ޤާނޫނު އަސާސީގެ 117 ވަނަ މާއްދާގައި ނައިބު ރައީސްގެ މަސްއޫލިއްޔަތު ދެ ބައިކޮށްފައި ވެއެވެ. ފުރަތަމައީ، ރައީސް ހަވާލު ކުރާ މަސްއޫލިއްޔަތު އަދާކުޅައުމެވެ. ދެވަނައީ، ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އުފުލުމެވެ. ވީއިރު، ނައިބު ރައީސްގެ ހުވާ އޭނާ ކޮށްގެން ހުރުމާއެކު، 117 ވަނަ މާއްދާގެ (ށ) ގައި، ވަގުތީ ގޮތުން ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވުން ލާޒިމުކޮށްފައި އޮތުމުން، އޭނާ ރައީސްކަމުގެ ހުވާ ކުރާން ޖެހޭނެތޯއެވެ؟ ރައީސްކަމުގެ ހުވާ ކުރާން ޖެހޭނީ އެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން، ނައިބު ރައީސް ނޫން މީހަކު ހަވާލުވާ ނަމަ އެކަނި ނޫންތޯއެވެ؟
ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވާން ޖެހޭ ފަރާތްތަކުގެ ތަރުތީބެއް އޮތްކަން ޤާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ސާފުވެއެވެ. އޭގެ ތެރެއިން އެންމެ އިސްވެގެން ވަނީ ނައިބު ރައީސެވެ. ދެން މަޖިލީހުގެ ރައީސެވެ. އެޔާ ވިދިގެން މަޖިލީހުގެ ނައިބު ރައީސެވެ. އެންމެ ފަހަށް މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ. ވަގުތީ ގޮތުން ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވާ މީހުން ޤާނޫނު އަސާސީގެ ޖަދުވަލު 1 ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރައީސްކަމުގެ ހުވާ ކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ކަނޑައަޅާފައިވެއެވެ. އެ މާއްދާގައި އެއްވެސް އިސްތިސްނާއެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވާ "ކޮންމެ މީހަކުމެ"، ރައީސްކަމުގެ ހުވާ ކުރުން ލާޒިމެވެ. އެހެންކަމަށް ވާނަމަ، 117 ވަނަ މާއްދާގެ (ށ) އިންނާއި 124 ވަނަ މާއްދާއިން ނައިބު ރައީސަށް ދެވިފައިވާ ތަރުތީބީ އިސްކަމުގައްޔާއި، އެ ނޫން ފަރާތްތައް ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވުމުގައި ފަރަޤެއް ނެތެވެ. ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވާ ކޮންމެ މީހަކު ވެސް ރައީސްކަމުގެ ހުވާ ކުރާން ޖެހޭނެއެވެ. ނައިބު ރައީސް ކޮށްގެން ހުރި ނައިބު ރައީސްކަމުގެ ހުވަޔަކުން، ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު ނުއުފުލޭނެއެވެ. އެހެންކަމުން، ނައިބު ރައީސް ވެސް، ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުމުގެ ކުރީން، ރައީސްކަމުގެ ހުވާ ކުރާން ޖެހޭނެއެވެ.
- މައުލޫމާތު: އަލްއުސްތާޒު ޢަލީ ރަޝީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment
One Response
އޮއްޓަރު ދަށް ފެންވަރެއްނެތް ލިޔުމެއް