އެޑިޓަރުގެ ނޯޓު:
ތިރީގައި މި ގެނެސްދެނީ، ދިވެހިންގެ ބަޔަކާ ގުޅިގެން 3 ނޮވެމްބަރ 1988ގައި ލަންކާ ޓެރަރިސްޓުންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލަ ތަޖުރިބާކުރެއްވި ބޭފުޅުންގެ ތެރެއިން، އޭރު ސިފައިންގޭގައި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އޭރުގެ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލްގެ ތަޖުރިބާއެވެ. ސްކޫލް ނިންމެވުމަށްފަހު އެން.އެސް.އެސްގެ ވަޒީފާއަށް ޖަލީލް ވެންނެވީ 1980ގައެވެ. ހާދިސާ ހިނގިއިރު ޖަލީލް ހުންނެވީ އެން.އެސް.އެސްގެ ޓާސްކް ފޯސްގެ އޮފިސަރ އިންޗާޖްގެ އެހީތެރިޔާގެ މަގާމުގައެވެ. ސިފައިންގޭގެ ތަފާތު ރޭންކުތަކުގައި 32 އަހަރު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ފެބްރުއަރީ 2012ގައި ރިޓަޔަރ ކުރެއްވިއިރު ޖަލީލް ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް ޖަލީލް ވަނީ އަދާކުރައްވައިފައެވެ.
ތިރީގައި މި ވަނީ ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅޭ ގޮތުން މޭޖަރ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލް "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.
ހަތަރު ވަނަ ބައި
އިންޑިއާ ސިފައިންގެ އެހީ ލިބޭކަމުގެ ޚަބަރު:
ނޮވެމްބަރ 3 ވަނަ ދުވަހުގެ އިރު އޮއްސެމުންއައި ވަގުތު ކޮމިއުނިކޭޝަނަށް ވަނުމުން ކުއްލިއަކަށް މޭޖަރ އާދަމް ޒާހިރު ވިދާޅުވީ އެހީވާނެ ބަޔަކު މަތިންދާ ބޯޓެއްގައި އިންޑިޔާއިން އަންނަ ކަމަށް. ކޮންމެއަކަސް މި ޚަބަރުވީ އަޅުގަނޑަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް. އެހެންކަމާއެކު އަވަސްވެގަނެވުނީ ސިފައިންގޭގައި ތިބި ހުރިހާ އެންމެންނަށް މި ހަބަރު ދިނުމަށް. މި ޚަބަރާއެކު ވަރަށް ގިނަ މީހުން މޫނުމަތިން ހިތްވަރު ލިބުނު ކަމުގެ ހެކިތައް ފެނިގެން ދިޔަ. މީގެ ތެރޭގައި ހާއްސަކޮށް މޭޖަރ މުޙައްމަދު ޒާހިރު އާއި މޭޖަރ ޝައުކަތު އިބްރާހިމް ފާހަގަކުރެވުނު. އެބޭކަލުންނަކީ ވެސް މީހުންނަށް ހިތްވަރު ދިނުމުގައި ވަރަށް ހާއްސަ ރޯލެއް ޢަމަލީގޮތުން ކުޅުއްވާފައި ބޭކަލުންކަން ދުވަހަކުވެސް އަޅުގަނޑު ހަނދާނެއް ނުނެތޭނެ.
މަތިންދާބޯޓެއްގެ އަޑުއިވި އަދި އެބޯޓް ހުޅުލެއަށް ނުޖައްސާ އަނބުރާލާފައި ދިޔަ ހަބަރު ލިބުމުން ދެރަވެ، ހާސްވެ، ކަންބޮޑުވި
އަޅުގަނޑުމެންނަށް އެހީތެރިވުމަށް އިންޑިއާ ސިފައިން އަންނަ ހަބަރު މިހާ ފުރިހަމައަށް ލިބިފައި ވަނިކޮށް މަތިންދާބޯޓެއްގެ އަޑުއިވި އަދި އެ ބޯޓް ހުޅުލެއަށް ނުޖައްސާ އަނބުރާލާފައި ދިޔަ ހަބަރު ލިބުމުން އަޅުގަނޑުވެސް ދެރަވެ ހާސްވެ އަދި ކަންބޮޑުވި. އެހެންވާންޖެހުނީ މި ހަބަރު ވަރަށް އަވަހަށް ފެތުރިގެން ދިއުމާއި އަޅުގަނޑާއެކު ދިފާޢު ކުރަން ތިބި އެންމެންގެ ހިތްވަރު އެލިގެންދިޔަތަން ފެނުމުން. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް އަނެއްކާވެސް ޖެހުނީ ފެންޑާތަކަށާއި، އެކި ތަންތަނަށް ދުވެ ހިތްވަރު ބަލިވެފައި ތިބި އެންމެންނަށް ހިތްވަރުދީ އަލުން އެމީހުންގެ މަޤާމަށް އެމީހަކު ގެންދާން. ކޮންމެއަކަސް އަނެއްކާވެސް ހަބަރު ސާފުވޭތޯ ކޮމިއުނިކޭޝަނަށް ދިޔައީ. ކޮމިޔުނިކޭޝަނަށް ވަންނަ ކޮންމެ ފަހަރަކުވެސް ފެންނަ މަންޒަރަކީ މާކަ ހިތްވަރެއް ލިބޭ ފަދަ މަންޒަރަކޭ ނުދެންނެވޭނެ. އެއީ އެތަނުން އަޅުގަނޑާ ބައްދަލުވާ ބޭފުޅުންގެ މޫނުމަތިންވެސް އެއްވެސް ކަހަލަ އުފާވެރި އަދި ހިތްވަރެއް ލިބޭ ފަދަ މަންޒަރެއް ނުފެންނާތީ. ކޮންމެއަކަސް މިފަދަ ޙާލެއްގައި އިރުތަކެއް ވޭތުވުމަށް ފަހު އަނެއްކާވެސް އިންޑިއާ ސިފައިން އަންނާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ ކަމަށް މޭޖަރ އާދަމް ޒާހިރު ވިދާޅުވި. ނަމަވެސް މި ޚަބަރަކުންވެސް މީހުންގެ ހިތްތަކަކަށް މާބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް ނުލިބުނު. މިކަހަލަ ގޮތަކަށް މިރޭގެ ހަތަރުދަން ވޭތުކުރަމުން ދިޔައިރު އަޅުގަނޑުގެ ފަޔަށް ލިބިފައިވާ ޒަޚަމްތަކުން ލިބެމުންދާ ވޭންތައް އިތުރުވަމުންދޭ. އެހެން ނަމަވެސް ހަށިގަނޑަށް މާބޮޑު ބެލުމެއްނެތި ވާޖިބު އަދާކުރެވޭތޯ ބަލަމުން ގެންދިޔައީ. ދެން ކުލިއަކަށް އިވުނީ އިންޑިއާ ސިފައިން އައި ހަބަރާއި އެމީހުން މާލެ އެރި ހަބަރު. އެމީހުން އައިއިރު އެމީހުންގެ ގަޔަށް އަޅުގަނޑުމެންގެ މީހުންނަށް ބަޑިޖެހިދާނެތީ އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ މޭޖަރ މުޙައްމަދު ޒާހިރު އަށްވެސް އަދި ބަޑި ހިފައިގެން ތިބި ސިފައިންގެ މީހުންނަށްވެސް އެވާހަކަ އެންގިން.
އިންޑިއާ ސިފައިން މާލެ އައުން.
ނޮވެމްބަރު 3 ވަނަ ދުވަހުގެރޭ އިންޑިއާ ވައިގެ ސިފައިންގެ ހަނގުރާމަމަތީ ލަޝްކަރެއް ދިވެހިރާއްޖެއަށް އަންނަން ފެށި. މި ލަޝްކަރުގެ ފުރަތަމަ މަތިންދާބޯޓް ހުޅުލޭގައި ޖައްސާފައިވަނީ އެރޭ 9:30 ގައި. އިންޑިއާ ސިފައިން މާލެ އައުމަށް ޓްއަރިސްޓް ރިޒޯޓްތަކުގެ ފަރާތުން ލޯންޗްތައް ހަމަޖައްސަވައިދެއްވި. އޭގެ ތެރޭގައި ބަނޑޮސް ރިޒޯޓުން ވަހިއްދީނު ހިމެނޭ.
ޙުސެން އާދަމް އެތެރެއަށް ވައްދަން އެއްވެސް މީހަކު މަސައްކަތެއް ނުކުރޭ
އިންޑިއާ ސިފައިން މާލެ އައީ ލެފްޓިނެންޓް އަޙްމަދު ޒާހިރުގެ ބެއްލެވުމުގެ ދަށުން. ސިފައިންގޭގެ ގޭޓް ކައިރިއަށް އެމީހުންނާ ބައްދަލުކުރަން ވަރަށް ގިނަ އޮފިސަރުން ނުކުންނެވި. އޭގެ ތެރޭގައި މޭޖަރ މުޙައްމަދު ޒާހިރު، މޭޖަރ ޝައުކަތު އިބުރާހިމް ފަދަ ބޭފުޅުން ހިމެނޭ. ކޮންމެއަކަސް ގޭޓްގެ ވާތް ފަރާތު ޕޯސްޓްގައި، ޤައުމަށްޓަކައި ޤުރުބާންވެފައިވާ ޕްރައިވެޓް ޙުސެން އާދަމް ޝަހީދުވީ ގޮތަށް ހަރުދަނޑިވެފައި އޮތް. އެއްވެސް މީހަކު އޭނާ އެތެރެއަށް ވެއްދުމުގެ މަސައްކަތެއް ނުކުރޭ. ވުމާއެކު ހަމަ އެވަގުތު އަޅުގަނޑު ބޭއިޚްތިޔާރުގައި މިކަމާ ނުރުހި ވާހަކަ ދެއްކެވުނު. ނަމަވެސް މިކަން ދިމާވިގޮތް ފަހުން އަޅުގަނޑަށް އިޙްސާސް ކުރެވުނު.
ރައީސުލް ޖުމުހޫރިއްޔާ އާއި ސިފައިންގެ ވެރިޔާގެ ނައިބު ސިފައިންގެއަށް ވަޑައިގަތުން
އިންޑިޔާ ސިފައިން ސިފައިންގެއަށް ވަނުމުން މޭޖަރ މުޙައްމަދު ޒާހިރު އަޅުގަނޑު ގޮވައިގެން އަރާވަޑައިގަތީ ބަޑިގުދަނުގެ މައްޗަށް. އެއަށްފަހު އަޅުގަނޑާ ބަޤަލްގީރު ކުރެއްވި. ބަޑި ގުދަން މަތީގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކުރުމަށްފަހު "29″ ފެންޑާ ކައިރިއަށް ދިޔައީ. ދެން އެއަށްފަހު އަޅުގަނޑާ މޭޖަރ ހ. މޫސާ އާއި ދެމީހުން ދިޔައީ މޭޖަރ މުޙައްމަދު ޒާހިރު ވިދާޅުވެގެން ސިފައިންގެ ވެރިޔާގެ ނައިބު އިލިޔާސް އިބްރާހިމް ސިފައިންގެއަށް ވަޑައިގަތުމުގެ ކަންތައް ހަމަޖެއްސުމަށް. ސިފައިންގެ ވެރިޔާގެ ނައިބު ހުންނެވީ ގައްދަޑުގޭގައި. އަޅުގަނޑުމެންނާއެކު ސިފައިންގެ ވެރިޔާގެ ނައިބް ސިފައިންގެއަށް ވަޑައިގެންނެވި އިރު ސިފައިންގެ ވެރިޔާގެ ނައިބާ ބައްދަލުކުރުމަށް "29″ ފެންޑާ މަތީގައި ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޢަބްދުއްސައްތާރު އަންބަރީ އާއި މޭޖަރ މުޙައްމަދު ޒާހިރު ހުންނެވި. އަޅުގަނޑު ހަމަ ފެނުމާއެކު އަޅުގަނޑާ މޭޖަރ ޢަބްދުއްސައްތާރު ޢަންބަރީ ބަގަލްޤީރު ކުރައްވާ ތަޢުރީފް ކުރެއްވި. ކުޑަ އިރުކޮޅެއްގެ ފަހުން ރައީސުލް ޖުމުހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަލްއުސްތާދު މައުމޫން ޢަބްދުލް ޤައްޔޫމް ވަޑައިގެންނެވި. އަދި އެމަނިކުފާނާ ބައްދަލުކުރިން. އެމަނިކުފާނު ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ތަޢުރީފް ކުރެއްވި. ދެން އަޅުގަނޑާއި މޭޖަރ މުޙައްމަދު ޒާހިރު ސިފައިންގެއިން ނުކުމެ ސިފައިންގެ ވަށައިގެންވާ މަގުތައް ބަލައި ޗެކްކޮށް ހެދިން. ދެން އިންޑިއާ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ބޭއްވުނު މާލެ ޗެކްކުރުމުގެ އޮޕަރޭޝަން ތަކުގައި ވެސް މަސައްކަތް ކުރިން.
ރަހީނުން ގޮވައިގެން އެމްވީ ޕްރޮގްރެސް ލައިޓް ފުރުން:
ނޮވެމްބަރު ވަނަ ދުވަހުގެ މެންދުރުފަހުން މިނިސްޓަރުން ހޯދާ ރަހީނު ކުރުމަށް ދުޝްމަނުން ހަރަކާތްތެރިވިކަމުގެ ޚަބަރާއި މިނިސްޓަރުންތައް ގެކޮޅު ދޫކުރައްވާ އެހެން ތަންތަނަށް ވަޑައިގެންފައިވާކަމުގެ ޚަބަރު ލިބުނު. އަދި މާލޭގެ ބަނދަރުގައި އޮތް އެމް.ވީ ޕްރޮގްރެސް ލައިޓްގައި ރަހީނުންގެ ބަޔަކު ގޮވައިގެން ދުޝަމަނުން ފުރައިގެން ދާކަމުގެ ޚަބަރު 10:20 އެހާކަންހާއިރު ލިބުނު. އަދި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭ ކަމަށްވެސް ޚަބަރު ލިބުނު. ރަހީނުންގެ ގޮތުގައި ގެންދިޔައީ ކިތައް މީހުން ކަމެއް އެއިރަކު ނޭނގޭ.
ރަހީނުން ސަލާމަތް ކުރުމުގެ މަސައްކަތް
އެމް.ވީ ޕްރޮގްރެސްލައިޓް ގާދޫކޮލުން ނުކުމެގެން ދިޔައީ ނޮވެމްބަރު 3 ވަނަ ދުވަހުގެރޭ 11:00 އާއި 11:30 އާއި ދެމެދުގެ ވަގުތެއްގައި. އެމް.ވީ ޕްރޮގްރެސްލައިޓްގައި ދުޝްމަނުން ފިލައިގެން ދަމުން ގެންދިޔަ ރަހީނުން ސަލާމަތްކުރުގެ މަސައްކަތް އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު އައި.އެން.އެސް ގޯދާވަރީ އާއި އައި.އެން.އެސް ބެޓްވާ، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް މަސައްކަތް ކުރި. މި މަސައްކަތުގައި އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓްފަހަރުވެސް ބައިވެރިވި. އެމް.ވީ ޕްރޮގްރެސްލައިޓް އިންޑިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެވުނީ ނޮވެމްބަރު 5 ވަނަ ދުވަހު. މި މަސައްކަތުގައި މޭޖަރ އާދަމް ޒާހިރު އާއި ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދުއާއެކު ސްޓާފް ސާރޖެންޓް އަޙްމަދު ރާޝިދު އާއި ލާންސް ކޯޕްރަލް ފަރުހަތު ޝަހީރު ބައިވެރިވެލެއްވި.
ރަހީނުން މާލެ ގެނައުން
08 ނޮވެމްބަރ 1988 ދުވަހު އައި.އެން.އެސް ގޯދާވަރީގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން 8 މީހުން ސަލާމަތްކޮށްގެން މާލެ ގެނެވުނު. އަދި 9 ނޮވެމްބަރ 1988 ގައި އައި.އެން.އެސް ބެޓްވާގައި 4 ރަހީނުން މާލެ ގެނެވުނު.
މާލެތެރެ ޗެކްކުރުން:
ނޮވެމްބަރ 4 ވަނަ ދުވަހުން ފެށިގެން ދިވެހި ސިފައިންނާއި އިންޑިއާގެ އަސްކަރިއްޔާ ސިފައިން ގުޅިގެން މާލެ އާއި މާލެކައިރި ރަށްތަކުގައި ދުޝްމަނުންގެ އެއްވެސް މީހަކު ފިލާ އުޅޭތޯ ބެލުމަށްޓަކައި ޗެކްކުރުމުގެ މަސައްކަތް ކުރެވުނު.
ކުރިމަގަށް ވިސްނުން މުޙިއްމު ކަންތައްތަކެއް:
އަސްކަރީ ހަރަކާތްތަކަކީވެސް ދުނިޔަވީ އެހެން ކަންތައްތައް ފަދައިން ފާޑުކިޔުމާއި ހަޖޫޖެހުމާއި އެކަމެއް ކުރެވިފައިވާ ގޮތްތަކަށްވުރެ މާމޮޅު ގޮތްތަކެއް އެކަމެއް ނިމިގެން ދިއުމުން އުފެދިގެން އަންނާނެ ކަންތައްތަކެއް ކަމަށް ވީމާ، އަޅުގަނޑުމެން ހަރަކާތްތެރިވެފައިވާ ގޮތް ވެސް ކަމުނުދާ ބަޔަކު ތިބޭނެކަން ޤަބޫލު ކުރަން. އެހެނަސް އެކަމެއްގެ ހާލަތު ނިޔާކުރާ ގޮތްތަކެއްގެ ސަބަބުން އެ ދަނޑިވަޅެއްގައި އަޅަންޖެހޭ ފިޔަވަޅެއް، ކުރަންޖެހޭ ކަމެއް، ބުނަންޖެހޭ އެއްޗެއް ބުނާނީ އެކަމެއްގައި މަސްއޫލުވެގެން އުޅޭ ބައެއްކަން އަޅުގަނޑުމެން ޤަބޫލް ކުރަންޖެހޭ. އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ ކަމަކީ މިފަދަ ޢުދުވާން ތަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާއުކުރުމަށް ކެރިގެން ކުރިމަތިލާ ކުރާ ޖިހާދު ތަކުން ޝަހީދުވާ ހިތްވަރު ގަދަ ސިފައިންނާއި އަދި ލިބޭ އަނިޔާތަކުންނާއި ވާ ޒަހަމްތަކުން އުމުރަށް ނުކުޅެދޭ މީހަކަށް ނުވަތަ ލިބޭ ބޮޑެތި އަނިޔާތަކުން ނުކުޅެދޭ ހާލަތަށް ބަދަލުވާ މީހުންނަކީ މިޤަވްމުގެ ދިފާއުގައި ކުރި ޖިހާދުން ދިމާވެފައިވާ ކަންތައްތައް ކަމާއި އަދި ޝަހީދުވުމުގެ ސަބަބުން ހުވަފަތްވެފައި ތިބި އަނބިންނާއި ޔަތީމްވެފައި ތިބި ތުއްތު ކުދިންނާ ދޭތެރޭގައި އަޅުގަނޑުމެން ދިރިތިބި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ބަހައްޓަވާ އޯގާތެރިކަމާއި އަޅާލައި، އަޅާލުމާއި ކުލުނުން ވަރަށް ގިނަ އިބުރަތްތަކާއި ދަރުސްތަކެއް ސިފައިންނާއި ރައްޔިތުންނަށް ދަސްވާނެ. އެހެންކަމާއެކު މިފަދަ ކަންތައްތަކާމެދު ވަރަށް ފުންކޮށް ވިސްނުމަކީ ކުރިމަގަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމުގައި ހަނދާން ކުރުން ވަރަށް މުހިއްމު. ހަށިގަނޑާއި ފުރާނަ ޤުރުބާންކުރި ޝަހީދުންނާއި ބައިވެރިން އެފަދަ ޤުރުބާންތަކެއް ވެގެން އެދިޔައީ ދިރިތިބީންނާއި އެބައިމީހުންގެ ހައްޤުގައި ކަމާއި މިޤައުމުގެ ހައްޤުގައިކަން ހަނދާން ނެތިގެން ނުވާނެ.
އަދި ޒަމާނީ ތަމްރީން ދެވޭނެ ނިޒާމެއް ޤާއިމު ކުރުމާއި އެފަދަ ތަމްރީން ދެވޭނެ ބަޔަކު އުފެއްދުމާއި ޒަމާނީ އާލާތްތައް ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުޙިއްމު ކަމެއްކަމުގައި ދެކެން. މި ދެންނެވުނު ފަދަ ނިޒާމެއް ޤާއިމް ކުރެވިއްޖެނަމަ ޒަމާނީ ތަމްރީން ދެވިފައި ތިބި ވަގުތުން ދިމާވާ ކަންކަމުގައި ހަރަކާތްތެރިވާނެ ފައުޖެއް ޤާއިމް ކުރެވިފައި އޮންނާނެ. ޒަމާނަށް އަންނަ ތަރައްޤީއާއި ކުރިއެރުމަށް ބަލާފައި ބިނާކުރަނިވި ވިސްނުމަކުން ވިސްނާފަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ މަސައްކަތް ކުރަން ތިބޭ މީހުން އަޒުމް ވަރުގަދަވެ އިތުރަށް ހިތްވަރު ލިބޭނެ ކަންތައްތަކެއް.
އަދި ހަމަ، ރާއްޖޭންނާއި ރާއްޖޭން ބޭރުން މަޢުލޫމާތު އެއްކޮށް ދިރާސާ ކުރުމަކީ ވަރަށް މުޙިއްމު ކަމެއް ކަމަށް ދެކިގެން އެކަންތައް ކުރާނެ އިޚްލާސްތެރި ބަޔަކު ކަނޑައަޅާ އަދި އެބައިމީހުންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމާއި ތަމްރީނުދީ އަދި އެބައިމީހުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރުމަކީ މުޙިއްމު ކަމެއް ކަމަށް ދެކެން. ސިފައިންނަކީ މާލީގޮތުން ފުދުންތެރި ބައެއްގެ ގޮތުގައި ހަމަޖެހޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ސިފައިންގެ މީހާގެ މައްޗަށް އެކި ފަރާތްތަކުގެ ނުފޫޒް ފޯރުވުން ކުޑަކުރެވޭނެ ކަމެއް ކަމުގައި ދެކެން.
ޚިދުމަތުގެ އަގުވަޒަން ކުރެއްވުން
ދިވެހި ސަރުކާރުން އަޅުގަނޑުގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ 1988 ޑިސެމްބަރު 21 ގައި ލެފްޓިނެންޓް ކަމުން ކެޕްޓަން ކަމަށް މަޤާމްގެ ކުރިއެރުން ދެއްވާ 03 ނޮވެމްބަރުގެ ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ޖުމްހޫރީ މައިދާނުގައި 1989 ނޮވެމްބަރު 08 ގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަޅުގަނޑަށް ހުރަވީ ރަންމެޑެލްއާއި 03 ނޮވެމްބަރުގެ މެޑެލް ދެއްވާފައިވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން.
އަޅުގަނޑަށް އެނގުނީ ހަމަ އެންމެ އެއްޗެއް، ކުޅަދުންވަންތަ ވެރިކަމުގެ ބޮޑުކަން
ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައި އަޅުގަނޑަށް ކަންތައްތައް ކުރެވުނުގޮތާ ދޭތެރޭގައި ވިސްނާލި އިރު އަޅުގަނޑަށް އެނގުނީ ހަމަ އެންމެ އެއްޗެއް. އެއީ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ވެރިކަމުގެ ބޮޑުކަން އަދި އެ ދުވަހު އެތެރޭގައި ތިބިމީހުންގެ ހިތްވަރު ގަދަކަމާއި ޤައުމާއި ދީނަށްޓަކައި އެބައިމީހުން ކުރި މަތިވެރި ޖިހާދުގެ ސަބަބުން ތީމުގެޔަށާއި ތިން ދިމާލުން ސިފައިންގެ މައިމަރުކަޒަށް ދުޝްމަނުން ދިން ހަމަލާއިންވެސް އެބައިމީހުންނަށް ނާކާމިޔާބާ ކުރިމަތިލާންޖެހުނުކަން. ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަލްއުސްތާޒުތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ހިފައި ހައްޔަރުކުރަން ކުރި މަސައްކަތްވެސްވީ ނާކާމިޔާބު. ޤާނޫނީ ގޮތުން ހޮވިފައިވާ ސަރުކާރު ވައްޓާލަންކުރި މަސައްކަތްވެސްވީ ނާކާމިޔާބު. މާލެ ދޫކޮށް ފިލަންޖެހުނީމާ ރަހީނުންތަކެއް ހިފައި ހައްޔަރު ކޮށްގެން ފުރައިގެން ދިޔަކަމުން ފައިދާއެއްވިބާ؟
އެއީ އަޅުގަނޑުގެ މޮޅުކަމުން ކުރެވުނު ކަންތައްތަކެއް ނޫން
އަޅުގަނޑު ދަންނަވާނީ އެދުވަހު އަޅުގަނޑަށް ކުރެވުނު ކަމަށް މި ދެންނެވި ކަންތައްތައް ކުރެވިފައިވަނީ އަޅުގަނޑުގެ މޮޅުކަމުން ނޫންކަމާއި ދިފާޢީ ގޮތުން އެޅުނު ހުރިހާ ފިޔަވަޅުތަކަކާއި، ކުރެވުނު ހުރިހާ ކަމެއް ކުރެވިފައިވަނީ އަޅުގަނޑުގެ ހިތަށް އެކަންތައްތައް ކުރަން ކުއްލިކުއްލިއަށް ވަނުމުން ކަމަށް. އެދުވަހު އަޅުގަނޑު އެއްގޮތަކަށް ވެސް ފިނިނުވެ އަދި ހަދާނެގޮތް ހުސްނުވެ މަސައްކަތްތައް ކުރެވެން ފެށުމުން އަޅުގަނޑުގެ ހިތަށް އެރީ އަދި ޤަބޫލު ކުރެވުނީ މީ އަޅުގަނޑަށް ކުރަންޖެހިފައިވާ ކަންތައްތައް ކަމަށް. މިހުރިހާ ކަމެއް އަޅުގަނޑަށް މިގޮތަށް އެ ގެންދެވުނީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވިއަސް އެ ކަންތައްތައް އެގޮތަށް ނިންމެވީ މާތް ﷲ ގެ ކުޅަދުންވަންތަ ވެރިކަމުންކަން ޔަޤީން.
އެ އުދުވާނުގައި ކުރެވިފައިވާ ކަމެއް ވާނަމަވެސް އެކުރެވިފައިވަނީ އަޅުގަނޑުގެ މޮޅުކަމަކުން ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އަޅުގަނޑުގެ މަސައްކަތްތަކަށް އިރުޝާދުދެއްވާ އެހީތެރިވެ އެއްބާރުލުން ދެއްވި އަޅުގަނޑުގެ ވެރިންނާއި އެކުގައި މަސައްކަތްކުރި މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑު ފާހަގަކުރަން.
(ނިމުނީ)