Support Us

މާކަނާ ޒިޔާރަތް

ކަނޑުގުރުވަ ނޫނިއްޔާ ނުކާ ނިކަން މުރާލި މާކަނައެއް މާލެ ބަލައިލަން އަތުވެއްޖެއެވެ. ހޯމް ސްޓޭ ޓޫރިޒަމް ފަށައިދިން ފުރަތަމަ ޓޫރިސްޓުގެ ޝަރަފު ހޯދަން ކަމަށް ވެސް ވެދާނެއެވެ. ނޫނީ ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެކަމަށްވީތީ، މާކަނާ އެ ސުވަރުގޭގެ ފިރުދައުސް ބަލައިލާހިތްވީއެވެ. ތަނުގެ ރީތިކަމާއި ސާފުކަމެވެ. ތަނުގެ އަހުލުވެރީން ތިބޭ ސޫރައެވެ. ބަގީޗާތަކާއި އެ ތަންތާނގެ ފެންއާރުތަކާއި އެކި ދެމެދުން ހިނގައިފައި އޮންނާނެ ގޯޅިތަކާއި މަގުތަކެވެ.

ކޮންމެޔަކަސް މި ހުވަފެނީ ޖަންނަތުގެ މެދުތެރެޔަށް ތިރިކޮށްލުމާއެކު ފުރަތަމަ ވެސް މޭނުބައިކުރުވީ މެހިބުރަބުރާ އޮތް ކުނިފުނިތަކެވެ. ފެންނަމުންދަނީ ދެފަރާތުން ހަޅޭ ނަގަމުން ދުވާ ފެންވެރުން މަނާ ބަގަތަކެވެ. ވަރަށް ގިނަ ނޯޖަވާނުން ބޯކޮޅުވަތަށް ރުކޫޢަކަށް ސަޖިދަޔަކަށް ނުވާގޮތަށް މަގުމަގުގެ ދުވާރާ ދިމާޔަށް ލެނބިފައި އެލިފައި ތިއްބެވެ. ވަށައިގެން އިރުއިރުކޮޅާ އަޅާ ބަރުގޮނުތަކުން ބައެއް ފަހަރަށް ހީވަނީ ހިމާރު އައިނެއްގެތެރެޔަށް ފޭބިގެން އުޅެވޭހެނެވެ.

"ތިރި އަރުވާލާ ބަޔަ! ބާރަށް"

ސިއްސައިގެން ގޮސްފައި މާކަނައަށް ބަލައިލެވުނު އިރު، އައި ނައި ތަނެއް ނޭނގި އައި ބަޔަކު އުމުރުން ދުވަސްވީ މީހަކު އަވަދިކޮށްލަނީއެވެ. ގޮވާ އެއްޗިއްސާއި ފާރުތަކުގެ ކުރެހުންތަކާއި އިވޭ ޚަބަރުތަކުން މާކަނާ މުޅިން އާގަމަވެއްޖެއެވެ. މި ތާނގައި މި ތާނގެ އަހުލުވެރީންނަށް ހާނީއްކަ ކުރެވެއެވެ. މަރާލެވެއެވެ. އެކަމަކު އަހަރެން މި ތާނގައި މީނީ ހިމާޔަތްކުރެވިފައިވާ، ހިމާޔަތް ލިބިފައިވާ ދޫންޏެއްގެ ގޮތުގައެވެ.

މަޑުމަޑު ހިނގުމެއްގައި މި ހަޅޭފަޅޭތަކުގެ ތެރޭގައި މާކަނާ މަގުމެދުން ކުރިޔަށް ހިރެއެވެ. އެ ވަގުތު ބަޔަކަށް މި ސޮރު ފެނި އައިސް ފޮޓޯނަގައި ވީޑިޔޯވެސް ކުރެއެވެ. އެއް ބަޔަކު ކިޔައެވެ. ކަނޑުފަޅުގެ ރޯދީން ދިރިއުޅޭ ދޫންޏެއް މިތާ އެއްގަމުގައި މިހާލުގައި މީނީ ކީއްވެބާވައެވެ؟ އަނެއް ބަޔަކު ބުނާތީ އިވެއެވެ. ތެދެކެވެ. މި އެއްޗަކު މީނީ ކިހިނެއް ވެފައިހެއްޔެވެ؟ ޖަވާބުގައި އެއަށްވުރެ ބުއްދިވެރިޔަކު ބުނާތީ އިވެއެވެ. އެ ވާނީ ކޮންމެ ވެސް ވިހައެއް ބޮވިގެން ނޫނީ ކެވިގެން ބުރާންތިވެފައި އިނީކަމަށެވެ. މާކަނާ ހިތާހިތާ ކިޔާލިއެވެ. އަޖާބެކެވެ. ބުރާންތިވެފައި މީނީ ފަހެ އަދި ވެސް މަ ހެއްޔެވެ؟ އެއާ އެކު މި ތަނާއި ތަނުގެ އަހުލުވެރީންގެ ހާލާމެދު ފިކުރުކުރަމުން ކަރުނަ އަޅަމުން އޭގެ ގޮވައްޗަށް ދާން އުދުހިގެންފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
221
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *