Support Us

މަނަދޫ ކާސިންހާޖީ (މަނަދޫ ފިނިވާގޭ ޤާސިމް ހާރޫނު) ޒުވާން ދުވަސްވަރު

މަނަދޫ ކާސިންހާޖީ ދެއަނތްބަށް ކުރެއްވި ކައިވެނީގެ އަންބާ އެނގޭތަ؟

މިއީ ނ. މަނަދޫ ކާސިންހާޖީ (ޤާސިމް ހާރޫނު) ދެ އަނތްބަށް މީހަކާ ކައިވެނި ކުރެއްވުމުން ހަދާފައި އޮންނަ އަންބާއެކެވެ. ކާސިންހާޖީ (އަޅުގަނޑުގެ ކާފަ) ކައިވެނި ކުރައްވައިގެން އޭރު ދިރިއުޅުއްވީ އަޅުގަނޑުގެ މާމަ (މަރިޔަމް މޫސާ) ނުވަތަ މޫސާ މަނިކުބޭގެ މަރިޔަދައިތައާއެވެ. ދެ އަނތްބަށް ކައިވެނި ކުރެއްވީ ޢައިޝަތު އާދަމް (ދޮން އައިސަ ދައްތަ) އާއެވެ.

މި އަންބާ ހެދީ ސީދާ ކާކުކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ކިޔާ އުޅެނީ މިއީ މޫސާ މަނިކުބޭ ހެއްދެވި އަންބާއެއް ކަމަށެވެ. މޫސާ މަނިކުބެއަކީ އަޅުގަނޑުގެ މަރިޔަ މާމަގެ ބައްޕައެވެ. ވަރަށް ރީތި ފަރިހި ވެސް ހައްދަވާފައިވާ ފަންނުވެރި އަދީބެކެވެ. މަނަދޫ ދަނޑުކޮށި ފަރިއްސަކީ ވެސް މޫސާ މަނިކުބޭގެ އަދަބީ އުފެއްދުމެކެވެ.

މި އަންބާ ހިއްސާ މިކޮށްލީ މި އަދަބީ އުފެއްދުން ފަހަށް ރައްކާކުރުމުގެ ބޭނުމުގައެވެ. އަޅުގަނޑުގެ ކާފައާ ބެހޭ އަންބާއަކަސް ތާރީޚީ ގޮތުން މިއީ މަނަދޫގެ އަދަބީ ތަރިކައެއް ކަމަށް ގަބޫލުކުރެވޭތީއެވެ.

ގާތްގަނޑަށް ގަރުނެއްހާ ދުވަސް ވެފައިވާ މި އަންބާއަކީ މަނަދޫގައި ކުރިން އުޅުނު އަދީބުންގެ ކުޅަދާނަކަން އެނގޭ އަންބާއެކެވެ. މި އަންބާ މަނަދޫގައި ހެދި ދުވަސްވަރުގެ ޖީލު ވަނީ ގާތްގަނޑަކަށް އެއްކޮށްހެން ނެތި ގޮސްފައެވެ. މި އަންބާގައި އިޝާރާތް ކުރެވޭ ފަރާތްތައް މިއަދު ދުނިޔެއަކު ނެތެވެ. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ އެ ފަރާތްތަކުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކޮށް ދެއްވުމެވެ.

އަންބާއަކީ އޭގެ ޒާތުގައި މަސައްކަތަށް ފޯރިގެންނަން ޒުވާބުދޭ ގޮތަށް ކިޔާ އުޅޭ ކުރު ލަވައެވެ. ބައެއް އަންބާ ތަކުގައި ހަގީގީ ކަންކަމާއި ހާދިސާތަކާ ގުޅުވައި މަޖާ ވާހަކަތަކާއި އެކަކު އަނެކަކާ ދިމާކުރުމާއި ޖެއްސުންކުރުމުގެ އިބާރާތްތަކާއި މަޖާޒާއި ވަށްބަސްތައް ހިމަނާފައި ހުރުމުން އަންބާގެ ފޯރި ގަދަވެދެއެވެ. ދެން މި އޮތީ އެ އަންބާއެވެ.

"މައިދައިތަ ރޮއިރޮއިފަ އާދޭހެ ކުރަނީ

ރާނާއުސް އެގެއަށް އައިސާ ދޮން ލާށޭ

ހީހީފަ މިއުޅޭ ދީލަތި ކަތީބާ

ވީ ދެރަ އަވަށްގަނޑު ބީކޮށް ނުލާށޭ"

މަނަދޫ ކާސިންހާޖީއަކީ ރަށުގެ ވެރިކަމާއި މުދިންކަން ކުރެއްވި ރަށުގެ ގަދަރުވެރި ބޭފުޅެކެވެ. އެ ޒަމާނުގައި އެންމެ ތަނަވަސް އެންމެ މުއްސަނދީ ކާފައެވެ. ރާއްޖެއިން ބޭރަށް ދަތުރު ކުރައްވައި މުދާ ގެންނަވައި ވިޔަފާރި ކުރެއްވިއެވެ. ފަސް ކައިވެންޏެއް ކުރެއްވިއެވެ. އެހެން ނަމަވެސް ދަރިފަސްކޮޅު ދެމިގެން އައިސްފައިވަނީ ދެ ބަނޑަކުންނެވެ. އެއީ އަޅުގަނޑުގެ މާމަ މަރިޔަމް މޫސާއާއި ދޮންމާމަ މަރީނާ މޫސާގެ ބަނޑުންނެވެ.

  • މަައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *