ބިދޭސީންނަށް ޚާއްސަކޮށްގެން ލީގަލް އެއިޑް ކްލިނިކެއް އއ. ތޮއްޑޫގައި ބާއްވަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ހަމަޖައްސައިފިއެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު 4-6އަށް ތޮއްޑޫ ބަނދަރު ހިޔާގައި ބާއްވާ މި ކްލިނިކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ފަސޭހައިން ޤާނޫނީ ލަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި އެމީހުންނަށް ލިބިގެންވާ ޙައްޤުތައް ބަޔާންކޮށްދިނުމަށް ބާއްވާ ކްލިނިކެއް ކަމަށް ޕީއައިއެލްސީން ބުނެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކާއި މަދަނީ ޙައްޤުތަކާއި ސޯޝަލް ވެލްފެއަރ އަދި ސިއްޙީ ގޮތުން ލިބެންޖެހޭ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ޕީއައިއެލްސީން ބުނެއެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމުގެ އިތުރުން ގެސްޓް ހައުސް ވިޔަފާރި ވެސް ވަރަށް ފުޅާކޮށް ހިންގާ ރަށެކެވެ. މި ދެ ސިނާއަތުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން އެ ރަށުގައި ހަރަކާތްތެރިވެއެވެ.
ޕީއައިއެލްސީއަކީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވައި ބާރުވެރިކުރުވުމަށް، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.



advertisment