އޯލަވާހަކައިގެ އަސަރު ވަރަށް ނުބައެވެ. އޭގެ ނުރައްކާތެރިކަން އެހާމެ ބޮޑެވެ. މިހެންވެ އެފަދަ ވާހަކަތައް ނުދެއްކުމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ކީރިތި ރަސޫލާ ﷺ ވަނީ ނަސޭޙަތް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްފުޅު ކުރެއްވިއެވެ. ((لا يُحِبُّ اللهُ إضاعةَ المالِ ولا كثرةَ السُّؤالِ ولا قيل وقال– މުދާ އިސްރާފުކުރުމަށާއި ސުވާލު ގިނަކުރުމަށާއި އޯލަ ވާހަކަ ދެއްކުމަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.))
ބައެއް މީހުންނަކީ އެފަދަ ވާހަކަތަކަށް ވަރަށް ބޮޑަށް ހެއްލުންތެރިވެ ހެއްލިގެންދާ ބައެކެވެ. އެއިން މީހަކާ ދިމާއަށް ތާރީފުގެ ބަހެއް ބުނެވިއްޖެނަމަ އުފާވެ ފޮޅިގެން ދެއެވެ. އެއިން މީހަކާ ދެކޮޅަށް އިހާނެތި ބަހެއް ބުނެވިއްޖެނަމަ ހާސްވެ މޫނު ކުނިވެގެން ދެއެވެ. އެ ބުނެވޭ ބަހުގެ ތެދު ދޮގާމެދު ވިސްނައެއް ނުލައެވެ. އޭނާ ދެކޭގޮތުގައި އެމީހުން އަބަދުވެސް ތިބޭނީ ހެޔޮ ގޮތުގައެވެ. ކުށް ހެދޭނީ އޭނާއަށެވެ.
މިފަދަ ނަފްސާނީ އަރާރުމެއް އުފެދެނީ އަމިއްލަ ނަފްސާމެދު އިތުބާރު ގެއްލިފައިވާތީއެވެ. މިފަދަ މީހުން އަބަދުވެސް ދެކޭނީ އެންމެ މާތް މީހަކީ އަދި އެންމެ ރަނގަޅު އެންމެ ފައިދާ ހުރި މީހަކީ އޭނާނޫން މީހުންނެވެ.
މިއީ ނުބައި މަފްހޫމުތަކެއް އޭނާގެ ނަފްސުގައި ހަރުލައި ސާބިތުވެ ޤަރާރުވުމުގެ ސަބަބުން ފަޅައިފައިވާ ގަހެއްގެ މޭވާއެކެވެ. މިއީ ގެއާއި މަދުރަސާއާއި ޔުނިވަރސިޓީއާއި މަސައްކަތުގެ މާޙައުލުފަދަ ވެށިތަކުގެ ސަބަބުން ލިބިފައިވާ ތަރްބަވީ އަދި އިޖްތިމާޢީ ތަރްބިޔަތެއްގެ ނަތީޖާއެވެ. މިފަދަ މީހުންނަކީ ޝައްކާއި ވަހްމުގެ ދުނިޔެއެއްގައި އުޅެމުންދާ ބައެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّه ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ- އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބައެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.))
މި ބަސްފުޅުން އެނގެނީ ތިބާގެ ޢަމަލުތަކާއި ބަސްތަކާމެދު ގިނަ ބަޔަކު އިއްވާ ނިޔާ ރަނގަޅު ނިޔާއެއް ކަމުގައި ނުވެ ހިނގައިދާނެއެވެ. "ގިނަކަން" އެއީ މިޢުޔާރެއް (މިންގަނޑެއް) ނޫނެވެ. ނިޔާ އިއްވާ މީހުންގެ ޢަދަދު ގިނަވުމަކީ ނިޔާ ރަނގަޅުކަމުގެ ދަލީލެއްނޫނެވެ. ކީއްވެގެންތޯއެވެ؟ އެމީހުން އެ ނިޔާ އިއްވުމުގައި ﷲގެ ޙުކުންފުޅުތަކަށް ތަބާ ނުވާތީއެވެ. ﷲ ބާވައިލައްވާފައިވާ ފޮތުގައިވާ ޝަރީޢަތް އެމީހުންގެ ޤާނޫނު ކަމުގައި ނަހަދާތީއެވެ. އެމީހުންގެ ފިކުރާއި ޚިޔާލާއި މަންހަޖަށް ﷲގެ ހިދާޔަތާއި އިރްޝާދުތަކުން ފެން ނުދޭތީއެވެ. އެހެންކަމުން އެމީހުންގެ ޙާލަތަކީ ޖާހިލިއްޔަތުގެ ޙާލަތާ އެއްފަދަ ޙާލަތެކެވެ. އެމީހުން ހިނގަމުން ދަނީ ޖާހިލިއްޔަތުގެ އަހްލުވެރީން ހިނގި މަގުންނެވެ. އެމީހުންގެ ޙާލަކީ ޔަޤީން ޢިލްމު ދޫކޮށް ހީގެ ދުނިޔެއަށް ގެނބުމެވެ. ހީގެ ސަބަބުން އެމީހުންގެ ފުރެދުން އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާއަށް މިފަދަ މީހުންނާ ތަބާނުވުމަށް އިންޒާރު ކުރައްވައިފައި ވަނީ މިހެންވެގެންނެވެ.
ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނު މަރުގެ ސަކަރާތުގެ ތެރޭގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން އިސްލާންވެ ވަޑައިގަންނަވާތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. މުސްލިމެއްގެ ގޮތުގައި އަވަހާރަވެ ސުވަރުގެވަޑައިގެންނެވޭތޯއެވެ. ކީރިތި ރަސޫލާ ﷺ މި ކަމުގައި އަބޫ ޠާލިބުގެފާނަށް އާދޭސް ދެންނެވިއެވެ. އަބޫ ޠާލިބުގެފާނުގެ އަރިހުގައި އެ ވަގުތު މުޝްރިކުންގެ ޒަޢީމު އަބޫ ޖަހްލު ވެސް ހުށްޓެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަބޫ ޠާލިބުގެފާނު ކާބަފައިންގެ ޝިރްކުގެ މަތީގައި ދެމެހެއްޓުމަށެވެ. އަބޫ ޖަހްލު ދެންނެވިއެވެ. "ކަލޭގެފާނު ކަލޭގެފާނުގެ ކާބަފައިންގެ މިއްލަތުން ބޭރުވެވަޑައިގަންނަވަން ބޭނުންފުޅު ވަނީތޯއެވެ؟ އަބޫ ޠާލިބުގެފާނު މަރުގެ ދާންމަތީގައި އޮންނެވީ ކީރިތި ރަސޫލާ ﷺ އާ މި އުންމަތުގެ ފިރްޢައުނު އަބޫޖަހްލުގެ ވާހަކަތަކުގެ ތެރޭގައެވެ. އަބޫ ޠާލިބުގެފާނުގެ މައްޗަށް ވެރިވެގަތީ އޯލަވާހަކަތުގެ ގަދަ ޙައްސާސިއްޔަތެވެ. އަބޫ ޠާލިބުގެފާނު ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވުމުގެ ބަދަލުގައި ވިދާޅުވީ ޢަބްދުލް މުއްޠަލިބުގެ މިއްލަތުގެ މަތީގައެވެ. އަވަހާރަވީ މުޝްރިކެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ﷺ ޙިމާޔަތްކޮށްދެއްވުމުގައި އަބޫ ޠާލިބުގެފާނުގެ ދައުރަކީ މަތިވެރި ދައުރެކެވެ. އެހެނަސް އެކަލޭގެފާނު އިސްލާންވެވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވީ އެކަލޭގެފާނުގެ ކާބަފައިންގެ ބާޠިލު ދީންމަތީގައެވެ. ކީރިތި ރަސޫލާ ﷺ ގެ ދީނަކީ ޙައްޤުކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އަދި މި ދީނަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވިއެވެ. ކައު ރަސޫލާގެ ޙިމާޔަތުގެ އެތައް ޤުރްބާނީތަކެއް ވެވަޑައިގެންނެވިއެވެ. ނަމަވެސް މީހުންގެ މަލާމާތް ލިބިވަޑައިގަންނަވައިފާނޭތީ އިސްލާންވެ ވަޑައިނުގެންނެވީއެވެ. ޤުރައިޝުން އެކަލޭގެފާނު ބިރުފުޅުން އިސްލާންވެ ވަޑައިގަތީއޭ ކިޔާފާނެތީއެވެ. އޯލަވާހަކައިގެ ޙައްސާސިއްޔަތުގައި ހާސްވެވަޑައިގަތީއެވެ. ނަތީޖާ ކިހާ ދެރަތޯއެވެ މޮޅު އިތުރު ޢަމަލުތައް ފެނަށް ދިޔައީއެވެ.
އަބޫ ޠާލިބުގެފާނު އަވަހާރަވުމުގެ ވާހަކައަކީ އޯލަވާހަކައިގެ ޙައްސާސިއްޔަތު ބަޔާންކޮށްދޭ ރަނގަޅު ނަމޫނާއެކެވެ. އޯލަވާހަކައިގެ އަސަރު ކިހާ ބޮޑުތޯއެވެ؟
އަޅުގަނޑުމެން އުޅެން ޖެހޭނީ ﷲއާއި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ގޮތަށެވެ. "ގިނަ ބަޔަކު" ކިޔައިފާނެ އެއްޗަކަށް ބަލައިގެން ޙައްޤު މަގެއް ނުފެންނާނެތެވެ. ބުނެވޭ ގޮތުގައި ދުނިޔެ މީހަކާ ކުރިމަތިލައިފިނަމަ އެހެންމީހުންގެ ރިވެތި ބަސްތައް އޭނާގެ މައްޗަށް އޮހިދާނެތެވެ. އެހެނަސް ދުނިޔެ އެ މީހަކަށް ފުރަގަސްދީފިނަމަ އޭނާގެ އަމިއްލަ ނަފްސުގެ ޒީނަތްތެރިކަން ނެތިގޮސް އޮފުކެނޑިދާނެތެވެ. ތިބާ ވަކި މީހަކު ނުވަތަ ގިނަ ބަޔަކު ރުއްސަން އުޅެފިނަމަ ތިބާއަށް ނުކުމެވޭނީ ބަންދު މަގެއް މައްޗަށެވެ.
އިންސާނުންނަކީ ތަފާތު މިޒާޖުތަކެއްގެ ވެރި ބައެކެވެ. އެކަކު ރުހޭކަމެއް އަނެކަކު ގާތުގައި ނުރުހޭކަމަކަށް ވެދާނެއެވެ. އެހެންކަމުން އެންމެން ރުއްސަން އުޅުމުގެ ނަތީޖާއަކަށް ވާނީ އެންމެންގެ ނުރުން ނުލިބުމެވެ.މިއާ ޚިލާފަށް ﷲގެ ރުއްސެވުން ހޯދުމަށް ޓަކައި ޙައްޤަށް ތަބާވުމަށް ޓަކައި ތިބާ މަސައްކަތަ ކުރާނަމަ ތިބާއަށް ރަނގަޅު ނިމުމަކާ ހަމައަށް ވާޞިލުވެވޭނެތެވެ.
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މީސްތަކުންގެ ރުހުމަކީ ޙާޞިލު ކުރެވޭނެ ކަމެއްނޫނެވެ. އަދި އެހެންމެ ﷲގެ ރުއްސެވުމަކީ ދޫކޮށްކޮށްލެވޭނެ ކަމެއް ވެސް ނޫނެވެ. އެހެންކަމުން މަސައްކަތް ކުރަންވާނީ ޙާޞިލުނުކުރެވޭނެ ކަންތައް ދޫކޮށްލައި ދޫކޮށްލެވެން ނެތް ކަންތައް ޙާޞިލު ކުރެވޭތޯ ބެލުމަށެވެ.
މި މަފްހޫމު ފުރިހަމައަށް ދޭހަކޮށް ގަނެވިއްޖެނަމަ ތިބާ ހުރިހާ ޙާލަތުތަކެއްގައި ވިލުންތެރި އިންސާނަކަށް ވާނެތެވެ. އޭރުން ކުރިމަތިވާ ކޮންމެ ބުރައެއް އަމާންކަމާއެކު ގިރާކުރެވޭނެއެވެ. ހުރަސްތަކުގެ ކުރިމަތީގައި މާ ދިގު މުއްދަތަކަށް ތާށިވެފައި ހުންނާކަށް ނުޖެހޭނެއެވެ.
އިމާމު ޝާފިޢީގެފާނުގެ ބަސްފުޅަކުން ނިންމާލާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ހީލުމުން އެމީހުން ބުންޏެވެ. ޙިޝްމަތްތެރިވެ ވަޑައިނުގަންނަވާނަން ތޯއެވެ؟ ރޮއިލުމުން އެމީހުން ބުންޏެވެ. ހިނިފުޅުވަޑުވައި ނުލައްވާނަންތޯއެވެ؟ އަހުރެން ހިނިތުންވެލުމުން ބުންޏެވެ. އެއީ މީސްތަކުންނަށް ދައްކަވަންތޯއެވެ؟ މޫނު ކުނިކޮށްލުމުން ބުންޏެވެ. އޭނާ ވަންހަނާކުރެއްވި ކަންތައް މިހާރު ފެނިއްޖެއެވެ.ހަނުހިމޭނުންލުމުން ބުންޏެވެ.އެއީ ދޫ ކޮށި މީހެކެވެ. ވާހަކަދައްކަން ފެށުމުން ބުންޏެވެ. އެއީ އަނގަގަދަމީހެކެވެ. ރުޅިމަޑުކުރުމުން ބުންޏެވެ. ފިނޑިކަން ދެއްކީއެވެ. ބާރުވެރިކަމެއް ލިބިއްޖެނަމަ ބަދަލު ހިފާނެތެވެ.ހިތްވަރުގަދަކަން ދެއްކުމުން އެއީ އެޅުނު ކަތިފިޔަވަޅެކޭ ބުނާނެއެވެ. ނޫނެކޭ ބުނެފިނަމަ އެއީ އާދަޔާ ޚިލާފު ކަމެކޭ ބުނާނެތެވެ. އެމީހުންނާ އެއްބައިވެއްޖެ ނަމަ އެއީ ގުބޯލި ހެދުމޭ ބުނާނެތެވެ. މި ކަންކަމުން ކަށަވަރުވީ މީސްތަކުންގެ ރުހުން ހޯދުމަށް ކިތަންމެ ވަރަށް މަސައްކަތް ކުރިޔަސް މަލާމާތުން ސަލާމަތެއް ނުވެވޭނެކަމެވެ."




advertisment