Support Us

ކުރު ވާހަކަ: ދާދި ގާތްގާތުގައި މަރުވި ތިން މީހެއްގެ ވާހަކަ

ރަށެއްގައި ތިން މީހަކު ދާދި ގާތްގާތުގައި މަރުވިއެވެ. ބަރުޒަޚުގެ ދުނިޔެއަށް ދެވުމުން، އެމީހުންނާ ސުވާލުކުރެވުނެވެ. ކަލޭމެން އެހާ ގާތްގާތުގައި މަރުވަން ދިމާވީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ މީހާ ބުންޏެވެ. އަހަރުމެންގޭ ހިސާބުގަނޑުގައި މީހުންގެ އިއްފަތް ފޭރޭ މީހަކު އުޅޭ ވާހަކަ ދައްކާތާ ވަރަށް ދުވަސް ވެއްޖެއެވެ. އެހެންވެ، އަހަރެން ދިޔައީ އެކަމަށް ފާރަލަމުންނެވެ. ގޭގައި އަނބިމީހާއާއި އަންހެން ދަރިން ވެސް އުޅޭތީއެވެ. މި ދުވަސްވަރަކީ، އަމާންކަން މުޅިން ގެއްލި އޮތް ދުވަސް ވަރެކެވެ. ވައްކަމާއި ފޭރުމައީ އަންހެނުންގެ އިއްފަތް ފޭރުން ވެސް އޮތީ އާންމުވެފައެވެ. ގާނޫނީ ގޮތުން މާ ބޮޑު ފިޔަވަޅެއް ނޭޅެއެވެ. ކަމެއް ރިޕޯޓު ކޮށްގެން ކުރެވޭކަށް ނޯވެއެވެ.

ކޮންމެ އަކަސް، މަސައްކަތް މެދުކަނޑާލައިފައި، އަހަރެން މަރުވި ދުވަހު އަހަރެން ގެއަށް ދިޔައީމެވެ. ދިޔަތަނުން، ގޭތެރޭގައި މީހަކު އުޅޭހެން ހީވިއެވެ. ދެން، ހަމަ ޝައްކުކުރެވުނީ އިއްފަތް ފޭރޭ މީހާ އުޅޭ ކަމަށެވެ. އެއްލި ކަޅިއަކުން ފެނުނީ ބެލްކަނީގައި މީހަކު އެލިގަނެގެން އުޅެނިކޮށެވެ. ބަލާކަށް ނުހުރެ ބެލްކަންޏަށް ނިކުމެ، އޭނާގެ މޮށްތަކަށް ފައިން އެރީމެވެ. އެ ވަގުތު އަހަރުމެން އުޅޭ ހަވަނަ ބުރިން އޭނާ ވެއްޓުނެވެ. ދެން، އޭނާ މަރުވިކަން ޔަގީންކުރަން، ގޭ އައިސްއަލަމާރި ބެލްކަނިން ބޭރަށް ނެރެ އޭނަ ގައިމައްޗަށް ވައްޓާލީމެވެ. ކޮންމެ އަކަސް މި ހާޖާނުގަނޑެއްގައި އުޅުމުގެ ސަބަބުން، ހިތްހުއްޓި އަހަރެން މަރުވީއެވެ.

ދެވަނަ މީހާ ބުންޏެވެ. އަހަރެން އުޅެނީ އޭނާ އުޅޭ ބުރީގެ ސީދާ މަތީ ފުލެޓުގައެވެ. އަހަރެން އޮޅުކޮށްގެން ގެންގުޅޭ ދޫންޏެއް ބެލްކަންޏަށް ނިކުތުމުން އޭތި ހިފަން މަ ވެސް ބެލްކަންޏަށް ނިކުމެ އުޅުމުގެ ތެރޭގައި ފައިކައްސާލައިގެން ތިރިއަށް ވެއްޓުނީއެވެ. ވެއްޓެމުން ދިޔަ ވަގުތު އެއްލި އަތުން، ތިރީ ބެލްކަނީގައި އަތް ޖެހި ހިފަހައްޓައިގެ އޮއްވާ، އެ ފުލެޓުގެ ވެރި މީހާ އައިސް އަހަރެންގެ އަތުގެ މޮށްތަކަށް ފައިން އަރައި އަހަރެން ކޮއްޕައި ވައްޓާލީއެވެ. އަދި، އެވަރުން ނުވެގެން، އަހަރެންގެ ގައިމައްޗަށް އައިސް އަލަމާރި ވެސް ވައްޓާލައި އަހަރެން މަރާލީއެވެ.

ދެން ތިންވަނަ މީހާ ބުންޏެވެ. އަވަށުގައި ހުރިހާ ގޯހެއް ހަދާ މީހަކީ އަހަންނެވެ. މިހުރިހާ ގޯހެއް ހަދަން ޖެހޭ ސަބަބަކީ މަސްތުވާ ތަކެތީގެ ސަބަބުންނެވެ. އެކަމަކީ އޭގެ ތެރެއަށް މީހާ ވެއްޓިއްޖެ ނަމަ، އެކަމުން ސަލާމަތްވުން ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެއީ މުޅިން މުސްތަހީލު ކަމެކޭ ވެސް ބުނެވިދާނެއެވެ. ދެން، މިކަމަކީ، ފައިދާ ހުރި ވިޔަފާރިއަކަށްވެ، މި ވިޔަފާރީގެ މުގޫ އޮންނަނީ މުޖުތަމައުގައި ބޮޑެތިބޮޑެތި މީހުންނާ ގުޅިފައި ކަމުން، އެކަން ހުއްޓުވޭކަށެއް ވެސް ނޯވެއެވެ. މިއީ މިހާރު މުހިއްމު ވާހަކައަކަށް ނުވެވެސް ހިނގައިދާނެއެވެ.

ކޮންމެ އަކަސް، އެދުވަހު އަހަރެން އެގެއަށް ވަނީ މީހެއްގެ އިއްފަތް ފޭރޭކަށެއް ނޫނެވެ. ނަމަވެސް، ވައްކަން ކުރުމުގެ ނިޔަތުގައެވެ. މަސްތުވާ އެއްޗިއްސަކީ އަގު ބޮޑު އެއްޗަކަށް ވެފައި، އެ އެއްޗިއްސަަށް ދެވިިހިފުމުން، ކޮންމެ ގޮތެއް ހަދާފައި ވެސް، ފައިސާ ހޯދަން ޖެހެއެވެ. މިކަން އެންމެ ފަސޭހައިން ކުރެވެން އޮންނަނީ ވައްކަން ކުރުމާއި ފޭރުމުގެ ތެރެއިންނެވެ. މަގުމަތިން ދާ މީހެއްގެ ދަބަސް ނޫނީ އޭނާގެ ކަރުގައި އޮންނަ ފަށް ފޭރިގަނެގެންނެވެ. ނޫނީ ރޭނގަޑާ އަދި ރޯމާ ދުވާލުވެސް، ގޭގެއަށް ވަދެ ވައްކަންކޮށްގެންނެވެ. ފައިސާ ނޫނީ ކޮންމެވެސް އަގުހުރި އެއްޗެއް ނަގައި ވިއްކާލައިގެންނެވެ. އެދުވަހު އެގެއަށް ވަނީ އެ ނިޔަތުގައެވެ. ފައިސާ ނޫނީ ކޮންމެ ވެސް އެއްޗެއް ނަގައި ވިއްކާލުމަށެވެ. ނަމަވެސް، ވަންތަނާ ހެން ގޭގެ ވެރިމީހާ ގެއަށް އައީ އެވެ. ދެން، އެވަގުތު ފިލަންވެގެން ކައިރީގައި ހުރި އައިސް އަލަމާރި ތެރެއަށް ވަނީއެވެ. އެހެން ހުއްޓާ ގޭގެ ވެރިމީހާ އައިސް އަލަމާރި ބެލްކަނިން އެއްލާލައި ވައްޓާލީއެވެ. އަދި އަހަރެން މަރުވާން ވެސް ދިމާވީއެވެ.

އާދެ! އަދުލު އިންސާފުގެ ނިޒާމު ހަލާކުވެ، އެކަން ހެޔޮ ގޮތުގައި ހިންގާނުލެވުމުގެ ސަބަބުން ފާރަވެރިންގެ އަދާލަތު ހިންގާލުމުގެ ނަތީޖާއެވެ. ކުށްވެރިންނާއި މައުސޫމު މީހުން ވެސް އަނިޔާވެރި ގޮތެއްގައި ނިމިދިޔުމެވެ. އަސްލު މައްސަލަ- ވައްކަމާއި ފޭރުމާއި އިއްފަތަށް އަރައިގަތުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން- އޮތްގޮތަށް އޮންނަނީއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

One Response

  1. މިވާހަކާގެ އަޑިއަށް އފީނާފިނަމަ މީ ވަރަށް އިބުރަތްތެރި ވާހަކައެއްކަން އެގޭނެ. މީ ހަމަ ހަގީގީ ވާހަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *