ދިވެހި ދިދަ ޖައްވުގައި ވިހުރޭ ހިނދަކު އެހަނދާން ވަމުންދާނޭ
ދިވެހި ބަޠަލުން ކުރެން މަތިވެރި ޝަހީދު ޢަލީ ހަވަނަ ވާނޭ
އަރައިގެނެ ޕޯޗުގީޒުންތައް ޝަހީދުކުރީ އެ މާތްވި ރަދުން
ހަރައިލީ ތީރަކުން ވިހަގަދަ ޝަހީދުވިކަން އެނގެންވާނޭ
ސަނަތު ނުވަސައްތަ ފަސްދޮޅަހާ ފަހެއްކަން ސާފުވޭ ހިޖްރީ
ވަނައިގައި ހަތަރު ސައްތައަކާ އަށެއްހަތްދިހަ އަދަށް ވާނޭ
ޝަހީދުންނަށްޓަކައި ފާހަގަ ކުރާ އަހަރުން ތިނެއް ސަޅީސް
ޞަޙީޙު ޢަދަދުގެ ވަނަ ސަޅީސް ހަތަރަކަށް އަދު ވެގެންވާނޭ
ޝަހީދު ޢަލީ ހަވަނަ ޤައުމީ ޤިތާލުގެ އެންމެ އިސްސަފުގައި
ޝަހީދުވުމާއި ހަމަޔަށް ގަދަ ޙަމަލަ ދެއްވެވި ހަނދާން ވާނޭ
ދިވެހި ޤައުމުގެ ދިފާޢަށް މޭފުޅާ ހަށިކޮޅު ފިދާކުޅަހައި
ދިވެހި ޝުހަދާއުނަށް ޝުކުރާ ދުޢާ ހެޔޮ އަދު ކުރަންވާނޭ
އިލާހީ ރަޙްމަތާ މަދަދުން ޢަދުއްވުން އަތްތަށުން ދިނިގެން
ފިލާވަޅު ކާބަފައިން ހިންގެވި މަގުން ވިސްނައި ނަގަންވާނޭ
