ގެއަކުން ގޭސް ފުޅިއެއް ވަގަށް ނެގި ބިދޭސީ ދެ މީހަކު ހޯދަން، އެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މި މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާސްކު އަޅައިގެން ތިބި، ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ބެލެވޭ އެ ދެ މީހުން ގެއެއްގެ ކައިރިޔަށް ގޮސް، ދެ ފަރާތް ބަލައިފައި، އެ ތަނުން އެކަކު އެ ގޭތެރެއަށް ވަދެ ގޭސްފުޅި ހިފައިގެން ނުކުންނަތަން ފެނެއެވެ.
"ވީމާ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483877 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment