Support Us

ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ އާޖުފާޖު

ސަލާމަތީ މަޝްރަޙުގައި ދުނިޔޭގެ ޤައުމުތަކުން ގެންގުޅޭ އާޖުފާޖު ނުވަތަ ހޭޑިފޭޑި އަންނަނީ ބަދަލުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ނުވަތަ ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭ ބައެއްގެ ކިބައިން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އިއްޔެ ގެންގުޅު ވައްޓަފާޅި މިއަދު ވަނީ ބަދަލުވެފައެވެ.

ދުނިޔޭގައި ކޮންމެ ޤައުމަކުން އަނެއް ހުރިހާ ޤައުމަކީ ދުޝްމަނުން ކަމަށް ދެކުނު ޒަމާނެއް ދިޔައެވެ. އެއީ އަބަދުވެސް ޤައުމުތަކުގެ ސިފައިން ނުވަތަ ސަލާމަތީ ބާރުތަކުން ތައްޔާރީ ހާލަތުގައި އުޅެމުން ދިޔަ ޒަމާނެވެ. ބާރުގަދަ މީހުން ބާރު ދެރަ މީހުން އަޅުވެތިކޮށް ހަދަމުން ދިޔަ ޒަމާނެވެ. ބާރުގަދަ ޤައުމުތަކުން ދެކެމުން ދިޔައީ އެބައި މީހުންގެ ބާރު ގަދަކަމުގެ ރަމުޒަކީ ގިނަ ބަޔަކު އަޅުވެތިކޮށްފައި ބޭތިއްބުން ކަމަށެވެ.

އޭގެފަހެވެ. ކައިރި ޤައުމުތަކުގެ މައްޗަށް އަތްގަދަ ކުރުމާއި ޤައުމު ދޫކޮށް ދުރު ހިސާބުތަކަށް ލަޝްކަރު ފޮނުވައި އެތަންތަނުގައި ޤާއިމުވެ ތިބެ އެ ހިސާބުގަނޑަށް އަތްގަދަކޮށް އެބައި މީހުންގެ ދިދަގެ ދަށަށް ޤައުމުތައް ގެންނަމުން ދިޔައެވެ. ހަނގުރާމަ ކުރަން ޖެހިއްޖެނަމަ ހަނގުރާމަ ކޮށްގެންނެވެ. ނޫނީ ބިރު ދައްކައިގެންނެވެ. އޭރު މައިގަނޑު މަގުސަދަކީ އެހެން ޤައުމުތަކުގެ މުއްސަނދިކަމުން މަންފާ ހޯދުމާއި އެބަޔަކު ގަބޫލުކުރާ ދީނީ އަޤީދާއެއް ފެތުރުމެވެ. ދިވެހީން ޕޯޗްގީޒުންގެ އަޅުވެރިކަން (1558 – 1573) އަދި މަލާބާރީންގެ އަޅުވެތިކަން (1752 – 1753) އަށް ތަޖުރިބާކުރީ މި ފަލްސަފާ ހިންގި ދުވަސްވަރުގައެވެ.

އެ ޒަމާން ވެސް ފާއިތުވެއްޖެއެވެ. މުޅި ދުނިޔޭން ވެސް ބޮޑެތި އަސްކަރީ އަދި އިގުތިސާދީ ބާރުތަކެއް އުފަންވީއެވެ. އެ ބާރުތަކަށް އެހެން މީހުން އިއުތިރާފު ވާން މަޖުބޫރުވީއެވެ. އޭގެތެރެއިން އުފަންވެގެން އައީ "ޕްރޮޓެކްޓޮރޭޓް"އެވެ. އާދެ! ބާރުގަދަ ޤައުމުތަކުން އެހެން ޤައުމުތަކަށް ހިމާޔަތް ދިނުމާއި ބާރު ދެރަ ޤައުމުތަކުން ބާރުގަދަ ޤައުމެއްގެ ހިމާޔަތުގެ ދަށަށް އަމިއްލައަށް ދިއުމެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން 1887 ވަނަ އަހަރު މަޖުބޫރުވީ މި ފަލްސަފާ ދުނިޔޭގައި އިނގިރޭސީން ހިންގި ދުވަސްވަރުގައެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ (1914 – 1918) އަކީ ހިތި ތަޖުރިބާއެކެވެ. އެފަދަ ހަނގުރައަކަށް ނުގޮސް ބޮޑެތި މައްސަލަ ތަކުގައި އެއްތަންވެ ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ރޫޙެއް އުފެއްދޭތޯ ދުނިޔޭގެ ބާރުތަކުން މަސައްކަތް ކުރިއެވެ. ލީގް އޮފް ނޭޝަންސް 1920 ވަނަ އަހަރު އުފެއްދި ވެސް މެއެވެ. އެކަމަކު ދެވަނަ ބޮޑުހަނގުރާމައިގެ (1939 -1945) ހިތި ތަޖުރިބާގެ ތެރެއަށް ދުނިޔެ ވެއްޓުނެވެ. ދުނިޔޭގެ ޤައުމުތަކުން އެއްތަންވެ މައްސަލަތަކާމެދު ވާހަކަ ދައްކައި ހަދާނެ މަންސައެއް (ޕްލެޓްފޯމެއް) ހޯދަންކުރި މަސައްކަތުން ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އދ. 1945ގައި އުފެއްދިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގައި އެޅި އޮޔަކީ "ފިނިހަނގުރާމަ" (1947 – 1991) އެވެ. ފިނި ހަނގުރާމައިގައި ދުނިޔޭގެ ޤައުމުތައް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އެއީ އެމެރިކާއާ އެއްކޮޅަށް އެރި ޤައުމުތަކަކާއި ރޫސީވިލާތް ނުވަތަ ސޮވިއެޓް ޔުނިއަންއާ އެއްކޮޅަށް އެރި ޤައުމުތަކާއި އެއްވެސް ކޮޅަކަށް ނާރާ ތިބި ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ އިއްތިހާދެވެ. މިހިސާބުންދުނިޔޭގެ ސަލާމަތީ ވެށި މުޅިން ބަދަލުވީއެވެ. ބޮޑު ދެ ބާރުން އެ މީހުންނަށް ތާޢީދުކުރާ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް މަސައްކަތް ކުރިއެވެ. ފިކުރީ ހަނގުރާމައާއި ޕްރޮޕެގެންޑާއާއި ޖާސޫސްކުރުމާއި ނިއުކުލިއަރ ހަތިޔާރާއި ފަނާކުރަނިވި ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށިގެން ދިޔައެވެ. އަދި އިގުތިސާދީ ގޮތުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ކުރި ހޯދުމަށް މަސައްކަތް ފެށިއެވެ. އޭރު ދުނިޔޭގައި އުފެދެމުންދިޔަ މަފުހޫމަކީ "ސެކިޔުރިޓީ ގެރެންޓަރ" ނުވަތަ "ނެޓް ސެކިޔުރިޓީ ޕްރޮވައިޑަރ" އެވެ.

ސޮވިއެޓް ޔުނިއަން ރޫޅި، ފިނި ހަނގުރާމަ 1991 ވަނަ އަހަރު ނިމެމުން ދިޔައިރު ދުނިޔޭގެ ސަލާމަތީ ވެށްޓަށް ވަރަށް ބޮޑު ބަދަލުތަކެއް އައެވެ. އދ. އާއި ބައިނަލް އަޤުވާމީ އެހެން ޖަމާޢަތްތަކާއި ސަރަޙައްދީ ޖަމާޢަތްތަކަށް ދިރުން ލިބުނެވެ. ޒަމާންވީ ހަތުރުން މިތުރުންނަށް ބަދަލުވާން ފެށިއެވެ. ސަރަޙައްދީ އިންތައް ވަކިކުރުމަށް ހުރި ބޮޑެތި ފާރުތައް ބިމާ ހަމަކުރިއެވެ. ޖަރުމަނުގެ ބާލިން ފާރު ތަޅާލީ 1989 ވަނަ އަހަރުއެވެ. ސަރަހައްދީ ރޮނގުތަކުގައި އަބަދާ އަބަދު ހަނގުރާމަވެރި ހާލަތުގައި ތިބި ސިފައިންގެ ފައުޖުތައް މަދުކުރިއެވެ. ގިނަ ޤައުމުތަކުން އަސްކަރިއްޔާއަށް ކުރަމުންދިޔަ ބޮޑު ހޭދަ ކުޑަކޮށް ރައްޔިތުންގެ ތަޢުލީމާއި ޞިއްޙަތާއި ޢުމުރާނީ ތަރައްޤީއަށް ހޭދަކުރަން ފެށިއެވެ. ތަފާތު އެއްބަސްވުންތަކާއި ޓްރިޓީތަކުގެ ސަބަބުން ދޭދޭ ޤައުމުތަކުގެ މެދުގައި އޮތް ހޫނުކަން ފިނިކަމަށް ބަދަލުވިއެވެ. އެކަމަކު ވެސް ނުނިވި އަނދަމުންދިޔަ އަލިފާންގަނޑުތަކުން ބައެއް ސަރަޙައްދީ ރޮނގުތަކުގައި ދޭތެރެ ދޭތެރެއިން ހުޅުފަޅައިގެން ދެއެވެ.

ދުނިޔެ 21 ވަނަ ޤަރުނާ ކުރިމަތިލީ ސަލާމަތީގޮތުން އުންމީދުތަކަކާއެކުގައެވެ. އެހެން ނަމަވެސް ދުނިޔެއަށް ތަޢާރަފުވި ޓެރަރިޒަމުގެ ބިރުވެރިކަން ބޮޑު ނުރައްކަލަކަށް ވިއެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ރާއްޖެއިން ކުރިމަތިލާން ޖެހުނެވެ. އެކަމަކު ބައިނަލްއަޤުވާމީ ގުޅުންތަކުގެ ސަބަބުން ސަލާމަތީ ގޮތުން އިތުބާރެއް އޮތެވެ. ދިވެހީން ނިކަމެތިވާން ދުނިޔެއިން ލޯމަރާނުލާނެ ކަމުގެ ހިތްހަމަޖެހުން އޮތެވެ. ދިވެހިރާއްޖެއަކީ އޭރު އދ.ގެ މެންބަރު ޤައުމެއްގެ އިތުރުން ކޮމަންވެލްތާއި ސާކުގެ ބައިވެރިއެކެވެ. ބައިނަލް އަޤުވާމީ ދުނިޔޭގައި ބަސްބުނެ އިހުތިރާމު ހޯދާފައި އޮތް ޤައުމެކެވެ. އަވަށްޓެރިންނާ ބަދަހި އެއްބަނޑުއެއްބަފާ އަޚުވަންތަ ގުޅުމެއް އޮތެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ނަޞްރު ލިބުމުގައާއި ސުނާމީ ކާރިސާއިން އަރައިގަތުމުގައި ބައިނަލް އަޤުވާމީ ގުޅުންތައް މުހިންމު ދައުރެއް އަދާކުރިއެވެ.

ދުނިޔޭގެ ސަލާމަތީ ވެށި އޭރު ބަދަލުވަމުން ދިޔައީ އިގުތިސާދީ ބާރުވެރިކަމާ ދިމާއަށެވެ. ކްރޮސްބޯޑަރ ޓެރަރިޒަމާއި ހައިބްރިޑް ތުރެޓްސްއާއި ހައްދުފަހަނަ އަޅާދިއުމާއި ހަރުކަށި ފިކުރުގެ މޫތައް ދުނިޔޭގައި ވަކި ހިއްޕާލިއިރު ދުނިޔޭގައި އިގުތިސާދީ ބޮޑެތި ބާރުތަކުން އިގުތިސާދީ ގޮތުން ޤައުމުތައް ގައިދުކުރުމުގެ އުކުޅުތައް ވަނީ ތަޢާރަފުކޮށްފައެވެ.

ދުނިޔޭ ސަލާމަތީ އިސްތިރާޖީ މާހިރުންނަށް ލިބުނު ކުއްލި ހައިރާން ކަމަކީ ސެޕްޓެންބަރު 11ގެ ހާދިސާއެވެ. އެކަންކަން މެދުވެރިވާން ދިމާވި ސަބަބުތައް ގިނަގުނައެވެ. އެ ހާދިސާއިން އެނގުނީ ދުނިޔޭގެ އެއްވެސް ޤައުމަކަށް ޓެރަރިސްޓުންގެ ފަރާތުން ރައްކާތެރިކަމެއް ނެތްކަމެވެ. އިގުތިސާދީ ފުދުންތެރިކަމާއި ބާރުގަދަ ނުރައްކާތެރި ހަތިޔާރުން އެކަނި ސަލާމަތްތެރިކަން ކަށަވަރު ނުވާކަމެވެ. ކްރޮސްބޯޑަރ ޓެރަރިޒަމާއި ޓްރާންސްނޭޝަނަލް ސެކިޔުރިޓީ ތުރެޓްސްތަކާ ދެކޮޅަށް އެއް ޤައުމަކުން އެކަނިމައި އެކަނި ތެދުވެގެން ހައްލެއް ނުގެނެވޭނެ ކަމެވެ.

މި ހިސާބަށް ދުނިޔެ ދަތުރުކުރިއިރު ދޭދޭ ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަފުހޫމް ނުވަތަ "ޕާޓްނަރޝިޕް ސެކިޔުރިޓީ"ގެ މަފުހޫމް ދުނިޔެއިން ވަނީ ބަލައިގެންފައެވެ. މިއީ ކުދި ޤައިމުތަކާއި ބޮޑެތި ޤައުމުތަކުން ވެސް އެ ޤައުމަކަށް އެންމެ މަސްލަހަތު އޮތް ގޮތްކަމަށް ވަނީ ޤަބޫލުކޮށްފައެވެ. އެއީ އެއްބަޔަކު އަނެއް ބައެއްގެ ސިޔާދަތީ ބާރަށް އިހުތިރާމު ކުރުމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙެވެ. އަދުގެ ދުނިޔޭގައި އެކަހެރިވެގެން އެއްވެސް ބަޔަކަށް ތިބެވޭކަށް ނެތެވެ. އަވަށްޓެރިންނާއި ދުރުތިބީންނާ ވެސް ގާތް ބަދަހިގުޅުމެއް ބާއްވައިގެން ނޫނީ ހަގީގީ ރައްކާތެރިކަމެއް ނެތެވެ. އެއްވެސް ޤައުމަކާ ދެކޮޅުވެރިވެ، ރުޅިވެރިކަން އުފައްދާ، ހަސަދަވެރިވެގެން މިއަދުގެ ދުނިޔޭގައި ލިބޭނެ މޮޅެއް އޮތްކަމަކަށް ނުފެނެއެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *