Support Us

ސޫފިޔާނާ ވާހަކަކޮޅެއް

ކުޑަ ނޯޓެއް: ވާހަކަކޮޅައިގެން ކުރިއަށް ދިޔުމުގެ ކުރިން، 'ސޫފިޔާނާ' މި ލަފްޒާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. އަޅުގަނޑު، މި ލަފްޒާ އެންމެންމު ފުރަތަމަ ބައްދަލުވީ މަޖީދިއްޔާ އިސްކޫލްގެ ދަށު ކުލާސްތަކުގައި، ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އުޅުނު ދުވަސްވަރު ފެނުނު ޅެމަކުންނެވެ. އާދެ، މަރުހޫމު ޝައިޚު ފަހުމީ ދީދީގެ 'ސޫފިޔާނާ ޚިޔާލެއް' މި ސުރުޚީންނެވެ. މިޅެން ފެށިފައި އޮންނަނީ މިހެންނެވެ:

ތަޟުހިޔާ ނަފްސު ވެގަތުމަށް ނުވެ މަނާ * މަޟްމަޟާކޮށް ދުނިޔެއިން ގޮތުގައި ފަނާ

ޢަޟްދުގައިވާ ބާރު ކަމުލައިފައި ސަނާ * ފަޟްލު އިހުސާނުން އަފޫކުރުވާ ގުނާ

ޙަޟްރަތަށް ކުއްތަން ވުމަށް މަތިވެރި ހިނގާށި!

ހަތްދިހަ ވަރަކަށް ބައިތުގެ މައްޗަށް ބިނާވެފައިވާ މި ޅެމުގައި މައިގަނޑު ގޮތެއްގައި އެކުލެވިގެން ވަނީ ހިކުމަތުގެ ބަސްކޮޅެކެވެ. އެހެންވެ، އޭރު ވިސްނިފައި އޮތީ، ސޫފިޔާނާ މި ލަފްޒުގެ މާނަ ގުޅެނީ 'ހިކުމަތްތެރި’ކަމާއެވެ. މިހާރު އެލަފްޒުގެ އަސްލަށް ބަލާލި ކަމުގައި ވިޔަސް މިއީ ހަމަ އެންމެ ރަނގަޅު މާނައެއް ކަމުގައި ބެލެވެއެވެ.

ސޫފިޔާނާ މި ލަފްޒު ނެގިފައިވަނީ 'ސޫފީ' މި ލަފްޒުންނެވެ. ހިޖުރައިން ދެވަނަ ގަރުނެއްހާ ހިސާބު، މުސްލިމުންގެ ތެރޭގައި، މި ލަފްޒު ވަކި މާނައެއްގައި ބޭނުން ކުރެވެން ފެށުނެވެ. ޒުހުދުވެރި، ވަރައަވެރި ޖަމާއަތެއްގެ މީހުންނަށް އިޝާރަތްކޮށެވެ. ޒުހުދުވެރިންނަކީ ދުނިޔޭގެ އެދުމާ ދުރުވެ، ވީހާވެސް ކުޑަ އެއްޗެއް ދުނިޔެއިން ބޭނުންކޮށްލައިގެން، ދުނިޔޭގައި އުޅޭ މީހުންނެވެ. ވަރައަވެރިންނަކީ އަޅުކަމުގައި ގިނަ ވަގުތުތައް ހޭދަކޮށް، ކުށްފާފަތަކުން އެމީހުންގެ ނަފްސުތައް ތޯހިރުކޮށް އުޅޭ އަޅުވެރިންނެވެ. މިފަދަ މީހުންނަކީ ހިކުމަތްތެރިން ކަމުގައި ބެލެވިދާނެއެވެ. އެހެންވެ، ސޫފިޔާނާގެ މާނައިގައި، ޒުހުދުވެރިކަމާއި ވަރައަވެރިކަން އެކުލެވުމުން، އެއީ ހަގީގީ ހިކުމަތްތެރިން ކަމުގައި ބެލެވިދާނެ ނޫން ހެއްޔެވެ؟

ކޮންމެއަކަސް، ސޫފިޔާނާ މި ލަފްޒަކީ ދިވެހި ބަހުގައި އިހުގައި އޭގެ މާނައަކީ، ހަމަ ގައިމުވެސް ފަންސާހުގެ އަހަރުތަކުގެ ތެރެއިން ފެށިގެން ބޭނުންކުރެވެމުން އައި ލަފްޒެއް ކަމެވެ. އަދި، އެ ލަފްޒުގެ މާނަ ގުޅިފައި އޮތީ ޒުހުދުވެރިކަމާއި ވަރައަވެރިކަން ލިބިގަނެ، ދުނިޔޭގެ ދަޅައަށް ހެއްލި ހަވާ ނަފްސުގެ އެދުންތަކަށް މީހާގެ ލަގަން ދޫކޮށްނުލައި، އެ ގޮތުން ހިކުމަތްތެރިވުމާއެވެ. މަތީގައި އަޅާލެވިފައިވާ ސުރުޚީންވެސް އިޝާރަތް ކުރަނީ ހަމަ އެ މާނައަށެވެ. ފަހަރެއްގައި ވެސް، މިއީ ފަހުގެ ސޫފީ ތަރީގާތަކުގެ ގޮތްތަކަށް ތަބާވުމަށް ގޮވާލެވޭ ގޮވާލުމެއް ނޫނެވެ. ނޫނީ ސޫފީންނަކީ މާތްރަސްކަލާނގެއާ ޚާއްސަ ގުޅުމެއް އޮންނަ، ޣައިބު އެނގޭ ބައެއް ކަމަށް ބުނާ ބުނުމެއް ވެސް ނޫނެވެ. އެ އބާރާތުން އިޝާރާތްކުރަނީ މިއީ ޒުހުދުވެރިކަމާއި އަޅުވެރިކަމާއި އަދި ރޫހާނިއްޔަތުގެ ކުރިއެރުމާ ގުޅޭ ވާހަކަކޮޅެއް ކަމެވެ. އޮޅުމެއް އަރާފާނެތީ މިކަން ސާފުކޮށް ބަޔާންކޮށް ލިޔެލަން ޖެހުނީއެވެ.

*****

ހިޖުރައިން ހަތަރު ވަނަ ގަރުނާއި ފަސްވަނަ ގަރުނުގައި އުޅުއްވި، އަދި، ޚުރާސާނުގެ މުހައްދިޘު (ހަދީސް އިލްމުވެރިޔާ)ގެ ނަމުން މަޝްހޫރުވެފައިވާ އިލްމުވެރި އިމާމު އަބޫ އަބްދުﷲ މުހައްމަދު ބިން އަބްދުﷲ އަލްހާކިމް (އަވަހާރަވީ 405ހ ގައި) އައްނިއްޝާޕޫރީގެ (އަލްހާކިމު އައްނީޝާޕޫރީގެ) ބަސްފުޅެއްގެ މާނައިގައި ވެއެވެ. މީހާގެ ފާފަތައް ގިނަވެ، އެކަމުގެ ސަބަބުން، މާތްﷲގެ ރަހުމަތުން މަހުރޫމުވެދާނެ ކަމަށް ހީކުރެވި، މާޔޫސްކަމުގެ ކަނޑުގެ ތެރެއަށް ގެނބި، އެކަލާނގެއާ މެދު ނުރަނގަޅު ހީކުރުންތައް ހީކުރުމުން ދުރުވެގަންނާށެވެ! އެހެނީ، މާތްﷲ މައުރިފާކޮށް، އެކަލާނގެ ރަހުމަތްފުޅުގެ ތަނަވަސްކަން ދެނެގެންފި މީހާއަށް، އެމީހާގެ ފާފަވެރި، ނުރަނގަޅު، އަމަލުތަކަކީ އެ އަމަލުތައް ކިތަންމެ ގިނަކަމުގައި ވިޔަސް، އެކަލާނގެ ރަހުމަތްފުޅާ އަޅާކިޔާއިރު، އެއްވެސް އެއްޗެއް ނޫންކަން ވިސްނޭނެއެވެ. އެ ފަދަ ފާފަވެރި އަމަލުތައް ފުއްސަވާލެއްވުމަށް އެކަލާނގެ ރަހުމަތްފުޅު ތަނަވަސް ވެގެންވެއެވެ.

ކީރިތި ޤުރުއާނުގައްޔާއި ނަބަވީ އިރުޝާދުގައި ވެސް މިކަމަށް ބާރު ލިބޭ ބަސްފުޅުތައް ވެއެވެ. ކީރިތި ޤުރުއާނުގެ އައުރާފު ސޫރަތުގެ 156 ވަނަ އާޔަތުގައި ވަނީ ورحمتي وسعت كل شيء (ތިމަން ރަސްކަލާނގެ ރަހުމަތްފުޅު، ހުރިހާ އެއްޗަކަށް ވެސް ތަނަވަސްވެ، ފުދިގެން ވެއެވެ) މިހެންނެވެ. އަދި، ކޮންމެ ނަމާދެއްގެ ކޮންމެ ރަކުއަތެއްގައި މުއުމިނާއަށް ހަނދާންކޮށްދެވެނީ އެކަލާނގެއީ الرحمن الرحيم (ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ ރަސްކަލާނގެ) ކަމެވެ. ރަހުމަތްވަންތައޭ ބުނެ އިޝާރަތްކުރަނީ އެކަލާނގެއީީ ވޮޑިގެންވުމުގައި ވެސް އޯގާވަންތަ ކަލާނގެ ކަމެވެ. ރަހުމަތްލައްވައޭ ބުނެ އިޝާރަތްކުރެވެނީ އެކަލާނގެއީ ކަންކަން މިންވަރުފުޅު ކުރެއްވުމުގައި ވެސް އޯގާވެރި ރަސްކަލާނގެ ކަމެވެ. ފުރަތަމަ އިބާރަތް އިޝާރަތްކުރަނީ އެކަލާނގެ ޒާތުފުޅަށެވެ. އެކަލާނގެ ވޮޑިގެންވާ ވުމަށެވެ. ދެވަނަ އިބާރާތް އިޝާރަތްކުރަނީ އެކަލާނގެ އަމަލުފުޅުތަކަށެވެ. މިންވަރުކުރައްވާ ކަންތައްތަކަށެވެ.

މީގެ އިތުރުން، ނަބަވީ އިރުޝާދުތަކުގައިވެސް މިކަމަށް ބާރު ލިބޭ އެތައް ހަދީސެއް ވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ހަދީސެއްގައި އެކުލެވޭ ވާހަކައަކީ އެތައް ބަޔަކު މެރި މީހަކު، އޭނާ ތައުބާވާން ބޭނުންވުމުން، އެކަމުގެ ދޮރު އޭނާއަށް ވެސް ހުޅުވިފައި އޮތް ކަމެވެ.

އާދެ، މިއާޔަތްތަކުންނާއި ހަދީސުން ދޭހަވަނީ، މާތްﷲއީ އެންމެ ފުރަތަމައިން ވެސް އަދި އެންމެ ފަހުން ވެސް، ފާފަތައް ފުއްސަވާ ރަހުމަތުގެވެރި ރަސްކަލާނގެ ކަމެވެ. އެކަލާނގެއީ އެއްވެސް އެއްޗަކަށް، އަނިޔާވެރިވުން، އެކަލާނގެ ޒާތުފުޅަށް، އެކަލާނގެ އަމިއްލަފުޅަށް، ހަރާންކުރައްވާފައިވާ ރަސްކަލާނގެކަމެވެ. އެހެންވެ، މީހެއްގެ ކުށަކީ، ފާފައަކީ، ކޮންމެ ފަދަ ކުށަކަށް ނޫނީ ފާފައަކަށް ވިޔަސް، ތައުބާވުމާއި އިލާހީ ރަހުމަތުގެ ދޮރު ހުންނަނީ އެމީހާގެ ކުރިމަތީގައި، އަބަދުވެސް، ހުޅުވިފައެވެ. އަދި، ކުށްފާފަތަކުން ތައުބާވުމަށް ހިއްވަރުދީ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން، އެކަލާނގެ އަޅަކު ތައުބާވެއްޖެ ނަމަ، އެކަމާ މާތްރަސްކަލާނގެ އުފާކުރައްވާކަން ވެސް ބައެއް ހަދީސްތަކުގައި ބަޔާންކޮށްފައިވެއެވެ. އެހެންވީމާ އަބަދުވެސް لا تقنطوا من رحمة الله (ތިޔަބައި މީހުން، މާތްﷲގެ ރަހުމަތްފުޅު ލިބުމާ މެދު މާޔޫސް ނުވާށެވެ!) މި އާޔަތް މަތިން ހަދާންކޮށް، ކުށެއް ކުރެވިއްޖަ ނަމަ، ތައުބާވެ، އެކަލާނގެ މަގަށް ރުޖޫއަވާން އަވަސްވެގަންނަން ޖެހެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *