅެޔޭ
ބުރުޖު ޙޫތުންވި ފަސްބަދުރުވަ ފެށޭ މާރިޗުގެ ބާރައިގައި
ބުރުޖު ޙަމުލުގެވި ރޭވަ ނަކަތް އެ ސައްބީސް މާރިޗުން ފަށަޔޭ
މިއީ، ޔޫނުސު ސަތޭކަ އެކެއްް އަމުރުފުޅުގައިވި ފަދަ ޢިލްމޭ
މިއީ، މައްސަރު، އަހަރު، ދަތުރަށް އެނގެންވީ ޢިލްމުކަން އެނގެޔޭ
