...

Support Us

ސޫފިޔާނާ ޚިޔާލެއް: ރާބިޔާ އަލްއަދަވިއްޔާގެ އިލާހީ ލޯބި

ރާބިޔާ އަލް އަދަވިއްޔާއަކީ ދެވަނަ ގަރުނުގެ މަޝްހޫރު ސޫފީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސޫފީ އަންހެން ބޭފުޅެކެވެ. އެ ކަމަނާއާ ބެހޭ ގޮތުން މާ ގިނަ މައުލޫމަތެއް އެނގޭކަށް ނެތެވެ. އެނގެނީ އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 100ވަނަ އަހަރުގައި އިރާގުގެ ބަސްރާގައި ކަމެވެ. އަދި ވަރަށް ތުއްޕުޅުއިރުގައި އެކަމަނާގެ ފަގީރު ބައްޕާފުޅު އަވަހާރަވިކަމެވެ. އަދި، ޔަތީމު ހާލުކޮޅުގައި ބޮޑުފުޅުވެ، ފަހުން، އަޅެއްގެ ގޮތުގައި ވިއްކާވެސް ލެވުނު ވާހަކަ ވެސް އައިސްފައި ވެއެވެ.

އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ ޒުހުދުވެރި އަޅުވެރިޔެއްގެ ގޮތުގައެވެ. އެކަމަނާގެ ނަންފުޅު އެންމެ ބޮޑަށް ގުޅިފައި ވަނީ ތިރީގައި ނަކަލުކޮށް ދިވެހިކޮށްލެވިފައިވާ ޅެން ބަސްކޮޅާއެވެ. މި ޅެން ބަސްކޮޅުގެ ޖުމްލަ މާނަ އަމާޒުވަނީ މުޅި އެކަމަނާގެ މުޅި ހަޔާތްޕުޅު މާތްރަސްކަލާނގެއަށްޓަކައި ތަކުރީސުކުރުމެވެ. އެކަލާނގެއަށް ލޯބިކޮށް އެކަލާނގެ ހަނދުމަކުރުމުގައި ހަޔާތުގެ ވަގުތުތައް ހޭދަކޮށްލުމުވެ.

****

عرفت الهوى مذ عرفت هواك

ލޯތްބަކީ ކޮބައިކަން އަޅަށް އެނގުނީ އިބަ ރަސްކަލާނގެ ދެކެ ލޯބިވާން އެނގުނީއްސުރެންނެވެ

وأغلقت قلبي على منا عاداك

ދެން، އިބަ ރަސްކަލާނގެއާ އަދާވަތްތެރިވެގަތް އެއްވެސް މީހަކަށް (އަޅުގެ ހިތުން ޖާގައެއް ނުދީ އަޅުގެ ހިތް އެފަދަ މީހުންނަށް) ބަންދުކޮށްލީމެވެ.

وقمت أناجيك يا من ترى

އަދި، އަޅު މުނާޖާ ދަންނަވައި (ދުއާކުރަމުން) ދިޔައީމުއެވެ، އޭ ދެކެދެނެވޮޑިގެންވާ ރަސްކަލާކޯއެވެ!

خفايا القلوب ولسنا نراك

ހިތްތަކުގައި ފޮރުވި ވަންހަނާކުރެވިފައިވާ ފޮރުވުންތަކެވެ. އަޅަމެނަށް އިބަ ރަސްކަލާނގެ ނުފަންނަ ހާލުގައެވެ.

أحبك حبيك، حب الهوى

ދެ ލޯތްބަކުން އަޅު އިބަރަސްކަލާނގެ ދެކެ ލޯބިވަމެވެ. ހަވާ ނަފްސުގެ، (އެބަހީ، އަޅުގެ އަމިއްލަ އެދުމުގެ) ލޯބީގެ ލޯބިވުމަކުންނާއި،

وحبا لأنك أهل لذك

(އަމިއްލަ އެދުމެއް ނެތް)، އެ ލޯތްބަކީ ހަމައެކަނި އިބަރަސްކަލާނގެއަށް ހައްގުވާ (ޚާލިސް) ލޯތްބަކުން ވެސް މެއެވެ.

فأما الذي هو حب الهوى

މީގެ ތެރެއިން އަޅުގެ އަމިއްލަ އެދުމުގެ ލޯތްބަކީ (އަޅުގެ އުފަލަށްޓަކައި)

فشغلي بذكرك عمن سواك

އިބަރަސްކަލާނގެ މަތިން ހަނދުމަކޮށް، ޒިކުރުކުރުމުގައި އަޅުގެ ނަފްސު މަޝްޣޫލުކޮށް، އަވަދި ނެތިކޮށްލައި، އެހެން ހުރިހާ އެއްޗެއް މަތިން ހަނދާން ނައްތުވާލާ ލޯތްބެކެވެ.

فأما الذي أنت أهل له

ދެން، ހަމައެކަނި އިބަރަސްކަލާނގެއަށް ހައްގުވެގެންވާ، (އެއްވެސް އަމިއްލަ އެދުމެއް ނެތް)، ލޯތްބަކީ،

فلست أرى الكون حتى أراك

(ކައުނަށް އަޅު ބަލާލުމުން) ކައުނުން އިބަރަސްކަލާނގެ (ކުޅަދުންވަންތަކަން) އަޅަށް ނުފެންނަ ހާލު ކައުނު އަޅާއަށް ނުފެނުން މެދުވެރިކުރުވާ ލޯތްބެވެ.

فلا الحمد في ذا وذاك لي

ކުރިން ނަންގަނެވުނު ލޯތްބާއި އަދި ފަހުން ނަންގަނެވުނު ލޯބި އަޅާއަށް ލިބުމުގެ ހުރިހާ މޮޅަކާއި ތައުރީފެއްގެ ހައްގުވެރިޔަކީ އަޅާއެއް ނޫނެވެ.

ولكن لك الحمد في ذا و ذاك

ނަމަވެސް، ކުރިން ނަންގަނެވުނު ލޯތްބާއި އަދި ފަހުން ނަންގަނެވުނު ލޯބި ވެސް ލިބުމުގެ ހުރިހާ މޮޅަކާއި ތައުރީފެއްގެ ހައްގުވެރިޔަކީ ހަމަ އެކަނި އިބަ ރަސްކަލާނގެއެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.