Support Us

އެންމެ އުނދަގޫ މަސައްކަތް: އަޅުންނީ އަޅުން ނޫންކަން އެމީހުން ގަބޫލުކުރާގޮތް ހެދުން

ހެރިއެޓް ޓަބްމަން އަކީ އެމެރިކާގެ އަޅުން މިނިވަން ކުރުމުގައި ހަރަކާތްތެރިވި ބަތަލާއެކެވެ. އަޅެއްގެ ގޮތުގައި އުފަންވެ، އޭނާއަށް އަނިޔާތައް ލިބުނެވެ. އެހެން އަޅެއްގެ ގައިގައި ޖަހަން އެއްލި ދަނގަޑުގަނޑަކުން އޭނާގެ ބޮލުގައި ޖެހި، އެކަމުގެ ވޭން އޭނާގެ މުޅި އުމުރުގައި އުފުލަން ޖެހުނެވެ. އޭނާ ނިޔާވީ 1913ވަނަ އަހަރުއެވެ.

އޭނާގެ މަސައްކަތުން 700އަށް ވުރެ ގިނަ އަޅުން، އަޅުވެތިކަމުން ސަލާމަތްކޮށް އެމީހުން މިނިވަންކުރިއެވެ. އޭނާ ބުނާ ގޮތުގައި ނުރައްކާތެރި ދަތުރުތައްކޮށް އަޅުން މިނިވަން ކުރުމަށް ވުރެވެސް އުނދަގޫ ކަމެއް އޮވެއެވެ. އެތައް ދުވަހެއް ވަންދެން އަޅުވެތިކަމުގައި އުޅެފައިވާ މީހުންނަށް އެމީހުންނަކީ އަޅުން ނޫންކަމާއި މިނިވަނުން ކަމުގައި ގަބޫލުކޮށްދިނުމުގެ މަސައްކަތެވެ.

އާދެ، އެކި ސިފަސިފައިގައި އަޅުވެތިވެފައިވާ ބަޔަކަށް އެމީހުންނަކީ މިިނިވަން ބައެއް ކަމުގައި ގަބޫލުކުރެވުން ދަތިވެެއެވެ. ތިމާމެންނަށް އަމިއްލައަށް ކަންކަން ކުރެވިދާނޭ ކަމަށް ގަބޫލުނުކުރެވޭ މީހުންނަށް ތިމާމެން އަމިއްލައަށް ކަމެއް ކުރެވިދާނޭ ކަން ގަބޫލުކުރުމަށް ދަތިވެއެވެ. ތިމާމެން އަމިއްލަ ސިކުނޑި ބޭނުންކުރުން އާދަވެފައިނުވާ ބަޔަކަށް ތިމާމެން އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ކަންކަން ދެނެގަނެވިދާނޭ ކަން ގަބޫލުކޮށް ކަންކަން އަމިއްލައަށް ކުރަން އުޅުން ވެސް ގަބޫލުކުރަން ދަތިވެދެއެވެ!