Support Us

އަށް މަހަށްފަހު މިސްބާހު ރާއްޖެ އައުމުން ޖަލަށް

ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު، ޑްރަގު ނެޓްވޯކަކާ ގުޅިގެން ދުބާއީއާއި ޕާކިސްތާނުގައި އަށް މަހު އުޅުމަށްފަހު މިއަދު ރާއްޖެ އައިތަނުން، ހައްޔަރުކޮށް، ކުރީގެ ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލަށް ގެންގޮސްފިއެވެ.

ފުލުހުން މިދިޔަ ޖޫން މަހު ބުނީ ގެއްލިގެން އާއިލާގެ ފަރާތުން، މި އަހަރުގެ މޭ 14 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި މިސްބާހު، 25، ގުޅިފައި ވަނީ ޑްރަގް ނެޓްވޯކަކާ ކަމަށާއި އޭނާ އޭރު ހުރީ ޑްރަގު ޑީލެއްގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށެވެ.

ފުލުހުން ބުނީ މިސްބާޙު މިއަދު މާލެ އައުމުން ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަރެކްޝަނަލް ސަރވިސް އާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހުކުމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

"މިސްބާހު މުހައްމަދު ޕާކިސްތާނަށް ދިއުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ބަލަމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ މާލޭން ފުރި ފްލައި ދުބާއީގެ ފްލައިޓުން މިސްބާހް ދުބާއީއަށް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކައެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިސްބާހު ގެއްލުމާއި ފެނުން: ކުރުކޮށް

  • 11 ނޮވެމްބަރު 2020: ދުވަހުގެރޭ ދުބާއީއަށް ފުރުމަށްޓަކައި މިސްބާހް މުހައްމަދާއި އިރުފާން ތަގިއްޔު، ޕްރައިވެޓް ކާރު ނަންބަރު "AB1B P1939″ ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ
  • 11 ނޮވެމްބަރު 2020: ދުވަހުގެ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން މިސްބާހް މުހައްމަދާއި އިރުފާން ތަގިއްޔު ދުބާއީއަށް ފުރި
  • 22 ނޮވެމްބަރު 2020: ދުވަހުގެ އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އިރުފާން ތަގިއްޔު އެނބުރި ރާއްޖެ އައި
  • 23 ނޮވެމްބަރު 2020: ދުވަހުގެ ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން މިސްބާހް މުހައްމަދު ދުބާއީން ޕާކިސްތާނަށް ފުރި
  • 8 ޑިސެމްބަރު 2020: 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ޑްރަގު ބަސްތާތަކަކާއެކު، އިރުފާން ތަގިއްޔުގެ ކާރު "AB1B P1939″ ފުލުހުން އަތުލައިގަތް. މިސްބާހާއި އިރުފާން އެއާޕޯޓަށް ދިޔައީ އެ ކާރުގައި. ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކުރި
  • 14 މޭ 2021: މިސްބާހް މުހައްމަދު ގެއްލިގެން، އާއިލާއިން އެކަން އެންގުމުން، އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރި.
  • 14 މޭ 2021: މިސްބާހް މުހައްމަދަށް ވީނުވީއެއް ނޭނގޭތާ ހަތް މަސްވެދާނެ ކަމަށް އޭނާގެ ދައްތަ ފާތުމަތު ހުދާ "އަދިވެސް" އަށް ބުނި.
  • 2 ޖޫން 2021: މިސްބާހް މުހައްމަދު ގުޅިފައި ވަނީ ޑްރަގް ނެޓްވޯކަކާ ކަމަށާއި އޭނާ މި ވަގުތު ހުރީ ޑްރަގު ޑީލެއްގައި "ގެރެންޓަރ"އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ބުނި.
  • 23 ޖުލައި 2021: އަށް މަހަށްފަހު މިސްބާހް މުހައްމަދު އެނބުރި ރާއްޖެ އައި. ރާއްޖެ އައުމާއެކު ފުލުހުން އޭނާ ހައްޔަރުކުރި. އަދި ތަންފީޒުކުރަންޖެހޭ ހުކުމެއް ތަންފީޒުކުރުމަށް އޭނާ ޖަލަށް ގެންދިޔަ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް