ލޯބިވަންޏާ ހޯދިއަސް ހުރި އުނިކަމެއް ފެންނާނެހޭ
ގޯޅި ގޯޅިން ހިނގި އަކަސް ދެން ދެވަނައެއް ފެންނާނެހޭ
މޯޅި ވިއަކަސް ހިތްރުހޭ މަލަކުން ފެނޭހޭ އުނިކަމެއް
ރޯޅިޔާ އެކު ފޭބިއަސް ފިޔަތައް ޤަދަރު ކުޑަ ވާނެހޭ
ސާދަ ވަނަރޭ ބަނަވެފައި ވާ އުދަރެހުން ހަނދު އެރިއަކަސް
ސާދަ ފަނަރައިން ދެއްކި ރިހިހަނދުވަރުގެ އަލި ފެންނާނެހޭ
މާލިމީއެއް ނެތް އުޅަނދަކުން ދަތުރަކަށް ފުރިއަސް ތިބާ
ރާޅު- ބިޔަ ހުރި މާކަނޑުން މަންޒިލް އަމާން ފެންނާނެހޭ
ހަނދުވަރީ ރޭރޭ އުފާ ކުރި ތުނޑިތަކާ ފިނި އަށިމަތިން
އަދުގެ ޙާލަތު ބަދަލުވީމާ ހިތް އުފާ ފަހެ ވާނެހޭ
ކޮންމެ ކަމަކަށް ފެށުމަކާ ނިމުމެއް ވެޔޭ ހަމަ ކަށަވަރުން
އޮންނަގޮތް ގުދުރަތުގެ ޤާނޫނުން ބަދަލު ފަހެ ވާނެހޭ
