ދިވެހިބަހުގެ ޚާއްޞަ އަޑެއް ކަމަށްވާ ށަވިޔަނީގެ އަޑު ހެޔޮކޮށް ކިޔާން އެނގޭ މީހުން މިއަދު ކިތަންމެ މަދަސް އަދި "ޝ"އާއި "ށ"ގެ އަޑަކީ އެއް އަޑެއް ކަމަށް ބަޔަކު ހީކުރިޔަސް، އެ އަޑުގެ ރަމްޒުކަމަށްވާ "ށ" އޭގެ މަގާމުގައި އަދިވެސް އޮތްކަމީ އުފާކުރުން ހައްގު ކަމެކެވެ. އަދި ޝީނާއި ށަވިޔަންޏަކީ ތަފާތު ދެ އަޑެއްކަމީ ވެސް ހަގީގަތެކެވެ. އެހެންނަމަވެސް ށަވިޔަނީގެ ރީތި އަޑު ހެޔޮކޮށް ކިލައިލާން އެނގޭ ދިވެއްސަކު ވެސް މިއަދު ވަރަށް މަދެވެ. އެހެންކަމުން މި ޚާއްސަ އަޑު ދިވެހި މުޖުތަމަޢުން ބީވެގެން ނުދަނީސް މިއަކުރު އަލުން އަނބުރައި އޭގެ މަގާމަށް އިޢާދަކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެމެވެ. ރާއްޖޭގެ އާންމު ޚިދުމަތުގެ މީޑިއާއިން "ށަވިޔަނި" މި ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިހާރު ކުރިއަށް ގެންދަވާތީ، އެ ޕްރޮގްރާމުން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
ށަވިޔަނި ގެއްލުމުގެ ކުރީން މިހާރު އެހެން އަކުރެއްގެ އަޑާއި އެ އަޑުގެ ރަމްޒު ވެސް ގެއްލިދާނެކަމުގެ ބިރު މާ ބޮޑުވެއްޖެއެވެ. މި ދަންނަވަނީ ޏަވިޔަނީގެ ވާހަކައެވެ. ޚާއްސަ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޏަވިޔަނީގެ އަޑު މަޑުމަޑުން ދިވެހީންގެ ތެރެއިން ބީވެގެން ހިނގައިދާކަމުގެ ނުރައްކާތެރި ރަނގަބީލު އަޅާން ފަށައިފިއެވެ. ހަމައެއާއެކު އެ އަޑުގެ ރަމްޒު (ޏ) ވެސް ނެތެމުންދާކަމުގެ ހިތްދަތި އިޙުސާސްކުރެވޭން ފަށައިފިއެވެ. މީގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.
- "އެކެއްގެ ކުންޔަކީ އަނެކާގެ ޚަޒާނާ" މިއީ މީސްމީޑިއާއިން ވަރަށް ރީތި ފަރުމާއެއްގައި އޮއްވައި ވަރަށް ފަހުން އަޅުގަނޑަށް ފެނުނު ސުރުޚީއެކެވެ.
- "ދަތުރުކުރަމުންދިޔަ ދޯންޔެއް ދިޔަވާތީ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑް އިން ހަރަކާތްތެރިވާން ފަށައިފި" މިއީ ތަންކޮޅެއް ކުރީން އޮންލައިން ނޫހަކުން ފެނުނު ސުރުޚީއެކެވެ.
- މުދާ އުފުލަން ބޭނުންކުރާ100 ފޫޓުގެ ދޯންޔެއް ނީލަމުގައި ވިއްކާލުން" މިއީ ދައުލަތުގެ ބޮޑު ކުންފުންޏަކުން ކުރި އިޢުލާނެއްގެ އަރިމަތީ ސުރުޚީއެކެވެ.
- "ދަރުމަވަންތަ ހޮސްޕިޓަލް ކިޔާ ރިޔަލު ދޯންޔެއް ވިއްކާލަން އެއުޅެނީ" މިއީ މީހަކު ކޮށްފައި އޮތް ޓްވީޓެއްގެ ޢިބާރާތެކެވެ. މިފަދަ ކިތަންމެ ޢިބާރާތެއް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު އަޅުގަނޑަށް ފެނެއެވެ.
މި ދަންނަވައިލެވުނު ހަތަރު ޢިބާރާތުގެ ލިޔަކުރު ކުށާއި ގަވާއިދުގެ ކުށްތައް އެއްފަރާތްކޮށްލުމަށްފަހު، މި އިބާރާތްތަކުގައި ހުރި ޔާގެ ރަމްޒުތަކުގެ މައްޗަށް ބަލައިލަމާތޯއެވެ! ކޮންމެ ޢިބާރާތެއްގައި ދަށުރޮނގަކުން ފާހަގަކޮށްފައި އެވާ "ޔ"ގެ ބަދަލުގައި ހަގީގަތުގައި އޮންނާންޖެހޭނީ "ޏ"އެކެވެ. ދިވެހިބަހުގެ ގަވާއިދުގައި އޮންނަ ބަދަލުވާ އަކުރުގެ ހަމައަށް ބަލާއިރު "ނ" އިބިފިއްޔަށް ނިމޭ ލަފުޒެއް އާންމުކުރާ ނަމަ، ނުވަތަ އެކަހެރިކުރާ ނަމަ، އެ "ނ" ބަދަލުވާނީ "ޏ"އަކަށެވެ. "ޔ"އަކަށް ނޫނެވެ. ޔާއަކަށް ބަދަލުވަނީ "ލ" އިބިފިއްޔަށް ނިމިފައި ހުންނަ ލަފުޒުތައް އެކަހެރިކޮށް އާންމުކުރާނަމައެވެ. މިސާލަކީ: ދޯލި– ދޯއްޔެއް، އަލި– އައްޔެއް، އާނި– އާންޏެއް، ކުނި– ކުންޏެއް.
ހ، ށ، ނ، ތ، ލ، ފ، ދ، މިއިން އަކުރެއްގެ އިބިފިއްޔަށާއި "ސ" ސުކުނަށް ނިމިފައި ހުންނަ ލަފުޒުތައް އެކަހެރިކުރާއިރު، ބަދަލުވާ އަކުރުތައް ތިޔަ ބޭފުޅުންގެ ހަނދުމަފުޅާއި އަޅުގަނޑުގެ ހަނދާން އާކޮށްލުމަށް ޓަކައި ބަޔާންކޮށްލާނަމެވެ.
"ހި" ސީނަކަށް، މިސާލު: މެހި – މެއްސެއް، ކެހި – ކެއްސެއް
"ށި" ޓަވިޔަންޏަކަށް، މިސާލު: ބަށި – ބަށްޓެއް، ތަށި – ތަށްޓެއް
"ނި" ޏަވިޔަންޏަކަށް، މިސާލު: ބާނި – ބާންޏެއް، ދޯނި – ދޯންޏެއް
"ތި" ޗަވިޔަންޏަކަށް، މިސާލު: މަތި – މައްޗެއް، ކެތި – ކެއްޗަށް
"ލި" ޔާއަކަށް، މިސާލު: ބަލި – ބައްޔެއް، ދޯލި – ދޯއްޔެއް
"ފި" ޕަވިޔަންޏަކަށް، މިސާލު: ގޮފި– ގޮތްޕެއް، ދަފި – ދަތްޕެއް
"ދި" ޖަވިޔަންޏަކަށް، މިސާލު: ބަދި – ބައްޖެއް، ބަނދި – ބަންޖެއް
"ސް" ހާއަކަށް، މިސާލު: މަސް – މަހެއް، އޮފީސް – އޮފީހަށް
ކުއްލިއަކަށް ޏަވިޔަންޏަށް މި ކުރިމަތިވި ނުރައްކާ ކުރިމަތިވުމުގެ ސަބަބު އަޅުގަނޑަށް ފާހަގަކުރެވުނީ އެއީ މީސްމީޑިއާގައި ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ތެރެއިން އުފަންވި ކަމެއްކަމަށެވެ. އެއީ ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ގަވާއިދެއް އޮންނަކަން މި ޒަމާނުގެ ޒުވާނުންނަށް އެނގިފައި ނުވާތީ ޏަވިޔަނީގެ އަޑު، ލެޓިންއަކުރުން ރަމްޒުކޮށްދިނުމަށްޓަކައި ލެޓިންއަކުރުގެ "y" އަކުރު ބޭނުންކުރާން ފެށި ފެށުމުގެ ސަބަބުން ދިމާވިކަމެކެވެ. ހަގީގަތުގައި ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ގަވާއިދެއް 1977ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅުއްވައި އާންމުކުރައްވައިފައެވެ. އެ ގަވާއިދު އަދި އަދަށް ދާންދެން ވެސް އުވައެއް ނުލައްވައެވެ. އެހެންނަމަވެސް މިއަދު މީސްމީޑިއާގައި ލެޓިންއަކުރުން ލިޔެ، މެސެޖްކޮށް ހަދާން ޒުވާނުންނަށް މަޖުބޫރުވިއިރު، ލެޓިންއަކުރުން ދިވެހިބަސް ލިޔުމުގެ ގަވާއިދެއް އޮތްކަމެއް މިއަދުގެ ޖީލަށް އެނގިފައެއް ނެތެވެ. ނުވަތަ އަންގައިދެވިފައެއް ނެތެވެ. އަދި ފޯނުތަކުގައި ތާނައަކުރު ބޭނުންކުރެވޭނެ ގޮތް ވީ ވެސް ދާދި ފަހުންނެވެ. އެހެންކަމުން، ފޯނުންނާއި މި ނޫން ވެސް ވަސީލަތްތަކުން ކުރު މެސެޖްތައް ލިޔެ އުޅޭން މަޖުބޫރުވީ ލެޓިންއަކުރުންނެވެ. މި މަޖުބޫރީއާއެކު، "ދޯންޏެއް"، "ކުންޏެއް"، "ފަންޏެއް" ފަދަ ލަފުޒުތަކުއި އޮންނަ ޏަވިޔަނީގެ އަޑުގެ ރަމްޒެއްގެ ގޮތުންނާއި ޔާގެ އަޑުގެ ރަމްޒެއްގެ ގޮތުގައި ވެސް "y" އަކުރު ބޭނުންކުރާން ފަށައި، އެ ކަން އާންމުވީއެވެ. އަދި "y" އަކުރުގެ އާންމު އަޑަކީ ޔާގެ އަޑު ކަމަށް ވާތީ، ލެޓިންއަކުރުން މީސްމީޑިއާގައި ލިޔެފައި ހުންނަ އިބާރާތްތަކާއި ނޫސްނޫހުގެ ސުރުޚީތައް ތާނައަކުރަށް ބަދަލުކޮށްލާއިރު ޏަވިޔަނީގެ ބަދަލުގައި ޔާ ބޭނުންކުރާންފެށި އެ ކަން އެ ގޮތަށް އާންމުވީއެވެ.
ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ގަވާއިދުގައިވާ ގޮތުން "y" އަކުރަކީ ޔާގެ އަޑު ރަމްޒުކޮށްދޭ ނިޝާނެވެ. ޏަވިޔަނީގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރާން ކަނޑައަޅައިފައިވަނީ gn މި ދެއަކުރެވެ. އެހެންވީމާ، ލެޓިންއަކުރުން ޏަވިޔަނި ލިޔާންޖެހޭނީ gnaviyani މިހެންނެވެ. yaviyani މިހެންނެއް ނޫނެވެ. އަދި ދޯންޏެއް ލިޔާނީ dhoangneh މިހެންނެވެ. dhoanyehމިހެންނެއް ނޫނެވެ. މި ވާހަކަ މި ލިޔުނީ މި ކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނެތީއެއް ނޫނެވެ. ނަމަވެސް ހަނދުމަފުޅު އާކޮށްލުމަށް ޓަކައެވެ.
ވީމާ، މި ކަންކަމަށް ރިޢާޔަތްކުރައްވައި ދިވެހީންގެ އަގުބޮޑު ތަރިކައެއް ކަމުގައިވާ ތާނައާއި ދިވެހިބަހުގެ އަޑުތައް ޙިމާޔާތްކުރައްވާން ކަމާބެހޭ ފަރާތްތަކުން ވަރަށް ޚާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވާން ވެއްޖެ ކަމަށް އަޅުގަނޑަށް ފެންނާތީ މި ވާހަކަ ހަމަ ހިއްސާކޮށްލާހިތް ވީއެވެ. ކުކުޅަށްވުރެ ބިސް ދޮށިވީ ކަމަށް ބެއްލެވިޔަސް ކުރާނެ ކަމެއް ނެތެވެ. މި ކަމުގައި ތުއްތުކުދީންނާއި ޅަކުދީންނަށް ކިޔަވައިދެއްވާ އެދުރުންނާއި މައިންބަފައިންނަށް ވެސް އަދާކުރެއްވޭނެ ދައުރެއް އޮތްކަމަށް އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑަށް އަދާކުރެވޭނެ ދައުރު އަޅުގަނޑު އަދާކުރާނަމެވެ. ކުރެވޭން އޮތް ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ.
ނިންމައިލުމުގެ ކުރީން ދިވެހިބަސް ލެޓިންއަކުރުން ލިޔާނަމަ، އަޑުތައް ރަމްޒުކޮށްދިނުމަށް ޓަކައި ބޭނުންކުރާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައި އާންމުކުރައްވައިފައިވާ އަކުރުތައް ނުވަތަ ރަމްޒުތައް ނަކަލުކޮށްލާ ހިތް ވެއްޖެއެވެ.
ހ h
ޙ 'h
ޚ kh
ށ sh
ނ n
ރ r
ބ b
ޅ lh
ކ k
އ a,i,o,u (ފިއްޔާ ގުޅިގެން ބަދަލުވާ ގޮތަށް)
ޢ 'a
ޣ gh
ވ v
ޥ w
މ m
ފ f
ދ dh
ޛ 'dh
ތ th
ޘ 'th
ޠ 't
ޡ 'z
ލ l
ގ g
ޏ gn
ސ s
ޝ 'sh
ޞ 's
ޟ 'l
ޑ d
ޒ z
ޓ t
ޔ y
ޕ p
ޖ j
ޗ ch
މީގެ އިތުރަށް ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތަން ފާހަގަކުރުމުގެ ނިޝާނަކީ 'n' ކަމަށް ވެސް ގަވާއިދުގައި އޮވެއެވެ. nއަކުރު އެކަނި އޮވެއްޖެ ނަމަ އެއީ ނޫނު ސުކުނެވެ. މިސާލަކަށް "އަނދައިފި" ލިޔާނީ an’dhaifi މިހެންނެވެ. "އަންދައިފި" ލިޔާނީ andhaifi މިހެންނެވެ. މި ގަވާއިދު ނޭނގޭތީ ނުވަތަ އެ ގަވާއިދަށް ސަމާލުކަން ނުދެވޭތީ ލެޓިން އަކުރުން ލިޔެފައި ހުންނަ ބައެއް ލިޔުންތަކުން އެ އޮޅުން އަރާ ގޮތް ވަރަށް ގިނަ ފަހަރު ދިމާވެފައި އެބަ ހުށްޓެވެ.
އަލިފު ސުކުނާއި ށަވިޔަނި ސުކުން ކިޔުމަށް ޓަކައި ލަފުޒެއްގެ މެދަށް ވަންނަ ސުކުންތަކަށް އެ އަކުރެއް ތަކުރާރުކޮށްލަނީއެވެ. ލަފުޒުގެ ފަހަތަށް އަންނަ ށ، އ، ސުކުނުގެ ބަދަލުގައި ބޭނުންކުރާން އޮންނަނީ އެޗް އަކުރެވެ. ތާ ސުކުނަކަށް ބޭނުންކުރާން އޮންނަނީ iy އެވެ. މިސާލަކަށް ހިތް މި ލަފުޒު ލިޔާނީ hiiy މިހެންނެވެ. ނަސޭހަތް ލިޔާނީ naseyhaiyމިހެންނެވެ.
ދެން މި ނިންމައިލަނީއެވެ. ނަމަވެސް ނިންމައިލުމުގެ ކުރީން މި ވާހަކަދައްކައިލާން އަޅުގަނޑަށް އޮތް ހައިސިއްޔަތު ވެސް ދަންނަވައިލާން ބޭނުންވެއެވެ. އަޅުގަނޑަކީ މައް ދިވެއްސެކެވެ. ދިވެހިބަހަށް ޤަދަރުކުރާ، ދިވެހި ޤައުމީ ތަރިކައިގެ މުހިންމުކަން އިޙުސާސްކުރެވޭ ދިވެހި ފަރުދެކެވެ. އަޅުގަނޑު މި ވާހަކަ މި ދެންނެވީ މި ހައިސިއްޔަތުންނެވެ. ވީމާ، މި ވާހަކަ މި ދައްކަނީ މި އާދައިގެ އަޅުގަނޑު ކަމަށް ވިޔަސް މި މައްސަލައަކީ އާދައިގެ މައްސަލައެއް ނޫނެވެ. ދިވެހި ޤައުމީ ތަރިކައާއި ދިވެހިއްޔަތާ ގުޅިފައިވާ މުހިންމު މައްސަލައެކެވެ. ވީމާ ބުނި މީހަކަށް ނުބަލައި ބުނި އެއްޗަކަށް ބަލާށޭ ބުނާ އުސޫލުން، އަޅުގަނޑާއި އަޅުގަނޑުގެ ހައިސިއްޔަތަށް ނުބައްލަވައި އަޅުގަނޑު މި ދެންނެވި ވާހަކައަށް ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދެއްވާނެކަމަށް އުންމީދުކުރަމެވެ.